ޝަހުދާ މަހްމޫދު (ޝަހޫ) ގެ އަޑު ދިވެހި އެފްއެމް އިން އަޑުނީވޭ ދުވަހެއް މަދުވާނެއެވެ. ދިވެހި އެފްއެމްގެ އެހުންތެރިންނަށް އެންމެ ބޮޑަށް ކަމުދަނީ ޝަހޫއެވެ. އަދި ރޭޑިއޯ ޗެނަލުން ގެނެސްދޭ ވާހަކަތަކުގެ މޭސްތިރިއަކީ ވެސް ޝަހޫއެވެ.

ދިރިއުޅުމުގެ ބޮޑުބައި މާލޭގައި ހޭދަކުރި ޝަހޫ މަންމަގެ ރަށް ކަމަށްވާ ގދ. ތިނަދޫގައިވެސް އުޅުނެވެ. ތިނަދޫގައި އޭނާ ތައުލީމީ ހަޔާތުން ބައެއް ހޭދަކުރި ނަމަވެސް، ސެކަންޑްރީ ނިންމާލީ މާލެއިންނެވެ. ޝަހޫއަކީ ސްކޫލްގައި އުޅުނުއިރު ވަރަށް މަޑުމަޑުން ހުންނަ ކުއްޖެކެވެ.

"ޓީޗަރުން މިހާރުވެސް ދިމާވީމަ ބުނާނެ ސްކޫލްގައި އެހާ މަޑުމަޑުން ހުންނަ ކުއްޖަކު، ރޭޑިއޯއަށް އަރާ އެހާ އަނގަ ގަދަކޮށްފާނެ ކަމަށް ހިއެއް ނުކުރަމޭ". ޝަހޫ "ވަގުތަށް" ދިން ހާއްސަ އިންޓަވިއުގައި ކިޔައިދިނެވެ.

ޝަހޫއަކީ ސްކޫލްގައި އުޅުނު އިރު، ކިޔެވުމަށް މާ ބޮޑު ޝައުގުވެރިކަމެއް ހުންނަ ދަރިވަރެއް ނޫނެވެ. އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ސްކޫލް ގަޑި ކައިރިވާ ވަރަކަށް ބޮލުގަިއ ރިއްސައި، ހުން އައިސްގެން އުޅޭ ކަމަށް ހެދުމެވެ. އޭނާ އެގޮތަށް އެކަންތައް ކުރަނީ ސްކޫލަށް ނުދާން ދައްކާ އުޒުރެއްގެ ގޮތުގައެވެ. އެކަމަކު، އެކަން މަންމައަށް ފަޅާ އެރި ހިސާބުން ކިތަންމެ ބަލި ކަމަށް ބުންޏަސް، ސްކޫލަށް ފޮނުވާ ކަމަށް ޝަހޫ ބުންޏެވެ.

ޝަހޫ ދިވެހި އެފްއެމްގައި މަސައްކަތް ކުރާތާ މިހާރު ފަސް އަހަރު ވަނީ ވެފައި.

ޝަހޫއަކީ ކުޑައިރު ވަރަށް ކުދިންނަށް ކިޔަވައިދޭ ހިތްވާ މީހެކެވެ. ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަން ބޭނުންވެގެން ސެކަންޑަރީ ސްކޫލް ނިންމާލައި ތިނަދޫއަށް ދިޔަ ގޮތަށް އޭނާ ވަނީ އެ ރަށުގައި ހުންނަ އެޓޯލް އެޑިއުކޭޝަން ސެންޓަރުގައި އޮތް ރިލީފް ޓީޗަރެއްގެ މަގާމަށް ކުރިމަތިލައިފައެވެ. އަދި އެ މަގާމަށް ހޮވިގެން ވަޒީފާ އަށް ވެސް ނުކުތެވެ. އެއީ އޭނާގެ ފުރަތަމަ ވަޒީފާއެވެ.

ސްކޫލަށް ބަލާއިރު، އެއިރު ސްކޫލް ކުދިންގެ މެދުގައި ޝަހޫ މަޝްހޫރު ވެފައި އޮންނަނީ ވާހަކަ ކިޔާދޭ މިސްގެ ގޮތުގައެވެ.

