ރިޒްމާއަށް ގޮތް ހުސްވުމުން މަޑުމަޑުން ހިނގާލައިފައި ގޮސް އެނދު ދަށުގައި ހުރި ކަޅުފޮށި ނެގިއެވެ. ރީޝާ ބޭނުންވެގެން އުޅޭ ސިޓީއުރަ އޮތީ އެ ފޮށީގައެވެ. މަސްތަކެއްކުރިން އެ ސިޓީއުރަ އެ ފޮށީގައި އޮއްވައި ރިޒްމާއަށް ވަނީ ފެނިފައެވެ. ރިޒްމާ ސިޓީއުރަ ނެގިއެވެ. އެ ހިފައިގެން ކޮޓަރިން ނުކުންނަން ހިނގައިގަނެފައި އެނބުރި އައިސް އެނދުގައި އިށީނެވެ. އަނެއްކާ ވެސް ތެދުވިއެވެ. ފޯނު ނެގިއެވެ. ޝިހާމަށް ގުޅާނެ ހިތްވަރެއް ނުލިބުނެވެ. އަނެއްކާ ވެސް އޭނާއަށް އިށީނދެވުނީއެވެ. ހަދަންވީ ގޮތެއް ރިޒްމާއަކަށް ނުވިސްނުނެވެ. ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް ކާމިޔާބު ލިބޭނީ ރީޝާއަށެވެ. ބަދުނާމުވެގެން ދާނީ އޭނާގެ ޢާއިލާއެވެ.

"މަންމަ ކީއްވެ ރޮނީ." ރިޒްމާގެ ހަގު ދަރިފުޅު ޝީންގެ އަޑުއިވުނެވެ.

ރިޒްމާގެ ދެލޮލުން ކަރުނަ ފައިބަމުންދިޔަކަން އޭނާއަށް ރޭކާލީވެސް ދެނެވެ. އޭނާ އަވަސްއަވަހަށް ދެލޯ ފޮހެލަމުން ޝީންއަށް ހިނިތުންވުމެއް ދިނެވެ. އުމުރުން 06 އަހަރުގެ ޝީންގެ ލޯބިލޯބި މޫނުކޮޅުގައި، ރިޒްމާ މޮޅިވެރިކަމާއެކު ދެއަތުން ހިފަހައްޓައިލިއެވެ. ދަރިންގެ ތެރެއިން ޝިހާމަށް އެންމެ ފޯރި ހުންނަ ކުއްޖަކީ އެއީއެވެ. ކުރިޔަށް އޮތްތަނުގައި އެ ދަރިފުޅު ބައްޕަ ހޯދުމަށް އުޅޭނެވަރު ހިތަށް އެރުމާއެކު ރިޒްމާގެ ދެލޮލަށް ބާރުވާން ފަށައިފިއެވެ. ކަރުނަތައް ހިލިގަތުމަށް ތައްޔާރުވި ވަގުތު އޭނާ އަވަސްއަވަހަށް އެސްފިޔަ ތަޅުވައިލިއެވެ.

ޝިހާމަކީ ނުބައި މީހެއްކަމަށް ރިޒްމާ ވެސް ޤަބޫލުކުރެއެވެ. އެހެނަސް އޭނާއަކީ ދަރިންނަށް ރަނގަޅު، ޒިންމާދާރު ބަފައެކެވެ. ޝިހާމުގެ މުއްސަނދިކަމުގެ ނިވަލުގައި ތިބެ އެމީހުން ދިރިއުޅެމުން ދަނީ ފުދިގެންނެވެ. އެއްވެސް މީހެއްގެ ތައްޕާހަށް ނުވެއްޓި ހިތަށް އެރި ކޮންމެ އެއްޗެއް ހޯދައިގެންނެވެ. ބޭނުން ކޮންމެ އެއްޗެއް ކައިގެން ބޮއެގެންނެވެ. ރީޝާއަށް އަނިޔާ ލިބެމުން ދިޔައިރު ވެސް ރިޒްމާ ހިމޭނުން ހުރީ އެކަންކަމުން މަހުރޫމްވުމަށް ހިތް ނޭދޭތީއެވެ. އަނެއްކޮޅުން އޭނާގެ ދަރިންގެ މުސްތަޤުބަލު ބަނަވިޔަ ނުދިނުމަށެވެ. ދޮށީ ދެ ދަރިން މިހާރު ކިޔަވަން ތިބީ އިންޑިއާގައެވެ. ޝިހާމް ނެތްދުވަހެއް އަތުވެއްޖެނަމަ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ޚުދު ރިޒްމާއެވެ. ތިން ދަރިންގެ ޒިންމާ ކޮނޑުގައި އަޅައިގެން އުޅުމަކީ ކުޑަކަމެއް ނޫނެވެ. ޝިހާމާއި ނުލައި އޭނާ އާއި ދަރިން އުޅޭނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟

ރިޒްމާ ކިތަންމެ ބޭނުންވިޔަސް އެއްވެސް ވާހަކައެއް ޝިހާމަށް ކިޔައިދެވޭކަށް ނެތެވެ. އެހެންކަމުން އޭނާ ހިތްވަރުކޮށްލައިފައި ސިޓީ އުރަ ހިފައިގެން ރީޝާގެ ގާތަށް ދިޔައެވެ.

"އަހަރެންގެ ޝަރުތެއް އެބައޮތް." ރިޒްމާ ސިޓީއުރަ ދައްކައިލަމުން ބުންޏެވެ. "މި ލިޔުންތައް ލިބުމުން، ތި ވީޑިއޯ ޑިލީޓްކޮށްލަން ވާނެ. އަދި ފުލުހުންނާ ހަމައަށް ތި މައްސަލަ ނުގެންދިޔުމަކީ ދައްތަގެ ވަރަށް ބޮޑު އެދުމެއް."

"އެންމެ ރަނގަޅު." ރީޝާ ވަރަށް ފަސޭހައިން އެއްބަސްވިއެވެ. "އެކަމަކު އަހަރެންގެ ވެސް ޝަރުތެއް އެބަ އޮތް."

"ކޮން ޝަރުތެއް." ރިޒްމާ އަވަސްއަވަހަށް ބުންޏެވެ. "ރީޝާ ބުނި ކޮންމެ ކަމެއް ދައްތަ ކުރާނަން."

"ދައްތަގެ އަންހެން ދަރިފުޅު ބާލިޣުވުމާއެކު މީހަކާ ދެވަންވާނެ." ވަރަށް ހަމަޖެހިލައިފައި ރީޝާ ޖަވާބު ދިނެވެ. "އަހަރެން ހޯދަދޭނަން ދޭނަން ރަނގަޅު ފިރިހެނެއް ވެސް. އިސްލާމްދީން ހުއްދަކުރާ ގޮތަށް ޖިންސީ.."

އެ ހިސާބަށް ބުނާއިރަށް ރިޒްމާއަށް ހަޅޭލަވައިގަނެވިއްޖެއެވެ.

"ހަޅޭނުލަވާ." ރީޝާ ބާރަށް ބުންޏެވެ. "ދުވަހަކު ވެސް ތި ޝަރުތަކަށް އެއްބަހެއް ނުވާނަން. މަމީ މޮޔައެއް ނޫނޭ. ކަލޭމެންނަށް ތި ކުޅެވުނީ އަލިފާނާ. އަލިފާނާ ކުޅޭއިރު ފިހޭނެކަން ދަންނަން ވާނެ. އެ ޝިހާމް އެހެން މީހެއްގެ ޅަ ދަރިއެއްގެ އިއްފަތްތެރިކަން ނަގާލައިކަށް ފުރުޞަތެއް ނުދޭނަން."

ރިޒްމާއަށް ވަގުތުން ރޮވުނެވެ. އޭނާ އާދޭސްކުރިއެވެ. އެހެނަސް ރީޝާގެ ހިތަކަށް ރަހުމެއް ނުވަނެވެ.

"މަގޭ އިޙްސާސްތައް ނުދަންނަ އަންހެނެއްގެ އިޙްސާސްތަކެއް މަށަކަށް ވެސް ނޭނގޭނެ. މަށަށް އަނިޔާދިން އެންމެންގެ ކިބައިން ބަދަލު ހިފާނަން. މީ ދައްތަގެ ކިބައިން ހިފާ ބަދަލުކަމުގައި ހީކޮށްލާ." ރީޝާއަކީ ނިކަން ގޮތުގައި ހުންނަ ކުއްޖެކެވެ. ގޮތްދޫނުކުރާ ބޯހަރު އަންހެންކުއްޖެކެވެ. އޭނާއަށް ރަހުމުނުކުރި މީހަކަށް އޭނާ ވެސް ރަހުމެއް ނުކުރާނެއެވެ. ރީޝާ އަތްދިއްކޮށްލިއެވެ. ސިޓީއުރަ ދިނުމަށް އެދުނެވެ. ރިޒްމާ ސިޓީއުރަ ދިނެވެ.

ރީޝާ އޭގައި ހުރި ލިޔުންތައް ބަލައިލިއެވެ. އެޔާއެކު އެ މޫނަށް އުޖާލާކަން ވެރިވެގެން ދިޔައެވެ. އޭގައި އިނގިރޭސި ބަހުން ލިޔެފައި އޮތް ދެ ލިޔުމެއް އޮތެވެ. އެއް ލިޔުމަކީ ޝިހާމާއި ރީޝާ ކާވެނިކޮށްގެން އުޅޭކަން އެންގުމަށް ދީފައިވާ ލިޔުމެކެވެ. މުހިންމު ލިޔުމެކެވެ. ދެން އޮތީ އެޔަށްވުރެ މުހިންމު ލިޔުމެކެވެ. އެމީހުންގެ ކާވެންޏަށް އެއްވެސް މަޖުބޫރުކަމެއް ނެތި، ނިހާދު ރުހި ޤަބޫލުވެ، ވަލީދިންކަމަށް އެއްބަސްވުމަށް ތައްޔާރުކޮށްފައި އޮތް އިޤްރާރުނާމާއެކެވެ. އެ ލިޔުމުގައި އެ ޖަރީމާ ހިންގުމުގައި ބައިވެރިވި އެންމެންގެ އިނގިލީގެ ނިޝާނާއި ސޮއި އޮތެވެ. ދެހެކީންގެ އިތުރުން ނިހާދާއި ޝިހާމެވެ. އިންޑިއާ ދަތުރުގައި ރީޝާގެ އިނގިލީގެ ނިޝާން ޖެއްސުވި ލިޔުމަކީ ވެސް އެއީއެވެ. ރީޝާ ބޭނުންވީ ވަގުތުންވަގުތަށް އެ ލިޔުންތައް ހިފައިގެން ނާޔާ ކައިރިއަށްދާށެވެ. ޝިހާމް ގެއަށް އަތުވެއްޖެނަމަ، އޭނާ ބޭނުންވާ ގޮތަށް ކަންކަންކުރިޔަށް ގެންދިޔުމަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހިދާނެކަމުގެ ބިރު އެ ހިތުގައި އޮތުމުންނެވެ.

"ދެން ޝިހާމަށް ގުޅާފައި މި ޚަބަރު ދިނަސް އެންމެ ރަނގަޅު." ގެއިން ނުކުންނަމުން، މޮޅިވެރިވެފައި ހުރި ރިޒްމާއަށް ބަލާލައިފައި ރީޝާ ބުނެލިއެވެ.

****

ފިރާޝާއަށް އަމުރުކޮށްފައި ނިހާދު ނުކުމެގެން ދިޔައީ ހަލުވިކޮށްނެވެ. ސަރައްކާލިން ހިނގާލައިފައި ދިޔައިރު ވެސް އޭނާގެ ރުޅި މަޑެއް ނުވެއެވެ. ރީޝާގެ ސަބަބުން އޭނާއަށް ހަމަނޭވާލުމަށް ވެސް ދަތިވެއްޖެއެވެ. ރީޝާ ރަމަތަކުރާނެ ގޮތެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ފިރާޝާއަށް ނުފޫޒު ފޯރުވައިގެން އެކަން ކުރަން އުޅުނު ނަމަވެސް އެއީ ބޭކާރުކަމެއްކަން އޭނާއަށް ވިސްނެއެވެ. އެ ހުރިހާ ކަމަކާހުރެ ސިކުނޑިއަށް ވަމުންދިޔަ ތުރާތަކުގެ ސަބަބުން އައިސްފައިވާ ރުޅިގަނޑު އޭނާ ބޭލުވީ ރީޝާގެ ކޮޓަރި ދޮރުމަތީގައި ހުރި ޕްލާސްޓިކް ގޮނޑިއަށެވެ. އެ ގޮނޑީގައި ފައިން ޖެހުމާއެކު، ވިއްސައިގެން ގޮސް ދޮރުފަތުގައި ޖެހުނު އަޑަށް ރީޝާ ވެސް ކޮޓަރިން ބޯ ދިއްކޮށްލައިފިއެވެ. އޭރު ނިހާދު ގެއިން ނުކުންނަނީއެވެ. ނިހާދަށް ބަލަން ހުރެފައި އޭނާ ބަދިގެ ފަރާތަށް ދިޔައީ މަންމައަށް ގޮވަމުންނެވެ. އޭރު ހިތުގެ ކޮންމެވެސް ހިސާބެއްގައި މަންމައާމެދު ކަންބޮޑުވުމެއް އުފެދިފައި އޮތެވެ. އެހައި ރުޅިއައިސް ދިޔައިރު މަންމައަށް ރޯޅިއެއް ނައިސްނުދާނެކަން ކަށަވަރެވެ. ރީޝާ ބަދިގެއަށް ވަނެވެ. ފިރާޝާ ހުރީ ފުރަގަސްދީގެންނެވެ. ރީޝާ ގޮވައިލުމާއެކު ކުޑަކޮށް ސިހިފައި ސިއްރުސިއްރުން ބަލައިލިއެވެ. ހަނިގޮތަކަށް ބަލައިލި ނަމަވެސް އެ ދެލޮލުގައި ވިދާބަބުޅަމުން ދިޔަ ކަރުނަތައް ރީޝާގެ ސަމާލުކަމަށް އަޔެވެ.

