ބޮޑުބެރު ޗެލެންޖުން ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލް ކަމެއް ހޯދި އިބްރާހިމް ޝާއިރް (ތާރެ) ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު މިދިޔަ ހަފްތާގައި އާންމުންނާ ހަމައަށް އޭނާގެ މިއުޒިކް ގެނެސްދޭން ފެށީ އޭނާގެ ފުރަތަމަ އަމިއްލަ ރާގާ އެކުގައެވެ.

އަންގާރަ ދުވަހު އޭނާ ފޭސްބުކްގައި ހިއްސާ ކުރި އަމިއްލަ ލަވަ " އޭ މަލާއޭ" އަށް މިހާތަނަށް ފޭސް ބުކްގައި ދެހާހަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

އޭނާ ބުނީ ވަރަށް އަވަހަށް ސައުންޑްކްލައުޑްގައި އެ ލަވަ ހިމަނާނެ ކަމަށެވެ.

އަދި މިހާރު އިތުރު ލަވަތައް ހަދަން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

" މިހާރުވެސް މި ދަނީ މަސައްކަތް ކުރަމުން އިތުރު ލަވައަކަށް. ވަރަށް އަވަަހަށް ފެންނާނެ އިތުރު ލަވަތައް އިރާދަކުރެއްވިއްޔާ" ތާރެ ބުންޏެވެ.

ތަރިންގެ ރޭގެ "ދަންދަން" ވެލަންދެން އިން އޭނާ ވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ލަވަކިޔުމުގެ ދާއިރާ އާއި ދުވަސްތަކެއްވަންދެން ދުރުގައި ހުރި ތާރެ އައީ މިދިޔަ އަހަރުން ފެށިގެން ބައެއް ކަވަ ލަވަތައް އޭނާގެ ފޭސްބުކްގައި ހިއްސާކުރަމުންނެވެ.

އެލަވަތަކަށް ވެސް އާއްމުންގެ ބޮޑު ތަރުޚީބެއް ލިބުނު އިރު އާއްމުން އަބަދުވެސް ކުރި ސުވާލަކީ އޭނާގެ އަމިއްލަ ލަވައެއް ނުކުންނާނީ ކޮންއިރަކުންތޯ ކުރި ސުވާލެވެ.

ކޮވިޑް-19އިގެ ސަބަބުން ފުރަބަންދުގައި ހުންނަންް ޖެހުނު ވަގުތުގައި މި ލަވަ އާއްމުންނާ ހަމައަށް ފޯރުކޮށްދިން ނަމަވެސް، ތާރެ ބުނާ ގޮތުން މި ލަވައިގެ މެލޮޑީއަށް އޭނާ ވަނީ އަހަރުތަކެއް ހޭދަކޮށްފައެވެ. އަދި ލަވަ ލިޔަން އެތައް މަހެއް ހޭދަކުރިއެވެ.

" އާންމުންގެ ކޮމެންޓްސްއަށް ވަރަށް އުފާވި. އަސްލު ނިދާ ހޭލާފަ ދެން ވަރަށް ބިރުން ހުރެ ލަވަކީ. ކޮމެންޓްސް ރަނގަޅުވީމަ ވަރަށް އުފާވި. ބޭނުން އަލްބަމްއެއް ވެސް ހަދަން. މިހާރު މިހުރީ ހަމަ މި މިއުޒިކަށް ފޯކަސްކޮށްގެން. ވަރަށް ގިނަ ވަގުތު ފޯކަސް ނުވެފައި ހުރިން." ތާރެ ކިޔައިދިނެވެ.

ތާރެގެ އެ ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ އޭނާގެ އަޑަށް ތައުރީފްކޮށްފައެވެ. މި ދުވަސްކޮޅު ސްޓޫޑިއޯއަށް ނުދެވޭތީ ގޭގައި ރެކޯޑްކުރުމަށް ފަހު އެ ލަވަ ހިއްސާކުރުމުން ވެސް އާންމުންގެ ފަރާތުން ލިބުނު ތަރުޚީބު ފެނިފައި ހައިރާންވި ކަމަށް ތާރެ ބުންޏެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ގިނަ މިއުޒިކް އުފެއްދުންތަކެއް ގެނެސްދިނުން ކަމަށް ވެސް އޭނާ ބުންޏެވެ.