ޝަހޫ މިގޮތަށް ކުދިންނަށް ވާހަކަ ކިޔައިދޭން ފެށީ ކުދިން ކްލާސް ތެރޭގައި ސަކަރާތް ޖަހާތީ އެ ކުދިން މަތަ ކުރުމަށެވެ.

ޝަހޫ ދިވެހި އެފްއެމްގެ ޝޯއެއްގައި

"ޝަހޫ މެން ސްކޫލްގައި ކިޔަވަން އުޅުނު އިރާއި، ޝަހޫ ކިޔަވައިދޭން އުޅުނުއިރު، ތިބި ކުދިންނާއި ހާސްބައި ތަފާތު، ވަރަށް ހަލަނިވާނެ އެ ކުދިން، ޝަހޫ އެއިރު އަދި ވަރަށް ކުޑަވާނެ، ކުޑަވީމަ، އެހެން ކޮންޓްރޯލްކޮށް ހަދަން ވަރަށް އުނދަގޫވާނެ، ކުދިންތައް، އަދި ވަރަށް ކުޑަކުޑަކޮށް ހުންނާނީ، އެކަމަކު ޝަހޫއަށްވުރެ އިސްކޮޅުން ދިގު ކުދިން އުޅޭނެ އޭރު ސްކޫލްގައި، ދެން އެ މީހުންގެ ގާތުގައި މިއީ ޓީޗަރެކޭ ބުންޏަސް ދިމާ ކުރާނީ، ތަންކޮޅެއް ބޮޑެތި ސެކަންޑްރީ ކުދިންތައް،" ޓީޗަރެއްގެ ގޮތުގައި އުޅުނު ދުވަސްތައް ހަނދާންކޮށް ޝަހޫ ކިޔައިދިނެވެ.

"ދެން މިގޮތަށް ގޮސް ކުދިން މައިތިރި ކުރުމަށް އެއް ދުވަހު ކްލާހަށް ގޮސް ފެށީ ވާހަކައެއް، މިހެން މިހެން ވެއްޖެއްޔޭ ކިޔާފައި، ހަމަ ބުނާއިރަށް ފަހަރަކު ކުއްޖެއް މަޑުވަމުން މަޑުވަމުން އެންމެން އައިސް އިށީނދެއްޖެ، އެ ކުދިން ތިބީ ވަރަށް އަޑުއަހަން ކީކޭ ބާއޭ މިކިޔަނީ، އެ ހިސާބުން އެނގިއްޖެ އަހަންނަށް މިކަން ވާނެ ކަން"

ޝަހޫ ވަނީ އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގައި ވެސް އެ ސްކޫލްގައި މަސައްކަތްކޮށްފައެވެ. ހަތަރު ވަރަކަށް އަހަރު ޓީޗަރަކަށް އުޅެފައި އޭނާ ވަނީ އެ ވަޒީފާ ދޫކޮށްލައިފައެވެ. އެއީ އެކަމަކީ އޭނާއަށް ކުރަން އުނދަގޫ ކަމަކަށްވުމުންނެވެ.

ޝަހޫ މިއީ ކުރިން ޓީޗަރަކަށް އުޅުނު މީހެއް

ޝަހޫ ވަނީ މިހާރު ކިޔަވައި ދިނުމުގައި ހަރަކާތްތެރިވަމުންދާ ޓީޗަރުންނަށް ސެލިއުޓް ކުރާ ކަމަށް ވެސް ބުނެފައެވެ.

އޭނާ ސްކޫލްގެ ވަޒީފާ ދޫކޮށްލުމަށްފަހު އެނބުރި އަނެއްކާ އައީ މާލެއަށެވެ. ދެން ފެށީ ކިޔަވާށެވެ. ކިޔެވުމާއެކު ވަޒީފާވެސް އޭރު އޭނާ އަދާ ކުރަމުން ދިޔައެވެ. އޭނާ ފުރަތަމަ ވަނީ ކެޕިޓަލް ރޭޑިއޯއަށެވެ. އެތަނަށް 2012 ވަނަ އަހަރު އޭނާ ވަދެ މަސައްކަތް ކުރަމުން ގޮސް، މާ ބޮޑަށް މީޑިއާ ދާއިރާއަށް ޝައުގުވެރިކަން އުފެދި އޭނާ ވަނީ ކިޔެވުން ދޫކޮށްލައިފައެވެ.

ޝަހޫ ވަނީ އެތަނުގައި ދެ އަހަރެއްހާ ދުވަސް ވަންދެން އުޅެފައެވެ. އެތަނުގައި އޭނާ ޝޯތައް ހުށަހަޅައިދީފައިވެއެވެ. ޑްރާމާއެއްވެސް ހެދިއެވެ.

"އެތަނުގައި އުޅުނުއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ ވަރަށް ހިތްވަރުކޮށްފައި ޑްރާމާއެއް ހަދަން ޕްރޮޕޯސަލް ހުށަހެޅީ، ބޭނުމޭ ޑްރާމާއެއް ހަދަން، ރޭޑިއޯ ޑްރާމާއެއް، ބުނެގެން ޕްރޮޕޯސަލް ހުށަހަޅައިގެން، އޯކޭއޭ ބުނީ. ފުރަތަމަ އެޕިސޯޑް އެއާ ކުރި ދުވަހު އެ ލިބުނު ރެސްޕޮންސް ދުވަހަކުވެސް ހަނދާނުން ނުނެތޭނެ. ގަބޫލެއްވެސް ނުކުރެވޭ އެވަރަށް އަޑުއަހާފައި މީހުން ކޮމެންޓްކޮށްދާނެ ކަމަކަށް،" ޝަހޫ ބުންޏެވެ.

ޝަހޫ އެތަނުން ވަކިވެ، ދެން ބަދަލުވެފައި ވަނީ ތިނަދޫއަށެވެ. އެ ރަށަށް ގޮސް ރަށުގެ ކޯޓުގައިއޭނާ ވަނީ މަސައްކަތް ކޮށްފައެވެ. އަދި ދޮޅު އަހަރެއްހާ ދުވަހު އެތަނުގައި މަސައްކަތް ކުރުމަށްފަހު، އާއިލާއެކު މާލެ ބަދަލުވާން ޖެހިގެން އެންމެން އެކީ އަނެއްކާ މާލެ ބަދަލު ވީއެވެ. އަދި އެނބުރި މާލެ އައިސް އޭނާ ވަނީ މަޖީދިއްޔާ ސްކޫލަށެވެ. އެތަނުގެ ލައިބްރަރީގައި ލައިބްރޭރިއަންއެއްގެ ގޮތުގައި އުޅެފައި އޭނާ ބަދަލުވީ ވީ އެފްއެމްއަށެވެ. އޭނާ މަޖީދިއްޔާ ސްކޫލްގައި އުޅުނުއިރުވެސް ވާހަކަ ލިޔުމުގައި އުޅެމުން ދިޔައެވެ.

ޝަހޫ އަކީ މޮޅު ވާހަކަލިޔުންތެރިއެއް

އޭގެ ފަހުން ކެޕިޓަލް ރޭޑިއޯގައި އުޅެފައި އެތަނުން ވަކިވެ، އެންމެ ފުރަތަމަ ލިޔަން ފެށީ "ވަގުތު" އަށް ކަމަށް އޭނާ ބުންޏެވެ.

ޝަހޫ ވީއެފްއެމްއަށް ބަދަލުވެ އެތަނުގައި ޝޯތަކާއި، ޑްރާމާތައް އުފެއްދުމުގައި އެންމެ އިސްކޮށް އޭނާ އުޅުނެވެ. އަދި އެތަނުގައި އަހަރެއްހާ ދުވަހު އުޅުމަށްފަހު ވަނީ ދިވެހި އެފްއެމްއަށް ބަދަލުވެފައެވެ.

"ގިނަ މީހުން ޝަހޫ ވީއެފްއެމްގައި ހުރެފައި ދިވެހި އެފްއެމްއަށް ޗޭންޖްވިތަނާ ވަރަށް ގިނަ މީހުން ގުޅާފައިވެސް ބުނި އަދި ކިރިޔާއޭ ތިމަންނަ ބޭނުންވި ޗެނަލްއަށް ތި ދިޔައީ"

ޝަހޫ ބުނީ، އޭނާގެ އުފެއްދުންތަކުގެ ތެރެއިން ގިނަ ބަޔަކަށް ކަމުދަނީ އޭނާގެ ޑްރާމާތައް ކަމަށެވެ. އަދި ޝަހޫ ޑްރާމާއެއް ހަދާނަމަ ގިނަބަޔަކު ބޮޑަށް ސަމާލުކަން ދަނީ، އޭނާގެ ޝޯތަކަށްވުރެ ބޮޑަށް ޑްރާމާތަކަށް ކަމަށް ބުންޏެވެ.

"ރާއްޖޭގައިވެސް ބޮޑަށް ފާހަގަވެފައި މި އޮންނަނީ ވާހަކަ ކިޔާ މީހުންނަށް ވުރެ ވާހަކަ އަޑު އަހާ މީހުން ވަރަށް ގިނައޭ، އެއްވެސް ވަރަކަށް ހީނުކުރުން 16،17 އަހަރުގެ ޖީސީއޯލެވެލްގެ ކުދިންތައް ގުޅާފައި، މެސެޖްކޮށްފައި ތި ޑްރާމާ އަޑު އެހީމޭ ވަރަށް ސަޅިއޭ، ކީޕް އަޕްދަ ގުޑް ވޯކްއެއް ބުނެފާނެ ކަމަށް،،،... ދެން އެއްފަހަރެއްގައި ޝަހޫއަށް ތިން ހަތަރު ކުއްޖަކު ގުޅި އެ މީހުން ސްކޫލްގައި ޑްރާމާއެއް ހަދަންވެގެން ރޭޑިއޯ ޑްރާމާ ހަދާ ސްކްރިޕްޓެއް ބަލާލަން ވެގެން، ކިޔާލަދޭން، އަހަރެންނަށް އެތަނުން ކުއްޖަކާއި ދިމާވެސް ވި، އަދި ކިޔާލަވެސް ދިނިން،" ޝަހޫ ބުންޏެވެ.

ޝަހޫ ބުނީ، އޭނާ އަމިއްލަ ފުރަތަމަ އުފެއްދުމަކަށް ދިވެހި އެފްއެމްގައި ހަދާފައި ހުންނާނީ މިއުޒިކަލް ޑްރާމާ "އިހުސާސް"ކަމަށެވެ. އަދި އެއަށް ވަރަށް ތަރުހީބު ލިބުނު ކަމަށް ޝަހޫ ބުންޏެވެ.

"އެއީ ދިވެހި އެފްއެމްގައި އަލަށް ފެށި އެއްޗެއް، އޭގައި އުޅޭ މީހުން ލަވަވެސް ކިޔާފައި ހުންނާނީ، އޭގައި ޝަހޫވެސް އުޅުނިން ޝަހޫވެސް ހުންނާނެ ލަވަ ކިޔާފައި".

ޝަހޫ ފޮޓޯއަކަށް ހުއްޓިލައިގެން

ޝަހޫ ވަނީ ދިވެހި އެފްއެމްއިން ގެނެސްދީފައިވާ ހުރިހާ ޝޯއަކަށް ވެސް އަރާފައެވެ. އަދި ހުރިހާ ވައްތަރެއްގެ ޝޯތައް ހެދިފައި ހުންނާނެ ކަމަށް ޝަހޫ ބުންޏެވެ. އޭނާ މިހާތަނަށް ކުރެވުނު އެންމެ ފުރިހަމަ މަސައްކަތްތަކަށް ބަލާއިރު، އެންމެ ފުރަތަމަ ހެދި މިއުޒިކަލް ޑްރާމާ "އިހުސާސް" އާއި، އެންމެ ފުރަތަމަ ހެދި ބިރުވެރި ޑްރާމާ "ސިއްރު"އާއި "އެރެއަށްފަހު"ވެސް ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން ސިއްރު ޑްރާމާއަކީ އޭނާ ޒައިއާއެކު ކުރި މަސައްކަތެކެވެ. އަދި އެރެއަށްފަހު އެއީ އޭނާ އަމިއްލައަށް ހެދި ފުރަތަމަ ޑްރާމާއެވެ.

