އަހަންނަކީ އަތޮޅުތެރޭގެ ރަށަކަށް އުފަން އަންހެން ކުއްޖަކަށްވާތީ ސާނަވީ އިމްތިހާން ނިންމުމަށް ފަހު މާލެ ބަދަލުވީ އިތުރަށް ކިޔެވުމުގެ ފޮނި އުންމީދާއި އެކުގައެވެ. މާލެ ބަދަލުވެ އަހަރެން ހުރީ ގާތް ތިމާގެ ބައެއް ކައިރީގައެވެ. އެއީ އަހަރެންގެ މައިންބަފައިންނަށް ކުދިން ބަހައްޓާ ގެއެއްގައި އަހަރެން ބަހައްޓާ ދެވޭނެ ތަނަވަސްކަން ނެތުމުންނެއް ނޫނެވެ. އެއީ އަހަންނަކީ އާއިލާ އާއި ދުރުގައި ކުރިން އުޅެފައި ނެތް ކުއްޖަކަށް ވުމުން އަހަރެންނަށް ފަސޭހަ ކޮށްދިނުމުގެ ނިޔަތުގައެވެ.

މާލެ ބަދަލުވެ އަހަރެން ކިޔެވުމުގެ ކަންކަން ހަމަޖައްސަން އަވަދި ނެތި އުޅުނު އިރު ގޭގެ އެންމެންގެ ފަރާތުންވެސް އަހަންނަށް ލިބުނީ ވަރަށް ރަނގަޅު އެއްބާރުލުމެކެވެ. އަހަރެންގެ ބޮޑުދައިތަ އަދި އަހަންނަށް ވަކިން ހެޔޮވެފައި އޯގާތެރިއެވެ. އަމިއްލަ ކުދިންނާއި މެދު ބަހައްތާ އޯގާތެރިކަމަށް ވުރެ އަހަންނާއި މެދު ބަހައްޓާ އޯގާތެރިކަން އިތުރެވެ. އަދި ބޮޑުދައިތަގެ ފިރި މީހާވެސް އަހަންނަށް އެހާ ހެޔޮކޮށް ހިތައެވެ.

އަހަރުމެން ކުޑަ އެންމެން ވެސް ބޮޑު ދައިތަގެ ފިރިމީހާއަށް ކިޔާ އުޅެނީ "ބޭބެ"އެވެ. ބޭބެ އަކީ ހަރު އުމުރު ފުރާގެ މީހަކަށް ވެފައި އެއީ ގޭގައި އުޅޭ ހަމައެކަނި ފިރިހެން މީހާއަށް ވުމުން ފުރާވަރުގެ އުމުރު ފުރާގެ އެންމެންނާއި، ގޭ ތެރޭގައި އުޅޭ ކުދިވެރިންވެސް ބޭބެ ދެކެ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ބޭބެ ބުނެލާ އެންމެ ބަހަކުން ވެސް މުޅި ގޭތެރެ ހިމޭންވާ ކަހަލައެވެ. އެއީ ބޭބެއަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުންވެސްމެއެވެ.

ކޮންމެއަކަސް ބޭބެ އެހެން ކުދިންނާއި ހަރުކަށިކޮށް ވާހަކަދެއްކި ނަމަވެސް އަހަންނާއި ވާހަކަދައްކަނީ ވަރަށް އޯގާތެރިކޮށެވެ. ފުރާވަރުގެ އުމުރު ފުރާގެ ހަތް ކުދިން އެ ގޭގައި ދިރިއުޅޭ އިރު އަހަރެންނަކީ އެ މީހުންގެ ތެރެއިން އެންމެ ހަގު އަންހެން ކުއްޖާއެވެ. އެހެންކަމުން އަހަރެން ބެލީ އެއީ އެންމެ ކުޑަ ކުއްޖާއަށް ވުމުން އަހަރެންނާއި މެދު ބަހައްޓާ ގާތްކަމެއްކަމަށެވެ.