"މަންމާ. ރޮނީތަ؟" ރީޝާ ނިކަން ބާރަށް ފިރާޝާއާ ދިމާއަށް ދިޔައެވެ.

ފިރާޝާ ނިކަން އަވަސްއަވަހަށް ބޮލުގައި އޮތް ބުރުގާގެ ކަނުން ދެލޯ ފޮހެލިއެވެ.

"ނޫން. ލޮލަށް ކުނޑިކޮޅެއް ވެއްޓުނީ." ފިރާޝާ ދޮގެއް ހަދައިލިއެވެ. ރީޝާއަށް އެކަން އެނގުނެވެ.

"އޭނަ މަންމަގެ ގައިގަ ޖެހީތަ؟" ރީޝާ ހަރުކަށި ރާގަކަށް ސުވާލުކުރިއެވެ. "ބުނޭ ތެދަށް. މަންމައަށް މަށަކަށް އޮޅުވައެއް ނުލެވޭނެ."

ރީޝާއަކީ ތޫނުފިލި ކުއްޖެކެވެ. ރީޝާއަށް އޮޅުވައިލުމަކީ ފިރާޝާއަށް ކުރެވޭނެކަމެއް ނޫންކަން ފިރާޝާ ދަނެއެވެ.

"ދަރިފުޅާ. ތި ކަންތައް ހުއްޓާލަބަލަ." ފިރާޝާގެ އަޑުގައި ވަނީ އާދޭހެވެ. "މަންމަ ގައިގަ ޖަހައިގެނެއް ނޫނޭ މި ރޮނީ. ދަރިފުޅު ތިހެން އުޅޭތީއޭ ރޯން މި ޖެހެނީ. ތި ދަރިޔަށް ގެއްލުމެއް ލިބޭކަށް މަންމަ ނޭދެން. ތި ކުރާކަންތައް ހުއްޓައިލާ."

ފިރާޝާ އަނެއްކާ ވެސް އެ އެދެނީ ނަވީލާއި ދެމީހުންގެ މެދުގައި އޮތް ގުޅުން ކަނޑައިލުމަށެވެ. އެއީ ދުވަހެއްގެ ކޮޅުން ވެސް ނުވާނެކަމެއްކަމުގައި ރީޝާ ބުނެލިއެވެ. ފިރާޝާ އޯގާތެރިކަމާއެކު ރީޝާއަށް ނަސޭޙަތްދިނެވެ. ނިހާދު ނުރުހޭ ކަންތައްތަކާއި ދުރުހެލިވުމަށް ވެސް އެދުނެވެ. އެހެނަސް ރީޝާ ހުރީ ފިރާޝާގެ ބަހަށް ތަބާވާ ގޮތަކަށް ނޫނެވެ. އެންމެފަހުން ރީޝާ މާލެ ފޮނުވައިލުމުގެ ރޭވުންތައް ނިހާދު ރާވަމުންދާ ވާހަކަ ބުނުމުން ވެސް ރީޝާ ހާހެއްނުވިއެވެ. އޭނާ ގާތަށް އައީ ހިންޏެވެ.

"މަންމަ ކަންބޮޑުނުވެބަލަ." ރީޝާ އެދުނެވެ. "އޭނައަކަށް ނުކެރޭނެ އެއްކަމެއް ވެސް ކުރާކަށް. އެއީ ބޮޑު ފިނޑިއެކޭ. އޭނަ ޖެހޭނީ ފުއްޕަފުއްޕާ ހުންނަން. ދެން ކުރެވޭނެހާ ވެސް ކަމަކީ އެ ގޮތަށް ހަޅޭލެވުން. މަންމަ ވެސް އެއްޗެއް ނުބުނު ހުންނާތީއޭ އެވައްތަރަށް އުޅެން އެ ކެރެނީ ވެސް. މަންމަ ފިނޑިވެ ފަހަތަށް ޖެހިގެން އެއްކަމެއް ވެސް ރަނގަޅެއް ނުވާނެ. ހިތްވަރު ލިބޭނީ ވެސް ކެރިގެން ކުރިމަތިލައިގެން."

ތިމާގެ ހިތްވަރެއް ނެތްނަމަ، އަނެކާއަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެއެވެ. ތިމާ އަމިއްލައަށް މޮޅިވެރިކަމުގެ ސާލު ނެގުމަށް މަސައްކަތް ނުކުރާހާ ހިނދަކު، ދުވަހަކު ވެސް އެ ސާލު ހަށިގަނޑާ ވަކިވެގެނެއް ނުދާނެއެވެ. އެކަމުން މިންޖުވުމަށް ތިމާ ނުކުރާ މަސައްކަތެއް އަނެއްކާއަށް ކުރެވޭނެ ހެއްޔެވެ؟ ތިމާގެ ހިތްވަރެއް ނެތި ހާލަތު ވެސް އަބަދުވެސް އޮންނާނީ އެ އޮންނަ ގޮތުގައެވެ. އެ ބަދަލުކުރުމުގެ އިޚްތިޔާރު އޮތީ ޚުދު ތިމާގެ އަތުގައެވެ. ފިރާޝާގެ އަތުގައެވެ. ރީޝާ އެ ވާހަކަތައް ކިޔައިދީދީ ވަރުބަލިވެއްޖެއެވެ.

"މަންމަ ނޫޅެން." ފިރާޝާ ދިނީ އަބަދުވެސް އޭނާ ދޭ ޖަވާބެވެ. "މަންމަ އެންމެ ކަންބޮޑުވަނީ ދަރިފުޅަށް އަނިޔާއެއް ލިބިދާނެތީ. ދަރިފުޅަށްވުރެ ބޮޑަށް ބައްޕަގެ ގޮތް އެނގޭނީ މި މަންމައަށް. އެހެންވެ މި ބުނަނީ ބައްޕަ ރުޅި ނާރުވާށޭ."

