"އައި ލަވް ޔޫ." ހިތްގައިމު އަޑަކުން ލަދުވެތިކަމާއެކު ރީޝާ ބުނެލިއެވެ. އެހެނަސް ނަވީލްގެ ކަންފަތުގައި އެ މަޑު މިޔުޒިކީ އަޑު ޖެހުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ކުއްލިއަކަށް އޭނާގެ ދެލޯ ބޮޑުވެގެން ދިޔަ ވަގުތު ރީޝާގެ އަތުން ދޫކޮށްލެވުނެވެ. އަދި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެޔާއެކު އިސްޖައިގެން ހުރި ރީޝާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދުވެލިއެވެ.

ރީޝާ އިސްއުފުލައިލިއިރު ލަދުވެތިކަން އެއްފަރާތްވެ، އެ މޫނަށް އަބުއިކަން ފެތުރިފައި ވެއެވެ. ނަވީލްގެ މޫނަށް ފަރުވާތެރިކަމާއެކު ރީޝާއަށް ބަލައިލެވުނެވެ. އަބަދުވެސް ހެވިފައި ހުންނަ ނަވީލްގެ މޫނުން މިއަދު ފެންނަނީ މޮޅިވެރިކަމެވެ. ހިތާމައެވެ. ލަދުވެތިކަމެވެ. އެކަމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

"ދުވަހަކުވެސް އަހަރުމެންނަށް ގުޅެވޭކަށް ނެތް." މޫނު ދުރަށް އަނބުރައިލަމުން ނަވީލް ބުންޏެވެ. "އަހަރުމެންގެ ގުޅުމަށް ބައްޕަ ނުޤަބޫލުވި ސަބަބު އެނގިއްޖެ."

"ކިހިނެއްވީ؟" ރީޝާ އެހިއެވެ.

އެ ސުވާލުގެ ޖަވާބު ދޭން ނަވީލް ބޭނުންވެއެވެ. އެހެނަސް އެ ހިތްވަރެއް ނެތެވެ. ރީޝާއާ ހަތަރުކަޅި ހަމަކުރުމަށް ވެސް ނަވީލް ފަސްޖެހުނެވެ. ލަދުގަތެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އެކަން ރީޝާއަށް ވެސް ފާހަގަވެއްޖެއެވެ. ކުއްލިއަކަށް ނަވީލްގެ މިޒާޖަށް މި އައީ ކޮންފަދަ ބޮޑު ބަދަލެއް ހެއްޔެވެ؟

"ބުނެދެވޭ ވަރުގެ ވާހަކައެއްތަ؟" ސަބަބު އެނގެން ރީޝާ ބޭނުންވިއެވެ.

"މިހާރު ވަރަށް ލަސްވެއްޖެއެއްނު. ދެން ގެއަށް ދޭ. ރީޝާ އަހަރެންގެ މަތިން ހަނދާން ނައްތައިލާ." ނަވީލް ޖަވާބުދީފައި، ރީޝާއަށް ބަލައިވެސް ނުލައި ގެއަށް ވަދެގެން ހިނގައްޖެއެވެ.

ނަވީލް ވާހަކަ ދެއްކިއިރު ރީޝާއާ މުޚާތަބުކުރިގޮތް، ރީޝާގެ ސިކުނޑީގައި ބިންވަޅުނެގުނެވެ. ނަވީލް އަބަދުވެސް ރީޝާއާ މުޚާތަބުކުރަނީ "ރީޝް" ގެ ނަމުންނެވެ. މިއަދު އެ އާދަ ބަދަލުކުރުމުން އޭނާގެ ހިތަށް ތުރާ ލިބިއްޖެއެވެ. ކުއްލިއަކަށް ނަވީލް އޭނާއާ ދުރަށްދާން ނިންމުމުން އޭނާގެ ޠަބީޢަތު ގޯސްވެއްޖެއެވެ. އެ ގެއަށް އާދެވުނު މޮޔަ ހިތަށް އަރަންފަށައިފިއެވެ. އޭނާ ލޯބިވާކަން ފާޅުކުރުމާއެކު ނަވީލް ކަންތައްކުރި ގޮތުން ލަދުވެސް ގަނެއްޖެއެވެ. އިސާހިތަކު އެ އިޙްސާސްގެ މައްޗަށް ރުޅިވެރިކަން ކުރި ހޯދިއެވެ. އޭނާގެ އިޙްސާސްތަކަށް ކުޑަވެސް ގަދަރެއް ނަވީލް ނުކުރީތީއެވެ. އަނެއްކާ ވެސް ޖަވާބު ނުލިބޭ ސުވާލުތަކާއެކު އޭނާ ހުސްކަމެއްގެ ތެރެއަށް ގަންބުވާލީތީއެވެ. ފިރިހެނުންނަކީ ކިހާ ރަހުމުކުޑަ ބައެއްކަން އޭނާ ހަނދާން ނައްތައިލީ ކީއްވެގެން ހެއްޔެވެ؟

