މިދިޔަ އަހަރު ނިކުތް މަޝްހޫރު ދިވެހި ކޮމެޑީ ފިލްމު ނޯޓީ 40ގެ ސީކުއެލް 40 ޕްލަސްގެ ފަސްޓް ލުކް މިހިނގާ މެއި މަހުގެ ތެރޭގައި ދައްކާލާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރ ވިދާޅުވެއްޖެއެވެ.

40 ޕްލަސްގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ވިދާޅުވީ، ހުރިހާ މީޑިއާތަކަށް ދައުވަތު އެރުވިގެން މި ހިނގާ މެއި މަހުގެ ތެރޭގައި ވަރަށް އަވަހަށް ފިލްމުގެ ފަސްޓް ލުކް ދައްކާލުމުގެ އިވެންޓް ބާއްވާނެކަމަށެވެ.

40 ޕްލަސްގެ ފަސްޓް ލުކް ވަރަށް އަވަހަށް ދައްކާލާނެކަމަށް ޕްރޮޑިއުސަރ ވިދާޅުވިއިރު، ފިލްމުގެ ޑަބިންގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ފަހު ފިލްމުގެ ޑަބިންގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމަށްވެސް ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ވިދާޅުވިއެވެ.

40 ޕްލަސްގެ ޑަބިން ކުރިއަށްދަނީ

ފިލްމުގެ ފަސްޓް ލުކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު، މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ވަނީ ފިލްމުގެ މަންޒަރުތައް ތ.ބުރުނީގައި ނަގައި ނިންމާލާފައެވެ.

މަޝްހޫރު ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ މި ފިލްމުން ނޯޓީ40ގެ ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ ވެސް ފެނިގެންދާނެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ 40 ޕްލަސް ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ 2018 އޮގަސްޓް 2 ވާ ބުރާސްފަތި ދުވަހުގެ ރެޔެވެ.