އިންޑިއާގެ އަހްމަދު އާބާދުގެ ސިވިލް ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ފަރުވާދެމުން ދިޔަ މީހަކު، މަރުވެ، އޭނާ ވަޅުލި ފަހުން އެ ހޮސްޕިޓަލުން ގުޅާފައި އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައިއެވެ.

މެއި 28 ވަނަ ދުވަހު ކޮވިޑް-19 ކަމަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އެ ހޮސްޕިޓަލްގެ ކޮވިޑް-19 ވިންގުގައި އެޑްމިޓްކޮށްފައި އޮތް ޑެވްރަމްބާއި ބިސިކަރް ނަމަކަށް ކިޔާ އެ މީހާ މަރުވެއްޖެ ކަން ހޮސްޕިޓަލުން ގުޅާފައި ބުނީ މެެއި 29 ވަނަ ދުވަހުއެެވެ. އަދި އެ ދުވަހު މެންދުރު އާއިލާއިން ހޮސްޕިޓަލަށް ގޮސް އެ މީހާގެ ހަށިގަނޑު ގެންގޮސް އެ އޮންނަ އުސޫލުގެ ތެރެއިން ވަނީ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ. އެކަންކަން ކުރިއަށް ގެންގޮސްފައި ވަނީ، ބިސިކަރްގެ އަންހެނުންގެ ކޮއްކޮ ނިލެޝް ނިކްޓޭ އެވެ.

އެހެން ނަމަވެސް އާއިލާއަށް ބޮޑު ޝޮކެއް ލިބިގެން ދިޔައީ އޭގެ އަނެއް ދުވަހު ހޮސްޕިޓަލުން ގުޅާފައި ބިސިކަރްގެ ހާލު ރަނގަޅު ކަމަށް ބުނުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފުރަތަމަ އެރޭ 1:00 ޖެހިހާއިރު ނިކެޓޭގެ އަނބިމީހާއަށް ނުދަންނަ ނަމްބަރަކުން ފޯނެއް އައުމުން އޭނާ ފޯނު ނަގާފައެވެ. އޭގެ އަނެއް ދުވަހު ހެނދުނު ހޮސްޕިޓަލުން ގުޅާފައި ބިސިކަރްގެ ހާލު ރަނގަޅުކަމަށާއި، އޭނާ ކޮވިޑް-19 އަށް ނައްސިވެފައިވުމުން، އޭނާ ވަަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބުންޏެވެ.

އާއިލާ އެކަމާއި ބޮޑު ޝޮކެެއް ޖެހިގެން ވަގުތުން ހޮސްޕިޓަލަށް ދިޔައެވެ. އަދި ހޮސްޕިޓަލަށް ދިއުމުން ހޮސްޕިޓަލުން ވަނީ އެއީ ހޮސްޕިޓަލްގެ ކޮންޓްރޯލް ރޫމްއިން އޮޅިގެން ބުނެވުނު އެއްޗެއް ކަމަށާއި، 71 އަހަރުގެ އެ މީހާ މަރުވެފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ހަމަ އެ ދުވަހުގެ މެންދުރު އަނެއްކާވެސް ހޮސްޕިޓަލުން ގުޅާފައި ބިސިކަރްގެ ހާލު ރަނގަޅު ކަމަށް ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލްގެ ޑައިރެކްޓަރ ވަނީ މިކަން ހިނގާދިޔަ ގޮތް މީޑިއާތަކަށް ކިޔާ ދީފައެވެ. އޭނާ ބުނެފައި ވަނީ، ބިސިކަރް ހޮސްޕިޓަލަށް ގެނެސްފައި ވަނީ ވަރަށް ބޮޑަށް ހުން އައިސް، ކަރުގައި ރިއްސާތީ ކަަމަށެވެ. އަދި އޭނާގެ ހަށިގަނޑުން ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށުމުން، އޭނާ އޮތީ ކޮވިޑް-19 ވޯޑްގައި ބާއްވާފައި ކަމަށާއި، އޭނާގެ ސުންކުވެސް އެއިރު ނަގާފައިވާ ކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް އޭނާގެ ނަތީޖާ އައުމުގެ ކުރިން ވަނީ މަރުވެފައެވެ. އަދި އާއިލާއާ އެ މީހާގެ ހަށިގަނޑު ވަނީ ހަވާލުކޮށްފައެވެ.

އަދި އޭގެ އަނެއް ދުވަހު އޭގެ ނަތީޖާ އައިއިރު، ހޮސްޕިޓަލްގެ ޕްރޮޓޮކޯލްގެ ދަށުން އާއިލާއަށް އެމީހާގެ ނަތީޖާގެ މައުލޫމާތު އެންގީ ކަަމަށާއި، އެއިރު އެ މީހާ މަރުވިކަން ކޮންޓްރޯލް ރޫމްގައި ތިބި މީހުންނަށް ނޭނގޭ ކަމަށެވެ. އެހެންވެ އޮޅުންތަކެއް އެރީ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.