ރީޝާ ޤަބޫލުކުރާ ގޮތުގައި ފިރާޝާ ކަންބޮޑުވެގެން އެ އުޅެނީ ބޭކާރުކަމެއްގައެވެ. ރީޝާގެ އަތުގައި ނިހާދު އަޅުވެތިކުރެވޭފަދަ ބާރެއް އޮތްކަން ފިރާޝާއަށް އެނގޭނަމަ، އެގޮތަކަށް ނުވިސްނީހެވެ.

"މަންމަ ހާސްވާނެކަމެއް ނެތް. މިހާރު އޭނައަށް ހަޅޭލެވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ. ދައިގަންނަން ކެރޭ ކުއްތާއެއް ވައްވަކެއް ނުޖަހާނެ. އެ ގޮތަށް ވައްވައް ޖަހަޖަހާ އެ ހުންނަނީ ކީއްވެގެންބާއޭ މަންމަގެ ހިތަކަށް ނާރާތަ؟"

ރީޝާ އުފެއްދީ މުހިންމު ސުވާލެކެވެ. އެއީ ކުރިން ފިރާޝާއަށް ވިސްނައިނުލެވި އޮތް ކަމެކެވެ. ގިނަގިނައިން އެއް ވާހަކަތަކެއް ތަކުރާރުކުރުމަކީ ނިހާދުގެ ކަށީގައި ހަރުލައިފައި ހުންނަ އާދައެއް ނޫނެވެ. އެފަދަކަމެއް ކުރަންޖެހިއްޖެނަމަ އޭނާގެ ރުޅި ކޮންޓްރޯލުން ނައްޓާނެވެ. އެ ހިސާބުން އެކަމެއް ހާސިލުކުރުމަށް އޭނާ ބާރުގެ ބޭނުންކުރާނެއެވެ. "ބާރުގެ ބޭނުންކުރުން" ނިހާދުގެ ރަދީފުގައި އޮންނަނީ ތަޅައި އަނިޔާކުރުމުގެ މާނާގައެވެ.

"އެކަމަކު އޭނައަކަށް މިހާރު އަނިޔާކުރާކަށް ނުކެރޭ ދޯ؟" ފިރާޝާ ހިތުގައި އުފެދުނު ސުވާލު އިވުނީ ރީޝާގެ ދުލުންނެވެ.

"ތީގެ މާނައެއް ނޫން ކުރިޔަށް އޮތްތަނުގައި ދަރިފުޅަށް ގެއްލުމެއް ނުދޭނެއެކޭ." ފިރާޝާ ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. "ދަރިފުޅު ކުޑައިރު ލިބުނު އަނިޔާގެ މަތިން ހަނދާން ނައްތައިނުލާ. އޭނަ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ."

ރީޝާއަށް ޖެހުނު ހުރިހާ މުސީބާތެއްގެ މުގުލުގައި ހުރި މީހަކީ ނިހާދެވެ. އެކަން ދުވަހަކު ވެސް ރީޝާ ހަނދާނަކުން ނުފިލާނެއެވެ. އޭނާއަށް ދިމާވި ކޮންމެ ހާދިޘާއެއް އިއްޔަވީ ކަމެއްހެން ހަނދާނުގައި ހުރިއިރު ވެސް ނިހާދަކީ ނުރައްކާތެރި މީހެއްކަމަށް ރީޝާ ޤަބޫލެއް ނުކުރެއެވެ. ނިހާދު ވަނީ ރީޝާގެ މުށުގެ ދަށުގައި ހައްޔަރުވެފައިކަން މާ ބޮޑަށް ރީޝާއަށް ޤަބޫލުކުރެވެނީއެވެ.

"އޭނަ އަހަރެން ދެކެ ބިރުން އެ ހުންނަނީ." ފަޚުރުވެރިކަމާއެކު ރީޝާ ބުންޏެވެ. "އެހެންވެ އޭނާއަށް އޭރު ދިން ކަހަލަ އެއްވެސް އަނިޔާއެއް ދޭކަށް ނުކެރޭނެ."

އެއީ ރީޝާއަށް ކުރެވިފައިވާ ވަރަށް ބޮޑު ކުށްހީއެކެވެ. ރީޝާގެ ކިބައިން މުޅި އުމުރަށް މިންޖުވާނެ ގޮތަކާމެދު ނިހާދު އަންނަނީ ވިސްނަމުންނެވެ. އޭނާގެ ގާތް މިތުރުންނާއެކު މަޝްވަރާކުރަމުންނެވެ. މިހާރުވެސް އަތިރިކޮޅުގައި ހުންނަ ރެސްޓޯރެންޓުގައި ކުރެވެމުން އެދަނީ އެ މަޝްވަރާތަކެވެ.

"މަ މިހުންނަނީ ހަމަ ދެ އަތް ބަނދެވިފަ." ރުޅިއާއި މާޔޫސީ ރާގެއްގައި ނިހާދު ބުންޏެވެ. "އޭނާ އަތުގައި އެ ހެކިތައް ހުންނަހާ ދުވަހަކު މަށަކަށް ހަމަޖެހިގެންނެއް ނޫޅެވޭނެ. މާދަމާ ނޫންކަމެއް ނޭނގެ އެ އެއްޗެހި އޭނަ ލީކްކޮށްލާނީ. މަށަށް ބަލާ ޖައްސަންކަންނޭގެ މިހާ ދުވަސްވީއިރު ވެސް އެ ބައްކޮށްގެން އެ ހުންނަނީ. އެ ޝިހާމުގެ މޮޔަކަމުން ދިމާވާހާ ކަންތައް މީ. އޭނައަށް ވެސް މީތި މައިތިރިކުރާކަށް ނޭނގުނުވިއްޔަ. ބޮޑު ބޮލުގަ ރިހުމަކަށް ވެއްޖެ. މިކަމުން މަ ސަލާމަތްކޮށްދީ ބަލަ. ހާދަހާ ރުޅިއެކޭ މަ ގާތަށް އަންނަނީ އެ **** ފެނުނަސް. އަދި ހުރިހާ ހަޤީޤަތެއް އެނގިހުރެ އެ ނަވީލާ ހިތާވެގެން އުޅެނީ މަށަށް ދުއްޕާންކުރަން."

"ދުއްޕާން ބޮޑު މަންޖެއެއްތާ ދޯ." ޝަފްރާޒް ބުނެލިއެވެ.