އެރޭ ރީޝާއަށް ލޮލުފިޔަޖެހޭ ގޮތެއް ވެސް ނުވިއެވެ. ނަވީލްގެ މަތިން މާ ބޮޑަށް ހަނދާންވާތީއެވެ. ގޮތްނޭނގޭ ހާސްކަމެއްގެ ތެރޭގައި ގައިދުވެފައި ދެއަތަށް ފުރޮޅިފުރޮޅި އޮންނަޖެހުމުން އަނެއްކާ ވެސް އޭނާ ގާތަށް ރުޅިއަންނަން ފެށިއެވެ. ފިރިހެނެއްގެ ސަބަބުން އޭނާގެ ޖަޒުބާތުތައް ހައްދުން ނެއްޓިފައިވާކަން އިޙްސާސްވުމުން އޭނާގެ އަމިއްލަ ނަފުސު ވެސް އެކަމަށް މަލާމާތްކުރާ ކަހަލައެވެ. ނަވީލަށް ގުޅާފައި ހަޅޭލަވައިގަންނަން ވެސް އޭނާގެ ހިތަށް އެރިއެވެ. އެހެނަސް ނަވީލްގެ ސަބަބުން އޭނާގެ "ނޭވާލުމަށް" ދަތިވެއްޖެކަން އަންގާކަށް އެ ހިތެއް ނުރުހުނެވެ. އެންމެފަހުން އޭނާއަށް ރޮވުނީއެވެ. އެއްވެސް އިޚްތިޔާރެއްނެތި ކަރުނަތައް އޮހެން ފެށުމުން ބާލީހަށް މޫނުކޮށްޕައިލަމުން ބާރަށް ހަޅޭލަވައިގަތެވެ. އަދި ގިސްލަގިސްލައިފައި ބާރަށް ރޯން ފެށިއެވެ. އެހައި ވަރުވުމުން ދެން އޭނާއަކަށް ކެތެއްނުކުރެވުނެވެ. އިންސާނުންނަށް ކެތްކުރެވޭނީ ވަކި މިންވަރަކަށް ނޫން ހެއްޔެވެ؟ އެނދުން ތެދުވެ ދެއަތުން ކަރުނަތައް ފޮހެމުން، ނޯށްދަމަމުން ފޯނުނެގިއެވެ.

ރީޝާއަށް ނޭނގޭ ޙަޤީޤަތަކީ ނަވީލްގެ ހާލަކީ ވެސް އެއީކަމެވެ. ނަވީލް ވެސް ކެތްކުރަން ބޭނުންވެއެވެ. ޙަޤީޤަތާއި ކުރިމަތިލާން ހިތްވެސް އެދެއެވެ. އެހެނަސް އެއީ ބިރުވެރި ހުވަފެނަކަށް ވެދާނެކަމަށް އޭނާއަށް އުންމީދުކުރެވެނީއެވެ. ނުވެސް އެނގި ހުއްޓައި އެ ހުވަފެނުން ހޭލެވިދާނެކަމަށް އިންތިޒާރުކުރެވެނީއެވެ. މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން ނަވީލް ތެދުވިއެވެ. ރީޝާގެ ނަން އަރާފައި އޮތުމުން ދެ ޚިޔާލެއްގައި ހުރެފައި ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.

"ހުރިހާ ފިރިހެނުންނަކީ ވެސް އެއްކަހަލަ ބަޔެއް." ރީޝާ ހަޅޭއްލަވައިގަތެވެ. ނަވީލަށް ލިބުނު ސިހުމާއެކު ފޯނު ކަންފަތާއި ދުރު ކޮށްލެވުނެވެ. އަނެއްކާވެސް ފޯނު ކައިރިކޮށްލިއިރު ރީޝާ ރުޅި އައިސްގެން ހަޅޭލަވަނީއެވެ.

"ކަލެޔަށް ކޮން ހައްޤެއް އޮތީ؟ އޭނ! ބުނެބަލަ! މަގޭ ޖަޒުބާތުތަކާ ކުޅުމުގެ ޙައްޤު ދިނީ ކާކުހޭ؟" ރީޝާ ކިޔަމުން ދިޔައެވެ. "މަ ބުނެގެންތަ މަ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުނީ. މަ ހައްދަން މޮޅެތި ވާހަކަ ދައްކާފަ ތި ގޮތަށް ހިތުން ނެރެ އެއްލައިލަން އެ ޙައްޤު ކަލެޔަށް ދިނީ ކާކުހޭ؟"

ރީޝާއަށް ރުޅިއައުމުގެ ޙައްޤު އޮތްކަމަށް ނަވީލް ޤަބޫލުކުރެއެވެ. އެއްވެސް ސަބަބެއް ބުނެދިނުމަކައި ނުލައި، ހަނދާން ނައްތައިލުމަށް ބުނުމުން ކޮންމެ މީހަކުވިޔަސް ރުޅި އަންނާނެއެވެ.

"އައި އޭމް ސޮރީ." ޙަޤީޤަތް ހާމަކުރަން ބޭނުންވިޔަސް ނަވީލަށް ބުނެވެން އޮތީ އެހެންނެވެ.

"މާފަށް އެދުނީމަ ހުރިހާ ކަމެއް ހަމަވީތަ؟" ރީޝާ ބާރަށް ބުނެލިއެވެ. ނަވީލްގެ ހިނދުރީގެ ތެރެއިން އެ އަޑު ވަދެގެންދިޔަ ވަގުތު ރީޝާގެ އަޑު ކޮޓަރިން ބޭރުން އިވުނުހެން އޭނާއަށް ހީވިއެވެ. ނަވީލް ފޯނު ކަންފަތާއި ދުރުކޮށްލިއެވެ. ކުޑަދޮރާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓައި ރީޝާގެ އަޑު އިވުނެވެ. ފޯނަކުން ނޫނެވެ. އެ ކޮޓަރީގެ ކުޑަދޮރާއި ދިމާ ބޭރުންނެވެ. ފުރަ މެންދަމުގެ ވަގުތުގައި ރީޝާ އެ ގެއަށް އައީ ހެއްޔެވެ؟

"މި ގަޑީގައި މި ގެއަށް ތި އައީ ކީއްކުރަން؟" ނަވީލް އެހިއެވެ.

