އިނގިރޭސިވިލާތުގައި އުމުރުން 82 އަހަރުގެ ފިރިހެނަކު އޭނާގެ އަންހެނުންނާއި އެކު ހިނގާލަން ނިކުމެ އުޅެނިކޮށް ގެރިތަކެއް ހަމަލާ ދިނުމުން މަރުވެއްޖެއެވެ.

އެ ގައުމުގެ ޔޯކްޝަޔާގައި އިއްޔެ ހިނގި މި ހާދިސާގައި އެ ދެމަފިރިން މެންދުރު ގަަޑީގައި ހިނގާފައި ދަނިކޮށް ގެރިތައް ހަމަލާ ދިނުމުން ފިރިހެން މީހާ ވަނީ ވަގުތުން މަރުވެފައެވެ. އަދި އޭނާގެ 78 އަހަރުގެ އަނބިމީހާ އަށް އެކިވަރުގެ ސީރިއަސް އަނިޔާތަކެއް ލިބި، މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީވެސް ހެލިކޮޕްޓަރުގައެވެ.

” ސިއްހީ ކަމާބެހޭ ފަރާތްތަކުން މި ހާދިސާ ހިނގި ސަރަހައްދަށް ދިޔަ އިރުގައިވެސް ފިރިހެން މީހާ ވަނީ މަރުވެފަ. ދެން އަންހެން މީހާ އެއާ އެމްބިއުލޭންސްގައި ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުވާ ދެމުން.“ ޔޯކްޝަޔާގެ ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޔޯކްޝަޔާގެ ބައެއް ނޫސްތައް ބުނާގޮތުން އެ ދެމަފިރިން ވަނީ ގެރިތަކުގެ ޅަ އެއްޗެއްސާއި ބެހި އުނދަގޫ ކޮށްފައި ކަމަށާއި ގެރިތައް ހަމަލާ ދިނީ އޭގެ ދަރިން ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ.

މިއާއިއެކު އެ ސަރަހައްދުގައި ހިނގަން ނިކުމެ އުޅޭ މީހުން ރައްކާތެރިވެ ތިބުމަށް ކުރަން ޖެހޭ ކަންކަން ބަޔާންކޮށް ވަނީ އިރުޝާދުތަކެއްވެސް ނެރިފައިކަން ފާހަގަކޮށްލެވެއެވެ.