އެމެރިކާގެ ވޮޝިންޓަންގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލަން ނިންމި މީހެއްގެ ބިލަށް ހީނުކުރާ ވަރުގެ ބޮޑު އަދަދެއް އަރައިފިއެވެ.

އެމެރިކާގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން 62 އަހަރުގެ މައިކަލް ފްލޯ އަށް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މާޗް މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާ ވަނީ ފަރުވާގައި 62 ދުވަސް ހޭދަ ކޮށްފައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ފަރުވާ ދެމުން ދަނިކޮށް، ހާލު ދެރަވެފައިވާތީ، ނަރުހުން ވަނީ އޭނާގެ އާއިލާއަށް ގުޅައި ފަހު ވަގުތު ހޭދަ ކުރުމަށް ބުނެފައެވެ. އެހެން ނަމަވެސް އޭނާ ވަނީ މޭއި 5 ވަނަ ދުވަހު ބަލިން ރަނގަޅުވެފައެވެ. އެކަމާއި ހޮސްޕިޓަލްގެ ސްޓާފުންވެސް ތިބީ ބޮޑު ހައިރާން ކަމެއްގައެވެ.

އޭނާ ބަލިން ރަނގަޅުވެގެން ގެއަށް ދާން ނިކުތްތަނުން އޭނާއަށް ލިބުނީވެސް ބޮޑު ހައިރާން ކަމެކެވެ. އޭނާއަށް ލިބިފައިވަނީ 181 ގަނޑުގެ ބިލެކެވެ. އެ ބިލުގައި ވަނީ އޭނާ ހޮސްޕިޓަލުގައި ހޭދަ ކުރި ދުވަސްތަކުގައި އަރާފައިވާ ފައިސާގެ އަދަދެވެ.

"އައިސީޔޫގައި އޮތް ކޮންމެ ދުވަހަކަށް 9,736 ޑޮލަރު، 29 ދުވަހަށް ވެންޓިލޭޓަރުގައި އޮތުމުން 82,000 ޑޮލަރު، 409,000 ޑޮލަރު 42 ދުވަހަށް ސްޓެރައިލް ރޫމަށް، އަދި 100,000 ޑޮލަރު 2 ދުވަހުގެ އެކި އެކި ފަރުވާއަށް" އޭނާ ބުންޏެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާގެ ފަރުވާގެ ކަންކަން ބަލަހައްޓާފައިވަނީ "މެޑިކެއާ" އިންނެވެ. އެއީ އުމުރުން ދުވަސްވީ މީހުންގެ ސިއްހީ އިންޝޫރެންސް ކަވަރު ކޮށްދޭ ޕްރޮގްރާމެކެވެ. އެހެންކަމުން އޭނާގެ ޖީބުން އެފައިސާ ދައްކާކަށް ނުޖެހޭނެއެވެ.

އޭނާ ބުނީ، އެތައް މިލިއަން ފައިސާއިން އޭނާގެ ފުރާނަ ސަލާމަތްވުން އެއީ ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި އެފައިސާއަކީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ގޮސްފައިވާ ފައިސާ ވެއްޖެއްޔާ އެކަން ބަލައިގަންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު