އެމެރިކާގައި މިހާރު ކުރިޔަށްދާ ސިލްސިލާ މުޒާހަރާތައް ތެރެއިން، އެރިޒޯނާގެ މޯލަކަށްވަދެ އެތަން ލޫޓުވި މައްސަލައިގައި މަޝްހޫރު ޔޫޓިއުބަރ އަދި އެކްޓަރ، ޖޭކް ޕައުލް އަށް ދައުވާކޮށްފިއެވެ.

އުމުރުން 23 އަހަރުގެ ޖޭކް އަށް ދައުވާކޮށްފައިވާކަން ފުލުހުން ނޫސްތަކުގައި ވެސް ހާމަކޮށްފައި ވާއިރު، އެފަރާތްތަކުން ބުނެފައި ވަނީ އޭނާގެ މައްޗަށް ދެ ދަޢުވާއެއް އުފުލާފައިވާ ކަމަށެވެ. އެގޮތުން ޤަވާއިދާ ޚިލާފު އެއްވުމެއްގައި ބައިވެރިވެ އާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާ މިހާރު އޭނާއަށް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ޖޭކް މި އަމަލު ހިންގި ވަގުތު ނަގާފައިވާ ގިނަ އަދަދެއްގެ ވީޑިއޯތައް މިހާރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ވީޑިއޯތަކުން، އޭނާ އެ ސަރަޙައްދުގައި އުޅުނީ މުޒާހަރާގެ ބައިވެރިއެއްގެ ގޮތުގައިކަން ހާމަވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އަދި މޯލު ލޫޓުވުމުގައި އޭނާ ބައިވެރިވި މަންޒަރުފެން ވީޑީއޯތަކުން ފެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖޭކްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާއި ގުޅިގެން އޭނާ އަންނަ މަހުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މައްސަލައިގައި ޖޭކްގެ މައްޗަށްކުރާ ދަޢުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް ޖަލު ޙުކުމެއް އަންނާނެއެވެ.

މުޒާހަރާ ތެރެއިން ޖޭކް މޯލެއް ތެރެޔަށް ވަދެއުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވުމާއި ގުޅިގެން މީގެ ކުރިން އޭނާ ވަނީ އެކަމަށް ޖަވާބުދާރީވެސް ވެފައެވެ. އެގޮތުން މޯލަށް ވަދެފައި ވަނީ އެތަން ލޫޓުވުމަށް ނޫން ކަމަށާއި އޭނާ އެ ސަރަޙައްދުގައި އުޅުނީ މުޒާހަރާގެ ވީޑިއޯތައް ނެގުމަށް ކަމަށް ޖޭކް ބުނެފައި ވެއެވެ.

ޖޭކް ބުނެފައި ވަނީ އޭނާ މުޒާހަރާގައި ބައިވެރިވީ ނަމަވެސް ތަންތަނަށް ގެއްލުން ދިނުމުގައި ބައިވެރިނުވާ ކަމަށެވެ. އަދި މުޒާހަރާގައި އޭނާ ބައިވެރިވީ ސުލްޙަވެރިކަމާއެކު ޝުޢޫރު ފާޅުކުރުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.