ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި ކައިވެނި ޕާޓީތައް ބޭއްވުން މަނާކޮށްފައި އޮތުމަށް ފަހު ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން ކަައިވެނި ޕާޓީތައް ބޭއްވުމުގެ ހުއްދަ ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ ދީފައެވެ. މިހުއްދައިގެ ދަށުން ޕަންޖާޕްގައި ކައިވެނި ކުރި ދެމަފިރިއަކު ކައިވެނި ކުރިއިރު، މާސްކް ނާޅައި ތިބުމުން 10000 ރުޕީސް އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކައިވެނި ކުރި ދެމަފިރިންގެ އިތުރުން، އެމީހުންގެ ގާތް ބައެއް މީހުން ބައިވެރިވި ހަފްލާގައި އެއްވެސް މީހަކު މާސްކް ނާޅައި ތިބުމުން އެމައްސަލައިގައި ދެމަފިރިންގެ މައްޗަށް ބޮޑު ޖޫރިމަނާއެއް އައީ އަމިއްލައަށް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ސަބަބުންނެވެ.

ދެމަފިރިން ކޯޓަށް މައްސަލައެއް ހުށަހެޅީ އާއިލާގެ ނުގަބޫލުގައި އެމީހުން ކައިވެނި ކުރިކަމަށް ބުނެ، އަންހެން ކުއްޖާގެ މައިންބަފައިން ކައިވެނި ހަފްލާގައި ހިންހަމަނުޖެހުން ފާޅުކޮށް، ބިރުދެއްކި ކަމަށް ބުނެއެވެ. އެކަން ސާބިތުކުރުމަށް ދެމަފިރިން ވަނީ ކައިވެނި ހަފްލާގެ ފޮޓޯތަކެއް ކޯޓަށް ހުށަހަޅާފައެވެ.

މައްސަލައިގެ ޙުކުމް އިއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރު ކައިވެނީގެ ހަފްލާތައް ބާއްވާއިރު އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ކައިވެނި ކުރި ދެމަފިރިން ވެސް އަދި އެހަފްލާއަށް ހާޒިރުވި އެހެން މީހުން ވެސް ހިލާފު ވެފައިވާކަން ފެންނަން ހުރި ފޮޓޯތަކަށް ބެލުމުން އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

މައިންބަފައިންގެ ނުރުހުމުގައި ކައިވެނި ކުރުމުން ބިރުދައްކާ ކަމަށް ބުނާ މައްސަލައިގައި ކޯޓުން ނިންމީ ދެމަފިރިންނަށް ފުލުހުން ހިމާޔަތް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު