ކޮވިޑް-19 އާ ގުޅިގެން ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މީހުން ރައްކާތެރިވުމަށް ބޭނުން ކުރާ ޕީޕީއީ (ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް) ލައިގެން ދެކުނު އެފްރިކާގެ ސުޕަ މާކެޓަކަށް ހަތިޔާރާއެކު ބަޔަކު ވަދެ އެ ތަނުން ވައްކަންކޮށްފިއެވެ.

އެމީހުން ވައްކަން ކޮށްފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ ޑުރްބާންގައި ހުންނަ ސްކޮޓްސްވިލް މޯލް އިން ކަމަށާއި އެމީހުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އެގޮތުން އެމީހުން ވަނީ އެގައުމުގެ 200،000 ރޭންޑް (11،800) އެމެރިކާ ޑޮލަރު ވަގަށް ނަގައިފައެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ ފިހާރައަށް ވަން އިރު ހުރީ ކޯޓު، މާސްކު، އަންގި ފަދަ ތަކެތި އަޅައިގެންނެވެ. ވައްކަން ކުރަން ވަދެ އެއްވެސް ގޮތަކަށް އެމީހުން ހަތިޔާރު ބޭނުން ކޮށްފައިވާ ނުވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

ޕީޕީއީ އަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ތަކެތި ނަމަވެސް ބައެއް ގައުމުތަކުގައި މިފަދަ ތަކެތި ބޭނުން ކޮށްގެން ބައެއް މީހުން އަންނަނީ ކުށްތަކަށް އަރައިގަންނަމުންނެވެ.