ސަލްމާން ޚާންގެ މޭކަޕް އާޓިސްޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ ސުދޭޝް ނާގް ނުތަ ރާޖޫބާއީ ވެސް ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ މީހުންތަކަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ސަލްމާން ހާން އަކީ އޭނާގެ މުވައްޒަފުންނާއި ގާތް ގުޅުމެއް އޮންނަ ތަރިއެކެވެ. އޭނާގެ މުވައްޒަފުންގެ ތެރެއިންވެސް ރާޖޫބާއީ އަކީ ސަލްމާން ޚާންގެ ވަރަށް ގާތް މުވައްޒަފެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިންވެސް ވަނީ އެދެމީހުން އެކުގައި ގިނަ ތަންތަނުން ފެނިފައެވެ. ރާޖޫ ބާއީގެ ދަރީގެ ކައިވެނީގެ ހަފްލާއަށްވެސް ސަލްމާން ހާން ވަނީ ގޮސްފައެވެ. މިއީ ވަރަށް މަދުން ނޫނީ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ކިބައިން ފެންނަ ކަންކަމެއް ނޫނެވެ.

އިންޑިއާ ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަލްމާން ހާން މީގެ ކުރިން ވަނީ ހިލޭ ސާބަހަށް މަސައްކަތް ކޮށްދެމުން އަންނަ ގިނަ ބައެއްގެ އެކައުންޓަށް 3000 ރުޕީސް ޓްރާންސްފާ ކޮށްފައެވެ. އެއަށްފަހު ރާޖޫބާއީ ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ 120 މީހުންގެ ތެރެއިން ކޮންމެ މީހަކަށް 1500 ރުފީސްގެ އެހީތެރިކަމެއް ފޯރުކޮށްދީފައި ކަމަށް އިންޑިއާ ޓައިމްސް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ރާޖޫ ބާއީވެސް ނިސްބަތްވާ އިންޑިއާގެ ހެއާ ޑްރެސާސް އެންޑް މޭކަޕް އާޓިސްޓުންގެ އެސޯސިއޭޝަނުން ވަނީ ހާލުގައި ޖެހިފައިވާ 1000 ފަގީރުންނަށް ކެއުން ބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައެވެ.

ރާޖޫ ބާއީ އަކީ ސަލްމާން ޚާންގެ ގިނަ ދުވަސްވީ މުވައްޒަފެކެވެ. އޭނާ ސަލްމާން އާއި އެކު މަސައްކަތް ކުރަމުން އަންނަތާ މިހާރު 30 އަހަރު ވެފައިވާއިރު ރާޖޫ ބާއީގެ އެންމެ ހަގު ފިރިހެން ދަރިވެސް އަންނަނީ ސަލްމާން ހާން މޭކަޕްކޮށްދިނުމުގައި އެހީތެރިވަމުންނެވެ.

ރާޖޫ ބާއީ ވަނީ ސަލްމާން ހާންގެ މަގުބޫލް ގިނަ ފިލްމުތަކެއްގައި މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.