ނިހާދު ހުރީ ދޮރުމަތީގައެވެ. ފިރާޝާއަށް ހޭލެވިގެން އަތުވެދާނެކަމަށް ފާރަވެރިވެގެންނެވެ. ޝަފްރާޒާއި އަދުހަމް ހަޅޭލަވައިގަތް އަޑު ވަރަށް ސާފުކޮށް ނިހާދަށް އިވުނެވެ. އެއާ ވިދިގެން ރީޝާގެ އަޑު ވެސް އިވުނެވެ. ނިހާދަށް ލިބުނު ސިހުމާއެކު ފިރާޝާ ކޮޓަރިއާ ދިމާއަށް ނަޒަރު ބަދަލުކޮށްލެވުނެވެ.

"ކާކު؟ ކާކު؟" ރީޝާ ބުނި އަޑު ނިހާދަށް އިވުނެވެ. އެޔާއެކު އަނެއްކާ ވެސް ރީޝާ ނިކަން ބާރަށް "މަންމާ" އޭ ކިޔާ ހަޅޭލަވައިގަތް އަޑު އިވުނެވެ.

"ނިހާދު މި ދޮރު ހުޅުވާ." އަދުހަމް ހަޅޭލަވަމުން ބުނެލިއެވެ. އެތެރޭގައި ހިނގަމުން ދިޔައީ ކޮން ކަންތައްގަނޑެއް ކަމެއް ނިހާދަކަށް ނޭނގެއެވެ. އޭނައަށް ފެންނަނީ ތަޅު ނިކަން ބާރަށް އެނބުރޭތަނެވެ. އިވެނީ ޝަފްރާޒާއި އަދުހަމް އެ ދޮރު ހުޅުވުމަށް އެދި ގޮވާ އަޑެވެ. ނިހާދު ހިތްހަމަނުޖެހިފައި ހުރެ، ކުރިޔަށް ޖެހިލިއެވެ. ތަޅުގައި ހިފައި އަނބުރައިލިއެވެ. ދޮރެއް ނުހުޅުވުނެވެ. އެކަމަކު ދޮރު ހުރީ ތަޅުލައިފައެއް ވެސް ނޫނެވެ. ނިހާދަށް ލަފާކުރެވުނު ގޮތުގައި އެ ދޮރު ހުރީ ތާށިވެފައެވެ. އޭރުވެސް އެތެރެއިން އެ ދޮރު ހުޅުވުމަށް މަސައްކަތްކުރަމުން ދިޔައެވެ. ހިނދެއްހިނދަކަށް އެމީހުންގެ އަޑު ގަދަވަމުން ގޮސް ކުއްލިއަކަށް ދޮރު ހުޅުވިއްޖެއެވެ. ހަޅޭލަވަމުން ޝަފްރާޒް ބޭރަށް ނުކުތެވެ. މުޅި މީހާ ވަނީ ދަލުން ފެންވެރިފައެވެ.

"ކޮޓަރީ. ކޮޓަރީގައި. ރީޝާ." މާނޭވާލަމުން ދިޔަ ޝަފްރާޒް ބުނަން އުޅުނު އެއްޗެއް ވެސް ނިހާދަކަށް ނުވިސްނުނެވެ. އޭނާ ދެފަޔަށް ލެވުނުހައި ބާރެއްލައިފައި ދުއްވައިގަނެއްޖެއެވެ. އަދުހަމް ކޮބައިތޯ ބަލައިލިއިރު އޭނާ ވެސް އެހައިމެ ބާރަށް ކޮޓަރިން ނުކުތެވެ. އަދުހަމް މަޑުކުރާކަށް ނުހަދައެވެ. އޭނާ ދިޔައީ ނިހާދުގެ ކޮނޑުގައި ބާރަށް ޖެހިގަނެ، އިދިފުށަށް ވައްޓައިލައިފައެވެ. ނިހާދުގެ ބުރަކަށްޓަށް އެރި ތަދާއެކު އަނގައިން ވޭނީ އާޚުގެ އަޑު ނުކުމެގެން ދިޔައެވެ.

ސަރައްކާލީގައި ހުރި ހޮޅިބުރި ފިޔަޖަހަންފެށީ އެވަގުތެވެ. ނިވިދިއްލެމުން ދިޔައިރު "ކަރަންޓް" ފާޑު އަޑެއް ވެސް ކިޔަމުން ދިޔައެވެ. ނިހާދު މަޑުމަޑުން ތެދުވިއެވެ. ކުއްލިއަކަށް އެ ހޮޅިބުރި ބަޑިޖެހިއެވެ. މުޅި ހިސާބަށް ކަނު އަނދިރިކަން ފެތުރިގެން ދިޔައިރު ނިހާދަށް ވަރުގަދަ ސިހުމެއް ލިބުނެވެ. ކޮޓަރި ތެރެއިން ބުޅަލެއް ހޭރިގަތް އަޑުވެސް އިވުނީ ހަމަ އެ ސިކުންތުގައެވެ. ސިހިފައި ބަލައިލިއިރު ދޮރު މަތީގައި މީހަކު ހުއްޓެވެ. އަނދިރިކަމުން ކާކުކަން ނޭނގުނު ނަމަވެސް އެއީ ރީޝާކަމަށް ނިހާދު ޔަޤީންކުރިއެވެ.

"މިހިރަ މޮޔަ އިންސާނާ." ރީޝާ ބުންޏެވެ. "ކަލޭ ހީކުރީ ކަލޭގެ ތި ރޭވުން ކާމިޔާބުވިޔަ ދޭނެކަމަށްތަ؟"

ރީޝާގެ އަޑުގައި ކުޑަ ބަރުކަމެއް ހުއްޓެވެ. ނިހާދު އެކަމަށް ސަމާލުކަމެއް ނުދެއެވެ. ބުޅާގޯނިން ބޭރުވުމުން އޭނާގެ ތުންފަތް މައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"ކަލޭ މައިތިރި ކުރެވެން އޮތްގޮތަކަށް މައިތިރިކުރާނަން." އެ އަޑުގައި ވެސް ވަނީ މަލާމާތެވެ. "މިރޭ ކަލެޔަށް ސަލާމަތްކަން ލިބިއްޖެ. އެ ދެމީހުން ބިރުގަންނުވާ ފަހައިވެސް ލެވިއްޖެ. އެކަމަކު މަށެށް ކަލޭދެކެ ބިރެއް ނުގަނޭ. އަދިވެސް މި ބުނަނީ ކަލޭދެކެ މަށެށް ބިރެއް ނުގަނޭ."

ނިހާދު ހާމަކުރީ އޭނާއަށް ވިސްނުނު ގޮތެވެ.

"ކަލޭ ޖެހޭނެ ބިރުގަންނަން." ރީޝާ ކުރިޔަށް ޖެހުނެވެ. "ބިރަކީ ކޯއްޗެއްކަން މިރޭ ކަލެޔަށް ވިސްނައި ދޭނަން."

