ޓެކްނޮލޮޖީގެ ސަބަބުން އަހަރެމެންނަށް އެހީތެރިވާކަމަށް އަހަރެމެން އަމިއްލަ ނަފްސަށް ޤަބޫލު ކުރުމަށް އަހަރެމެން މަޖުބޫރު ކުރަމެވެ. އެހެންނަމެވެސް ހަޤީޤަތުގައި ޓެކްނޮލޮޖީ އަހަރެމެންނަށް އިޙްސާސްކޮށްދެނީ އިންސާނުންގެ އިތުރުން އިތުރު ބައިވެރިއެއް އިންސާނުންނަށް ބޭނުންވާކަމެކެވެ.

މިކަމުގެ މިސާލަކަށް ކޮންމެ މީހެއްގެ އަތުގައި އޮންނަ މޯބައިލް ފޯނު ފުދެއެވެ. ކޮންމެ ދުވަހެއްގެ ބޮޑުބައި ކުލިކް ކުރުމުގަޔާއި މީސްމީޑިޔާ ސްކްރޯލް ކުރުމުގައި އަހަރެމެން ހޭދަކޮށްލާއިރު، ކޮންމެ މީހެއްގެ ޝައުވާއަކަށް ވެފައި އޮންނަނީ ވަގުތު ނެތުމުގެ ޝަކުވާއެވެ.

އީބޭގައި ނުވެސް ދަންނަ މީހަކު ކޮށްފައި ހުންނަ ރިވިއުތަކަށް އިތުބާރުކޮށް ތަކެތި ގަންނައިރު، ދިރިއުޅުމުގައި އެންމެ ގާތް މީހާއަށްވެސް އަހަރެމެން އިތުބާރެއް ނުކުރަމެވެ.

ކުރިމަތީގައި ހުންނަ ތިމާގެ ލޯބިވެރިޔާ ނުވަތަ އަނބިމީހާއަށް ބެލުމުގެ ބަދަލުގައި ދުވާލުގެ ގިނަ ވަގުތު ހުސްކޮށްލަނީ އިންސްޓަގުރާމްއިން ފެންނަ ކުދިން ބެލުމަށެވެ. މީސްމީޑިޔާ ޗެކް ކުރާވަރު، މީހެއްގެ ދިރިއުޅުން ޗެކް ކުރާވަރު މަދެވެ.

ބިޒީވުމަކީ ފަޚްރެއްކަމުގައި ދެކި ސްނެޕް ސްޓްރީކް ކުރުމުގައި ބިޒީވެގެން އުޅޭއިރު، ހަނދުމަ ނުހުންނަ ކަމަކީ ތިމާއަށް އެ ބޭރުކޮށްލެވެނީ ކިހާ މުހިންމު ވަގުތެއްކަމެވެ. މީސްމީޑިޔާގައި މިފަދަ ގޮތަކަށް ވަގުތުތައް ހޭދަކުރަމުން އަންނަ އިރު، ރަޙްމަތްތެރިންގެ ފީލިން ސިކް ސްޓެޓަސްތަކަށް ގެޓްވެލްސޫން ޖަހާލުން އެއީ ރަޙްމަތްތެރިކަން އަދާކުރެވުންކަމުގައި މިއަދު މިވަނީ ޤަބޫލު ކުރެވެއެވެ. އެންމެ ގިނަ ލައިކްސް ލިބޭ މީހާކީ އެންމެ މޮޅު މީހާކަމަށް ޤަބޫލު ކުރެވި، ދިރިއުޅުމުގެ މިސްރާބެއްނެތި މުޅި ދުވަސް މީސްމީޑިޔާގައި ހޭދަކޮށްލެވީ ޓެކްނޮލޮޖީ ކިހާ އެހީތެރިކަމެއް ދޭތީތާއެވެ.

މީގެ ކުރިން މައިންނާއި ދަރިން އަތުގައި ހިފައިގެން މަގުތަކުގައި އުޅެމުން ދިޔަނަމަވެސް، މިއަދު އެމަންޒަރު ބަދަލުވެ، މޯބައިލް ފޯނު ހިފައިގެން މަގުމަތީގައި އުޅުން އާއްމު ވެއްޖެއެވެ. ކެޔުމުގެ ސުފްރާތަކުން ފެށިގެން މޯބައިލް ފޯނުގެ އަސަރު ނުކުރާތަނެއް މިއަދު އެއްވެސް ތާކު ނެތެވެ. އަހަރެމެންގެ އެންމެ ގާތް އެކުވެރިއަކަށް މޯބައިލް ފޯނުމިވަނީ ވެފައެވެ.

މޯބައިލް ފޯނު ފަދަ ޓެކްނޮލޮޖީ ތަކަކީ އޭގެ ސަބަބުން ކިތަންމެހާވެސް ފައިދާ ލިބޭނެ އެއްޗެކެވެ. ނަމަވެސް މޯބައިލް ފޯނުގެ ޓަޗް ސުކްރީންތަކަކީ އަހަރެމެންނާއި އަހަރެމެންގެ ވަށައިގެންވާ މާހައުލުން ޓަޗް ގެއްލުވާލާނެ އެއްޗަކަށް ނުހަދަމާ ހިންގަވާށެވެ.