އިންޑިއާގައި، ގެއިން ބޭރުގައި ކުޅެން ނުކުމެ އުޅުނު އުމުރުން 10 މަހުގެ ކުއްޖަކު ކާރެއްގައި ދަށުވެ މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ދިއްލީގެ ސަރަހައްދެއް ކަމަށްވާ ޓިލަކް ނަގާ ގައި ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ދިއްލީގެ ކޮމިޝަނަރ އޮފް ޕޮލިސް ޑީޕަކް ޕުރޮހިތް ބުނީ، ރަދިކާ ނަމަކަށް ކިޔާ އެ ކުއްޖާ ކާރު ދަށުވެފައިވަނީ ކުއްޖާގެ ގޭގެ ޕާކިން ސަރަހައްދުގައި ކުޅެން ހުއްޓާ ކާރު ދުއްވަން ހުރި އުމުރުން 31 އަހަރުގެ އަކިލެޝް ކާރު ފަހަތަށް ނުބާލަ ދުއްވުމުން ކަމަށެވެ.

ރަދިކާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް އޭނާ ގެންދިޔަ ޑީން ޑަޔަލް އުޕަދޭއި ހޮސްޕިޓަލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މި ހާދިސާގައި މަރުވި ކުއްޖާގެ ބައްޕައަކީ އާމްދަނީ ހޯދުމުގެ ގޮތުން ތަނެއްގައި ސެކިއުރީޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. ކުއްޖާ ދަށުވެފައިވާ ކާރު އެވަގުތު ދުއްވަން ހުރީ އޭގެ ވެރިފަރާތް ނޫން ކަމަށާއި އޭގެ ވެރިފަރާތަކީ ލިފްޓް މަރާމާތު ކުރާ މީހަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓާމް ހެދުމަށްފަހު އާއިލާއާއި ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށާއި އަކިލެޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު އިތުރަށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.