"ދުއްޕާން އެކަންޏެއްނޫން. ހުރިހާ ތަނެއް ވެސް." އަދުހަމް ހިނިގަނޑެއް ޖަހައިލިއެވެ. ޝަފްރާޒް ވެސް އެ ހުނުމުގައި ބައިވެރިވިއެވެ.

"ދަތްނުގަޅާ މިކަމަށް އޮތް ހައްލެއް ކިޔާބަލަ." ނިހާދު އިނީ ސަމާސާކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ.

"ކަލެޔަށް އަހަރުމެން ދޭ އައިޑިއާ ކަމުނުދަނީނު. ދޯ ޝާއްޕޭ." ޝަފްރާޒަށް އިޝާރާތްކުރަމުން އަދުހަމް ބުނެލިއެވެ. ޝަފްރާޒް ކުރިމަތީގައި ހުރި ހޫނު ކޮފީ ތަށިން އެތިފޮދެއް ބޯލިއެވެ. އަދި އަދުހަމްގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"ކަލޭގެ ދަރިއެއްވެސް ނޫނެއްނު." ޝަފްޒާރް ބުންޏެވެ. "އަހަރުމެންނާ ހަވާލުކޮށްބަލަ. އޭނައަށް ދޭ އިންޒާރެއްގެ ގޮތުގައި ބޭނުންކޮށްލަން އަހަރުމެންނާ ހަވާލުކުރޭ. ތިހައި ވަރަށް ބިރުނުގަނެބަލަ. ކަންކަން ވާނީ ރިސްކު ވެސް ނަގައިގެންނޭ."

އެކަމުގައި ހިރާސް ނަގަން ނިހާދު ޖެހިލުންވެއެވެ. އެކަމަކީ އަލިފާނަށް ޕެޓްރޯލް އެޅުންފަދަ ކަމެކެވެ. ޖިންސީގޯނާގެ އަނިޔާތައް ތަޙައްމަލުކުރަމުން ބޮޑުވަމުން އައި ކުއްޖަކު އެފަދަ އަނިޔާއަކަށް ޖެހިލުންވެ ބިރުގަންނާނެއެކޭ ނިހާދުގެ ހިތެއް ނުބުނެއެވެ. ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ. އެކަމުން ރީޝާގެ ވަރަ ބިނދުމުގެ ބަދަލުގައި އިތުރަށް ވަރުގަދަވުން ވެސް އެއީ އެކަށީގެންވާކަމެކެވެ.

"ތި ނޫން އެހެންގޮތެއް." ނިހާދަށް އެއްބަހެއް ނުވެވުނެވެ.

"ދެން އޮތީ އެންމެ ގޮތެއް." އަދުހަމް ވިސްނާލައިފައި ބުންޏެވެ. "މަރާލުން."

"ތިނޫން ގޮތެއް." އެ ޚިޔާލެއް ވެސް ނިހާދަށް ކަމަކު ނުދިޔައެވެ. "އޭނަ މަރުވެގެން ވެސް މަށަކަށް ނެތް ސަލާމަތެއް."

"ވިހައެއް ދީގެން ޕެރެލައިޒްކޮށްލައި." އަދުހަމްގެ ފާޅުކުރި ޚިޔާލަށް ނިހާދު ޝައުޤުވެރިވިއެވެ. އެކަމުގެ ތަފްސީލަށް އޭނާ އެދުނެވެ.

"މަށަށް އެނގޭ ވަރަށް މޮޅު ވިހައެއް." އަދުހަމް ތަފްސީލު ދިނެވެ. "އޭގެ އެންމެ އެތިކޮޅެއް ހަށިގަނޑުގެ ތެރެއަށް ދިޔަސް އޭނާއަށް އެއްވެސް ޚަރަކާތެއް ނުކުރެވޭނެ. ނޭވާލެވޭނެ. ތަންތަން ފެންނާނެ. އެކަމަކު ޚަރަކާތެއް ނުކުރެވޭނެ."

"އޯކޭ. ތި ހޯދާ." ކުއްލިއަކަށް ނިހާދު ގޮނޑީގައި ހަމަޖެހިލި ގޮތުން ވެސް އޭނާގެ އެތެރެހަށީގައި އުފެދިފައިވާ ހަލަބޮލިކަމަށް ލުއިތަކެއް ލިބިގެން ހިނގައްޖެކަން ސާބިތުވެއެވެ.

އިރު އުދަރެހުން އޮބުމާއި ވަރަށް ގާތްވެއްޖެއެވެ. ހިޔަނިތައް ދިގުވެއްޖެއެވެ. މުޅި ކައުނު ވަނީ ތަފާތު އެކިއެކި ކުލަތަކުން ޖަރީވެފައެވެ. ވިލާތަކުގެ ފަހަތަށް ވަދެ، ނިވެމުންދާ އަލިފާން ބޯޅައެއްފަދަ އިރަށް ބަލަހައްޓައިގެން ރީޝާ ހުއްޓެވެ. އަތުގައި ދެފައިވާން ކިބަ އޮތެވެ. އޭނާ ހުރީ ރާޅުދޫފަށުގައެވެ. ދޮންވެލިގަނޑަށް ބީއްސަމުން ދިޔަ ކޮންމެ ރާޅެއް ދަނީ ރީޝާގެ ފައިތިލައިގައި ފިރުމައިލައިފައެވެ. ދާދި ގާތުގައި ނަވީލްވެސް ހުއްޓެވެ. އާދައިގެ މަތިން އޭނާ ގެންގުޅޭ ގިޓާގެ ނަރުތަކުގައި ކޮށްޓާށެވެ. ރީޝާ ފިޔަވަޅުތައް ފަހަތަށް ދޫކުރަމުން ކުރިޔަށް ހިނގައިގަތެވެ. ނަވީލް ވެސް ރާގެއް އަޅުވަމުން ފަހަތުން ހިނގައިގަތެވެ.

"ކަލާޔަށް މި ހިތް ލޯބިވީތީ ދިނީމޭ އެހީއެއް އަހަންނަށް ވެދޭތޯ ހުރީމޭ." ނަވީލް ކިޔައިލިއެވެ.

"ސާބަސް." ރީޝާ ހުރީ ނިކަން ހިނިއައިސްފައެވެ. "ކޮން އެހީއެއް ނުލިބިގެން މިހާރު ތި އުޅެނީ."

"ހިތް އެދޭ ދެ ތުންފަތުން ލަފްޒުތައް އޮހޭ ގޮތުން އަޑުގަވާ އޮމާންކަމުން ހުންނަމޭ އަހާ ހިތުން. ލޯބިލޯބި މޫނުގައި ބީހިލީމަ ފާޅުގައި ހީވެޔޭ އެނގޭނެ ހިތްމަގޭ ގޮވާ ގޮވުން."

