ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު ބޮޑެތި ވައްކަންތައް ވެސް މީހުން ކުރެއެވެ. ނަމަވެސް އެހެން ބައެއްގެ ގެއެއް ވިއްކާލައިގެން ފައިސާ ހޯދުމަށް މަކަރާއި ހީލަތުގެ އަމަލެއް ހިންގުން މިއީ އާއްމުކޮށް މީހުން ކޮށްއުޅޭ ޒާތުގެ ކަމެއް ނޫނެވެ. އިނގިރޭސިވިލާތުގައި ދިރިއުޅޭ ދެމީހެއްގެ ވާހަކަ މީޑިއާތަކުގެ ސުރުހީއަށް އަރާފައި ވަނީވެސް އެހެން ވެގެންނެވެ.

އުމުރުން 63 އަހަރުގެ ހަޝޯކް ޕަރްމާ އާއި އާއި އުމުރުން 46 އަހަރުގެ ސައިދު އަލީ ވަނީ ތިން ގެއެއް ވިއްކާއިގެން ތިން މިލިއަން ޕައުންޑް ހޯދުމުގެ ހުރިހާ ކަމެއް ލިޔެކިޔުންތަކުން ނިންމާފައެވެ. ނަމަވެސް އެޑްވާންސް ފައިސާގެ ގޮތުގައި ނެގި 240000 ޕައުންޑް ފިޔަވައި އިތުރު ފައިސާއެއް އެމީހުންނަކަށް ނުލިބުނެވެ.

ތިން ގެ "ވިއްކާލައިގެން" މަހުޖަނުންނަށް ވުމަށް އެމީހުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމުގެ ކުރިން ދެމީހުންގެ ވައްކަން ބޭޒާރުވެ ފުލުހުންގެ ބަންދަށް ދާން ޖެހުނެވެ. އެންމެ ފަހުން އިއްޔެ ކޯޓުން ވަނީ ކޮންމެ މީހަކު ވެސް ހަ އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި ހަޝޯކް އާއި އަލީ އެހެން މީހުންނަށް ގެތައް ވިއްކަން މަސައްކަތް ކުރީ ލިޔެކިޔުންތަކެއް ބަދަލު ކޮށްގެންނެވެ. އެހެން މީހުންގެ ގެތައް އެއީ ހަޝޯކް އާއި އަލީގެ ގެތަކެއް ކަމަށް ދެއްކުމަށްޓަކައި އެމީހުން ވަނީ ލިޔުންތަކެއް ފޯޖް ކޮށްފައެވެ.

މިދެމީހުންނަކީ ޤާނޫނީ ލަފާދޭ، އަދި ބައެއް ޤާނޫނީ މަސައްކަތް ކޮށްދޭ އޮފީހެއްގައި މަސައްކަތް ކުރަމުން އައި ދެމީހުންނެވެ.

ދެމީހުން ޖަލަށް ލުމަށް ކުރި ޙުކުމާއި ގުޅޭ ގޮތުން އެމީހުންގެ ވަކީލުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު