އެމެރިކާގައި ދާދިފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަނިޔާވެރި ގޮތަކަށް މަރާލި ކަޅުނަސްލުގެ މީހާ، ޖޯޖް ފްލޮއިޑް އާއި މިފަދަ އަނިޔާވެރި ގޮތަކަށް ފުލުހުންގެ އަނިޔާ ލިބިގެން މަރުވެދިޔަ އިތުރު ދެމީހެއްގެ އާއިލާއަށް، މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ގެ ފަރާތުން ދެމިލިއަން އެމެރިކާ ޑޮލަރު (30.8 މިލިއަން ރުފިޔާ) ހަދިޔާކޮށްފި އެވެ.

މި ފައިސާގެ އެހީތެރިކަމުގެ އިތުރުން ކާންޔޭ ވަނީ ފްލޮއިޑްގެ އުމުރުން 6 އަހަރުގެ އަންހެން ދަރިފުޅު، ގިއާނާ ފްލޮއިޑްގެ ކުރިޔަށް އޮތްތަނުގެ ސްކޫލް ފީ އާއި ޓިއުޝަންގެ ހުރިހާ ފީއެއް އޭނާގެ ޚަރަދުގައި ދެއްކުމަށް ނިންމާފައެވެ.

ފްލޮއިޑްގެ އިތުރުން ކާންޔޭ އެހީތެރިވެފައި ވަނީ މިއަހަރުގެ ކުރީކޮޅު އެމެރިކާ ފުލުހުން މަރާލި ކަޅު ނަސްލުގެ ދެ މީހެއް ކަމަށްވާ އަހްމަދު އަރްބަރީ އާއި ބްރެއޯނާ ޓެއިލާގެ އާއިލާއަށެވެ. މި ދެމީހުން ވެސް މަރުވެފައި ވަނީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުން ބަޑިން ދިން ހަމަލާތަކުގައެވެ.

ކާންޔޭ މި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ، ކަޅުނަސްލުގެ މީހުންނާއި ދެކޮޅަށް އެމެރިކާ ފުލުހުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް އެޤައުމުގައި ގިނަ ބަޔަކު އަޑުއުފުލައި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި މައްސަލަތައް ހޫނުވެ މުޒާހަރާތައް ފެށިފައި ވަނީ، މީގެ 9 ވަރަކަށް ދުވަސް ކުރިން އެމެރިކާގެ މީނިއާޕޮލިސް ގައި ފުލުހުންތަކެއް ފްލޮއިޑް މަރާލި ހާދިސާ ފެންމަތިވުމާއި ގުޅިގެންނެވެ. އެ ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯއަކަށް މީސްމީޑިއާގައި ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔައިރު، ވީޑިއޯއިން ފެންނަނީ ފުލުހުންތަކެއް އޭނާގެ ކަރު ފިއްތައި ހާސްކޮށްލައިގެން މަރާލި މަންޒަރެވެ.

މި ހާދިސާގެ މައްސަލަ ހޫނުވެ މުޒާހަރާތައް ފެށުމާއެކު މި އަމަލުގައި ބައިވެރިވި ހުރިހާ ފުލުހުން ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ. އަދި އެއަށްފަހު ފްލޮއިޑް މަރާލުމުގައި އިސްކޮށް އުޅުނު ފުލުހުން މީހާ ހައްޔަރުވެސް ކޮށްފައި ވާއިރު، އެފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައި މުޒާހަރާތައް ސިލްސިލާ ގޮތެއްގައި އިތުރަށް ހޫނުވެގެން ދިއުމުން ފަހުން ވަނީ އެކަމުގައި ބައިވެރިވި ހުރިހާ ފުލުހުން ހައްޔަރުކޮށް މީހަކު މަރާލުމާއި، މަރާލުމުގައި ބައިވެރިވި ކަމުގެ ދަޢުވާ އުފުލާފައެވެ.

މީގެ ކުރިން މަރާލި އަހްމަދު އަރްބަރީ އާއި ބްރެއޯނާ ޓެއިލާގެ މައްސަލަވެސް ފެންމަތިވެފައި ވަނީ، ފްލޮއިޑްގެ މަރާއި ގުޅިގެން މަޝްރަހު ހޫނުވުމާއި ގުޅިގެންނެވެ.

ފްލޮއިޑް މަރާލުމާއި ގުޅިގެން މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެމެރިކާގެ ގިނަ ސިޓީތައް ވަނީ ކާފިއުގެ ހާލަތަށް ވެސް ގެނެސްފައެވެ. އޭގެތެރޭގައި އެޤައުމުގެ ވެރިކަންކުރާ ވޮޝިންޓަންވެސް ހިމެނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް، ބަރަކް އޮބާމާ ހިމެނިވަޑައިގަންނަވާހެން އެޤައުމުގެ އިސް ބައެއް ބޭފުޅުންނާއި އާންމުންގެ ގިނަ ބަޔަކު އެ އަމަލު ކުށްވެރި ކުރަމުންދާއިރު، އެމެރިކާގައި ހާއްސަކޮށް ކަޅު ނަސްލުގެ މީހުން ފުލުހުންގެ ހަމަލާތަކުގައި މަރުވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ފުލުހުންގެ މައްޗަށް ގިނަ ފަހަރަށް އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާއެއް ނުއުފުލައެވެ.