އިންޑިއާގައި 15 ދުވަސް ތެރޭގައި ނިންމާލި ކޮވިޑް-19 ހޮސްޕިޓަލަށް ބޭނުންވާ ތަކެތިބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ގަނެދީފިއެވެ.

ބީއެމްސީން އިއްޔެ ހުޅުވަން ނިންމި އެ ހޮސްޕިޓަލަަކީ ކޮވިޑް-19 އާ ގުޅިގެން އެޅި 200 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަށް ބޭނުންވާ އޮކްސިޖަން ސިލިންޑަރާއި، ވެންޓިލޭޓަރުތައް ގަތުމަށް ފައިސާ ހަރަދުކޮށްފައި ވަނީ އަޖޭ އެވެ. އަޖޭ އެ ތަކެތި ގަތުމަށް ހަރަދު ކުރިވަރު ހާމަ ކުރަން ކަމާއި ބެހޭ އޮތޯރީޓީތަކުން ހާމަކުރަން ބޭނުން ނުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މިތަކެތި ގަތުމަށް ފައިސާ ދީފައި ވަނީ އަޖޭގެ ޕްރޮޑަކްޝަން ހައުސް އަޖޭ ދޭވްގަން ފިލްމް ފައުންޑޭޝަންގެ ފަރާތުންނެވެ.

ދަރަވީގައި ހުންނަ އެ ހޮސްޕިޓަލަށް އަޖޭ ތަކެތި ހަދިޔާ ކުރިއިރު، އޭނާ ވަނީ 700 އާއިލާއަށް ބޭނުންވާ ރޭޝަން ކިޓްސްވެސް ހަދިޔާކޮށްފައެވެ.

އެ ހޮސްޕިޓަލް ހަދާފައި ވަނީ މަހާރަޝްތްރާގެ ޕާކުގެ، ޕާކިންގއަށް ހާއްސަކޮށްފައިވާ ސަރަހައްދުގައެވެ. އެ ހޮސްޕިޓަލްގައި ފަރުވާ ދޭނީ ކޮވިޑް-19 ޖެހި ސިއްހީ ހާލަތު އެންމެ ގޯސް މީހުން ފިޔަވާ އެ ބަލި ޖެހިފައިވާ އެހެން މީހުންނަށެވެ.

"އަޅުގަނޑުމެން އަޖޭ އަށް އެންގީ އޮކްސިޖަން ސިލިންޑަަރާއި، 200 އެނދާއި، ދެ ޕޯޓަބަލް ވެންޓިލޭޓަރު ބޭނުންވާކަން.އެއަށް ހަމަ ވަގުތުން ފައިސާ ދައްކަން އޭނާ ހުރީ ތައްޔާރަށް". ޖީ-ނޯތް ވޯޑުގެ އެސިސްޓެންޓް މުނިސިޕަލް ކޮމިޝަނަރ ކިރަން ބުނެފައި ވެއެވެ.

އަޖޭގެ އިތުރުން، އިތުރު ބައެއް ތަރިންވެސް ވެސް ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.