މަގުމަތިން ހިނގާފައިދާ ވަގުތުތަކުގައި ފޯނާއި ކުޅުމަކީ ވަރަށް ގިނަ މީހުން ކުރަމުން އަންނަ ކަމެކެވެ. މިގޮތަށް ކަންތައް ކުރަނީ ހިނގާފައިވާ ދާ ވަގުތު ނޭނގުމެއްގެ ތެރޭގައި ދުއްވާލުމަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މިގޮތަށް ފޯނާއި ކުޅެމުން ހިނގާފައިދިޔަނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޖަޕާނުގައި މިގޮތަށް ދެވޭނެ ކަމެއް މިހާރު ނޭނގެއެވެ.

ޖަޕާނުގެ ސިޓީއެއް ކަމަށްވާ ޔަމަޓޯގެ ސިޓީ ކައުންސިލުން މިހާރު ވަނީ އެކަމަށް ވޯޓެއް ނެގުމަށް ތައްޔާރުވެފައެވެ.

އެފަރާތުން މިފަދަ ގާނޫނެއް ހުށަހެޅުމަށް ނިންމާފައިވަނީ އެގައުމުގައި ގިނަ އަދަދެއްގެ ބަޔަކު މަގުމަތިންދާއިރު ފޯނާއި ކުޅެމުން އަންނަތަން ފެނިގެންނެވެ. މިގޮތަށް ފެނިފައިވަނީ އެ މީހުން ހަދާފައިވާ ދިރާސާއަކުންނެވެ. މި ދިރާސާ ހެދި ފަރާތްތަކުން ވަނީ ޔަމަޓޯ ސިޓީގެ ރޭލު ސްޓޭޝަންތައް ކައިރީގައި ހިނގާފައި އުޅޭ 6000 ވަރަކަށް މީހުން ބަލާފައެވެ. އޭގެ ތެރެއިން 12 އިންސައްތަ މީހުންނަކީ ފޯނާއި ކުޅެމުން ހިނގާފައިވާ މީހުންނެވެ.

މީގެ އިތުރުން ފޯނަށް ބަލައިގެން ނުވަތަ ކުޅެމުން އަންނަ ބައެއް މީހުންނަށް އެކި ކަހަލަ އަނިޔާ ވެފައިވާ ކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ.

މި ވޯޓު ފާސްވެއްޖެނަމަ ޔަމަޓޯ ވެގެންދާނީ ފުރަތަމަ ފަހަރަށް ފޯނާއި ކުޅެމުން ހިނގުން މަނާ ކޮށްފައިވާ ޖަޕާނުގެ ފުރަތަމަ ސިޓީއަށެވެ.

މި ގަވައިދުގައި ބުނާގޮތުގައި ހިނގާފައިވާ ދާ މީހުންނަށް ފޯނު ނުވަތަ އެފަދަ އެއްވެސް އިލެކްޓްރޯނިކް ސާމަނަކާއި ކުޅެމުން ނުދެވޭނެއެވެ. އެފަދަ އެއްޗެއް ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ތަނަކަށް މަޑުކޮށް ބޭނުން ކުރެވޭނެ ގޮތް ވަނީ ހަމަ ޖައްސާފައެވެ. މިކަމަށް އެގައުމުގެ ސިޔާސީ ބައެއް ބޭފުޅުންވެސް ވަނީ ތާއިދު ކޮށްފައެވެ.

މި ގާނޫނު ފާސްވެއްޖެނަމަ އަމަލު ކުރަން ފަށާނީ އަންނަ މަހުގެ 1 ވަނަ ދުވަހު ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.