"މަ ނޫޅެން ޖަދަލުކުރާކަށް. ލެއްވި ނަސީބަށް ޝުކުރުކޮށްލައިގެން ކޮޓަރިއަށް ވަދޭ." ނިހާދު ހިނގައިގަތެވެ. ރީޝާގެ ދެލޯ ދިއްލިގެން ދިޔައެވެ. ރަތް އަނގުރުގަނޑެއް ފަދައިންނެވެ. ނިހާދަށް އެ މަންޒަރެއް ނުފެނެއެވެ. ރީޝާ ނުހަނު ބާރަށް ގޮސް ނިހާދު ލައިގެން ހުރި ޓީޝާޓުގައި ހިފައި އިދިފުށަށް ދަމައިގަތްގަތީނުން ތަޅުންގަނޑު މައްޗަށް ވައްޓައިލިއެވެ.

"ބަލާ**ނު." ނިހާދަށް ވީ ތަދާއެކު ބުނެވުނެވެ. ރީޝާ ކުއްލިއަކަށް ތިރިވެފައި ނިހާދުގެ އަނގައިގައި ހިފައި ފިތައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ އަނެއް އަތުގައި އޮތް ފުޅި ނިހާދުގެ އަނގަތެރެއަށް ކޮއްޕައިލިއެވެ. އަދި އަތުގައި ހުރިއްޔާ ހުރި ބާރެއް ލައިފައި އެޔަށް ފިތައިލުމާއެކު އޭގައި ހުރި އޮލަ ފެންތައް ނިހާދުގެ އަނގަތެރެއަށް އެޅުނެވެ. އެއީ އަދުހަމް ގެންގުޅުނު ވިހަ ފުޅިއެވެ. ނިހާދު ކޮށި އަރައިގަތެވެ. ވިހަތައް ބުރައިގެން ދިޔުމުގެ ކުރިން ނިހާދުގެ އަނގަމަތީގައި ރީޝާ އަތް އަޅައި އޮބައިލިއެވެ.

"ވިހަ ދީގެން މަށަށް ތި ހަދަން އުޅުނު ގޮތް ދެން ވާނީ ކަލެޔަށް." ރީޝާގެ ބަރު އަޑުން އިއްވައިލިއެވެ. "ކަލެޔަށް މީހުން ވެސް ފެންނާނެ. ނޭވާ ވެސް ލެވޭނެ. އެކަމަކު ޚަރަކާތެއް ނުކުރެވޭނެ. މިހާރު އިޙްސާސްވާނެ ބިރަކީ ކޯއްޗެއްކަން."

ނިހާދުގެ އަނގަޔަށް އެޅި އޮލަ ފެނަކީ ވިހަކަން ވެސް ރޭކާލީ އެ ހިސާބުންނެވެ. އޭރު އަރުތެރެއިން އެތި ފޮދެއް ދިރެންވެސް ދިރިއްޖެއެވެ. ނިހާދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތް ނުހަނު ބާރަށް ތެޅިގަތެވެ. އޭނާ ތެޅިފޮޅިގަތެވެ. ރީޝާ ފުންމައިގެން އަރާ ނިހާދުގެ މޭމަތީގައި އިށީނެވެ. ދެކަކޫ ވިއްދީ ނިހާދުގެ ދެ ކޮނޑުހުޅުގައެވެ. އަނގަމަތީގައި ދެއަތް އަޅައި އޮބައިލިއެވެ. މިހާރު ނިހާދު އޮތީ ރަނގަޅަށް ވެސް ކަސްތޮޅު އެޅިފައެވެ. އޭނާއަށް ދެފަޔާއި ދެ އަތް ނޫން އިތުރު ތަނެއް ގުޑުވައި ވެސް ނުލެވެއެވެ. އެގޮތުގައި އެތައް އިރަކު ރީޝާ އިނެވެ.

ނިހާދު ދެލޯ ބޮޑުކޮށްގެން އޮވެ، ތެޅިތެޅި ވަރުބަލިވީއިރު ވެސް ރީޝާގެ ކިބައިން ސަލާމަތެއް ނުވެވުނެވެ. އޭނާގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރެމުން ދިޔައިރު ރީޝާ އެހައި ބާރުގަދަވީ ކިހިނެއްތޯ ވިސްނައިލާނެ ފުރުޞަތެއް ވެސް އޭނާއަކަށް ނުލިބުނެވެ. އޭނާއަށް ވިސްނެމުން ދިޔައީ ވިހަ އަރުތެރެއިން ގޮސްފިނަމަ ވާނެ ގޮތަކާމެދުއެވެ. ރީޝާގެ ކިބައިން ސަލާމަތްވާނެކަމުގެ އުންމީދު ކުޑަވަމުން ދިޔައެވެ. އަނގަތެރޭގައި ހުރި ތަކެތި ދިރުވައިނުލުމަށް ނިހާދު ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް ރީޝާ ނިހާދުގެ ބޯ އެގޮތް މިގޮތަށް ތަޅުވައިގަތުމާއެކު އެކަން ވެސް ވެއްޖެއެވެ. އެހައި ބިރުގަތް ވަގުތުކޮޅެއް މުޅި އުމުރުގައި ވެސް އޭނާއަށް ދިމާނުވެއެވެ. ކުއްލިއަކަށް މުޅި މީހާ ފިނިވެ، އައްސިވާ ގޮތްވެއްޖެއެވެ. އެހައި އަވަހަށް އެ ވިހައިގެ އަސަރުކުރަން ފެށީއޭ ނިހާދުގެ ހިތް ބުނެލިއެވެ.

ފިރާޝާ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ރީޝާ ފުންމައިގެން ތެދުވެ ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ނިހާދު ވަގުތުން އަރިއަކަށް ޖެހިލައި އެ ވިހަތައް ބޭރުކުރަން މަސައްކަތްކުރިއެވެ. އަދުހަމް ބުނި ގޮތުންވިއްޔާ އެ ވިހައިގެ އަސަރުކުރާނީ ތިރީސް މިނިޓު ފަހުންނެވެ. އޭގެ ކުރިން އެތަކެތި ބޭރުކުރަން ނިހާދު އަވަސްވެގަތެވެ. އޭނާ ތެދުވެ ގަދަކަމުން ބާރަށް ކެއްސަން ފެށިއެވެ. ކޮޓަރިން ނުކުތް ފިރާޝާއަށް ނިހާދު ފެނުމާއެކު ދުވެފައި ގޮސް ނިހާދު ބުރިކަށީގައި ތަޅަންފެށިއެވެ. ކިހިނެއްވީތޯ ސުވާލުކުރިއެވެ. ނިހާދަށް ޖަވާބު ދެވޭ ވަރެއް ނުވެއެވެ. އޭނާ ދެ އިނގިލި އަނގަތެރެއަށް ކޮއްޕައިލިއެވެ. އޯކަށް ދެމެން ފެށިއެވެ. އެވަރުން ވެސް ހޮޑެއް ނުލެވުނެވެ. ކަރުގެ އެންމެ ފުނަށް އިނގިލިތައް ކޮށްޕައިލުމުން ވެސް އެކަން ކާމިޔާބެއް ނުވިއެވެ. ނިހާދު ތެޅިތެޅި ވަރުބަލިވެއްޖެއެވެ. ބިރުން އަވަދިވާ ވަރުވެއްޖެވެ. ތިރީސް މިނިޓު ފާއިތުވެގެން ދިޔައިރު ވެސް ނިހާދަކަށް ހޮޑެއް ނުލެވުނެވެ.

