ކޮވިޑް-19 އާ ހެދި ބައެއް ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގިނަބަަޔަކަށް ދަނީ އުނދަގޫތަކާއި ކުރިމަތިލަމުންނެވެ. އެ އުނދަގޫތައް ތަހައްމަލު ކުރަމުންދިޔަ ޓަމިލް ނެޑޫއަށް ނިސްބަތްވާ ޕްރަސަންތް ވެސް ކުރިމަތިލާން ޖެހުނެވެ. ކޮއިމްބަތޫރްގެ ސުލުރްގައި ސައި ހަދައި ދޭ މީހެއްގެ ގޮތުގައި އުޅެމުންދިޔަ ޕްރަސަންތް ބޭނުންވީ ފުރަބަންދުގައި އޭނާގެ އާއިލާ ގެއަށް ގެންދިއުމަށެވެ.
އެހެން ނަމަވެސް ފުރަބަންދާއި ގުޅިގެން ދަތުރުފަތުރު މެދުކަނޑާލާފައި އޮތުމުން އޭނާއަށް ހަދާނެ ގޮތް ވަނީ ހުސްވެފައެވެ.
އެންމެ ފަހުން މެއި 18 ވަނަ ދުވަހު އޭނާ ވަނީ ސުލުރްގައި ހުންނަ ވޯކްޝޮޕެއްގެ ބޭރުގައި ހުރި ސައިކަލަކަށް އަރައިގެން 200 ކިލޯ މީޓަރަށް ދަތުރުކޮށް، އޭނާގެ އާއިލާ ގެއަށް ގެންގޮސް ދީފައެވެ. އޭނާ އެ ސައިކަލުގައި އޭނާގެ އަނބިމީހާއާ ދެ ކުދިން ގެންދިޔައެވެ.
ޕްރަސަންތް އެ ސައިކަލުގައި ދިޔަފަހުން އެ ސައިކަލުގެ ވެރި ފަރާތް ކަމަށްވާ ސުރޭޝް ކުމާރްއަށް އޭނާގެ ސައިކަލު ޕާކު ކޮށްފައި ހުރި ތަނުގައި ނެތް ކަން އެނގި އެ ސަކައިލު ހޯދަން މަސައްކަތް ކުރިއެވެ. އަދި އެކަން ފުލުހުންގެ ސަމާލުކަމަށް ގެންނަން ފުލުހަށް ދިއުމުން ފުލުހުން ވަނީ އެ މީހުން އުޅެމުންދަނީ ކޮވިޑް-19 ކަންތައްތަކުގައި ކަމަށް ބުނެފައެވެ. އަދި ފުރަބަންދު ނިމުމުން އެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.
އެންމެ ފަހުން ކުމާރް އަމިއްލައަށް އެ ސައިކަލް ހޯދުމުގެ މަސައްްކަތް ފެށިއެވެ. އެގޮތުން އެ ސަރަހައްދުގެ ސީސީޓިވީ ފޫޓޭޖް ހޯދައި، އެ ސައިކަލު ވަގަށް ނެގި މަންޒަރު ފެންނަ ވީޑިއޯ އާއްމުންނަށް ދައްކައިގެން ޕްރަސަންތްއަކީ ކާކުކަން ހޯދިއެވެ.
އަދި ޕްރަސަންތަށް ގެއަށް ދެވުނުއިރު، އޭނައަށް ވަނީ ސައިކަލް ވަގަށް ނެެގިކަން ފަޅާއަރާފައިވާ ކަން އެނގިފައެވެ. އެކަމާއި އޭނާ އަށް އަދަބު ލިބިދާނެ ކަމުގެ ބިރުން، އެ ސައިކަލުގެ ވެރިފަރާތަށް އެޑްރެސްކޮށް، އޭނާ ވަނީ އެ ސައިކަލު ފޮނުވާލާފައެވެ.
އަދި މިދިޔަ ހޮނިހިރު ދުވަހު ކުމާރްއަށް ފޯނު ކޯލެއް އަންނަނީ އޭނާގެ ނަމުގައި ޕާރްސަލެއް އިން ކަމުގެ ވާހަކަ ބުނާށެވެ. އަދި އެ ޑެލިވަރީ ކޮށްދޭނެ ކަމަށާއި، އަދި ޑެލިވަރީ މިހާއަށް 1400 ރުޕީސް ދިނުމަށް އެ މީހުން ބުނެފައި ވެއެވެ.
އެ ޑެލިވަރީ މީހާ އައުމުން އޭނާއަށް ޝޮކެއް ލިބިގެން ދިޔައީ، އެނާ ގެނައި އެ ޕާރްސަލަކީ އޭނާގެ ސައިކަލުކަން އެނގުމުންނެވެ. އަދި އެ ސައިކަލަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ވަނީ ފުލުހަށް ހުށަހެޅި އެ މައްސަލަވެސް ނަގާފައެވެ.