"އާނ! ކަލޭ ބޭނުންވީމަ ދަންވަރެއް ހެނދުނެއް ހަވީރެއް ބެލުމެއްނެތި އަހަރުން ގެއަށް ވަދެވޭ. މަށަށް ނުވަދެވެންވީ މި ގެއަށް. ކަލޭ ހީކުރީ ތިހާ ފަސޭހައިން ސަލާމަތް ވެވޭނެކަމަށްތަ؟" ރީޝާގެ އަޑު އެންމެ ތަންފުކެއް ވެސް މަޑެއް ނުވެއެވެ. އެ އަޑު މަޑުކުރުމުގެ ވިސްނުމެއް ވެސް އޭނާގެ ނެތް ކަހަލައެވެ. ނަވީލް ނުތަނަވަސްވިއެވެ. އަވަށްޓެރިއަކަށް ރީޝާގެ އަޑުއިވިދާނެތީއެވެ. ބައްޕަ ނުވަތަ މާމައަށް ހޭލެވިދާނެތީ ވެސް އޭނާ ކަންބޮޑުވިއެވެ. އަވަށްޓެރިންގެ "ކެމެރާ"އަށް ރީޝާ އެރިޔަސް ބަދުނާމުވެގެން ދާނީ ވެސް ރީޝާ އެކަންޏެއް ނޫނެވެ. ނަވީލް އަވަސްއަވަހަށް ފޯނު ކަނޑައިލިއެވެ. އަދި އެހައިމެ އަވަހަށް ބޭރަށް ނުކުތެވެ.

"ކަލޭމެން ހީކުރަނީ އަންހެނުންނަކީ ތި މީހުން ކުޅެން ގެންގުޅޭ ބުދުތަކެއްކަމަށްތަ؟" އައި ނައި ތަނެއްވެސް ނޭނގި ކުއްލިއަކަށް ފެނުނީ ނަވީލްގެ ޓީޝާޓް ރީޝާގެ ދެއަތަށް އޮޅައިލިތަނެވެ. ވަގުތުން ރީޝާގެ ދެއަތުގެ ކުޑަހުޅާ ހިސާބުގައި ނަވީލަށް ހިފައިލެވުނެވެ.

"ތި އުޅެނީ މޮޔަވެގެންތަ؟" ނަވީލް ވެސް ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ރީޝާ ހުރީ ވަރަށް ރުޅި އައިސްފައެވެ. އަވަސްއަވަހަށް ލަމުންދިޔަ ހޫނު ނޭވާއިން ވެސް ނަވީލް ފިއްސައިލަން ބޭނުންވެގެން އުޅޭ ކަހަލައެވެ.

"މޮޔަކޮށްފަ ކޮންހާ ބަހަނާއެއް ދައްކާކަށް. ބައްޕަ ނުޤަބޫލުވާއިރަށް ހަނދާން ނައްތައިލަން ބޭނުންވަންޏާ ލޯބިވުމުގެ ކުރިން ބައްޕަގެ އިޒުނަ ނުހޯދީ ކީއްވެގެންތަ؟" ރީޝާގެ އަތުގެ ތެރޭގައި ޓީޝާޓް ބޮނޑިކުރަމުން، އޭނާ ވާހަކަދެއްކީ ދެދަތްޕިލަ ކާރުވަމުންނެވެ. ނަވީލަށް މަޑުޖެހެވުނެވެ. ލަސްލަހުން ރީޝާގެ އަތުން ދޫކޮށްލެވުނެވެ. ކުއްލިއަކަށް މާމަގެ ވާހަކަތަކުގެ މަތިން އޭނާ ހަނދާންވީއެވެ.

"އަހަންނަށް ތިހެން ހެދި ސަބަބު ބުނެދީ؟" ރީޝާ އަމުރުކުރިއެވެ.

ނަވީލް އިޚްތިޔާރުކުރީ ހިމޭންކަމެވެ. އޭނާ އިސްޖެހިގޮތަށް އިސްއުފުލައި ބަލައިވެސް ނުލިއެވެ.

"ތީ ބޮޑު ފިނޑިއެއް." ނަވީލް ފަހަތަށް ކޮށްޕައިލަމުން ރީޝާ ބުންޏެވެ. "ތީ ހަމަ ބޮޑު ފިނޑިއެއް. ލޯބިވާން ކެރެންޏާ ހަނދާން ނައްތައިލަންވީ ސަބަބު ވެސް ބުނެދޭން ކެރޭނެހާ ހިތްވަރު ހުންނަންޖެހޭނެ."

"އެ ވާހަކަ އަޑުއަހާނެހާ ހިތްވަރެއް ރީޝްގެ ނުހުންނާނެ." މަޑުމަޑުން އިސްއުފުލައިލަމުން ނަވީލް ވާހަކަ ދެއްކީވެސް އެހާ މަޑުންނެވެ. "މީ މަ ބޭނުންވާ ގޮތެއްނޫނޭ. ކޮންމެ އާއިލާއެއްގައި ވެސް ސިއްރުތަކެއް އޮވޭ. އެގޮތުން މިއަދާ ހަމައަށް އައި އިރުވެސް މަށަށް އެކަން ސިއްރުވެފައި އޮތީ. އެ ވާހަކަ ކިޔައިދޭން ހިތަށް އެރިޔަސް ލަދުން މަރުވާވަރުވޭ. މަށަށް ކުޑަދުވަސްކޮޅެއް ދީ. ހުރިހާ ކަމެއް އޮޅުންފިލުވައިދޭނަން."

"މަށަކަށް ނެތް ވަގުތެއް ދެވޭކަށް." ރީޝާ އިންކާރުކުރިއެވެ. "މިރޭން މިރެޔަށް މިކަން ނިންމަންޖެހޭ. މަށަށް ވެސް ހަމަޖެހިލައިގެން އުޅޭނެ ފުރުޞަތު ބޭނުންވޭ. ނަވީލް އެހެންހެދީ މިހެންހެދީ ކީއްވެތޯ ވިސްނަން ބޯ ގޮއްވާކަށް ބޭނުމެއްނޫން. ނަވީލަށް އިޙްސާސްވޭތަ މިރޭ އެ ނިހާދު މަގޭ ޙަޤީޤީ ބައްޕައަކީ ރާއިދު އޭ ބުނެގެން މަ ބިރުގަތްވަރު. ނަވީލް ގެއްލިދާނެތީ ހާސްވިވަރު."

"އޭނ. ރީޝްގެ ބައްޕައަކީ އަހަރެންގެ ބައްޕައޭ؟" ނަވީލަށް ލިބުނީ ކުއްލި ޝޮކެކެވެ. ސުވާލުމާކުތަކުން އެ މޫނު ފުރުނެވެ.

"އަހަރެންގެ ބައްޕައަކީ ރާއިދެއް އަދި ނިހާދެއްވެސް ނޫން." ރީޝާ ބުންޏެވެ. "އެކަން އެނގުނީމަ އެންމެ ސިކުންތުކޮޅެއް ވެސް ބޭކާރުނުކޮށް ނަވީލް ހޯދަން އައީ. އަހަރުމެންނަށް ފުރުޞަތެއް އޮތްތޯ ބަލަން އައީ."

ކުއްލިއަކަށް ރީޝާއަށް ރޮވޭ ގޮތްވެއްޖެއެވެ. އޭނާގެ ކަރުނައިން ފުރިފައިވާ ދެލޮލުން ބަލައިލިއިރު ނަވީލް ހުރީ ޚިޔާލަކަށް ގެއްލިފައެވެ.

"އެކަމަކު މީ ހަމަ ފޫނެތް ފަޔަށް ފެންފުރުންފަދަ ކަމެއް. ބޭކާރުކަމެއް." ރީޝާ ކަރުނަ ފޮހެމުން، އެ ގެއިން ނުކުންނަން ދުއްވައިގަތެވެ. ރީޝާ ހުއްޓުވާކަށް ނަވީލް ނޫޅެއެވެ. އޭނާ އަދިވެސް ގާވެފައި ހުރީއެވެ.

"ދަރިފުޅުގެ އަސްލު ބައްޕައަކީ ނިހާދު." ނަވީލްގެ ސިކުނޑީގައި ގުގުމަމުން ދިޔައީ މާމަ ބުނި އެ ވިހަގަދަ ލަފްޒުތަކެވެ. އެހެނަސް މިހާރު އެ ލަފްޒުތައް މާމުޔަށްވުރެ ފޮނިހެން ނަވީލަށް އިޙްސާސްވާން ފަށައިފިއެވެ.

"އެހެންވީއިރު މި ގުޅުމަށް އެއްވެސް ހުރަހެއް ނެތް." ނަވީލަށް ޖޯޝާއެކު ބުނެވުނެވެ. ރީޝާ ކޮބައިތޯ ބަލައިލިއިރު ފެންނަން ނެތުމުން އޭނާ ބޭރަށް ނުކުތްއިރު ޖެހުނުތާ ލަކުނުވެސް ނެތެވެ. މަގުމަތީގައި ދިރޭ ފުރާނައެއްގެ ލިސާންވެސް ނުވެއެވެ. ކުރިމަތިން ފެންނަން އޮތް ފަޅުގޯތީގެ ތެރެއަށް ވަދެގެންދިޔަ ބޮޑު ބުޅާ ފިޔަވައެވެ. ނަވީލް ގެ ހުންނަނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައެވެ. ރީޝާ އުޅޭގެ ހުންނަނީ މަގުގެ އަނެއް ފަރާތުގެ ކަންމަތީގައެވެ. އެހާ އަވަހަށް ރީޝާ ގެއަށް ދިޔަގޮތާއި މެދު ސުވާލު އުފައްދަމުން އޭނާ އެ ގެއާ ދިމާއަށް ދިޔައީ، މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއްވޭތޯ ފާރަވެރިވަމުންނެވެ.

***

ރީޝާގެ މުށުތެރޭގައި އޮތް ތަޅުދަނޑި ފައްޗަށް ބަލައިލަމުން އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޚިޔާލު ބަދަލުނުވަނީސް އެ ތަޅުދަނޑިފަތީގައިވާ ރިޒްމާ ކޮޓަރީގެ ތަޅުދަނޑި ތަޅުވަޅަށް ކޮށްޕައިލިއެވެ. ދޮރު ހުޅުވައިލުމާއެކު ރިޒްމާ ދުވެފައި އައީ އަވިއްސެއް ހެންނެވެ.

"ރީޝާ ހާދަހާ ފޮނިބޯދުވެގެންނޭ ތިއުޅެނީ. މާ ހަޔާތްކުޑަވެގެން ނޫޅި ހަމަ މިހާރު މި ކޮޓަރިން ނުކުމޭ." ރިޒްމާ އަނެއްކާ ވެސް ރީޝާ އަތުގައި ހިފައި ކޮޓަރިން ބޭރުކުރަން އުޅުނެވެ. އެހެނަސް ރީޝާ އެ ފުރުޞަތެއް ނުދިނެވެ.

"ދައްތައަށް ވުރެ ހަޔާތެއް ކުޑައެއްނުވާނެ." ރިޒްމާގެ އަތް ފޮޅުވައިލަމުން ރީޝާ ރުޅިއައިސްފައި ބުންޏެވެ. "މީހެއްގެ ހުރި ޅަ ދަރިއަކު މާލެ ގެނެސް ފިރިމީހާއަށް ރޮލަށް ކާންދޭ އަންހެނަކު އެހެން މީހުންގެ ހަޔާތަށް ގޮވަން ލަދެއް ނުގަނޭތަ؟ ތިޔަށްވުރެ ގޮތްކުޑަ ހަޔާތްކުޑަ މީހެއް މި އުޑުދަށުގައި ވެސް ނުވާނެ. މަގޭ މަސައްކަތަށް ހުރަސްނާޅާ ކުރިމަތިން ދުރައްދޭ."

ރިޒްމާގެ އަތުގައި ހިފައި އެއްފަރާތަކަށް ހޫރުވައިލުމަށްފަހު، އަލަމާރިއާ ދިމާއަށް ރީޝާ މިސްރާބު ޖެހިއެވެ. އަލަމާރީގެ ދޮރުފަތް ހުޅުވައިލުމާއެކު ރިޒްމާ ދުވެފައި ގޮސް އެ ދޮރު ލައްޕައިލިއެވެ.

"ތިކަމެއް ކާމިޔާބު ވިޔަކަ ނުދޭނަން. ރީޝާ އެންމެފަހަރަކު ވެސް ވިސްނާލަބަލަ ޝިހާމު ނެތިއްޖެނަމަ އަހަރުމެންނަށް ޖެހޭނެ ހާލާމެދު." އަލަމާރީގެ ދޮރުފަތުގައި ރިޒްމާ ލެނގިލިއެވެ.

"މިކަން މިރޭ ނުކޮށެށް މި ކޮޓަރިއަކުން ނުނިކުންނާނަން." ރީޝާ އަޒުމު ވަރުގަދައެވެ. "ދައްތަ ރުހުމުގައި ތި އަލަމާރި ކުރިމަތިން ދުރަށްދާނީތަ؟"

ރީޝާއަކީ ރިޒްމާގެ ދަރިއެއްގެ އުމުރުގެ ކުއްޖެކެވެ. އެހެނަސް ބަލާބެލުމަށް ރީޝާގެ ސިއްޙަތު ރިޒްމާއަށްވުރެ ރަނގަޅެވެ. ރިޒްމާ ކަމީނާކޮށް ހުރި ނަމަވެސް ރީޝާ ފެންނަނީ އުމުރަށް ވުރެ ބޮޑު މީހެއްގެ ގޮތުގައެވެ. އެ ދެ މީހުން ހިފައިގަނެފިނަމަ ރީޝާގެ ކޮޅު މޮޅުވާނެކަން ރިޒްމާއަށް ވެސް ޤަބޫލުކުރެވެއެވެ. އެހެނަސް ރީޝާއަށް އެކަން ކާމިޔާބުވުމަށް ދޫކޮށްލައިފިނަމަ، ޝިހާމް މުޅި ދުނިޔެއަށް ބޭޒާރުވެ، އޭނާގެ ދަރިން ބިކަވާނެއެވެ. އެހެންވާކަށް ރިޒްމާ ބޭނުމެއްނޫނެވެ. ރީޝާއަށްވުރެ އޭނާއަށް މުހިންމީ އޭނާގެ ދަރިންނެވެ.

"ދުރަށްދާނީތަ؟ ނޫނީ ގަދަކަމުން ދުރުކުރުވަންވީތަ؟" ރީޝާ އަނެއްކާ ވެސް އެހިއެވެ. ރިޒްމާ މިފަހަރުވެސް ދެއަތަށް ބޯ ހޫރުވައިލަމުން އިންކާރުކުރިއެވެ.

