އިންޑިއާގެ މަދްޔާ ޕްރަދޭޝްގެ ހޮސްޕިޓަލެއްގައި އުމުރުން 80 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލް އެނދުގައި ބަދެފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން، ޝަޖާޕޫރްގެ ޑިސްޓްރިކްޓެއްގައި މި ހާދިސާ ހިނގާފައި ވަނީ، އާއިލާއިން ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާތައް ނުދެއްކުމުންނެވެ.

އާއިލާއިން ބުނެފައިވާގޮތުގައި، އެ މީހުން ހޮސްޕިޓަލަށް ވަނީ 5000 ރުޕީސް ދައްކާފައެވެ. އަދި ފަހުން ބާކީ ދައްކަން ޖެހުނު 11000 ރުޕީސް ނުދެއްކުނީ ކަމަށާއި، އެކަމާއި ހޮސްޕިޓަލުން އެ މީހާ ބަދެފައި ވާކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އެ އާއިލާއިން ބުނީ، އެ މީހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ ބަނޑުގައި ރިއްސާތީ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލްގައި އެތައް ދުވަހެއް ވަންދެެން އެޑްމިޓްކޮށްފައި އޮތްއިރު އާއިލާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުނީ ކަމަށެވެ.

އެކަމާއި ހޮސްޕިޓަލުން ބުނީ އެހެން ވާހަކައެކެވެ. އެ ހޮސްޕިޓަލުން ބުނީ، އެ މީހާގެ ހުންނަ ބައްޔެއްގެ ސަބަބުން އޭނާ، އަމިއްލަ ނަފްސަށް ގެއްލުން ދޭ ކަމަށެވެ. އަދި އެ މީހާ ބަނދެފައި ވަނީ އެ ސަބަބަށްޓަކައި ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ހޮސްޕިޓަލްގެ ސްޓާފުންގެ މެދުގައި އެމީހާގެ އާއިލާއިން ހޮސްޕިޓަލަށް ފައިސާ ނުދައްކާ ކަމަށް ބުނާ ވާހަކަތަކެއް ދެކެވުނު އަޑު އެހި ބަޔަކުވެސް ތިއްބެެވެ. އަދި އެ މީހާ އެނދުގައި ބަދެފައި ވަނީ އޭގެ ފަހުންނެވެ.

އެ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން މިހާރު ކަމާއި ބެހޭ ފަރާތްތަކުން ދީފައި ވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު