އިންޑިއާގެ ބިހާރްގެ ހެލްތް ޑިޕާޓްމެންޓުން،ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސް ހޭދަކޮށް އެނބުރި ގެއަށް ފޮނުވާ ހިޖުރަވެރިންނަށް ކޮންޑަމް ބަހަން ނިންމައިފިއެވެ.

މިހާތަނަށް އެ ސްޓޭޓުން އެކަނި ދުރު ހިސާބުތަކުން ވަޒީފާގެ ބޭނުމަށް ހިޖުރަކޮށް އެނބުރި އެ ސިޓީއަށް ދިޔަ މީހުންގެ އަދަދު 30 ލައްކައަށްވުރެ މައްޗަށް އަރައެވެ.

ބިހާރް ސްޓޭޓްގެ ސިއްހީ ކަންކަން މޮނީޓަރ ކުރުމާއި ހަވާލުވެ ހުންނަ ޑރ. އުޓްޕަލް ޑަސް ބުނީ، ހިޖުރަވެރިންނަށް ކޮންޑަމް ބަހަން ނިންމީ އެއްފަހަރާ އެ ސްޓޭޓުގެ އާބާދީ އިތުރުވެދާނެ ކަމަށް ބަލައި އެކަން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

"އެއީ ފެމަލީ ޕްލޭނިންގ ޑިޕާޓްމެންޓުން ދިން ހިޔާލެއް. އެތައް ލައްކައެއްހާ މީހުން އެނބުރި ގެއަށް ދާއިރު،އެ މީހުންނަށް ކޮންޑަމް ބެހުން އެއީ ވަރަށް މުހިންމު ކަމެއް .އެއީ އެ ސްޓޭޓްގެ އާބާދީ ކޮންޓްރޯލް ކުރަން ބޭނުންވެގެން އެކަން ކުރަން ނިންމީ". އެ ޑޮކްޓަރު ބުނެފައި ވެއެވެ.

އެގޮތުން ހެލްތް ކޯޑިނޭޓަރުން ދަނީ ކަރަންޓީން ފެސިލިޓީތަކުން ގެއަށް ދާ ކޮންމެ މީހަކަށް ދެ ޕެކެޓް ކޮންޑަމް ދެމުންނެވެ. އަދި ބައެއް މީހުން ދަނީ ގޭގެއަށް ޒިޔާރަތްކޮށް ހޯމް ކަރަންޓީންގައި ތިބި މީހުންނަށްވެސް ކޮންޑަމް ބެހުމުގެ ކަންކަން ކުރިއަށްގެންދަމުންނެވެ.

އަދި ބެއެއް ހިސާބުތަކުގައި ޕޮލިއޯ ސުޕާވައިޒަރުންނާއި ވަނީ ކޮންޑަމް ބެހުމަށް ހަވާލުކޮށްފައެވެ.

ފެމަލީ ޕްލޭނިންގ ޑިޕާޓްމެންޓުން ބުނީ، މިކަން ޖޫން މަހުގެ މެދު ތެރެއާ ހަމައަށް ކުރިއަށްގެންދާނެ ކަމަށެވެ.

އެ ސްޓޭޓްގެ ކަރަންޓީން ސެންޓަރުތަކުގައި އަދިވެސް 13 ލައްކައެއްހާ މީހުން އެބަތިއްބެވެ.