އާއަހަރު ދުނިޔެއަށް މަރުހަބާ ކީ ނުހަނު ހިނިތުންވުމާއި އެކުގައެވެ. އެތަކެއް މީރުވަސް ދުވާ މާމެލާ މެލިން އެތަކެއް ބަޔެއްގެ މޫނަށް އުފާވެރިކަން ގެނުވަމުންނެވެ. ނަމަވެސް އާއަހަރު ފެށިގެން މާ ގިނަ ދުވަސްތަކެއް ނުވަނީސް ދުނިޔެ ސިއްސުވާލީ ޕާކިސްތާނުގެ ޕަންޖާބަށް ނިސްބަތްވާ އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއް ކަމުގައިވާ ޒައިނަބް އަންސާރީ ރޭޕްކޮށް މަރާލި ޚަބަރުންނެވެ.

ޒައިނަބުގެ މަރާއި އެކު މުޅި ދުނިޔެ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެތަކެއް ބައެއް ވަނީ ޒައިނަބްގެ ގާތިލަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.

ޕާކިސްތާނުގެ މުސްލިމު އާއިލާއަކަށް ނިސްބަތްވާ ޒައިނަބުގެ ގާތިލު ވަނީ އެގައުމުގެ ފުލުހުންގެ މަސައްކަތުން ހައްޔަރު ކުރެވިފައެވެ. އަދި ޒައިނަބްގެ ގާތިލު މަރަން މިހާރުވަނީ ހުކުމް ކޮށްފައެވެ.

ރޭޕްކުރުމަށް ފަހު އަނިޔާވެރިކޮށް މަރާލާ ވަލުޖަނަވާރެއް ފަދައިން މަގުމަށްޗަށް އެއްލާލައިފައިިވާ ޒައިނަބުގެ މަރަށް މިހާރު ފަސް މަސް ވާން ކައިރިވެފައި ވަނިކޮށް ޕާކިސްތާނުގެ އެކްޓިވިސްޓެއް މިވަނީ ޒައިނަބުގެ ހަޔާތަށް ބިނާކޮށް ކުރު ފިލްމެއް ތައްޔާރު ކުރަން ނިންމާފައެވެ. އަދި ޒައިނަބުގެ ހަޔާތަށް ފިލްމެއް ތައްޔާރުކުރަން އުޅޭކަން ޕާކިސްތާނުގެ ޓީވީ ޗެނަލް އަކުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

"ޒައިނަބް ކޭ ގާތިލް" ގެ ނަމުން ނަން ދީފައިވާ މި ފިލްމުގެ މައިގަނޑު މަގުސަދަކީ ރޭޕް ކުރުން ފަދަ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އަޑު އުފުލާ އެކަމުގެ ގެއްލުން ގިނަ ބަޔަކަށް ހާމަކޮށްދިނުން ކަމުގައި އެ ފިލްމުގެ ޕްރޮޑިޔުސަރު ބުނެއެވެ.

އަދި އެ ފިލްމުގައި ޒައިނަބުގެ ހަޔާތާއި ބެހޭ ގިނަ ކަންކަން ހިމެނިގެންދާނެ ކަމަށްވެސް ޕްރޮޑިޔުސަރު ބުނެއެވެ.