ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން އަމަލުކުރަމުންދާ ގައިދުރުކަމުގެ މިންގަނޑަށް ލުއިދިނުމުން ބަލި ފެތުރުން މާބޮޑަށް އިތުރުވެގެންދާނެ ކަމަށް ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނުމުން އެކަމާއި މެދު ސައިންސްވެރިން ސުވާލު އުފައްދައިފިއެވެ.

ޑަބްލިއުއެޗްއޯ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ގައިދުރުކަމުގެ މިންގަނޑަށް މިހާރު އަމަލުކުރަމުންދާ އުސޫލަށް ލުއިދީ، ދެ މީޓަރުގެ ބަދަލުގައި އެއް މީޓަރަށް ދުރުމިން ބެހެއްޓުމަކީ އޭގެ ސަބަބުން ބަލި އިތުރަށް ފެތުރިގެންދާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އަދި މި ބަދަލާއެކު ބަލި އިތުރުވިޔަސް، އިތުރުވެގެންދާނީ 1.3 އިންސައްތަ އާއި 2.6 އިންސައްތަ އާއި ދެމެދު މިންވަރަކަށް ކަމަށާއި، އެއީ މި ބަލިމަޑުކަމަށް ބަލާއިރު މަދު މިންވަރެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯގެ މި ރިޕޯޓާއި ގުޅިގެން ސައިންސްވެރިން ވަނީ އެފަދަ އުސޫލެއް ނިންމުމުގައި ފުރިހަމަ ދިރާސާ މަސައްކަތްތަކެއް ކުރެވިފައިވޭތޯ ސުވާލުކޮށްފައެވެ. އަދި އެ ރިޕޯޓުގައިވާ ފަދައިން ގައިދުރުކަމުގެ މިންގަނޑުތަކަށް ލުއިދޭން ޤައުމުތަކުން ނިންމަންވާނީ ރަނގަޅަށް އެކަން ދިރާސާ ކުރެވުމުން ކަމަށްވެސް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީގެ ޕްރޮފެސަރ، ޑޭވިޑް ސްޕީގެލްހެލްޓަރ ވިދާޅުވީ، ދެ މީޓަރުން އެއް މީޓަރަށް ގައިދުރުކަން ބަހައްޓާ އުސޫލަށް އަމަލުކުރަން ފަށައިފިނަމަ މިހާރު ބަލި ފެތުރޭ މިންވަރަށްވުރެ ބަލީގެ ނުރައްކާ ބޮޑުވެގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ޑަބްލިއުއެޗްއޯގެ ރިޕޯޓާއި މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ދުނިޔެއިން ފެނުނުތާ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވީނަމަވެސް މި ބައްޔަށް އަދި ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ. އެހެންކަމުން ޤައުމުތަކުން މިހާރު ތައްޔާރުވަމުން ދަނީ މި ބަލިމަޑުކަމާއި އެކު އުޅެން ދަސްކޮށް އާ އާންމު ހާލަތެއްގައި ޤައުމުތައް ހުޅުވާލުމަށެވެ.

މީގެ ދުވަސްކޮޅެއް ކުރީން ދުނިޔޭގެ ޤައުމުތަކުގައި މި ބަލިމަޑުކަން ފެތުރެމުން އައި އައުމަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިނަމަވެސް، ޤައުމުތައް އަލުން ހުޅުވާން ފެށިތަނާހެން ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެހެންކަމުން މި ބަލިމަޑުކަމުގެ ނުރައްކާ، ކުރިން ބެލެވުނު ވަރަށްވުރެވެސް ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    މިބައްޔަށް ފަރުވާއެއް ނުހޯދިގެން އުޅޭ ސައިންސްވެރިންނޭ ކިޔާމީހުން ކިޔާ ކޮންމެވެސް އެކައްޗެއް ކިޔާބަލަ ! ދުރުކުރުމޭ ކައިރިކުރުމޭ ، ފަޅޮލޭ ކިޔަސް ވާނެކަމެއް ނެތް !

    6
    13