ނަވީލްގެ ހިތްގައިމު އަޑުން ކިޔަމުންދިޔަ ލަވައިގެ އަސަރު ރީޝާ ހިތުގެ އެންމެ ހިމަނާރާ ހަމައަށް ފޯރިއެވެ. ނަވީލާއެކު ހޭދަކުރާ ކޮންމެ ވަގުތަކުން ފަހަށް ރައްކާކުރެވެމުން ދިޔައީ ފޮނިފޮނި ހަނދާންތަކެކެވެ. ނަވީލްގެ ސަބަބުން ރީޝާގެ ހަޔާތަށް ބަހާރު މޫސުން އަތުވެއްޖެއެވެ. ތަފާތު އެކިކުލަކުލައިގެ މާތައް ފޮޅި ދުވަހެއް ދުވަހަކަށް ނަވީލަށް ބަރޯސާވެވޭވަރު ދަނީ އިތުރުވަމުންނެވެ. ބަޔާންކުރަން ދަތި ހިތްހަމަޖެހުމަކާއި އުފަލެއް ރީޝާއަށް ދަނީ ލިބެމުންނެވެ. އެޔާއެކު އެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް އަބަދު ވެސް އޮވެއެވެ. އަދިވެސް ނަވީލަށް އޭނާގެ މާޒީ އޮޅުންފިލުވައި ނުދެވި އޮތުމުގެ ސަބަބުންނެވެ.

"ދެން ތި ލަވަ ހުއްޓައިލާ." ރީޝާ އެދުނެވެ. "އިރު އޮއްސެނީ. ހިނގާ ގެޔަށް ދާން."

"ހަމަ ކަމަނާ ވިދާޅުވި ގޮތެއް. މާދަމާ ވެސް އަންނަންވާނެ." ނަވީލް ގިޓާ ނަގާ ކޮނޑުގައި އަޅުވައިލިއެވެ. ރީޝާ ފައިވާން ތިރިއަށް ދޫކޮށްލުމަށްފަހު ދެފައި ކޮށްޕައިލިއެވެ. އަދި ދެފައި ދޮވެލައިގެން މަޑުމަޑުން އެއްގަމަށް އަރަން ދިޔައެވެ. ހުދުކުލައިގެ ބޯ ފަސްގަނޑުމަތިން އޭނާ ފަރުވާތެރިކަމާއެކު ފިޔަވަޅު އަޅަމުން ދިޔައީ ފަޔަށް ވެލި އެޅުނަ ނުދިނުމަށެވެ. ނަވީލަށް އެކަން ފާހަގަވުމާއެކު ބަލާކަށް ނުހުރެ ރީޝާގެ ދެފަޔަށް ވެލި ޖެހިއެވެ. ރީޝާއަށް ނަވީލްގެ ނަމުން ބާރަށް ގޮވައިލެވުނީ ރުޅި އައިސްފައެވެ. ނަވީލަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. އޭނާ ހެމުންހެމުން އެއްގަމަށް ދުއްވައިގަތެވެ. ރީޝާ ވެސް ފަހަތުން ދުވިއެވެ. ނަވީލް ހުއްޓުނީ ގެއާ ހަމައަށް ދެވުނުފަހުންނެވެ. އޭރު އޭނާއަށް މާނޭވާ ލެވެއެވެ.

"ވަރަށް ފޫހިވޭ." ރީޝާ އައިސް ހުއްޓެމުން ބުނެލިއެވެ.

"ފޫހިނުވެ ލޯބިވެޔޭ ބުނާނެނަމަ އޭ ހިތަށް އަރާ." ހިތާއި ދިމާގައި އަތް ޖައްސައިލަމުން، ނަވީލް މޮޅިވެރި ރާގަކަށް ނަވީލް ބުނެލިއެވެ.

"ނަވީއަށް ލިބިފައި ތި ހުރީ ހަމަ ރާއިދުބޭގެ ފޮނިކަންތަ؟" ރީޝާ ކުރި ސުވާލާއެކު ނަވީލް މޫނުގެ ކުލަ އޮއްސުނެވެ. ރާއިދަކީ އޭނާގެ ހަޤީޤީ ބައްޕަ ނޫންކަން ހަނދާންވީއެވެ. އެ ޙަޤީޤަތް ބުނެނުދެވި އޮތުމުން އޭނާގެ ނަފުސު ކުށްވެރިކުރީއެވެ. ނަވީލްގެ ކުލަވަރު ބަދަލުވެގެންދިޔަ ގޮތް ރީޝާއަށް ފާހަގަވިއެވެ.

"ކިހިނެއްވީ؟ ގޯސް އެއްޗެއް މި ބުނެވުނީ؟" ރީޝާ ސުވާލުކުރިއެވެ.

"ކަމެއްނުވޭ. އާދޭ ބައްޕައާ ބައްދަލުކޮށްލަން ގެއަށް ވަދެލަން." ނަވީލް ދަޢުވަތު ދިނެވެ. އެމީހުންގެ ގުޅުމަށް އެއްވެސް ހުރަހެއް ނެތްކަން އެނގުމުން، ނަވީލް ވަނީ ރާއިދަށް ހަޤީޤަތް އޮޅުންފިލުވައި ދީފައެވެ. ރީޝާގެ ބައްޕައަކީ ނިހާދު ނޫންކަމުގައި ބުނެދީފައެވެ. ނަވީލް އިތުރު ތަފްސީލެއް ނުދިން ނަމަވެސް ރީޝާއަކީ ޒައިދުގެ ދަރިއެއްކަން ރާއިދަށް އެނގުނެވެ. ޒައިދުއާއި ފިރާޝާއާ ދެމެދުގައި ހިނގައިދިޔަ ހާދިޘާ އޭނާއަށް މާކުރިން ވެސް އޮތީ އެނގިފައެވެ. ހަމައެކަނި ސިއްރުވެފައި އޮތީ އެ ފާފައިގެ ނިޝާނެއް މި ދުނިޔެއަށް އުފަންވިކަމެވެ. އެ ޙަޤީޤަތާއެކު އެ ގުޅުން ކުރިޔަށް ގެންދިޔުމުގެ އިޒުނަ ނަވީލަށް އޮތީ ލިބިފައެވެ.

"ނުކެރޭނެ." ރީޝާ އިންކާރުކުރިއެވެ.

"އާނ. ދަންވަރުދަޅާގައި އައިސް ވަންނަން ކެރޭނެ." ނަވީލް ސަމާސާއަކަށް ހަދައިފައި ބުނެލިއެވެ. ކުއްލިއަކަށް ކުރީދުވަހު ނަވީލް ދެއްކި ވާހަކަ ރީޝާގެ ހަނދާނަށް އަޔެވެ. ރީޝާގެ ބައްޕައަކީ ނިހާދު ނޫންކަން ނަވީލަށް އެނގުނީ ރީޝާގެ ފުށުންކަމުގައި ނަވީލް އޮތީ ބުނެފައެވެ. ނަވީލަށް އެކަން އެނގުނު ގޮތެއް އޮޅުންފިލުވަން ރީޝާ ބޭނުންވިއެވެ. ޔަޤީނުން ވެސް އެ ވާހަކަތައް ނަވީލާއި ހިއްސާކުރި މީހަކީ ރީޝާއެއް ނޫނެވެ. އެހެނަސް މިފަހަރު ވެސް ނަވީލްގެ ފަރާތުން ލިބުނީ ކުރިން ވެސް ލިބުނު ޖަވާބެވެ.

"ނަވީ ދެން ދޮގު ނުހަދާ. ތެދަށް ބުނޭ." ރީޝާ އެދުނެވެ.

"ދޮގެއް ނޫނޭ މީ." ނަވީލް ބުންޏެވެ. "އެރޭ ރީޝް މަށަށް ގުޅާފައި ވަރަށް ރުޅިއައިސްގެން އެއްޗެހި ކީ. ފޯނުގައި ހުރެގެން ހަމަހަޅޭލެވީ ހަމަ. މަށަށް ބޭރުތެރެއިން ރީޝް އަޑުއިވިގެން އަވަހަށް ނުކުތީ ދެން."

އެރޭ ހިނގައިދިޔަ ހާދިޘާ ވަރަށް ތަފްސީލްކޮށް ނަވީލް ކިޔައިދިނެވެ. ރީޝާ އަޖައިބުވިއެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ނަވީއަކަށް ނުވެސް ގުޅަން." ރީޝާ ހުރީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. "ދެވަނަ ކަމަކަށް އަހަރެން ތި ގެއަކަށް ނުވެސް ދަން. ތިން ވަނަ ކަމަކަށް ތި ގެއަށް އަހަރެން ވަދެފައި އޮންނާނީ ވެސް އެންމެ ރެޔަކު. އެއީ ނަވީގެ މާމައާ ބައްދަލުވި ރޭ."

ރީޝާގެ ވާހަކަ އެ ހިސާބަށް ދިޔައިރު ނަވީލްގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ. ރީޝާ އެ ކުރަނީ ސަމާސާއެއް ނޫންކަން ނަވީލަށް ޔަޤީންވެއެވެ. ނަވީލްމެން ގެއަށް ރީޝާ ވަދެފައިވަނީ އެންމެ ފަހަރަކުނޫނެވެ. 03 ފަހަރެއްގެ މަތިން ރީޝާ އެގެއަށް ވަދެ ނަވީލާ ބައްދަލުކޮށްފައިވެއެވެ. ނަވީލް "ރީޝާ"އާ ވާހަކަ ވެސް ދައްކާފައިވެއެވެ. ވީއިރު ދެފަހަރެއްގެ މަތިން ނަވީލާއި ބައްދަލުކޮށްފައި އެ ވަނީ ރީޝާއެއް ނޫން ހެއްޔެވެ؟ އެއީ ކާކު ހެއްޔެވެ؟ ދެން ހިތަށް އެރި އެއްޗަކުން ނަވީލް އިތުރަށް ބިރު ގަނެއްޖެއެވެ. އެއީ ރީޝާގެ ސިފަޖެހިގެން ހުރި ޖިންނިއަކީ ހެއްޔެވެ؟ ނަވީލަށް ޝައްކުވިއެވެ. ސިކުނޑިއަށް ވާންކޮށްލުމާއެކު އެ ޝައްކު ޔަޤީނަށް ބަދަލުވާން ފެށިއެވެ. ރީޝާ ގެއިން ނުކުތުމާއެކު ގެއްލޭ ސަބަބަކީ އެއީ ހެއްޔެވެ؟ ދެރޭ ވެސް ރީޝާ އެހައި އަވަހަށް ގެއަށް ދިޔަ ގޮތާއިމެދު ނަވީލްގެ ހިތުގައި ސުވާލު އުފެދުނެވެ. ރީޝާގެ ވާހަކައިން އެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ.

ނަވީލްގެ ހިތަށްއަރަފައި ފައިބަމުން ދިޔަ އެއްޗެއް ރީޝާއަކަށް ނޭނގެއެވެ. އޭނާއަށް ފެންނަނީ ނަވީލަށް އައި ބަދަލެވެ. ކުއްލިއަކަށް އެ މޫނުން ކަންބޮޑުވުމާއި ހާސްކަން ފާޅުވެގެންދިޔަ ތަން ރީޝާއަށް ފެނުނެވެ. ރީޝާ ގޮވައިލިއެވެ. ނަވީލަށް ސިހުމެއް ލިބުނެވެ.

""މީގަ އެބައުޅޭ ވަރަށް ބޮޑު ގޯހެއް." ނަވީލަށް ހިންދިރުވައިލެވުނެވެ. "ޖިންނީންނަކީ އުޅޭ ބަޔެއްކަން ރީޝް ޤަބޫލުކުރަންތަ؟"

ނަވީލް ބުނަން އެ އުޅޭ އެއްޗެއް ރީޝާއަށް ވިސްނިއްޖެއެވެ. ނަވީލްގެ ބަހަށް ރީޝާ އިތުބާރުކުރެއެވެ. ރީޝާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ކުއްލިއަކަށް އެ ހިތުގައި ވެސް ބިރުވެރިކަން އުފެދިއްޖެއެވެ.

"އެހައި ބޮޑަށް ހާސްނުވޭ." ނަވީލަށް ވެސް ދުލުން ބުނެލަން ފަސޭހައެވެ. އެކަމަކު އޭނާގެ ހިތުގައި ވަކި ހިއްޕާލައިފައިވާ ބިރުވެރިކަން ކުޑައެއްނޫނެވެ. ޖިންނި ޝައިޠާނުން އިންސާނުންގެ ލޮލަށް ފެނުން އެއީ ރަނގަޅު ފާލެއްނޫނެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މަގުތައް ފަޅުވެފައި އަމާނެވެ. މުޅިރަށް ހަމަހިމޭން ނިންޖަކުން ނިދައިލައިފައި އޮތް ކަހަލައެވެ. ނިހާދާއި އޭނާގެ ދެ އެކުވެރިން ތިބީ ޒިލޭބީގަސްދޮށުގޭ ކުރިމަތީގައެވެ. ސައްލާކުރާށެވެ. އެމީހުން މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައި އޮތެވެ. ވިހަ ދިނުމަށް ރީޝާގެ ކޮޓަރިއަށް ވަންނާނެ މީހަކާ މެދުއެވެ. ނިހާދު ބޭނުންވަނީ ޝަފްރާޒް އެކަނި އެ ކޮޓަރިއަށް ވަންނާށެވެ. ޝަފްރާޒް ބޭނުންވަނީ އޭނާއާއެކު އަދުހަމް ވެސް ވަންނާށެވެ. ނިހާދު ފާރައަށް ހުންނާށެވެ. މައްސަލައަކަށް ވީ ނިހާދަށް އެގޮތާއި އެއްބަސް ނުވެވުމެވެ. ގާތް މިތުރުން ނަމަވެސް އެ ދެމީހުންނަށް ނިހާދު އިތުބާރެއް ނުކުރެއެވެ. ދެމީހުން އެކުގައި ވަންނަން އުޅުމުން އެމީހުންގެ ހިތުގައި ނުބައި އެދުމެއް އޮތީކަމަށް ނިހާދަށް ޝައްކުވެއެވެ. ރީޝާގެ ހަށިގަނޑަށް އެ "ވިހަ" ފޮނުވުމަށްފަހު، އޭގެ އަސަރުކުރަން 30 މިނެޓް ނަގާނެކަމަށް އަދުހަމް ބުނެއެވެ. އެ ތިރީސް މިނެޓް ރީޝާއަށް ފާރަވެރިވެގެން އެ ކޮޓަރީގައި ހުންނަން ޝަފްރާޒް ބޭނުންވެއެވެ.

"ތިރީސް މިނިޓް ހަމަވުމުގެ ކުރިން ހޮޑުލައި ބޭރުކުރިޔަސް މީގެ އަސަރެއް ނުކުރާނެ." އަދުހަމް ބައިވެރިވެލުމުގެ ގޮތުން ބުންޏެވެ.

ނިހާދަށް އެކަންކަން ޤަބޫލު ނުކުރެވުނަސް އެންމެފަހުން އެކަންތައް ނިމުނީ ޝަފްރާޒް ބޭނުންވާ ގޮތަށެވެ.

"ކަލޭމެން މި މައްސަލަ އިތުރަށް ބޮޑުވާ ކަހަލަ އެއްވެސް ކަމެއްނުކުރާތި. ދޮރު ތަޅުލައިގެން ވެސް ނުވާނެ. ނޫނީ ތި ވިހަ މަ އަތުން ކަލޭމެން އަނގަޔަށް އަޅާނަން." ނިހާދު އިންޒާރު ދިނެވެ.

ރީޝާގެ ކޮޓަރީގެ ދޮރު ނިހާދު ހުޅުވައިލިއެވެ. ޝަފްރާޒްގެ ފަހަތުން އަދުހަމް އެތެރެއަށް ވަނެވެ. ދޮރު ލައްޕައިލިއެވެ. މުޅި ކޮޓަރީގައި ވަނީ ކަނު އަނދިރިކަމެވެ. ބޮކި ޖައްސަން އަދުހަމް މަސައްކަތްކުރިއެވެ. ކާމިޔާބެއް ނުވިއެވެ. ޝަފްރާޒް ފޯނުން އަލިކުރަން ބެލިއިރު ފޯނުވެސް އޮތީ ނިވިފައެވެ. އަދުހަމްގެ ފޯނު ބެލިއިރު ވެސް ހާލަކީ އެއީއެވެ. އެ ހިސާބުން އަދުހަމްގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ. ކޮޓަރިން ނުކުންނަން އުޅުނެވެ. ދޮރެއް ނުހުޅުވުނެވެ. އެމީހުންގެ އިންތިޒާރުގައި އަލަމާރިމަތީގައި އޮތް ބުޅާ ގޮވައިލީ އެވަގުތެވެ. ދެމީހުންގެ ހަށިގަނޑު ވެސް ފިނިވެގެން ދިޔައެވެ. ސިހިފައި ބަލައިލިއިރު އަލަމާރިމަތިން ފެންނަން ހުރީ ރަތްކުލައިގެ ދެލޮލެވެ. ގަތްބިރާއެކު ދެމީހުންނަށް ވެސް ހަޅޭލަވައިގަނެވުނީ އެކުއެކީގައެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލައި

    މީ ވަރައް ވަރައް ރީތި ވާހަކަ އެއް???????????

    15
  2. ެއަސްލު ބުޅާ

    ސާބަހޭ ޖިންނި ބުޅާ.މިފަހަރުވާނެ ތިވެރިންނަށް ރަނގަޅު ފިލާވަޅެއް ދޭން.

    19
  3. ލަލަ

    ހެޔޮނުވާނެ މިހިސާބުން ނުނިއްމާ! އަނެއްބައި ވ ވ އަވަހަށް އަޕްކޮށްދީބަ. ޕލޒ ޕލޒ ޕލޒ

    12
    1
  4. ހާސަރު

    ހުސް ގަދަރު ބޭކާރު ވާހަކަ އެއްވެސް ޚާއްސަ ކަމެއް ނެތް ދެން ތި ނިހާދަކާ ޝިހާމެއްގެ ކަންތައް ކޮންމެ ވެސް އެއް ކޮޅެއްގަ ޖައްސަން ވެއްޖެއެއްނު ނޫނީ ރީޝާ ސިއްރު ކުރާ ކަންތައް ފަރީޝާއަށް އެގެންވެއްޖެއެއްނު ސާދަ ޕާރޓު ކިޔުނު އިރު ގިނައީ ބޭކާރު ބައި އަބަދު ނިހާދު ރުޅިއައިސް އަނިޔާކުރާ ބައި ފަރިޝާ ބިރުން ވިރި ވިރި ތި ޖިންނި ބުޅާގެ ހާދިސާ އާއި އެކު ނިހާދު ނިކަން ސައިޒަށް ތިރިކޮށްބަލަ

    8
    2
  5. ޫތާނީ

    ކޮބަ މީގެ 10 ވަނަ ބައި

  6. ޝަމީ

    މި ވާހަކަ ވަރަށް ރީތި..
    ކޮން އިރަކުން އަނެއް ބައި އަޕްލޯޑު ކުރާނީ؟؟

  7. ރީތި

    މީ ވަރަށް ތަފާތު ރީތި ވާހަކައެއް...... ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަން

  8. ބޭކާރު ވާހަކަ

    ހާދަ ލަހަކުންނޭ ޕާޓުތަށް ތި ގެންނަނީ.......

  9. ޙިސަނޮ

    15ވަނަ ބަަަަ

  10. ކަލް

    އަވަސް އަވަސް އަވަސް އަނެއް ބައި