ޗައިނާ އަށް ނިސްބަތްވާ ޒުވާން ފިރިހެނަކު ތީރު ދުންޏަކާއި ކުޅެނިކޮށް އޮޅުމަކުން އޭގެ ތީރު އޭނާގެ އަމިއްލަ މެއަށް ޖަހައިފިއެވެ.

އެ ގައުމުގެ ދެކުނުގައި އޮންނަ ޒުއާންގް އޮޓޮނަމަސް ރީޖަންގައި ހިނގި މި ހާދިސާގައި އުމުރުން 21 އަހަރުގެ ޕެންގް އޮޅުމަކުން އޭނާގެ މެއަށް ތީރު ޖެހުމުންވެސް މާ ބޮޑަށް ހާހެއް ނުވެއެވެެ.

ހޮސްޕިޓަލަށް އަމިއްލަ އަށް ދިއުމަށް ފަހުގައި އޭނާ ވަނީ އެމެޖެންސީ ރޫމްގެ ކިޔޫ އަށް އަރައި، އޭނާގެ ފުރުސަތު ޖެހެންދެން މަޑު ކޮށްފައެވެ.

ޑޮކްޓަރުން ޕެންގް ބެލުމަަށް ފަހުގައި ބުނެފައި ވަނީ އޭނާ ހޮސްޕިޓަލަށް އައީ ރަނގަޅު ގަޑިއެއްގައި ކަމަށާއި އަދި އޭނާގެ ނަސީބުވެސް ވަރަަށް ރަނގަޅު ކަމަށެވެ. ޕެންގެ ބަނޑަށް ހެރުނު ތީރު އޭނާގެ ހިތުގައި ނުޖެހި އިނީ އެންމެ .2 ސެންޓިމީޓަރު ދުރުންނެވެ.

ނަމަވެސް، ތީރުގެ ސަބަބުން އޭނާގެ އެއް މޭ ކައްޓާއި، ފުއްޕާމޭގެ ބަޔަކަށް ވަނީ ޒަހަމްތަކެއް ވެފައެވެ. ޕެންގްގެ ސާޖެރީ ހެދި ޑޮކްޓަރުން އިތުރަށް ބުނެފައި ވަނީ އޭނާގެ ފުރާނަ އަށް ނުރައްކާ ނުވާ ކަމަށާއި، އަދި ޕެންގް އަށް އެއްވެސް ދައްޗަކާއި ނުލައި ވާހަކަ ދައްކައި، ކާތަކެތި ކެވޭ ކަމަށެވެ.

ޗައިނާގައިވެސް މިފަހަކަށް އައިސް މިފަދަ ހާދިސާތައް އިތުރުވަމުން އަންނައިރު، ދާދި ފަހުން އެ ގައުމުގައި ދެބަސްވުމެއްގައި ބޮލަށް ވަޅި އެއް ހެރުނު މީހަކުވެސް ވަނީ ވަޅި އާއި އެކު ހިނގާފައި ގޮސް ހޮސްޕިޓަލަށް ވަދެފައެވެ.