ސ. ހުޅުދު އަށް އުފަން އުމުރުން 23 އަހަރުގެ މުހައްމަދު މިބްސަލްއަކީ ކުރެހުމަށް ކުޑަ އިރުއްސުރެ ޚާއްސަ ޝައުގުވެރިކަމެއް ހުންނަ ކުއްޖެކެވެ. އޭރު އޭނާގެ ކުރެހުންތަކުން ފެންނަން ހުރީ ކާޓޫން ކެރެކްޓަތަކެވެ. އެގޮތުން ތަންޑަކެޓްގެ ކެރެކްޓަތަކާއި ތާޒަން ފަދަ ކެރެކްޓަތައް އޭނާގެ ކުރެހުންތަކުގެ ތެރޭގައި އެބަހުއްޓެވެ.

ކުރެހުމުގެ ދުނިޔެއަށް ވަރަށް ކުޑައިރުއްސުރެ ޝައުގުވެރިކަން އުފެދުނު މިބްސަލް ކިޔައި ދިން ގޮތުން އޭނާގެ އާއިލާގެ އެހެން މީހުން ވެސް ކުޑަ އިރު ކުރަހާ އުޅެއެވެ. ގޭގައި އިންޓަނެޓް ނޫނީ ކޮމްޕިއުޓަރެއްވެސް ނެތުމާއެކު ހުސް ވަގުތު ހޭދަކުރަން އެންމެ ކަމުދާ އެއްގޮތަކީ ކުރެހުންކަމަށް މިބްސަލް ކިޔައި ދިނެވެ.

" ކޮންމެވެސް ވަރެއްގެ ވާދަވެރިކަމެއް ވެސް އޮވޭ. ބަލަނީ އެކަކަށް ވުރެ ރީތިކޮށް އަނެކަކު ކުރެހޭތޯ. ހުންނާނެ ކާޓޫން ޕޯސްކޮށްގެން ވެސް ކުރަހާފައި. ޕްރައިމަރީ ސްކޫލް ޖޭއެސްގައި އުޅުނު އިރު ބައެއް މުބާރާތްތަކުގައި ވެސް ބައިވެރިވިން. ހުންނާނެ ބައެއް ވަނަ ވެސް ލިބިފަ،" މިބްސަލް ކިޔައިދިނެވެ.

މިބްސަލް ކުޑަ އިރު ކުޑައިރު ކުރަހާފައިވާ ކުރެހުންތައް: ފޮޓޯ މިބްސަލް

ކުރެހުމުގެ ވައްޓަފާޅި ދަސް ކުރުމަށް އެތައް ވަގުތެއް ކުރެހުމުގައި ހޭދަ ކުރި މިބްސަލް އެންމެ ގިނައިން އޭރު ކުރެހީ ޕޮކެމޮން ކާޓޫން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ސެކަންޑްރީ ސްކޫލް ފެށުނު ހިސާބުން ކުރެހުމުގެ ކަންކަން ކޮންމެވެސް ވަރަކަށް މަޑުޖައްސާލީ ކަމަށް އެނާ ބުންޏެވެ.

އަހަރުތަކެއްގެ މެދުކެނޑުމަށް ފަހު ދެން އޭނާ ކުރަހަން ފެށީ އޭނާ އޭލެވެލް ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްކޮޅެވެ.

"އެ ފަހަރު ކުރަހަން ފެށި އިރު އަޅުގަނޑު އަތުގައި ވަރަށް ބައިވަރު ކުރަހާ ސާމާނު ހުރި. މީގެކުރިން ދުވަހަކު ވެސް ބޭނުންކޮށްފައި ނުވާ އެއްޗެހި ބޭނުން ކުރުމުގެ ފުރުސަތު ލިބުނު. ދެން ހިތަށް އެރި ވަރަށް ޑީޓެއިލްކޮށް ރިއަލިސްޓިކްކޮށް ކުރަހަން ފަށަންވީއޭ،" އޭނާ އަލުން ކުރެހުމަށް ޝައުގުވެރިވި ގޮތް ކިޔައިދެމުން މިބްސަލް ބުންޏެވެ.

މިބްސަލް ކުރަހާފައިވާ ބައެއް މީހުންގެ ކުރެހުންތައް

މިބްސަލްގެ ކުރެހުންތައް މީސްމީޑިއާއަށް ދޫކޮށްލުމުން އޭނާ އަށް އެތައް އާންމުންނެއްގެ ތައުރީފް ވަނީ ލިބިފައެވެ. ބަލާ ބެލުމަށް އޭނާ ކުރަހާ ކުރެހުންތައް ވަރަށް އަސްލާ އެއްގޮތްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އޭނާ ކުރަހާފައިވާ މީހުންގެ ފޮޓޯތައް ބޮޑަށް ވައްތަރީ ކަޅާ ހުދު ފޮޓޯތަކަކާއެވެ.

ކުރެހުމުގެ މި ހުނަރަކީ މިސްބަލްއަށް ގުދުރަތުން ދެއްވި ހުނަރެކޭ ވެސް ބުނެވިދާނެއެވެ.

ސަބަބަކީ އޭނާ މިހާތަނަށް ވެސް އެއްވެސް ތަމްރީނެއް ދާއިރާއިން ހާސިލްކޮށްފައިނުވުމެވެ.

އޭނާ އަކީ އަމިއްލަ އަށް ކުރަހަން ދަސްކޮށް، އަމިއްލައަށް އެ ހުނަރު ކުރިއަރުވާ ޒުވާނެކެވެ.

މިބްސަލް ބުނީ ކުރަހަން އެންމެ އުނދަގޫވީ ކުރަހަން ބޭނުންވާ ބައެއް ސާމާނު މާލެއިން ނުލިބުމުން ކަމަށެވެ. ގިނަ ފަހަރު ޖެހެނީ ސާމާނު ބޭރުން އޯޑަރު ކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.

މިބްސަލްގެ ކުރެހުންތަކުގެ ތެރެއިން އޭނާ އަށް އެންމެ ކަމުދާ ކުރެހުމަކީ ކޮބާތޯ ސުވާލުކުރުމުން އޭނާ ބުނީ އެއީ އޭނާ ކުރެހި ނެލްސަން މަންޑޭލާގެ ފޮޓޯއެއް ކަމަށެވެ.

އެއީ އެ ކުރެހުން އޭނާ ކުރިން ކުރެހި ކުރެހުންތަކާ އަޅާ ބަލާ އިރު ރަނގަޅުވުމުން ކަމަށް މިސްބަލް ބުންޏެވެ.

މަންޑޭލާގެ އެ ކުރެހުމަކީ މިބްސަލް އެންމެ ގިނަ ވަގުތު އެ ކުރެހުމަކަށް ހޭދަ ކުރި ކުރެހުންވެސް މެއެވެ. އެ ކުރެހުމަށް ފަސް ދުވަސް ހޭދަވި އިރު ދުވާލެއްގެ މައްޗަށް އެ ކުރެހުމަށް އޭނާ އެއް ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކުރިއެވެ.

މިބްސަލްގެ އުންމީދަކީ ގިނަ ވަގުތު ފޯނާއި މީސްމީޑިއާގައި ހޭދަކުރުމުގެ ބަދަލުގައި ލިބިފައިވާ ހުނަރުތައް ދިރުވާ އާލާކުރަން މަސައްކަތް ކުރުމެވެ.

މިބްސަލް ވަނީ މިހާރުވެސް އާޓިސްޓުންނަށް އެކަށީގެންވާ ފަދަ މާހައުލެއް ނެތް ކަމަށް ފާހަގަކޮށްފައެވެ.

" މިހާރުވެސް ވަރަށް ކޮޕީރައިޓް އިންފްރިންގްމެންޓް މައްސަލަ އެބަ ދިމާވޭ. އެއް އާޓިސްޓެއްގެ އޮރިޖިނަލް މަސައްކަތް އަނެއް ފަރާތަކުން ހުއްދަ ނެތި ބޭނުންކުރުން އެއީ އަސްލު އާޓިސްޓް ވަރަށް ޑީމޯޓިވޭޓް ވާ ކަމެއް." އޭނާ ބުންޏެވެ.

