ކޮވިޑް-19 އާ ހެދި މިހާރު ސްކޫލްތަކުގެ ކްލާސްތައް ހިންގަމުން ދަނީ އޮންލައިން ކޮށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މިކަން މިގޮތަސް ކުރަމުން އަންނައިރު، މިފަދަ ކްލާސްތަކުގައި ބައިވެރިނުވެވޭ އެތައް ކުއްޖެއް އެބަ ތިއްބެއެވެ. ހާއްސަކޮށް ފަގީރު އާއިލާތަަކަށް ނިސްބަތްވާ މީހުންނާއި، ކޮންމެވެސް ކަމެއްގެ ސަބަބުން ޓީވީ ނޫނީ ފޯނު ލިބެން ނެތް ކުދިންނެވެ.

މިއީވެސް އެގޮތަށް ދިމާވި ކުއްޖެކެވެ. އިންޑިއާގެ ކެރެލާގެ ސްކޫލެއްގައި ގްރޭޑް 10ގައި ކިޔަވަމުންދިޔަ މި ކުއްޖާ މި ވަނީ އޮންލައިން ކްލާސްތަކުގައި ބައިވެރިވެވޭނެ ގޮތެއް ނެތުމުން، އަމިއްލައަށް މަރުވެފައެވެ.

އަމިއްލައަށް މަރުވުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫނެވެ.

އެ ކުއްޖާ އަމިއްލައަށް މަރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ ކެރެލާގެ ސަރުކާރުން ސްކޫލް ދަރިވަރިންނަށް ވާޗުއަލް ކްލާސްތައް ފެށި ދުވަހެވެ. އެ ކްލާސްތައް ކުރިއަށް ގެންދާގޮތަށް އޮތީ ޓީވީ ޗެނަލް މެދުވެރިކޮށްންނާއި، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.

އެހެން ނަމަވެސް ޑިވިކާ ނަމަކަށް ކިޔާ މި ކުއްޖާއަށް ކްލާހަށް އެޓެންޑްވެވޭ ގޮތެއް ނުވިއެވެ. އެއީ އެގޭގެ ޓީވީ މަސައްކަތް ނުކުރާތީ އާއި، އޭނާގެ ބައްޕައަކީ ދުވަހު މުސާރައަށް މަސައްކަތް ކުރަމުންދާ މީހެއް ނަމަވެސް، އޭނާއަށް މަސައްކަތެއް ނުލިބި އުޅޭތާ ދެ މަހެއްހާ ދުވަސް ވެފައިވާއިރު، ގޭގައި ސްމާޓް ފޯނެއްވެސް ނެތުމުންނެވެ.

ކެރެލާގެ ގިނަ ކުދިންތަކެއް އެ ދުވަހު ޓީވީ މެދުވެރިކޮށް ނޫނީ ފޯންތައް މެދުވެރިކޮށް ކްލާސްތަކުގައި ބައިވެރިވިއެވެ. އެކަމާ ޑެވިކާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން ގެއިން ބޭރަށް ދިޔަ ގޮތަށް އެނބުރި ނައެވެ. އާއިލާއިން އޭނާ ހޯދަން ފެށީ އޭނާ ގެއަށް ނާންނަތާ އެތައް އިރެއް ވުމުންނެވެ.

އެންމެ ފަހުން އޭނާގެ ހަށިގަނޑު އާއިލާއަށް ފެނުނީ ގެއާއި 200 މީޓަރު ދުރުގައި އޮއްވާއެވެ. އޭނާގެ ކައިރީގައި ދެ ކެރޯސިން ފުޅިވެސް އޮތެވެ.

ފުލުހުންނަށް ވަނީ ޑެވިކާގެ އަމިއްލައަށް މަރުވުމުގެ ކުރިން ލިޔުނު އެންމެ ފަހު ނޯޓުވެސް ހޯދާފައެވެ. އޭގައި އޮތީ "އަހަރެން ދަނީ ކަމަށެވެ".

ދެވިކާގެ ބައްޕަ ބުނިގޮތުގައި، އޭނާ ބަލިކޮށް އުޅޭތީ އާއި، މަސައްކަތެއް ލިބެން ފުށުމާއެކު ޓީވީ ހަދައިދޭނެކަން އޭނާ ދަރިފުޅަށް އެންގިއެވެ.

މި ހާދިސާއާ ގުޅިގެން ކެރެލާގެ އެޑިއުކޭޝަން މިނިސްޓަރ ވަނީ، އެކަމުގެ ތަހުގީގު ރިޕޯޓް ހޯދާފައެވެ. އަދި އޭނާ ވަނީ އޮންލައިން ކްލާސްތައް ހުރިހާ ދަރިވަރިންނަށް ލިބޭނެ ގޮތް މަގުފަހި ކުރާނެ ކަމުގެ ޔަގީންކަން ދީފައެެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

..............................................................................................................................................................................................

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔސރ

    އިސްލާމް ދީނުގެ ނިޢުމަތަށް ﷲ އަށް ޙަމްދާ ޝުކުރު ހުރި
    މުސްލިމުންނަށް ކޮންފަދަ ބަލާއާ މުސީބާތް ތައް ކުރިމަތިވާ އިރު ވެސް ސާބިތު ވެ ކެތްތެރިކަން މަތީ ތިބެނީ