****

ނާޔާމެން ގޭގައި އުޅެފައި ރީޝާ ގެއަށް އައިސް ވަންއިރު ގޭތެރެގޭ މަޝްރަހު އޮތީ ހޫނުވެފައެވެ. ޝިހާމްމެން ތިބީ ރީޝާގެ އިންތިޒާރުގައެވެ. ރިޒްމާ އޮތީ ޝިހާމަށް ހުރިހާ ވާހަކައެއް އޮޅުންފިލުވައި ދީފައެވެ. ރީޝާއަށް ރަނގަޅަށް އެތެރެއަށް ނުވަދެވި އުޅެނިކޮށް ޝިހާމް އައިސް އޭނާގެ އަތުގައި އޮތް ފޯނު ޖަހައިގަތެވެ.

"ކޮބާ ސިޓީއުރަ؟" ޝިހާމް ހަރުކަށި ރާގަކަށް އެހިއެވެ.

ރީޝާ ހިނިތުންވެލިއެވެ. ޖަވާބެއް ނުދެއެވެ. ތަންކޮޅެއް ދުރުގައި މަންޒަރު ބަލަން ހުރި ރިޒްމާއަށް ބަލަމުން ދޮރު ލައްޕައިލިއެވެ. ޝިހާމް ދެވަނަ ފަހަރަށް ސުވާލުކުރިއެވެ.

"ވީ އެންމެ އަވަހަކަށް އަހަރެން ރަށަށް ފޮނުވައިލާ." ޝިހާމްގެ ސުވާލަށް ޖަވާބުދިނުން ރީޝާއަކަށް މުހިންމެއް ނޫނެވެ.

"ކޮބައިހޭ އެ ލިޔެކިޔުންތައް." ޝިހާމް ހަޅޭއްލަވައިގަތެވެ. "މަ އަތުން އަނިޔާއެއް ނުވަނީސް އެ ލިޔެކިޔުންތައް ކޮއްޕިތާކުން ނެރެގެން ގެނެސް މަށާ ހަވާލުކުރޭ."

"މާ ބާރަށް ހަޅޭނުލަވާ." ރީޝާ ބާރަށް ބުންޏެވެ. "ކަލެޔަށް މަ ދޭނީ 24 ގަޑި......."

ރީޝާއަށް ބުނެވުނީ އެވަރަށެވެ. ޝިހާމް ކުއްލިއަކަށް ރީޝާގެ އަނގައިގައި ހިފިއެވެ. އަދި އަތުގައި ހުރި ބާރަކަށް ފިތައި ބާރުކޮށްލަމުން، ފަހަތަށް ގެންގޮސް ފާރާލައި ފިއްތައިލިއެވެ.

"ކުޑަކުޑަ އިބިލީހާ. ބޭކަރު އަނގަ ނުތަޅާ. އެ ލިޔެކިޔުންތައް ލީ ތާކުން ނެރެގެން ގެނެސް މަށާ ހަވާލުކުރޭ." ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޝިހާމް އަމުރުކުރިއެވެ.

ޝިހާމް ރުޅިގަދަވެގެން ގޮސް ތުރުތުރު އަޅައެވެ. ދެލޮލުން އަލިފާން ކަނި ބުރައެވެ. އެހެނަސް ރީޝާ ކުޑަކޮށް ވެސް ބިރެއް ނުގަނެވެ. އޭނާ މަސައްކަތްކުރީ ޝިހާމްގެ އަތް ނައްޓުވާށެވެ. އެހެން އުޅުމުގެ ތެރޭގައި ޝިހާމްގެ ޝަހާދު އިނގިލި ރީޝާގެ އަނގަތެރެއަށް ވަނެވެ. ރީޝާ ބަލާކަށް ނުހުރެ އެ އިނގިލީގައި ދަތް އެޅުނުހާ ބާރަކަށް ދަތް އެޅިއެވެ. ޝިހާމަށް ވީ ތަދާއެކު އަތް ދަމައިގަންނަމުން ރީޝާގެ ކަންކަށިމަތީގައި ޖެހިއެވެ. ރީޝާއަށް ވެސް ވަރަށް ތަދުވިއެވެ. އޭނާގެ ލޭ ކެކިގަތް ވަގުތު ކަރުކެހިލައިފައި ކުޅުގަނޑެއް ޝިހާމްގެ މޫނަށް ޖެހިއެވެ. އަނެއްކާ ވެސް ޝިހާމް ޖެހިއެވެ. ރީޝާގެ އިސްތަށިގަނޑު އަތަށް އޮޅައި ވާންކޮށްލިއެވެ.

"ޝިހާމް. ދެން ހުއްޓައިލާ." ރިޒްމާއަށް ކެތްނުވުމުން ބުންޏެވެ. "އޭނަ ބުނާ ގޮތަށް ކަންތައް ކޮށްބަލަ."

"ކަލޭ މި ދޭތެރެއަށް އަނގަނުބާނާ ހުރޭ." ރީޝާ ތަޅުންގަނޑު މައްޗަށް ކޮއްޕައިލަމުން ޝިހާމް ބުންޏެވެ. "މި ހުރިހާ ކަމެއްވީ ވެސް ކަލެޔާ ހުރެ. މަ އަތުން މީނަ މަރުވިޔަސް އެކަމުގެ ޒިންމާ ނަގަންޖެހޭނީ ވެސް ކަލޭ."

"ތަޅައި މަރާލިޔަސް ކަލެޔަށް އެ ސިޓީއުރައެއް ދެނެއް ނުލިބޭނެ." ރީޝާ ކޮޅަށް ތެދުވަމުން ފެލިގަތެވެ. "ވީޑިއޯ ލީކްވާން ބޭނުން ނުވަންޏާ ހަމަ މިހާރު ގޮސް މަ ރަށަށް ދިޔުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާ. ކަލެޔަށް މަ ދޭނީ 24 ގަޑިއިރު."

"ދުވަހަކު ވެސް ތިކަމެއް ނުވާނެ." ޝިހާމްގެ އަތުގައި އޮތް ފޯނު ޖީބަށް ކޮށްޕައިލަމުން ބުންޏެވެ. "މި އަތުޖެހިގެންނުން ކަލެޔަށް ތި ކަންވާނީ ވެސް. ނިކަން ވީޑިއޯ ލީކްކޮށްލަބަ. ދެން މިގޭ ހަތަރު ފާރުން ބޭރަށް ވެސް ކަލެޔަކަށް ނުނިކުމެވޭނެ. އަނިޔާއަކީ ކޯއްޗެއްކަން ކަލެޔަށް އިޙްސާސްކޮށްދޭނަން. މަށަށް ބިރުދައްކައިގެން ކަންކަން ވާނެހެން ހީވަންޏާ ތީ ވަރަށް ބޮޑު ކުށްހީއެއް. ރިޒްމާ ބިރުގަތަސް މަށެށް ބިރެއް ނުގަނޭ. އެއްކަމެއް ވެސް ކަލެޔަކަށް ނުކުރެވޭނެ."

ރިޝާ ނިކަން ބާރަށް ހީނގަތެވެ.

"މަގޭ ލެޕްޓޮޕްގައި ވެސް އޮންނާނެ އެ ވީޑިއޯ. އެ ލެޕް ވެސް ފޮރުވަންވީނު." ރީޝާ ހެމުންހެމުން ކިޔެވެ. "އަދި ކަލޭ ފޯނު ވައިބާއަށް ވަދެ ބަލައިލާ. ވަރަށް ރީތި މަންޒަރެއް ފެންނާނެ."

ޝިހާމް ފޯނުނެގިއެވެ. ވައިބަރއަށް ވަދެ ބަލައިލުމާއެކު އޭނާ ހިމޭންވެއްޖެއެވެ. އޭގައި ހުރި ވީޑިއޯ "ކުލިޕް"ތައް ބަލައި ނިމުނުއިރު އެ މޫނުން ނުތަނަވަސްކަން ފާޅުވެއްޖެއެވެ.

"މިފަހަރު ތީތި ތިއައީ ވައިބަރއަށް." ރީޝާ ބުންޏެވެ. "ދެން ފޭސްބުކަށް ގޮއްސިއްޔާ ވާނެގޮތް ކަލެޔަށް ވެސް އެނގޭނެ. އެންމެންގެ މަލާމާތް ރައްދުވާނީ ވެސް ކަލެޔަށް. ތި މައްސަލައިގައި ހައްޔަރުކުރާނީ ވެސް ކަލޭ. އެ ހިސާބުން ކަލޭ ތި ހޯދާ ލިޔެކިޔުންތައް ވެސް ފުލުހުންނާ ހަވާލުކުރާނަން. އޭރަށް ހަމަގައިމު ވެސް މިކަން ސާބިތުނުވެ ނުދާނެ. އުމުރުން 11 އަހަރުން ފެށިގެން ގަދަކަމުން މަގޭ ގަޔަށް އަރަމުން އައީތީ ލިބޭނީ ވެސް ކުޑަކުޑަ އަދަބެއްނޫން. އަނބިދަރިންނާ ވަކިވެގެން އުޅޭނެހައި ހިތްވަރު ހުންނަންޏާ މަ ރަށަށް ނުފޮނުވާ މިގޭގައި ހައްޔަރުކޮށްފައި ބައިންދާ. ބަރާބާރު 24 ގަޑިއިރު ކަލެޔަށް އޮތީ. 24 ގަޑިއިރު ހަމަވުމުގެ ކުރިން ތި ފޯނު ވެސް މަ އަތަށް އަރަންޖެހޭނެ. މިހާރު މި ފެށުނީ ވަގުތު."

ބަލި ޤަބޫލުކުރި ފަދައިން ޝިހާމް އިސްޖަހައިލިއެވެ. އޭނާގެ ގަޔަށް އަރާފައިވާ ފޯރިވެސް ކުޑަވެގެން ދިޔައީ ކުއްލިއަކަށެވެ. ޙަޤީޤަތުގައި ރިޒްމާގެ ފަރާތުން ވީޑިއޯގެ ޚަބަރު ލިބިފައި އޮތަސް އެ ވީޑިއޯއަކީ އެހައި ވަރުގަދަ ވީޑިއޯއަކަށް ވާނެކަމަށް ޝިހާމް ހިޔެއްނުކުރެއެވެ. އޭގައި އޭނާ ހިންގި ޖަރީމާ ވަރަށް ސާފުކޮށް ހުރީ ފެންނާށެވެ. ރީޝާ ގަދަދައްކަމުން ދިޔައިރު ވެސް އެކަމާ ފަރުވާނުބަހައްޓައި ޝިހާމް ދިޔައީ އޭނާގެ ބޭނުން ހާސިލުކުރަމުންނެވެ. އެއީ އޭނާއާ ދެކޮޅަށް ރީޝާއަށް ލިބިފައިވާ ވަރަށް ވަރުގަދަ ހެތްކެކެވެ. އެހިސާބުން އޭނާގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ރީޝާގެ ވާހަކަތައް ޤަބޫލުކުރެވުނެވެ. ރީޝާ ގޭގައި ހައްޔަރުކޮށްފައި ބޭންދި ނަމަވެސް ގެއިން ބޭރުގައި އޭނާއަށް އެހީތެރިވާނެ މީހެއް ހުރުމުން ޝިހާމަށް ގޮތް ހުސްވިއެވެ. އިތުރު ގޮތެއް ނުވިސްނުނެވެ. އޭނާއަށް މަޖުބޫރުވީ ހިތާ ދެކޮޅަށް ނަމަވެސް ރީޝާގެ އެދުންތައް ފުރިހަމަކޮށްދޭށެވެ. ޝިހާމް 24 ގަޑިއިރު ހަމަވުމުގެ ކުރިން ރީޝާގެ ފޯނު އަނބުރައި ދިނެވެ. އަދި ރަށަށް ދެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިދިނެވެ.

"މަ ރަށަށް ދިޔުމަށްފަހު އެނބުރި މަގޭ ދިރިއުޅުމަށް އަންނަން މަސައްކަތްނުކުރާތި. ނޫނީ މުޅި ދުނިޔެއަށް ކަލޭ ބޭޒާރުކޮށްލާނާން." ރީޝާ އެންމެފަހު އިންޒާރު ވެސް ދިނެވެ. ޝިހާމް ރައްދެއްނުދެއެވެ. އޭނާ އިޚްތިޔާރުކުރީ ހިމޭންކަމެވެ.

ރީޝާ ފުރުމުގެ ކުރިން ނާޔާ ބައްދަލުކޮށްފައި ޝުކުރުއަދާކުރިއެވެ. ނާޔާގެ އެހީތެރިކަން ނުލިބުނުނަމަ އޭނާއަށް އެ ނަރަކައިން މިންޖުނުވެވުނީހެވެ.

"ނާޔާ އަދި އެއްކަންތައް ކޮށްދޭން އެބަޖެހޭ." ރީޝާ އެދުނެވެ. "ނާޔާ އަތުގައި ތި ހުރިހާ ހެކިތަކެއް ރައްކާކޮށްފައި ބަހައްޓައިދީ. މަށަށް އަނިޔާ ދިނުމުގައި ބައިވެރިވި މީހުން ބިރުވެރިކަމެއްގައި ދިރިއުޅެން ދުވަސްކޮޅަކު ބައިތިއްބާ."

"ކިހިނެއް ހަދަން ތި ވިސްނަނީ." ނާޔާ އެހިއެވެ. "ރީޝްއަށް ލިބުނު އަނިޔާގެ ބަދަލު ނުހިފާނަންތަ؟"

"އެމީހުންނަށް އެމީހުން ކުރި ކުށުގެ ސަޒާ ލިބޭނެ." ރީޝާ ބުންޏެވެ. "އެކަމަކު މިއަދަކު ނޫން. އެމީހުން ބޭޒާރުވާއިރު މަށަށް ލިބުނު އަނިޔާ މުޅި ރާއްޖެ އެންމެނަށް އެނގެން އަހަރެން ބޭނުން. އެ ދުވަހަށް ތައްޔާރުވެވެންދެއް ތި ރައްކާކޮށްދީ." ރީޝާގެ އެންމެފަހުގެ އެދުން ނާޔާ ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން ދިނުމުން ރީޝާ ފުރައިގެން އެނބުރި ރަށަށް ދިޔައީ ހިތްހަމަޖެހިފައި ހުރެއެވެ.

***

ރީޝާއަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. މަޑުމަޑުން ދެލޯ ހުޅުވައިލުމާއެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ދަންވަރު ވަގުތު ހިނގައިދިޔަ ހާދިޘާ އޭނާގެ ހަނދާނަށް އައުމާއެކު ފަރާތްފަރާތަށް ބަލަން ފެށުނެވެ.

ދަންވަރުގެ ވަގުތުގައި ރީޝާއަށް ހޭލެވުނީ ޝަފްޒާރުމެންގެ ހަޅޭކުގެ އަޑަށެވެ. މުޅި ކޮޓަރީގައި ވާ ކަނުއަނދިރިކަމުގެ ސަބަބުން އެތަނުގައި އުޅުނީ ކޮން ބައެއްކަމެއް ރީޝާއަކަށް ނޭނގެއެވެ. ބިރުގެންފައިވާ ހާލުގައި ކޮންބައެއްތޯ ސުވާލުކުރި ވަގުތު އެ އަނދިރިކަމުގެ ތެރެއިން ރަތް ދެލޯ ރީޝާއަށް ފެނުނެވެ. އެ ހިސާބުން ގަތްބިރެއްގެ ސަބަބުން އޭނާގެ ހޭ ހުސްވީއެވެ. ދެން ހޭ އެރިއިރު ރީޝާއަށް ހީވީ ހުވަފެނެއްގައި އުޅެވޭ ހެންނެވެ. ނިހާދަށް ހަމަލާދީ، އަނގަޔަށް އެ ވިހަ އެޅި ހަނދާން ވެސް ރީޝާވެއެވެ.

ރީޝާ އިނީ ވަރަށް ބިރުގަނެފައެވެ. ހިސާބަކަށް ތުރުތުރު ވެސް އަޅައެވެ. އެ ހިނގާދިޔަ ހާދިޘާއަކީ ވެސް ހުވަފެނެއް ނޫންހެން އޭނާއަށް ހީވާން ފެށިއެވެ. ރީޝާ ވަގުތުން ގުޅީ ނަވީލަށެވެ. އެދުނީ ބައްދަލުކުރުމަށެވެ. އެ ގަޑީގައި ބައްދަލުކުރުމަށް ނަވީލް އުޒުރުވެރިވިއެވެ. ބައްދަލުކުރުމަށް ނަވީލް އެއްބަސްނުވުމުން ރީޝާއަށް ދިމާވި ހާދިޘާ އޮޅުންފިލުވައި ދިނެވެ.

"އިރުއެރީމަ ބައްދަލުކުރާނީ." ނަވީލް އެއްބަސްވިއެވެ. "އަހަރެން މިހާރު ތި ޖިންނީގެ މަޢުލޫމާތުތައް ވެސް ހޯދައިފިން. ރީޝް ހާސްވާނެކަމެއް ނެތް. އިރުއެރީމަ އާދޭ މި ގޭ ކައިރިއަށް."

އިރުއަރައިގެން އައިސް މުޅި ދުނިޔެ ހުޅުދާންކޮށްފިއެވެ. ރީޝާ ގެއިން ބޭރަށް ނުކުތެވެ. ނަވީލްމެންގޭ ކުރިމަތީގައި ހުންނަ ޖޯލިފަތީގައި ނަވީލް އިނެވެ. ރީޝާގެ އިންތިޒާރުގައެވެ. ރީޝާ މަޑުމަޑުން ހިނގާލައިފައި ގޮސް އިށީނެވެ. ނަވީލް ހިނިތުންވެލިއެވެ. ރީޝާ އިނީ ބިރުގަނެފައެވެ. ޖެހިލުންވެފައެވެ. ހިތްވަރުދިނުމުގެ ގޮތުން ރީޝާގެ އަތުގައި ނަވީލް ހިފައިލިއެވެ.

"ބިރުނުގަނޭ. އެ ޖިންނި އެއްވެސް އުނދަގުލެއް ރީޝްއަކަށް ނުކުރާނެ." ނަވީލް ބުނެލިއެވެ.

"ނަވީއަށް ކިހިނެއް އެނގޭނީ." ރީޝާ އެހިއެވެ. "ރޭ ކޮޓަރީގައި އުޅުނީ އޭތި."

ނަވީލް ދެން ކިޔައިދޭން ފެށީ ރޭގައި އޭނާކުރި މަސައްކަތެވެ. އަކްޝަމްގެ އެހީއާއެކު އެ ޖިންނީގެ ހަޤީޤަތް ހޯދުމަށް އޭނާ ސިހުރުވެރިޔެއް ކައިރިއަށް ދިޔައެވެ. އެ ސިހުރުވެރިޔާގެ ފަރާތުން އެ ޖިންނިއަކީ މުއުމިނު ޖިންނިއެއްކަން ވަނީ އެނގިފައެވެ. އަދި އެއީ ރީޝާއާއި ގުޅުންހުރި ޖިންނިއެއްކަމާއި އެ ޖިންނިއަކީ ރީޝާގެ މަދަދު ޤާރެއްކަމަށް ސިހުރުވެރިޔާ ބުނިކަމަށް ނަވީލް ބުންޏެވެ.

"ތީ ޤަބޫލުކުރެވޭ ވާހަކައެއް ނޫން." ރީޝާއަށް ބުނެވުނެވެ.

"އެމީހާ ކިޔައިދިން އެހީތެރިވުމުގެ ގޮތުން ކުރި ކަންތައް ވެސް." ނަވީލް އިތުރު ތަފްސީލު ދިނުމުގެ ގޮތުން ބުންޏެވެ. "އެންމެ ފުރަތަމަ އެ ޖިންނި އެހީތެރިވީ ރީޝް ވަރަށް ކުޑައިރު. ހަނދާންވޭތަ ރީޝްގެ ބައްޕަ ޖޭމުގަހުގައި އައްސާފައި ހުރި ރެޔެއްގެ މަތިން. ޖޭމުގަހުގައި އައްސާފައި ހުއްޓައި ފޮތިތައް މޮހެލަ ދީ ރީޝް ސަލާމަތްކުރަން އެ ޖިންނި އައީ. އެކަމަކު ރީޝް ބިރުން ގޮސް ހޭނެތުނީ. ދެން އެ ނިހާދު ރީޝްއަށް ޖިންސީ ގޯނާކުރަން އުޅުނު ދުވަސް. އެ ދުވަހު ނިހާދު އުޅުނީ ފިރާޝާއަށް އެއްޗެއް ވިސްނައިދިނުމަށް އެކަން ވެސް ކުރަން. އެކަމަކު އެކަމަށް ހުރަސް އެޅީވެސް އެ ޖިންނި. ރީޝްއަށް ނޭނގުނަސް އެ ދުވަހު އެކަން ހުއްޓުވީ އޭނަ."

އެ ދެދުވަހުގެ މަތިން ވެސް ރީޝާ ހަނދާން ނުނެތެއެވެ. ރީޝާ ވިސްނައިލިއެވެ. ކުއްލިއަކަށް އޭނާގެ ނޭވާ ކުރުވެގެން ދިޔައެވެ. ހިތަށް އެރި ސުވާލަކުން ތެޅިގަނެވުނެވެ. އެ ހުރިހާކަމެއް އެހައި ތަފްސީލުކޮށް ނަވީލަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

"ތީ ކާކު؟" ރީޝާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ކުޑައިރު ލިބުނު އަނިޔާގެ ކަންކަން ނަވީލަށް އެނގުމަކީ އަޖައިބެކެވެ. ނަވީލް ޖަވާބެއް ނުދިނެވެ. އިސްޖަހައިގެން އިނީއެވެ. ރީޝާގެ ހިތުގައި ޝައްކު އުފެދުނެވެ. އޭނާގެ ކުރިމަތީގައި އެ އިނީ ނަވީލެއް ނޫނޭ އޭނާގެ ހިތް ބުންޏެވެ.

"މީ ނަވީލެއް ނޫން. އެކަމަކު މީ ރީޝްގެ އެކުވެރިއެއް." ރީޝާގެ ހިތަށް އެރި ސުވާލުގެ ޖަވާބުގެ އަޑު އިވުނީވެސް ހިތުންނެވެ. ވަސްވާހެއް ގޮތަށެވެ.

"ތީ ކާކުހޭ؟" ރީޝާ އަނެއްކާ ވެސް އެހިއެވެ. ނަވީލް އިސްއުފުލައިލިއެވެ.

"އަހަރެން މީ އެ ޖިންނި." ނަވީލްގެ ތުން ޚަރަކާތެއް ނުކުރެއެވެ. ނަމަވެސް ރީޝާއަށް އެ އަޑުއިވުނެވެ. ރީޝާއަށް ހަޅޭލަވައިގަނެވުނެވެ.

"އަހަރެން ރީޝްއަކަށް ދެރައެއް ނުދޭނަން." އަނެއްކާ ވެސް ރީޝާގެ ސިކުނޑީގައި އެ އަޑުތައް ގުގުމައިލިއެވެ. "ރީޝް ރަށަށް އައިފަހުން ވެސް އެހީތެރިވެވެން އޮތް ގޮތަކަށް އެހީތެރިވަމުން މިދަނީ. ރޭގައި ވެސް ނިހާދުގެ ރައްޓެހިން ކުރަން އުޅުނު ކަންތަކުން ސަލާމަތްވީ އަހަރެންގެ ސަބަބުން. އެ ނޫނަސް ކިތަންމެ ދުވަހަކު އެހީތެރިކަން ދެވިފައި ހުންނާނެ. ނަވީލާއި ރީޝްގެ މައްސަލަތައް ހައްލުކުރުމަށް ވެސް މަސައްކަތްކުރިން. ރީޝްގެ މަންމަ ސަލާމަތްކުރުމަށް ވެސް އެހީތެރިވެ ދިނިން. ރީޝްއަށް ނޭނގުނަސް އެރޭ ތި ކޮޓަރީގެ ދޮރުގައި ތަޅައިގެން ބޭރަށް ނެރުނީ ވެސް އަހަރެން."

"ނަވީލް" އެ ކިޔާ ރޭ ކަންތައްވީ ގޮތް ވެސް ރީޝާގެ ހަނދާނުގައި ހުއްޓެވެ. ދޮރުގައި ތަޅައިގަތް އަޑަށް ގޮސް ދޮރު ހުޅުވިއިރު އެއްވެސް މީހަކު ފެންނަން ނެތް ސަބަބު ރީޝާއަށް ވިސްނުނީ އަދި ކިރިޔާއެވެ. ރީޝާއަށް އަނެއްކާ ވެސް ހަޅޭލަވައިގަނެވިއްޖެއެވެ. އޭނާ ހަޅޭލަވަމުން ދުވެފައި ވަނީ ނަވީލްގެ ގެއަށެވެ. ނަވީލް ދޮރު ހުޅުވައިލައިފައި ނުކުތީ އެ ވަގުތެވެ. ބޭރު ޖޯލީގައި އިން "ނަވީލް" ބުޅަލެއްގެ ސިފަ ޖެހުނެވެ. ދެން އޭތި ދުވެފައި ގޮސް ކުރިމަތިން ފެންނަން އޮތް ގޯތީގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ރީޝާ ރޯމަހެއް ތެޅޭހެން ތެޅެނީއެވެ. ނަވީލް ހަމަޖެހުމަށް އެދުމުން ވެސް ރީޝާ ބޭރު ދޮރާއި ދިމާއަށް އިނގިލި ދިއްކުރަމުން އެއްޗެހި ތަކެއް ކިޔެވެ. ނަވީލް ބޭރަށް ނުކުތެވެ. އެތަނުގައި އެއްވެސް އެއްޗެއް އޭރު ނެތެވެ.

"ދެންމެ ތި ތާނގައި އިނޭ." ރީޝާއަށް ބޭރަށް ނުކުންނާކަށް ވެސް ނުކެރުނެވެ.

"ހަމަޖެހިބަލަ." ނަވީލް އައިސް ރީޝާގެ ދެއަތުގައި ހިފައިލިއެވެ. "އެ ޖިންނިއަކީ ރީޝްއަށް ދުއްތުރާކުރާނެ އެއްޗެއް ނޫން. ރޭގަ އަހަރެން އެކަން ބަލައިފިން. ރީޝްގެ މަދަދުޤާރެއް އެއީ. ރީޝްއަށް ނޭނގުނަސް ވަރަށް ހެލްޕުވާކަމަށް އެމީހާ ބުނި. ބިރުނުގަނޭ އެއީ ރަނގަޅު އެއްޗެއް. އެހައި ބޮޑަށް ހާސްނުވޭ. ސިހުރުވެރިޔާ ބުނީ އެ ޖިންނީއަށް އެއްވެސް އުނދަގުލެއް ނުކުރާހާ ހިނދަކު އޭތީގެ ފަރާތުން ވެސް ގެއްލުމެއް ނުލިބޭނެކަމަށް."

ނަވީލްގެ ދުލުން ވެސް އެ އިވުނީ އެ ޖިންނި ކިޔައިދިން ބަސްތަކެވެ. އަނެއްކާ ވެސް ރީޝާގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ.

"ތީ ކާކު؟" ރީޝާ ސުވާލުކުރީ މަޑުމަޑުންނެވެ.

"މީ އެ ޖިންނި." ނަވީލް ދެލޯ ބޮޑުކޮށްލަމުން ސަމާސާކޮށްލިއެވެ. ރީޝާ ރުޅި އައިސްފައި ނަވީލްގެ ގައިގާ ޖެހިއެވެ. ނަވީލްގެ ސަކަ މިޒާޖު ފާޅުވުމުން ރީޝާ ހިސާބަކަށް ހަމަޖެހުން ލިބުނެވެ.