ރީޝާއަށް މަޖުބޫރުވީ ބާރުގެ ބޭނުންކުރާށެވެ. ރިޒްމާ އަތުގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް އަލަމާރީގެ ދޮރުކައިރިން އެއްފަރާތްކޮށް އެ ދޮރުފަތް ހުޅުވައިލިއެވެ. ކަބަޑުގެ ތަޅުވަޅަށް ތަޅުދަނޑި ޖަހަން އުޅެނިކޮށް ރީޝާގެ އަތުގައި އޮތް ތަޅުދަނޑި ރިޒްމާ ޖަހައިގަތެވެ. ރީޝާ ގާތަށް އައި ރުޅިއާއެކު ރިޒްމާގެ ގަޔަށް ބޮލަށް އަރައިގަތެވެ. ރިޒްމާގެ އަތް ފުރަގަހަށް ލަންބައިލުމަށްފަހު އެ ތަޅުދަނޑިފަތި އަނބުރާ ހޯދުމުގައި އޭނާ ކާމިޔާބު ހޯދިއެވެ. ދެން ވެސް ރިޒްމާ މައިތިރިވާ ގޮތެއް ނުވިއެވެ. އެކަމަށް އޮތް ހައްލަކީ ރިޒްމާ ދެއަތް ބަނުންކަމުގައި ރީޝާއަށް ވިސްނުނެވެ. އެކަންކުރުމަށް އޭނާއަށް އުދަނގޫތަކެއް ތަޙައްމަލުކުރަން ޖެހުނެވެ. ރިޒްމާ އެނދުމައްޗަށް ވައްޓައިލައިގެން ކަކޫ ބުރިކަށީގައި ވިއްދައިގެން އިނދެ، ނުހަނު މަސައްކަތުން ރިޒްމާގެ ދެއަތް ފުރަގަހަށްވާ ގޮތަށް އެއްސިއެވެ. އަދި ދެފައި ވެސް ގުޑުވައި ނުލެވޭ ވަރަށް ބަނެވެ. ރިޒްމާ ކަސްތޮޅު އެޅުމުން ދެން އޭނާ ލަވަންފެށީ ހަޅޭކެވެ. ޝިހާމަށް ހޭލެވިގެން އަތުވެދާނެކަމުގެ ބިރު ރީޝާގެ ހިތުގައި އުފެދުނެވެ. އެހެނަސް އެ ހަޅޭކުގެ އަޑު ހުއްޓުވާކަށް ރީޝާއަކަށް ވަގުތެއް ނެތެވެ. އޭނާގެ ޚަރަކާތް އަވަސްކޮށްލިއެވެ. ކަބަޑު ހުޅުވައިލިއެވެ. އޭގައި އޮތީ ބޮޑު ދެ ސިޓީ އުރައެވެ. އޭގެތެރޭގައި އޮތީ ކޯއްޗެއްތޯ އޭނާ ނުބަލައެވެ. ޝިހާމަށް ހޭލެވުމުގެ ކުރިން އެ ސިޓީއުރަތައް ރައްކާތެރިތަނެއްގައި ރައްކާކުރުމުގެ ބޭނުމުގައި އޭނާ ކޮޓަރިން ނުކުތެވެ. ދެވުނީ ވަކި ހިސާބަކަށެވެ. ޝިހާމް ފެނުމާއެކު އޭނާގެ ދެފައިތިލަ ބިމުގައި ތަތްލައިފިއެވެ.

***

"ކާކު؟" ދޮރުގައި ޓަކި ދޭން ފެށި އަޑަށް، ރީޝާ ލިޔަމުންދިޔަ ވާހަކަ މެދުކަނޑާލައިފައި ސުވާލުކުރިއެވެ. ސުވާލުކުރި އިރުވެސް އޭނާގެ ހިތުގައި އޮތީ ނަވީލްގެ ނަމެވެ. ނަވީލް ދެކެ ރުޅި އައިސްގެން ގުޅަން ހިތަށްއެރި ނަމަވެސް އޭނާގެ ޚިޔާލު ފަހުން ބަދަލުވީއެވެ. ކޮންމެ އިންސާނަކަށް ވެސް އެމީހަކު ބޭނުންވާ ގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ލިބިގެންވާކަން އޭނާގެ ނަފްސަށް ވިސްނާދީފައި ވާހަކަ ލިޔަން ފެށީ ސިކުނޑީގައި ވި އުދާސްތައް ބޭރުކުރާށެވެ. ވާހަކަ ލިޔުމަކީ ވެސް ހިތާއި ހަށިގަނޑަށް ހަމަޖެހުން ގެނެސްދޭކަމެކެވެ. ތިމާގެ ކަންބޮޑުވުން ރައްޓެއްސަކާ ޙިއްސާކުރުންފަދަ ކަމެކެވެ.

"ނަވީލް." ވައި އަޑުން ނަވީލް ޖަވާބުދިން އަޑު ރީޝާއަށް އިވުނެވެ. ރީޝާ ލެޕްޓޮޕް ލައްޕައިލިއެވެ. އަދި ތެދުވެގެން ގޮސް ދޮރުކައިރީގައި ހުއްޓުނެވެ.

"ކީއްކުރަން ތި އައީ؟" ރީޝާއަށް ދެބުމަ ގޮއްޖަހައިލެވުނެވެ.

"ދޮރު ހުޅުވަބަލަ." ނަވީލް އެދުނެވެ.

"ކީއްކުރަންހޭ؟" ރީޝާ ހުރީ ނަވީލްދެކެ ވަރަށް ރުޅިއައިސްފައެވެ.

"ސޮރީ. ރީޝް ދެރަކޮށްލެވުނީތީ މާފަށް އެދެން." ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ނަވީލް ބުނެލިއެވެ. ރީޝާ ހިތްހަމަނުޖެހިފައި ހުރިކަން ނަވީލަށް އެނގުނު ކަހަލައެވެ. ރީޝާ މަޑުމަޑުން ދޮރުހުޅުވައިލުމާއެކު ވަގަކު ކޮޓަރިއަށް ދެމިގަންނާނެހާ ސިއްރުން ކޮޓަރި ތެރެއަށް ދެމިގަތެވެ. އަދި ހަމައެހައިމެ އަވަހަށް ދޮރުވެސް ލައްޕައިލައިފިއެވެ. ނަވީލް ކަޅި ޖަހައިނުލައި ރީޝާއަށް ބަލަން ފެށުމުން ރީޝާ ދުރަށް ނަޒަރު ބަދަލުކޮށްލިއެވެ.

"މިގަޑީގައި ކީއްކުރަން ތި އައީ؟" ރީޝާ ސުވާލުކުރިއެވެ.

"މާފަށް އެދެން. މި ހިތަށް ކެތްނުވީ އިރުއަރަންދެން މަޑުކުރަން ވެސް." ނަވީލް މަޑުމަޑުން ރީޝާއާ ގާތަށް ޖެހިލިއެވެ. އަދި ބުންޏެވެ. "އަހަރެން ވެސް ވަރަށް ލޯބިވޭ."

ނަވީލްގެ ޖަވާބު އަހާފައި ރީޝާގެ މެއަށް ފިނިވެގެން ދިޔައެވެ. އޭނާއަށް ސިހިފައި ނަވީލަށް ބަލައިލެވުނުއިރު ހިތުގެ ތެޅުންވެސް އަވަސްވެފައިވެއެވެ. އޭނާއަށް ލިބިފައިވި ނުތަނަވަސްކަން ވެސް އޮބިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހެނަސް ހަމައެހައިމެ އަވަހަށް އެ ނަފްސަށް ލިބުނު ހިތްހަމަޖެހުމުގެ މަތީގައި ރުޅިވެރިކަމުގެ ބޯ ފަރުދާއެއް އަޅައިލިއެވެ. އެހާ ފަސޭހައިން ނަވީލްގެ ބަހަށް ހެއްލިއްޖެކަން އަންގާކަށް ރީޝާ ބޭނުމެއް ނޫނެވެ.

"ތީ ލޯބިވާން އެނގޭ ފިރިހެނެއްތަ؟" ރީޝާ ހަށަންބަނދެލިއެވެ. "މާދަމާ އައިސް ބުނާނެ ހަނދާން ނައްތައިލާށޭ."

ރީޝާގެ މިޒާޖު ކޮންމެވެސް ވަރަކަށް އެނގޭތީ ރީޝާ ކަންކުރިގޮތް ނަވީލަށް ވިސްނުނެވެ. އެހެންކަމުން ނަވީލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.

"މަޖަލެއް ނޫނޭ." ރީޝާ ލޯ އަޅައިލިއެވެ.

"ރީޝް ރުޅިއައީމަ ވަރަށް ލޯބި." ނަވީލް ސަމާސާކޮށްލިއެވެ.

"ފިރިހެނުން ވަރަށް އުފާވާނެ އަންހެނަކު ރުޅިއަރުވާލެވުނީމަ." ރީޝާ ޖެއްސުމުގެ ރާގަކަށް ބުންޏެވެ. "އެހެންވީމަ މީހަކު ރުޅި އަޔަސް މަޖަލެއްނު ވާނީ. އަހަރެން ޤަބޫލެއްނުކުރަން ނަވީ މަދެކެ ލޯބިވާ...."

ރީޝާ ވާހަކަ ދައްކަދައްކާ ހުއްޓައި ނަވީލް ކުރިޔަށް ޖެހިލައިފައި ރީޝާގެ މޫނުގެ ދެފަރާތުން ހިފަހައްޓައިލިއެވެ. ދެން ކުއްލިއަކަށް ނަވީލް ކުރިކަމަކުން އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"އަހަރެން ލޯބިވާކަމަށް މިހާރު ޤަބޫލުކުރެވޭތަ؟" އަތް ތިރިކޮށްލައިފައި މަސްތީ އަޑަކުން ނަވީލް އެހިއެވެ. ކުއްލިއަކަށް ނަވީލްގެ ފަރާތުން އެ ލިބުނު ލުއިލުއި ހަދިޔާގެ ސަބަބުން ރީޝާގެ ބަސް ހުއްޓިއްޖެއެވެ. އެހެންކަމުން އޭނާއަށް ގަނޑުވެފައި ހުރެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"ސޮރީ. އެ ގަސްދުގައި ކުރިކަމެއްނޫން." ރީޝާ ހިތްހަމަނުޖެހުނީކަމަށް ހީކޮށް ނަވީލް މާފަށް އެދުނެވެ.

"އަހަރެންނަށް ދެރައެއް ނުދޭތި؟" ރީޝާއަށް ބުނެވުނެވެ. އޭނާ ހުރީ ހިތްހަމަނުޖެހިފައެއް ނޫނެވެ. އެހެނަސް ފިކުރުބޮޑުވެފައެވެ. ކަންބޮޑުވެފައެވެ. ނަވީލް އެހާ ވަރަށް ގާތްވެފައި ދުރުވެދާނެތީއެވެ. ލޯބިން ފިރުމާފައި ލަނޑެއް ދީފާނެތީއެވެ. އަދިވެސް މީހުންނަށް އިތުބާރުކުރަން ރީޝާއަށް އުނދަގުލީއެވެ.

"ދުވަހަކުވެސް ނުދޭނަން. އައި ޕްރޮމިސް." ރީޝާގެ ދެއަތުގައި ހިފައިލަމުން ނަވީލް ވަޢުދުވިއެވެ. ނަވީލްގެ ބޮޑުވައި އިނގިލިން ރީޝާގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ. ރީޝާ އަތަށް ނަޒަރެއް ދީފައި ނަވީލަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ސީދާވިއެވެ. އެކަކު އަނެކަކުގެ ދެލޮލަށް ޣަރަޤުވިއެވެ. އޭރު ދެހިތުގައި ވެސް ޖަހަނީ އެއް ވިންދެވެ. ކިޔެނީ އެއް ލަވައެކެވެ. އެންމެ ނާޒުކު ދަނޑިވަޅުގައި އެ ދެމެދަށް ޝައިޠާނާ ފާވިއެވެ. ހިލޭ ދެމީހުންގެ އެކަހެރި ބައްދަލުވުންތައް އިސްލާމްދީނުގައި ނަހީކުރެވިގެން ވަނީ އެހެންވެއެވެ.

މިފަހަރު އިސްނެގީ ރީޝާއެވެ. ޝައިޠާނާގެ ބަހަށް ހެއްލި ނަވީލަށް ވެސް އެކަމުގައި ޝާމިލްވެވުނީ ސަލާމަތް ނުވެވޭވަރަށެވެ. ހަރުފަތްތައް ގިރާކުރަމުން ގޮސް ދެ ޖިސްމު އޮއިގަދަ ކަނޑެއްގައި ބެހިގެންދާން ދޫކޮށްލެވުނީ ވިސްނައިލުމެއް ނެތިއެވެ. އެހެނަސް ކުއްލިއަކަށް އެ ގަދަކަނޑުން ބޮޑު ރާޅެއް ހިއްލައިލި ފަދައިން ޝިހާމްގެ ބިރުވެރި ސޫރަ ރީޝާއަށް ސިފަވެގެން ދިޔައެވެ. އެޔާއެކު ރީޝާ ތުރުތުރު އަޅަން ފެށިއެވެ. ނަވީލް ސިހިފައި ބަލައިލިއެވެ. އެވަގުތު ނަވީލްގެ މޭގައި ދެއަތް އަޅައިކޮށްޕައިލަމުން ރީޝާއަށް ފަހަތަށް ޖެހުވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ބާލީސް ގެނެސް މެޔާލައި ބޮނޑިކޮށްލެވުނުއިރު ނިތްކުރިމަތިން ދާތިކިތައް ވެސް ފައުޅުވާން ފަށައިފިއެވެ. ނަވީލް ވީ ކިހިނެއްތޯ ސުވާލުކުރުމާއެކު ރީޝާ އަމުރުކުރީ ކޮޓަރިން ނުކުތުމަށެވެ. ނަވީލަށް ގާތަށް ޖެހިލެވުނީ އަޖައިބުވެފައި ހުރެއެވެ. ރީޝާގެ ފައިގައި ނަވީލް އަތް ޖައްސައިލިއެވެ.

"މި ބުނީނު މަ ގައިގަ. އަތްލައިގެން ނުވާނޭ." ރީޝާ ދެފައި ކުރުގަޅުވައިލަމުން ބުންޏެވެ. "މަ ގައިގަ އިނގިލިކުރި ވެސް ޖައްސައިލައިގެން ނުވާނެ. ދުރަށްދޭ."

"އޯކޭ. އޯކޭ." ނަވީލް ކޮޅަށް ތެދުވިއެވެ. އޭރު އެ ސިކުނޑީގައި ފުނިޖެހެމުން ދިޔައީ ބިރުވެރި ސުވާލެކެވެ. ރީޝާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުއްޖަކީ ހެއްޔެވެ؟ ރީޝާގެ މިޒާޖަށް އައި ކުއްލި ބަދަލުގެ ސަބަބުން ނަވީލަށް ވިސްނުނީ އެހެންނެވެ. އޭނާއަށް ފިރިހެނުންނަށް އިތުބާރުކުރަން އުނދަގޫވާ ސަބަބާމެދު ވިސްނައިލުމުން އެއީ ތެދުކަމުގައި ހީވާންފެށިއެވެ. އެހެނަސް އެ ނާޒުކު ހާލަތުގެ ގޮތުން ނަވީލް އެކަން ތަޙްޤީޤުކުރާކަށް ނުހަދައެވެ. ނަވީލް ނުކުމެގެން ދިޔައިރު ނިހާދާއި މެދުވެސް އެހިތުގައި ޝައްކު އުފެދިއްޖެއެވެ. ނިހާދުދެކެ ރީޝާ ރުޅި އަންނަ ސަބަބަކީ އެއީ ކަމުގައި ވެދާނެބާއެވެ؟

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އފ

    ޖިންނި އެއް ވެސް އުޅޭ ދޯ މި ވާހަ ކައިގަ

    • ސިކުންތު ކަށި

      އާނ..!އެއީ ރީޝާގެ މަދަދުގާރު.. އެއީ ހާދަ ރަނގަޅު ޖިންނިއެކޭ.

  2. ޒީ

    ނިޝާންގެ ވާހަކަތައް ވަރަށް ރީތި

  3. ކޮތަރު

    މުޅިންވެސް އުޅެނީ ޖިންނި. އިންސާނުންގެ ގިންތީގައިވާ އެކަތިވެސް ނޫޅޭ.

  4. ފާތުން

    ނިޝާންގެ ވާހަކަތައް ވަރަށް ރީތި. އަދި ކިރިޔާ މިވާހަކަ މިކިޔާލީ. ވަރަށް ރީތި. ތަންކޮޅެއް ދިގުކޮށްގެނެސްދީބާ އެނެއްޕާޓް

  5. Anonymous

    ޝިހާމްމެން ގޭގަ އެއުޅެނީ ޖިންނިތަ

  6. ޫުހިން

    ޝިހާމް މެން ގޭގަ އެއިޅެނީ ޖިންނިތަ

  7. ޚަނޮ

    ޥަރަސަލި

  8. ލަލަ

    ކޮބާތަ އަނެއްބއި؟