އެމެރިކާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަޅުނަސްލުގެ މީހެއް ކަމަށްވާ، ޖޯޖް ފްލޮއިޑް އަނިޔާވެރި ގޮތަކަށް މަރާލުމުން މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގެ ކުރީގެ ޑިފެންސް ސެކްރެޓަރީ، ޖޭމްސް މެޓީސްގެ ފާޑުކިޔުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށްފި އެވެ.

2018 ވަނަ އަހަރު މަޤާމުން އިސްތިއުފާ ދިނުމަށްފަހު މިހާތަނަށް މާގިނަ ވާހަތަކެއް ދައްކާފައި ނުވާ ޖޭމްސް ޓްރަމްޕަށް ފާޑުކިޔުން އަމާޒުކޮށްފައި މިވަނީ، އެމެރިކާގެ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގެ އިސް ގިނަ ބަޔަކު އޭނާގެ އަމަލުތައް ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގައި ނެރުނު ބަޔާނެއްގައެވެ.

ޖޭމްސްގެ ބަޔާނުގައި އޭނާ ބުނެފައި ވަނީ، ޓްރަމްޕް އަކީ އެމެރިކާ މީހުން އެއްބައިވަންތަ ކުރުމަށް ހުރަހަކަށްވެ، އެކަމާއި މެދު އެއްވެސް ފިކުރެއް ނެތް ގޮތަށް ކަންކަން ހިންގަމުންދާ މީހެއް ކަމަށެވެ. އަދި މިހާތަނަށް ހަޔާތުގައި ވެސް ޓްރަމްޕް ފަދަ ޤައުމު ފަސާދަކުރަން މަސައްކަތްކުރާ ވެރިއަކު ނުދެކޭ ކަމަށް ޖޭމްސް ބުނެފައި ވެއެވެ.

"ރައްޔިތުން އެއްބައިވަންތަ ކުރުމުގެ ބަދަލުގައި އޭނާ އެ މަސައްކަތް ކުރަނީ އެންމެން ބައިބައި ކުރަން. އޭނާ ވެރިކަމަށް އައީސުރެ މި ފެންނަނީ އެ މަންޒަރު. މިދިޔަ ތިން އަހަރު އެމެރިކާގެ ވެރިކަން ކުރަމުން މި ދަނީ ތަސައްރަފު ނުފުދޭ ވެރިއެއް. މިހާރު މި ހިނގަމުންދާ ކަންކަމުން ދޭހަވާ ކަމަކީ އެއީ،" ޖޭމްސް ބުނެފައި ވެއެވެ.

ޓްރަމްޕްގެ އަމަލުތަށް ކުށްވެރިކޮށް ޖޭމްސް ބަޔާނެއް ނެރެފައި މިވަނީ، އެމެރިކާގައި ކުރިޔަށްދާ މުޒާހަރާތައް ބާރުގެ ބޭނުން ކޮށްގެން ހުއްޓުވުމަށް ޓްރަމްޕް އިދާރާތަކަށް ގޮވާލުމާއި ގުޅިގެންނެވެ. ޓްރަމްޕް ވަނީ އެމެރިކާ އަސްކަރިއްޔާ އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ނެރޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަދި މުޒާހަރާކުރާ މީހުން ދިގު މުއްދަތަކަށް ޖަލަށްލާނެކަމުގެ އިންޒާރުވެސް އޭނާ ދީފައި ވެއެވެ.

އެމެރިކާގެ މުޒާހަރާތައް މީގެ ނުވަ ވަރަކަށް ދުވަސް ކުރިން ފެށިގެން އައީ އެޤައުމުގެ މީނިއާޕޮލިސްގެ ފުލުހުން، ޖޯޖް ފްލޮއިޑް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކަރުގައި ކަކޫ އަޅައި ފިއްތައި، ނޭވާ ހާސްކޮށްލައިގެން މަރާލުމުންވެސް އެކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ އެވެ. މި މުޒާހަރާތައް ފެށުމާއި އެކު ފްލޮއިޑްގެ މަރާއި ގުޅުންހުރި ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ނަމަވެސް އެމީހުންނަށް ދީފައިވަނީ އެކަށީގެންވާ އަދަބެއް ނޫން ކަމަށް ބުނެ މުޒާހަރާތައް ހުއްޓާނުލުމުން ފަހުން ވަނީ ފްލޮއިޑް މަރާލުމުގައި އަމަލީގޮތުން އެންމެ އިސްކޮށް ބައިވެރިވި ފުލުސްމީހާ އަށް މީހަކު މަރާލިކަމުގެ ދަޢުވާކޮށް ހައްޔަރުކޮށްފައެވެ. އޭގެ ފަހުން އިއްޔެ އެ މައްސަލައިގައި މީނިއާޕޮލިސްގެ އިތުރު ތިން ފުލުހަކުވެސް ހައްޔަރުކޮށްފައި ވެއެވެ. އެ ތިން މީހުންނަށް ކޮށްފައި ވަނީ މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދަޢުވާއެވެ.

އެމެރިކާގައި ހާއްސަކޮށް ކަޅު ނަސްލުގެ މީހުން ފުލުހުންގެ ހަމަލާތަކުގައި މަރުވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ފުލުހުންގެ މައްޗަށް އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާއެއް ނުއުފުލައެވެ. ނަމަވެސް މިހާރު ފެށިގެން ކުރިޔަށްދާ މުޒާހަރާތަކާއި ގުޅިގެން މީގެ ކުރިން ހިނގާފައިވާ އެފަދަ ހާދިސާތައްވެސް ވަނީ ފެންމަތިވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމި

    "މިހާތަނަށް ހަޔާތުގައި ވެސް ޓްރަމްޕް ފަދަ ޤައުމު ފަސާދަކުރަން މަސައްކަތްކުރާ ވެރިއަކު ނުދެކޭ ކަމަށް ޖޭމްސް ބުނެފައި ވެއެވެ."
    މި ރާއްޖޭގަ ވެސް އުޅޭ ހަމަ ތިފަދަ މީހެއް
    ކެނެ ރީގޭ ނަޝީދު އެއީ ހަމަ އޭގެ މީހެއް ޓް ރަމްޕް އަށް ވު ރެ ނުލަފާ.

    13
  2. އެމަންޖެ

    މި ކުޑަ ކުޑަ ދިވެހިރާއްޖެވެސް ހަމަތިޔަގޮތް މިއުޅޭ މޑޕ ބައިގަނޑަކީ އެއްވެސް ގޮތަކުން ކުފޫ ހަމަނުވާބައެއް.

    15
    2
  3. ދެބޯގެރި

    ރާއްޖޭގައިވެސް އެބަ ތިބި ތިވައްތަރުގެ 2 ވެރިން

    12
    2