ނިހާދަށް ހޭލެވުނީ ހެނދުނު 10 ޖަހައި ބޮޑުވިފަހުންނެވެ. މަޑުމަޑުން ދެލޯ ހުޅުވައިލަމުން އޭނާ އެންމެ ފުރަތަމަ ވެސް ބަލައިލީ ދެފައި ތިލައަށެވެ. އިނގިލިތައް ޚަރަކާތްކޮށްލިއެވެ. ދެފައި ތަޅުވައިލިއެވެ. ދެން ދެ އަތް މަޑުމަޑުން ހިއްލައިލައި އެ ދެ އަތަށް ވަކިވަކިން ބަލައިލިއެވެ. އޭނާއަށް ބަރާބަރަށް ޚަރަކާތްކުރެވެއެވެ. ނިހާދު ޚައިރާންވިއެވެ. އަޖައިބު އަސްތަރީސްވިއެވެ. އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ އެ ވިހަ އޭނާގެ ހަށިގަނޑުގެ ތެރެއަށް އެތެރެވި ގޮތަށް ބޭރު ކުރެވިފައެއް ނުވެއެވެ. އެކަމާ ވިސްނާ ބިރުން އަވަދިވާވަރު ވީފަހުން އޭނާއަށް ނިދުނީއެވެ. ހޭލެވުނުއިރު ވެސް އޭނާގެ ޞިއްޙަތު ރަނގަޅެވެ. އެ ވިހައިގެ އެއްވެސް އަސަރެއް އޭނާއަށް ނުކުރަނީ ހެއްޔެވެ؟ އެކަން އެގޮތަށް ހިނގައި ނުދިޔުމުގެ ފަހަތުގައި އޮތީ އެންމެ ސަބަބެކެވެ. އަދުހަމް ބުނި ފަދަ ވިހައަކަށް އެ ވިހަ ނުވުމެވެ. އެމީހުންގެ ސިއްރު އެޖެންޑާއެއް ފުރިހަމަކުރުމަށް ނިހާދަށް އޮޅުވައިލީއެވެ. ނިހާދަށް އެކަން ވިސްނުމުން އޭނާ ގާތަށް ވަރަށް ރުޅިއަޔެވެ.

އަދުހަމްއާ ބައްދަލުކުރުމަށް ދިޔައިރު އޭނާ އޮތީ ހޮސްޕިޓަލުގައި އެދުމަތިކުރެވިފައެވެ. އެ މޫނުގައި ވަނީ ޒަހަމްތަކެވެ. ބޮޑަށް ވައްތަރީ ވަކީގެ ނިޝާންތަކަކާއެވެ. ބިރުގެންފައިވަރުން ރީޝާގެ ކޮޓަރީގައި ހިނގި ހާދިޘާ އޭނާ ކިޔައެއް ނުދެއެވެ. ނިހާދުގެ ކިބައިން އޭނާ އެދުނީ މާފަށެވެ. ދުވަހަކު ވެސް މާފުނުކުރާނެކަމަށް ބުނެފައި ނިހާދު ނުކުމެގެން ދިޔައީއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ލަސްލަހުންނެވެ. ނިހާދަށް ދިމާވި ހާދިޘާއަށްފަހު އޭނާ ހުންނަނީ ކުޑަކޮށް މައިތިރިވެފައެވެ. ރީޝާގެ ކަންކަމާބެހި އެއްޗެހި ބުނެ ނުހެދި ނަމަވެސް އެ ހިތުގައި އޮންނަ ނަފުރަތަކަށް ބަދަލެއް ނާދެއެވެ. ރީޝާގެ ކިބައިން މިންޖުވާނެ ގޮތެއް ހޯދުމަށް އޭނާ އަދިވެސް ދަނީ ވިސްނަމުންނެވެ. ޖިންނީގެ ފަރާތުން އެއްވެސް ގޯނާއެއް ނުލިބޭނެކަމަށް ބުނި ނަމަވެސް ރީޝާ ހުންނަނީ ސިހިސިހިއެވެ. ރޭގަނޑު ވެއްޖެނަމަ އެކަނި ކޮޓަރީގައި ހުންނަން ވެސް އޭނާ ޖެހިލުންވެއެވެ. ނިދަން އަމުދުން ބިރުގަނެއެވެ. ނަފްސާނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ރީޝާ ވެއްޓުނެވެ. އެކަމުން އަރައިގަތުމަށް ނަވީލް އެހީތެރިވިއެވެ. ހިތްވަރުގެ ބަސްތަކުން ރީޝާގެ ހިތަށް ފިނިކަން ގެނެސްދެމުން އޭނާއަށް ވެވެން އޮތް ގޮތަކަށް އެހީތެރިކަން ދެމުން ގެންދިޔައެވެ. ރީޝާއަށް ނިދެންދެން ވާހަކަ ދައްކަން ފޯނުގައި އޮވެއެވެ. ނަވީލްގެ އެހީތެރިކަމާއެކު ރީޝާގެ ހިތުން ބިރުވެރިކަން ފިލަމުން ދިޔައީ ލަސްލަހުންނެވެ.

ކަނޑު މަޑު ދުވަހެކެވެ. ވަރަށް ދުރުން ކަނޑުގެ ރާޅުތައް ކަފަމުން ލޯންޗެއް ރަށާއި ދިމާއަށް އަންނަމުން ދިޔައެވެ. ނިހާދު ހުރީ ބަނދަރުމަތީގައެވެ. ލޯންޗު ފަޅުތެރެއަށް ވަނެވެ. ވާޓަރާ ކައިރިކޮށްލިއެވެ. ވާތައް އައްސައި ލޯންޗު ރަނގަޅަށް ހައްޔަރުކޮށްލިއެވެ. ދަބަހެއް ކޮނޑުގައި އަޅުވައިލައިގެން ހުރި މެދުއުމުރުގެ ޒުވާނަކު ލޯންޗުން ފޭބިއެވެ. އެއީ ކަޅުމީހެކެވެ. ތުނބުޅި ދިގެވެ. ބޮލުގައި އިސްތަށި މަދެވެ. އެމީހާގެ ސިނގުބަނޑެއް ވެސް އޮވެއެވެ. ނިހާދު ގޮސް އެމީހާއާ ސަލާމްކޮށްލިއެވެ. ކޮންމެވެސް ވާހަކައެއް ދައްކަމުން ދެމީހުން އެކުގައި އެއްގަމާ ދިމާއަށް ހިނގައިގަތެވެ.

"ދޮންތީ ދެން ހިނގާބަލަ." ރިޝާމް ކުސްތަޅައިލިއެވެ. ރީޝާގެ ހެދުމުގެ ފަސްބައިގައި ހިފައި ދަމައިލިއެވެ. ރީޝާ ހުރީ ގޭ ދޮރުމަތީގައި ނަވީލާ ވާހަކަ ދައްކާށެވެ. ރިޝާމް އާދޭސްކުރަމުން ދިޔައީ އޭނާ ގޮވައިގެން މޫދަށް ދިޔުމަށެވެ. މެންދުރުގެ އެންމެ އަވިބާރު ވަގުތުކަމަށް ބުނެ ރީޝާ އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ. ރިޝާމް ކުރެއް ނުކުރިއެވެ.

"ދޮންތީ ދެން ކޮއްކޮ ގޮވައިގެން މޫދަށް ހިނގާބަލަ." ނަވީލް ވެސް ރިޝާމާ އެއްބައިވުމުގެ ގޮތުން ބުނެލިއެވެ. ރީޝާ ލޯ އަޅައިލިއެވެ.

"ދޮންތީ ހިނގާބަލަ. ނަވީބޭބެ ވެސް ދާނަމޭ." ނަވީލް ލާނެއް ރާގަކަށް ބުނެލިއެވެ.

"ދެން ނަވީ. މަންމަ އޮތީ މިގަޑީގައި މޫދަށް ނުދަން ބުނެފައޭ. އޭނައަށް ހިތްވަރު ނުދީބަލަ." ރީޝާ ބުނެލިއެވެ.

"ދޮންތިއާ ރުޅި." ރިޝާމް ދެލޯ ކުނާކޮށްލަމުން ހަށަންބަނދެލިއެވެ. އޭރު ދެ ތުންފަތް ހުރީ ދިއްވެފައެވެ.

"ނަވީބޭބެ ވެސް ދޮންތިއާ ރުޅި." ރިޝާމްގެ މޫނަށް ޖެއްސި ވައްތަރު ނަވީލް ވެސް ޖައްސައިލިއެވެ. ރީޝާ ގާތަށް ހިނިއައެވެ. އެހެނަސް އެ ހިނިތުންވުން ކުއްލިއަކަށް އޮބިގެން ހިނގައްޖެއެވެ. އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. ރީޝާގެ ނަޒަރު ސީދާވެފައި ވަނީ ނަވީލްގެ ފަހަތުން އަންނަ ދެމީހުންނަށެވެ. އެތަނުން އެކަކަކީ ޝިހާމްހެން ރީޝާއަށް ހީވިއެވެ. މަޑުމަޑުން ކައިރިވަމުން އައިވަރަކަށް އެމީހާގެ ސިފަ ދިޔައީ ސާފުވަމުންނެވެ. އެޔާއެކު އެއީ ޝިހާމްކަން ރީޝާއަށް ޔަޤީން ވެސް ވެއްޖެއެވެ. އޭނާ ހާސްވެއްޖެއެވެ. ބޮލަށް އެނބުރުން އަރާ ގޮތްވެއްޖެއެވެ. ޝިހާމަށް ބިރު ދެއްކުމުން ވެސް އޭނާ ރީޝާ ބަލާ ރަށަށް އައީ ހެއްޔެވެ؟

"ބައްޕީ. ބައްޕީ." ނިހާދަށް ގޮވަމުން ރިޝާމް ދުއްވައިގަތެވެ. ނަވީލް ވެސް ފަސް އެނބުރި ބަލައިލިއެވެ. އޭރު ޝިހާމް ދުވެފައި އެމީހުންނާއި ދިމާއަށް އަންނަނީއެވެ. ޝިހާމް ނަވީލްގެ ވާތްފަރާތުން ހުރަސްކުރަމުން ރީޝާގެ ނަމުން ގޮވައިލިއެވެ. ނަވީލް އެނބުރުނުއިރު ރީޝާ އޮތީ ޝިހާމްގެ އަތު ތެރެއަށް ދެމިފައެވެ. ޚަރަކާތް ހުއްޓިފައެވެ. ދެލޯ މެރިފައެވެ. ނަވީލް ހާސްވެފައި ރިޝާގެ މޫނުގައި ތަޅައިގަތެވެ. މަޑުމަޑުން ގޮވައިލިއެވެ. ރީޝާގެ ހޭވެރިކަމެއް ނެތެވެ.

ރީޝާގެ ހޭވެރިކަންވީއިރު އޭނަ އޮތީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. ގާތުގައި އިށީނދެލައިގެން ފިރާޝާ އިނެވެ. އެ މޫނުގައި ކަންބޮޑުވުމާއި ހާސްކަން ވިއެވެ. ނިހާދު ވެސް އެތަނުގައި ހުއްޓެވެ. ބޭރު ދޮރުކައިރީ ނަވީލާއި ޝިހާމް ކޮންމެވެސް ވާހަކަތަކެއް ދައްކަން ތިއްބެއެވެ. އެ މަންޒަރު ފެނުމާއެކު ރީޝާއަށް ދަތްކާރުވައިލެވުނެވެ. އިރުކޮޅަކުން ނަރުސް ކުއްޖާއާއި ޑޮކްޓަރ އައެވެ.

"ރީޝާގެ މަންމަ ބައްޕަ މަޑުކޮށްލައިފައި އެހެން ބޭފުޅުން ބޭރަށް ނުކުންނަވާ." ނަރުސް ކުއްޖާ އެދުނެވެ.

ޝިހާމާއި ނަވީލް ބޭރަށް ނުކުތެވެ. ނަރުސް ކުއްޖާ ދޮރުލައްޕައިލިއެވެ. ފައިލްތައް ޑޮކްޓަރައަތަށް ދިނެވެ. ދެން ޑޮކްޓަރު ދިން ޚަބަރާއެކު ރީޝާގެ ދެލޯ މުދުނުގައި ޖެހުނެވެ. ލިބުނު ސިހުމާއެކު ފިރާޝާއަށް ބަލައިލެވުނުއިރު ފިރާޝާ ކޮޅަށް ތެދުވެއްޖެއެވެ. އިވުނު ޚަބަރު ޤަބޫލުކުރަން ދަތިވެފައި ހުރި ނަޒަރަކުން ފިރާޝާ ބަލަހައްޓައިގެން ހުއްޓެވެ.

"ރީޝާގެ ބަނޑަށް ތިން މަސް." ޑޮކްޓަރ ތަކުރާރުކޮށްލިއެވެ.

ފިރާޝާގެ ކަންފަތް ބުޑުގައި ހޮނުގުގުރި އެއް ޖަހައިލިފަދައެވެ. އޭނާގެ މުޅި ހަށިގަނޑަށް އަރައިގެން ދިޔަ ލޮޅުންތަކާއެކު ނިހާދުގެ ކޮނޑުގައި ހިފައިގަނެވުނީ ކިރިޔާއެވެ. އަނެއް އަތުން ހިތާއި ދިމާލުގައި ބާރަށް ހިފަހައްޓައިލެވުނުއިރު އޭނާ ކަނޑައި ވައްޓައިލި ރުކެއްހެން ހުރި ތަނަށް ދެމިއްޖެއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އފ

    ވަރަށް ކަޑަވީ ދޯ ތި ..

    9
    1
  2. ޏަމްޏަމް

    އޯ ނޯ ނޯ!!

  3. ފާތި

    އަޅޭ ތިހަދާލި ގޮތް ކަމަކު ނުދޭ

  4. ލައި

    ހުރީމޭ ވާހަކައިގެ 16ވަނަ ބައިގެ އިންތިޒާރުގާ..... ވާހަކަ ވަރައް ވަރައް ރީތި

  5. ޫތާނީ

    ވަރަށް ރީތި 16 އަވަހަށް ނެރޭ

  6. ރީތި

    މި ބައިވެސް ހަމަ އެހާ ފުރިހަމަ..... 16 ވަނަ ބައި އަވަހަށް ގެނެސްދެއްޗެ