އުފަލުގައި ހުރުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނޭ ކަމެކެވެ. އުފަލުގައި ހުރުމަށް އެކި މީހުން އެކި ކަންކަން ކޮށް އުޅެއެވެ. އެގޮތުން އުފަލުގައި ހުރުމަށް ކުރެވިދާނެ ބައެއް މުހިންމު ކަންކަން ތިރީގައި އެވަނީއެވެ.

ރަށްޓެހިންނާއި އެކު ގިނަ ވަގުތު ހޭދަކުރުން

ހެޔޮލަފާ ރަށްޓެހިންނާއި އެކު ގިނަ ވަގުތު ހޭދަކުރުމަކީ ހިތްހަމަ ޖެހުން އިތުރުކޮށްދޭ ކަމެކެވެ. އަދި އެކަމަކީ ތިމާ ޑިޕްރެޝަންއަށް ދިޔުމާއި ދުރުކޮށްދޭ ސަބަބެއްވެސް މެއެވެ. އެހެނީ ރަށްޓެހިންނާއި އެކު ގިނަ ވަގުތު ހޭދަކުރުމުން ތިމާގެ ހިތަށް ހަމަޖެހުން ލިބޭނެތީއެވެ. އަދި ހެޔޮލަފާ ރަށްޓެހިންނަކީ ތިމާއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ތިމާއާއި އެކުގައި ތިބޭނެ ބައެކެވެ.

ހެޔޮ އަމަލުތަށް ކުރުން ގިނަ ކުރުން

ގަވައިދުން ނަމާދު ކުރުމާއި ޤުރުއާން ކިޔެވުން ފަދަ ކަންކަން ކުރުމަކީވެސް އުފަލުގައި ހުރުމަށް އެހީވެދޭ ކަމެކެވެ. އެހެނީ ހެޔޮ އަމަލުތަށް ކުރުމުގެ ސަބަބުން މާތް ﷲ ތިމާގެ ހިތަށް ފިނިކަން ގެނެސްދީ ހިތަށް ހަމަޖެހުން ގެނެސްދޭނެތީއެވެ.

ރުޅި އަންނަ ފަދަ ކަންކަމުން ދުރުވުން

ރުޅިއަކީ ވިހަ ގަދަ ހަތިޔާރެކެވެ. ބައެއް މީހުންނަށް އެމީހުންގެ ރުޅި ކޮންޓްރޯލް ނުކުރެވޭއިރު އަނެއްބައި މީހުންނަކީ އަންނަ ރުޅީގައި ކޮންމެފަދަ ކަމެއްވެސް ކުރަން ފަސް ނުޖެހޭ މީހުންނެވެ. މި ސަބަބަށްޓަކައި ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް ރުޅި ކޮންޓްރޯލް ކުރަން އެބަޖެހެއެވެ. އަދި ތިމާ ރުޅި އަންނަ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އަވަހަށް އެކަމާ ދުރުވުމަކީ މުހިންމު ކަމެކެވެ.