މިބްސަލް އަކީ ކުރެހުމުގެ އިތުރުން ކޮމްޕިއުޓަ ސިސްޓަމްތައް ކަސްޓަމްކޮށް ހެދުމަށް ޝައުގުވެރިވާ މީހެކެވެ. އެގޮތުން އޭނާ ވަނީ ދާދިފަހުންވެސް ކަސްޓަމްކޮށް ގޭމިން ކޮމްޕިއުޓަތައް ތައްޔާރުކޮށްދީފައެެވެ.

މިބްސަލް ބުނާ ގޮތުން އޭނާގެ މަސައްކަތަށް އަބަދުވެސް އާއިލާ އާއި ރަހުމަތްތެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ.

" އުންމީދަކީ ވީހާވެސް ގިނަ ވައްތަރުގެ އާޓް އެކްސްޕްލޯ ކުރުން. ވަރަށް އަވަހަށް ޑިޖިޓަލް އާޓް ކުރަހަން ފަށާނަން. އަދި އެކި ވައްތަރުތަކުގެ ޕެއިންޓިން ޓްރައި ކުރުމަކީވެސް އަަބަދުވެސް ބޭނުންވާ ކަމެއް." އޭނާ ބުންޏެވެ.

ކުރެހުމުގެ ދާއިރާއިން މިހާތަނަށް މިބްސަލްއަށް މުޅިން ވެސް ލިބެނީ އޭނާ ވަރަށް ގަޔާވާ ފަދަ ކޮމެންޓްތައް ކަމަށް އޭނާ ބުނެއެވެ.

އަދި ވަރަށް ގިނަ މީހުން އޭނާ ކައިރީގައި ކުރެހުންތައް ކުރަހައިދޭން އެދޭ ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޮޓް

    ބޮޓު މިއްބެ މީ މޭން އެކޭ

    12
    2
  2. ޢަބުޅޮ

    ސޫރަ ކުރެހުން ޙަރާމް ކަމެއް ނޫންތޯ؟

    33
    6
  3. ފައިރޫޒް

    ވަރަށް ރީތި ވަރަށް މޮޅުކުރެހުންތެރިއެއް..ކަލަރ ޕެއިންޓް އެއް ފެންނާނެ ކަމަށް އުންމީދުކުރަން..

    18
    2
  4. ބާރީ

    ސަޅި

    15
    2
  5. ?

    ކޮންމެސް ކުއްޖެއް ބުނެދީބަލަ ސޫރަ ކުރެހުމަކީ ކޮންކަހަލަ ކަމެއްކަން ވަރަށް ގިނަ މީހުން ބުނޭވިއްޔާ ސޫރަކުރަހާކަށް ނުވާނޭ.?
    މާޝާﷲ♥️? މިބްސަލްގެ ކުރެހުންތައް ވަރަށް ރީތި. މިބްސަލްއަށް ކާމިޔާބު މިންވަރުކުރައްވާށި❤️

    19
    1
    • ހުދުހުދު

      އެއީ ﷲ ސުބުހާނަހޫ ވަތައާލާ ހަރާމް ކުރައްވާފައިވާ ކަމެއް.

      24
  6. ނައުސާދު

    ކުރެހުންތަށް މޮޅު އެކަމު ހައިރާންވާވަރެއް ނޫން....

    11
    12
    • ތީނަ

      ކަޑަނުވެބަ

  7. މުހައްމަދު މުދުހިޝް Mudhish

    ގުދުރަތުން ދެއްވި އެއްޗެއް ނޫނީ އެކަކަށްވެސް ނުލިބޭނެ. ގުދުރަތާ ދެކޮޅަށް އެއްވެސް އެއްޗެއް ހާސިލެއް ނުކުރެވޭނެ. ބުނަން ރަނގަޅީ ތޮބީއީ ގޮތުން ލިބިފައިވާ ހުނަރެކޭ.

  8. ވާއިލް

    މީނާ އަށް ކުރަހަންވެސް އިންގޭ ދޯ

  9. ބޮޓު ހޫދު

    ވެރީ ރީތި ބަޓް ކޭން ޑޫ ބެޓާ