ބައެއް ފަހަރު ބޭރަށް ގޮސްފައި އަންނަ އިރު ބޭބެ އަހަންނަށް ހަދިޔާ ބަދިޔާ ގެނެސްދެއެވެ. އުމުރުން 17 އަހަރު ވިޔެއްކަމަކު އޭރުވެސް ޗޮކްލެޓާއި މެޓާކާން އަހަރެން ވަރަށް ފޯރި ހުރެއެވެ. މުޅި އެ އާއިލާގެ އަހަންނަށް އެންމެ ކަމުދާ މީހަކީ ބޭބެއެވެ. ބޭބެ މަސައްކަތަށް ދާއިރު އަހަރެން ގޮވައިގެން ކޮލެޖަށްވެސް ގޮސްދެއެވެ. އަހަރެން ބޭނުންވާ ކަމެއް އޮވެއްޖެއްޔާ ބުނުމުން އެކަމެއް ކޮށްދެއެވެ. އެއްޗެއް ގަންނަން ބޭނުންވެއްޖެއްޔާ އަހަރެން ގޮވައިގެން ފިހާރައަށް ގޮސް އެ އެއްޗެއް ގަނެދެއެވެ. މަންމަ އާއި ބައްޕަ އަހަންނަށް ބޭނުންވާ ވަރަށް ފައިސާ ފޮނުވާފައި ހުންނާތީ ތަކެތި ގަންނަނީ އަހަރެންގެ އަމިއްލަ ފައިސާގައެވެ. އެހެންކަމުން ބޭބެ އާއި އެކު ގޮސް އެއްޗެހި ގަތުމަކީ ގޯސްކަމެއްކަމަކަށް އަހަންނަކަށް ފަހަރެއްގާވެސް ހީވެފައެއް ނެތެވެ.

ބޭބެގެ ފަރާތުން ފެންނަމުން ދިޔަ އޯގާވެރި ސިފަތައް ބަދަލުވާން މާކަ ގިނަ ދުވަހެއް ނުނަގައެވެ. ކޮލެޖް ފެށުނުތާ 2 މަހެއްހާ ދުވަސް ފަހުން އެއްރޭ އަހަރެން ކޮލެޖްގައި މަޑުކޮށްގެން ހުރީ 9 ޖެހި އިރުވެސް ޖެހިގެން އައިދުވަހު ހަވާލުކުރަންޖެހޭ ޕްރޮޖެކްޓެއްގެ މަސައްކަތް ނުނިމޭތީއެވެ. ބޭބެއަށް ގުޅާފައި 10 ޖަހާއިރު އަހަރެން ބަލާ އަންނަން އަހަރެން އެދުނީ އެހާ ލަސްވާ ފަހުން އެކަނި ގެއަށް ނުދިއުމަށް ބޭބެ އިރުޝާދު ދީފައިވާތީއެވެ.

އެއީ އެހާ ލަހުން އަހަރެން ކޮލެޖުން ގެއަށް ދާންޖެހުނު ފުރަތަމަ ދުވަހެެވެ. ކޮލެޖުން ނިކުންނަން އައީ އަހަންނާއި އެކުގައި ކިޔަވާ އިތުރު ދެ ފިރިހެން ކުދިންނާއި އެކުގައެވެ. އަހަރުމެން ހީ ސަކަރާތް ޖަހަމުން ކަހަލަ ގޮތަކަށް ނުކުމެގެން އައި އިރު ބޭބެ ހުރީ ސައިކަލް މަތީގައި ބަލަންށެވެ. ބޭބެ އަހަރެން ސައިކަލަށް އަރަނިކޮށް އެންމެ ފުރަތަމަވެސް އަހާލީ އެއީ "ބިޓެއް"ތޯއެވެ!

ބޭބެއަކީ ސަކަ މިޒާޖެއްގެ މީހަކަށް ވުމާއި އެކު އަހަރެން ނޫނެކޭ ބުނުމަށް ފަހު ސައިކަލަށް އެރީމެވެ. އެކަމަކު ބޭބެގެ ވާހަކަ އެހާހިސާބުން ކުރެއް ނުކުރެއެވެ. މިހާރު ތިހުރީ ބޮޑުވެފައި ކަމަށާ، ބިޓުން ނެގުމަކީ މައްސަލައެއް ނޫންކަމަށް ވެސް ބުންޏެވެ. ބޭބެއަކީ އަހަރެން ބައްޕަ ފަދައިން ދެކޭ މީހަކަށް ވުމާއި އެކު ބޭބެގެ އެ ވާހަތަކުން އަހަންނަށް ވަރަށް އުނދަނގޫވިއެވެ. އެކަމަކު ބޭބެ ގާތުވެސް، އަދި އެހެން މީހެއް ގާތުވެސް އެ ވާހަކަ ބުނާކަށް ނުކެރުނެވެ.

ޖެހިގެން އައި ދުވަހު މެންދުރު އަހަރެން ނިދާފައި އޮއްވާ މީހަކު އަހަރެންގެ އިސްތަށިގަނޑުގައި އަތްލާހެން ހީވެގެން ހޭލެވުނު އިރު ބޭބެ ހުރީ އަހަރެން ކައިރީގައި އެނދުގައި އިށީނދެގެންނެވެ. ސިއްސައިގެން ގޮސް ހޭލެވުމުގެ ކުރިން ބޭބެ އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ. އަދި އަހަރެންގެ ގައިގައި އަތް ހާކާލުމަށް ފަހު ތެދުވެގެން ދަމުން، އެއްވެސް މީހެއް ގާތު ބުންޏަށް އެ ވާހަކަ ގަބޫލު ނުކުރާނެ ކަމަށް ބުންޏެވެ.

އެކަމަކު އަހަރެން ބޭބެގެ އެ ވާހަކަތަކަށް ބިރަކުން ނެތީމެވެ. މަންމަ އާއި ދައްްތަ އާއި އާއިލާގެ ދެންވެސް ބުނަން ކެރުނު ކޮންމެ މީހެއް ކައިރީގައި ބުނީމެވެ. އެކަމަކު އެއްވެސް މީހަކު އަހަންނަށް ހިތްހަމަ ޖެހޭ ޖަވާބެއް ނުދިނެވެ. ބޭބެ އަހަރެން ދޮގު ހަދަނީ ކަމަށާ، އެ ވާހަކަތައް ދައްކަނީ އަހަރެން ކޮލެޖުން ކުއްޖަކާ ރައްޓެހިވެގެން އުޅޭތީކަމަށް ބުނުމުން އެންމެންވެސް ޤަބޫލުކުރީ ބޭބެގެ ވާހަކައެވެ.

މަންމަ އާއި ބޮޑުދައިތަ ފިޔަވައެވެ. ބޮޑުދައިތަ އަހަރެން ގާތު އެދުނީ ބޭބެ ގޭގައި އުޅޭ ވަގުތު ގޭގައި ގިނައިން ނޫޅުމަށެވެ. އަދި ދުވާލު ނުނިދުމަށެވެ. މަންމަ އަހަރެން ގާތު އެދުނީވެސް އެފަދަ އެދުމެކެވެ. އަހަރެންގެ އާއިލާ މީހުން އެ ވާހަކަތައް ޤަބޫލު ނުކުރުމުން އަހަރެންނަށް ލިބުނީ އިތުރު މާޔޫސްކަމެކެވެ. އެންމެ ދެރަވީ އަހަރެންގެ އަހުލާގާއި މެދު ސުވާލު އުފެއްދުމަށް ފަހު ބޭބެ، އަހަންނަށް ކުރި އަނިޔާގެ ވާހަކަ އޮއްބާލީމައެވެ.

އޭގެ ފަހުން އަހަރެން ބޭބެ އާއި އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކަމެވެ. އަހަރުމެން މާލޭގައި ނިދަނީ އަންހެން ކުދިން އެއްކޮޓަރީގައި، ފިރިހެން ކުދިން އަނެއް ކޮޓަރީގައެވެ. އެހެންކަމުން ކޮޓަރި ތަޅުލާފައި ހުރެއްޖެ ނަމަ، ހެދުން ބަދަލު ކުރަނީ ކޮޓަރީގައެވެ. އެއް ރޭ ނިދުމުގެ ކުރިން އަހަރެން ކޮޓަރީގައި ހެދުން ބަދަލު ކުރަން ބޮކި ނިއްވާލުމަށް ފަހު ހެދުން ބަދަލު ކުރަނިކޮށް ކުޑަ ދޮރު ކައިރީގައި މީހަކު ހުރިކަން ފާހަގަވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނުކުތް އިރު ބޭބެ ބެލްކަނީއިން ނުކުންނަނީއެވެ.

ބޭބެގެ އުނދަނގޫތައް އަހަންނަށް ދުވަހެއް ދުވަހަކަށްވީ އިތުރެވެ. ހަޑިހުތުރު މަންޒަރުތަކާއި، ޖިންސީ އަމަލުތައް ފެންނަ ވީޑިއޯވެސް އަހަންނަށް މީސްމީޑިއާއިންވެސް ފޮނުވައެވެ. އެކަމަކު އެވާހަކަ ބުނާކަށް ނުކެރެއެވެ. މިހުރިހާކަމަކަށް ކެތްކޮށްގެން އުޅެނިކޮށް ބޮޑުދައިތަ ބިލިވެގެން ހޮސްޕިޓަލްގައި އޮތް ދުވަސްކޮޅެއްގައި ބޭބެގެ މި އަމަލުތައް ހައްދު ފަހަނައަޅާ ދިޔައެވެ.

އަހަރެން ކޮޓަރީގައި އުޅެނިކޮށް، ބޭބެ ކޮޓަަރިއަށް ވަދެ ތަޅުލުމަށް ފަހު އަހަންނަށް އެތައް އަނިޔާއެއް ކުރިއެވެ. އަހަރެން އެތައް ރުއިމެއް ރުއިމެވެ. ބޭބެގެ އެ އަމަލުތަކުގެ ވާހަކަ މި ފަހަރުވެސް އަހަރެން އެންމެންނަށް ކިޔާދިނީމެވެ. ބަލި އެނދުގައި އޮތް އަހަރެންގެ ބޮޑުދައިތަ ބުނިހާވެސް ބަހަކީ އޭނާ އަށް ކުދިންގެ ބައްޕަ އާއި މެދު އެއްވެސް ވާހަކައެއް ދެއްކެން ނެތް ވާހަކައެވެ.

މަންމަވެސް އަހަރެންގެ ވާހަކަތައް ޤަބޫލު ކުރިއެވެ. ބޭބެގެ ފަރާތުން އަހަރެން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ކިޔެވުން ދޫކޮށްލުންކަމަށްވުމުން އެކަން ކުރަން އަހަންނަށް މަޖުބޫރުވިއެވެ. އާއިލާ ބަދުނާމު ވެދާނެތީ އަދި އަހަރެން ބަދުނާމު ވެދާނެތީ މަންމަމެންވެސް އެވާހަކަ އިތުރަކަށް ނުދައްކައެވެ. އެކަންތައް ކިތަންމެ ރިޕޯޓްކުރަން ބޭނުންވި ނަމަވެސް ކުޑަކުއްޖަކަށް ވީތީ އެކަން ކުރެވޭނެ ގޮތެއް އޭރު އަހަންނަކަށް ނުވިސްނެއެވެ.

އެފަހުން މިހާރު އެތައް އަހަރެއް ފާއިތުވެއްޖެއެވެ. ނަފްސާނީ ގޮތުން އެކަމުން އަަހަންނަށް ކުރި އަސަރުތައް އަދިވެސް ފޫބެދިގެނެއް ނުދެއެވެ. އޭރު ކުޑަ މިނުން އަހަރެންގެ ސިއްހީ ޗެކަޕެއް ހަދާލާ، ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަކީ ކުރަން ޖެހޭ ކަމެއްކަމަކަށް މައިންބަަފައިންނަކަށް ނުފެނުނެވެ. އާއިލާ މީހުން އަަހަންނާއި މެދު ކަންތައް ކުރި ގޮތުން އަހަންނާއި އާއިލާ އާއި މުޅި އުމުރަށް ދުރުވެއްޖެއެވެ.