ޝަހޫ ބުނީ، އެރެއަށްފަހުގެ ކުރިން ހެދި ހުރިހާ ޑްރާމާއެއްގައިވެސް މަސައްކަތް ކުރީ ޒައިއާ އެކުގައި ކަމަށެވެ.

"ދެން ހަޔާތުގައި ޗެލެންޖަކަށް ނަގައިގެން ހެދި ރޮމޭންޓިކް ކޮމެޑީ ޑްރާމާ..ޒާރިޔާ އެ ފާހަގަކޮށްލެވޭ، ޒާރިޔާ އިޒް މައި އޯލްޓައިމް ފޭވަރޭޓް،.. ހީނުކުރުން އަހަރެންނަށް ކޮމެޑީ ޑްރާމާއެއް ނެރެވިދާނެއޭ ރޭޑިއޯއިން، އެކަމަކު އަހަރެން އެކަންވެސް ކޮށްފިން،" ޝަހޫ ބުންޏެވެ.

ޝަހޫ ދިވެހި އެފްއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ ފަސް އަހަރުވާން ކައިވެފައިވާއިރު ދާދި ފަހުން އޭނާ ވަނީ އަމިއްލަ ވާހަކައެއްވެސް ނެރެފައެވެ. އެރެއަށްފަހު ނަމުގައި ނެރުނު އެ ވާހަކައަކީ މަންމަ ބުނި ބުނުމަކަށް އޭނާގެ އަމިއްލަ ބުރަ މަސައްކަތެވެ.

ޝަހޫގެ ފުރަތަމަ ނެރުނު ވާހަކަ ފޮތް މިހާރު ގަންނަން ލިބޭނެ

ޝަހޫ ބުނީ، ޕްރެޒެންޓިން ދާއިރާގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ގިނަބަޔަކަށް އޭނާ އެނގުން ކަމަށެވެ.

"ދެން މަންމަ އެއް ދުވަހު ވަރަށް އުފާވެފައި ގުޅާފައި ބުނި ކޮންމެވެސް މީހަކު ތިމަންނަ ކައިރީގައި ބުންޏޭ ތިއީ ޝަހުދާގެ މަންމަ ދޯއޭ... ތިގޭ ޝަހުދާ ދޯއޭ ރޭޑިއޯގައި އުޅެނީ.. ވަރަށް މޮޅު ކުއްޖެކޭ އެއީ.... އޭނާގެ އެއްޗެހި ވަރަށް އަޑުއަހަމޭ... އެއީ ވަރަށް އުފާވި ދުވަހެއް.... މަންމަ އެކަމާއި އުފާވީމަ". ޝަހޫ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުރާދު

    މިކަހަލަ ޚަބަރު ހެޑްލައިން އެންމެ ކުރީގަ ނުޖެހުން އެދެން.

    28
    7
  2. ައަހުރެން

    ނޫން މިކުއްޖާއެއް ނޫން އެތަނުން އެއްމެ ބެސްޓީ. ޢެތާގެ ކުރީގެ ބެޗް މަށަށް މާ ކަމުދޭ

    13
    3
  3. Kutti

    ޝަހޫވެސް ސަ(ޅި

    7
    7
  4. ކަބުރު

    ހާދަ ރީތިކުއްޖެކޭ ފުރަތަމަ ނަޒަރުން ހިތްކިޔާފި

    4
    9
  5. ވަރޫ

    އެފް އެމްގެ ސީނިއާސް އަދިވެސް މާ މޮޅު. އާޝި، މިޒޫ ރަމް ފަހީ މި ކުދިން ޖަހާ ނުލެވޭނެ ޝަހުދާމެން އުމުރު ހުސްވަންދެން އުޅުނަސް

    5
    2