އެމެރިކާގައި ކަޅު ނަސްލުގެ މީހަކު ފުލުހުންގެ އަނިޔާތަކުގެ ސަބަބުން މަރުވި މައްސަލަ ހޫނުވެފައި ވަނިކޮށް ބޮލީވުޑްގެ ބައެއް ތަރިން ނަސްލީ ތަފާތު ކުރުންތަކާއި ގުޅޭ ގޮތުން ދެއަނގައިން ވާހަކަދައްކާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ބޮލީވުޑްގެ ބައެއް ތަރިން ޓްވީޓްތައް ކުރަމުން ދާއިރު ފާޑުކިޔުން އަމާޒުވެފައިވާ އެއްސަބަބަކީ އިންޑިއާގައި މުސްލިމުންނަށް އެތައް އަނިޔާއެއް ދެމުން ދާއިރު ބޮލީވުޑްގެ ތަރިން އެއިން ކަމަކާއި އެއްވެސް އެއްޗެއް ނުބުނާތީއެވެ.

އަދި ބޮލީވުޑްގެ ގިނަ ތަރިންނަކީ ހާއްސަކޮށް ހަންގަނޑުގެ ކުލަ އަލިކުރުމަށް ތަފާތު އުފެއްދުންތައް އިސްތިހާރު ކޮށްފައިވާ މީހުން ކަމަށް ވާތީ ވެސް އެމީހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެއްތަރިއަކީ ޕްރިޔަންކާ ޗޯޕްރާއެވެ. ޕްރިޔަންކާ ވަނީ ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް ޓްވީޓްތަކެއް ކޮށްފައެވެ. އެއާއިއެކު ގިނަ ބަޔަކު ގެންދަނީ އިންޑިއާގައި އަނިޔާ ލިބެމުންދާ އެތައް މުސްލިމުންނެއްގެ ދިފާޢުގައި ޕްރިޔަންކާ އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފާހަގަ ކުރަމުންނެވެ.

ޕްރިޔަންކާގެ އިތުރުން ކަންގަނާ އާއި، ޑިއޯލް، ދީޕިކާ، ސޯނަމް ކަޕޫރު ފަދަ ފަންނާނުން ވެސް ވަނީ ކަޅުނަސްލުގެ މީހުންގެ ދިފާޢުގައި ވާހަކަދައްކާފައެވެ.

ބޮލީވުޑްގެ ތަރިން ކަޅު ނަސްލުގެ މީހުންގެ ދިފާޢުގައި ދައްކަމުން ގެންދާ ވާހަކަތަކަށް ފާޑުކިޔަމުން ޖައްމޫ ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ އުމަރު އަބްދުﷲ ވިދާޅުވީ ބޮލީވުޑްގެ ތަރިން ކަޅު ނަސްލުގެ މީހުންގެ ދިފާޢުގައި ވާހަކަދައްކަނީ ކޮންމެހެން އިންސާނިއްޔަތައް އިސްކަން ދޭތީ ނޫންކަމަށާއި، އެތަރިން ބޭނުން ވަނީ މަޝްހޫރު ކަން ކަމަށެވެ. އިންސާނިތައް އިސްކަން ދޭނަމަ އެމީހުން މުސްލިމުންގެ ދިފާޢުގައި ވެސް ވާހަކަ ދައްކާނެ ކަމަށް އޭނާ ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި އިންޑިއާގައި މުސްލިމުންނަށްދޭ އަނިޔާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ބޮލީވުޑްގައި އުޅޭ މުސްލިމް ފަންނާނުން ވެސް މުސްލިމުންގެ ދިފާޢުގައި ވާހަކައެއް ނުދައްކައެވެ.