އަދަބު ލިބުނީ އަހަންނަށެވެ. މީހަކާއި އިނދެގެން ދެ ކުދިން މިހާރު ތިބި އިރު އަހަރެންނަށް ގެއަށް ހިލޭ އެއްވެސް ފިރިހެނަކު އައުމަކީ ހިތްހަމަ ޖެހޭ ކަމަކަށް ނުވެއެވެ. ފިރިމީހާ ވެސް އަންހެން ދަރިފުޅު ގޮވައިގެން އެކަނި އުޅޭ ނަމަ އަހަންނަށް ފާރަލެވެއެވެ. އަމުދުން ހިލޭ މީހަކު އަންހެން ދަރިފުޅަށް ބަލާކަށް ވެސް ބޭނުމެއް ނުވެއެވެ. އެއީ އަހަންނަށް ވީގޮތް ދަރިފުޅަށް ވާން ބޭނުން ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢާއިޝާ

    ތީ ރާއްޖޭގައި ވަރަށް އާމުކަމެއް. ޢަބަދުވެސް ގޯސްވާނީ އަންހެން ކުއްޖާ. ޢެކުއްޖާ ކިތަންމެ ކުޑަޔަސް. ތީގަ މަންމަ ނަމަވެސް ގަބޫލު ކޮށްފިދޯ. ގިނަފަހަރަށް މަންމަ އަށް ވެސް ގަބޫލު ނުކުރެވޭ. ތިގޮތަށް އަނިޔާލިބިފަ ކިތަށް ކުޑަކުދިން މި މުޖުތަމައުގަ އުޅޭބާ؟ ޥަރަށް ދެރަ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

    62
    1
  2. Anonymous

    Aharenge hayaathuga ves vi thikahala gotheh ..hama uncle ehge faraathun dhimaavi kameh eyee..havaalehves nuvey ekan kohffa eh....

    25
    3
  3. މޯދީގެ ބޭބެ

    ވަރަށް ދެރަވެއްޖެ މި ލިޔުންކޮޅު ކިޔާލާފައި. ކެތްތެރިކަން ދެއްވާށި އަދި ތިޔަ ނަފްސާނީ ބަލިމަޑުކަމަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އެފަދަ މީހުންނަށް ނޭގޭ އެގޮތަށް ދެވޭ އަނިޔާއަކީ މުޅި އުމުރު ދުވަހު އޭގެ ވޭން އުފުލަން ޖެހޭ ކަމެއް ކަން. ޤިޔާމަތް ދުވަހުން ބަދަލު ލިބޭނެ މި ދުނިޔޭގައި ނުލިބިއްޖެއްޔާ އިންޝާ ﷲ.

    66
    1
  4. ސަފަރު ކައްދަގެ ތިއްތިބެ

    މޯލްޑިވްސް ޕޮލިހުން ވަގުތުނޫހުގެ މިއާރޓިކަލް ކިޔުމަށްފަހު މިކަމުގައި ފުރިހަމަ ތަހުޤީގެއް ހިން ގުމަށްފެނޭ. ތިޔަ ބޭބެގެ ފަރާތުން ހުންނާނެ، މި މަންޖެނޫން ކިތައް ކުދިންނަށް ޖިންސީ އަނިޔާ ލިބިފައި. އެކަމަކު ބޭބެ ހެވިފައި!

    23
    1
  5. ހޫ

    ޖާހިލުކަން ނޫން އެހެން ކޮން ކަމެއް ތިއާއިލާގައި ތިހުންނަނީ. ތި ފިރިހެން މީހާ އަންހެން ކުއްޖާއަށް ދިން އަނިޔާގެ ގެ ބަދަލު ދެ ދުނިޔޭންވެސް ދައްކަވާށި.

    16
  6. Anonymous

    ތިގޮތަށް ރަށްރަށުން ކުދިން މާލެ ގެނެސްގެން އެކުދިންގެ ދިރިއުޅުން ހަލާކު ކުރުމަކީ މި ކުޑަ ކުޑަ މާލޭގަ ވަރަށް އާއްމު ކަމެއް. އެކަހަލަ އަނިޔާ ދޭ މީހުން ލަސްނުކޮށް ރިޕޯޓް ކޮށް އަނިޔާ ލިބެމެންދާ ފަރާތްތަށް އެހީވާންޖެހޭ.

    23