ނިހާދުގެ އަތްދަނޑި މައްޗަށް ފިރާޝާ ނަގައިގަނެގެން އެ ކޮޓަރިން ބޭރަށް ނުކުތެވެ. ޑޮކްޓަރާއި ނަރުސްކުއްޖާ ވެސް ހަލުވި ހިނގުމެއްގައި ފަހަތުން ނުކުމެގެން ހިނގައްޖެއެވެ. ކޮޓަރީގައި ރީޝާ އެކަނިވުމާއެކު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ތަޤްދީރުގެ ރޭވުން އޭނާއާ އެ ކުޅެލީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ؟ ކުރިމަތި މި ކުރުވީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ ކުއްލިއަކަށް އެނގުމެއް ނެތި ހަޔާތަށް ބިންދާލި ބޮޑު ރާޅުގެ ސަބަބުން އޭނާ މުޅިން ބަލިކަށިވެއްޖެއެވެ. އޭނާގެ ދިރިއުޅުމުގައި މުޅިން ވެސް އޮތީ ހިތާމަ ހެއްޔެވެ؟ ދެން ކިތަންމެ ސިއްރުކުރަން ބޭނުންވި ނަމަވެސް އެއްވެސް ކަމެއް ސިއްރެއް ނުވާނެއެވެ. މަންމައަށާއި ނަވީލަށް ރީޝާގެ ހިތްދަތި ދިރިއުޅުން ޙިއްސާކޮށް ނުދެވި އޮތުމުން މިއަދު ރީޝާ ވަރަށް ދެރަވެއްޖެއެވެ. އެމީހުންނަށް އޭނާގެ މަޖުބޫރީ ހާލަތު އިޙްސާސްވާނެ ބާއެވެ؟ އެމީހުންގެ މާފު އޭނާއަށް ލިބިދާނެ ހެއްޔެވެ؟ ތަފާތު އެކި ޚިޔާލުތަކުން ބޯހާސްކުރުވަން ފެށުމާއެކު އޭނާގެ ދެލޮލަށް ބާރުކުރަން ފަށައިފިއެވެ. ރީޝާގެ އެއްވެސް ކުށެށް ނެތެވެ. ކުށްކުރީ ޝިހާމެވެ. ހުރިހާ ބަދުނާމެއް އެ ވަނީ ރީޝާއާއި އޭނާގެ ޢާއިލާއެވެ. މިއީ ކޮންފަދަ އިންސާފެއް ހެއްޔެވެ؟ އޭނާ އަވަސްއަވަހަށް އެސްފިޔަތައް ތަޅުވަން ފެށިއެވެ. ނުރޯން ހިތްވަރުކުރި ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. ދެލޮލުގެ ތެރެއަށް ކަރުނަތައް ފުނިޖެހެން ފެށީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އަނގަމަތީ އަތްއަޅައި ބާރުކޮށްލަމުން ރޮއެގަނެވުނެވެ. ދޮރު ހުޅުވައިލައިފައި ޝިހާމް ވަދެގެން އައީ އެވަގުތުއެވެ. ރީޝާ އަވަސްއަވަހަށް ކަރުނަތައް ދިރުވައިލިއެވެ. ދެލޯ ފޮހެލިއެވެ.

"ވަރަށް އުފާވެއްޖެ. މަރުހަބާ ރީޝާ. މަރުހަބާ." ޝިހާމް އުފާވެފައި ބުންޏެވެ. "އަވަހަށް ހިނގާ މާލެދާން."

ރީޝާގެ ހިތަށް ވެރިވި ފޫހިކަމާއެކު މޫނު ދުރަށް އަނބުރައިލިއެވެ. ޝިހާމް ގޮނޑީގައި އިށީންނަމުން ރީޝާގެ އަތުގައި ހިފައިލިއެވެ. ރީޝާ ވަގުތުން އަތް ދަމައިގަތެވެ.

"ރީޝާ ދެން ބޮޑާނުހާކާ." ޝިހާމް އެދުނެވެ. "ދެން ވިސްނަންވީ އަހަރުމެންނަށް ލިބެން އުޅޭ ދަރިފުޅާމެދު. އަހަންނާއެކު މާލެދާން ހިނގާ. އޭރުން ރަށުމީހުންގެ މަލާމާތާއި ފުރައްސާރައިން ސަލާމަތްވާނެ. ރީޝާ ބޭނުންވަންޏާ މި ރާއްޖެ ދޫކޮށް ވެސް ދާންވީ. މީހުންގެ އަޑުތައް ނީވޭ ހިސާބަކަށް އަހަންނަށް ގެންގޮސްދެވިދާނެ. އިންޑިއާ، ސްރީލަންކާ، އެމެރިކާ ވިޔަސް ރީޝާ ބޭނުން ޤައުމެއްގެ ނަން ބުނެލަން ޖެހޭނީ. އޭރަށް ރީޝާ ވިހަންވަންދެން އެ ޤައުމެއްގައި އުޅޭނީ. އެކަކަށް އެކައްޗެއް ވެސް ނޭނގޭނެ. ހުރިހާ ބަދުނާމަކުން ސަލާމަތްވާނެ. ރީޝާ ބަލައި މި އާދެވުނީ ވެސް ވަރަށް ރަނގަޅު ދަނޑިވަޅެއްގައި."

އެ ވާހަކަތައް އަހައިފައި ރީޝާ ގާތަށް އަލިފާން ކަހަލަ ރުޅިއައެވެ.

"އެހެންތަ ހީވަނީ." ރީޝާ ކުއްލިއަކަށް އެނބުރިފައި ޝިހާމަށް ބަލައިލިއެވެ. "ބަދުނާމު ވަނީ ކާކުތޯ މި ފަހަރު ނިކަން ރަނގަޅަށް އަންގައިލަ ދޭނާން. ކަލެޔަށް އޮޅިގެން ނަމަވެސް ތި ބުނެވުނީ ވަރަށް ރަނގަޅު ވާހަކައެއް. ކަލެޔަށް ތި އާދެވުނީ ހަމަ ވަރަށް ރަނގަޅު ދަނޑިވަޅެއްގައި. ދެން މިކަންތައް އެކަކަށް ވެސް ސިއްރެއްނުވާނެ. ރަށު އެންމެނަށް އެނގޭނެ. ހަމައެޔާއެކު މި ބަނޑުގައި މިއޮތީ ކަލޭގެ މުޑުދާރު ލޭކަން ވެސް އެނގޭނެ. ދެން އިތުރަށް މިކަންތައް ސިއްރެއް ނުކުރާނަން. މަ ބަލާނަން މީހުންގެ ފުރައްސާރައާ މަލާމާތް އަޑު އަހަން ކެރެނީ މަށަށްތޯ ނޫނީ ކަލެޔަށްތޯ؟ ބޮޑު ފިނޑި."

ޝިހާމް އުންމީދުކުރީ ލިބުނު ޚަބަރާއެކު ރީޝާ ބަލިކަށި ވާނެކަމަށެވެ. އެހެނަސް ރީޝާ އިތުރަށް ވަރުގަދަވީއެވެ. ފިޔަފަޅައި ވަރަތައް ވަރުގަދަ ކުރީއެވެ. އެހެނަސް ޝިހާމް އެކަމާ ކަންބޮޑެއް ނުވެއެވެ. ރީޝާ އުދުހި ގަތުމުގެ ކުރިން އޭނާއަށް އެ ވަރަ ބިންދައިލެވިދާނެއެވެ.

"ރީޝާ ދެން ބޮޑާ ނުދައްކާ." ޝިހާމް ބުންޏެވެ. "ތިއިން އެއްވެސް ކަމެއް ރީޝާ ނުކުރާނެ. ކުރާކަށް ނުވެސް ކެރޭނެ."

"ތީ ވަރަށް ބޮޑު ކުށްހީއެއް." ރީޝާ ދެދަތްޕިލައަށް ބާރުކުރަމުން ބުންޏެވެ. "މިހާ ދުވަހު މަންމައަށް ކަލޭމެންގެ ނުލަފާކަން ސިއްރުކޮށްގެން މިހުރީ ނުކެރިގެނެއް ނޫނޭ. ކަލޭ މި ރަށަށް ތި އައީ އެހެން ހީކޮށް އެކަމުގެ ނާޖާއިޒް ފައިދާ ނަގާކަށްނު."

ރީޝާ ހާމަކުރީ ޙަޤީޤަތެވެ. ރީޝާ ހިމޭނުން ހުރުމުން ޝިހާމަށް އެ ގޮތަށް ހީކުރެވުނެވެ. ފިރާޝާއަށް އެ ކަޅުސަފުޙާ އެނގެން ރީޝާ ބޭނުން ނުވާކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ނިހާދު ވެސް ދިނެވެ. ޝިހާމް އެ ރަށަށް އެ އައީ ވެސް ނިހާދުގެ އެ ބަހަށް ވެސް އިތުބާރުކޮށްފައެވެ. އޭގެ އިތުރުން އޭނާ ރަށަށް އަންނަން ޖެހިލުން ނުވި އެހެން ސަބަބެއް ވެސް އޮތެވެ.

"ރީޝާގެ ބަނޑުގައި އޮތީ އަހަރެންގެ ދަރިއެއްކަން ޤަބޫލުކުރާނެ މީހަކު މަދުވާނެ." ރީޝާ ގޮތްދޫކުރަން ބޭނުންނުވުމުން ޝިހާމް ވެސް އާދޭސްކުރާކަށް ބޭނުމެއް ނުވިއެވެ. "ޕޮލިހުންނަށް ރިޕޯޓުކުރިޔަސް ދުވަސްކޮޅަކު މަ ހައްޔަރުގައި ބަހައްޓައިފައި ދޫކޮށްލަފާނެ. އެ ކީއްވެގެންކަން އެނގޭތަ؟ ތި މަގޭ ދަރިއެއްކަން ސާބިތުކޮށް ދެވޭނެ ގޮތެއް ނެތީމަ. ކަލޭ ބުނާ ބުނުމެއްގެ މައްޗަށް މަށަށް ޙުކުމެއް ނާންނާނެ."

ޝިހާމަށް އެހާ ބޮޑު ޔަޤީންކަމެއް ލިބުމުން ރީޝާއަށް ހިމޭންވެވިއްޖެއެވެ. އަދި ފަރުވާތެރިކަމާއެކު ޝިހާމްގެ މޫނަށް ބަލައިލިއެވެ. އެ މޫނުގެ ކުލަވަރު ތަރުޖަމާކޮށްދެނީ ޝިހާމްގެ ބަހުގެ ތެދުކަމެވެ. އެހާ ބޮޑު ޔަޤީންކަމެއް ޝިހާމަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ ފުލުހުންގެ އިދާރާގައި އޭނާގެ މިތުރެއް އުޅެނީ ހެއްޔެވެ؟ އެމީހެއްގެ ފަރާތުން އެ ޔަޤީންކަން ލިބުނީ ހެއްޔެވެ؟ ފައިސާވެރިންނަށް ކުށްކުށުން ބަރީޢަވުމަކީ ދާދި ފަސޭހަ ކަމެއްކަން ރީޝާއަށް ވެސް ވިސްނެއެވެ. ޝިހާމަކީ އެ ޝަރުޠު ފުރިހަމަވާ މީހެކެވެ. އެހެނަސް ރީޝާގެ އަތުގައި ހުރި ހެކިތަކަކީ ފައިސާއިން "އަންދައިލެވިދާނެ" އެއްޗެއް ހެއްޔެވެ؟ ދެން ރީޝާގެ ހިތަށް އެރި އެއްޗެއްގެ ސަބަބުން އޭނާގެ ހިތުގެ ހިނގުމަށް ބަދަލު އަޔެވެ.

"ތި ހީވީ ރަނގަޅަށޭ." ޝިހާމް އެއްމިޔަކަނުން ހީނލިއެވެ. "ނާޔާ ޢަބްދުލްޣަފޫރު، ހ.ރަންދު / ކ.މާލެ، ނިޔާފް ޢަބްދުލްޣަފޫރު، ޢަބްދުލްޣަފޫރު މޫސާ، ފާޠިމަތު މަޖުދިއްޔާ. މިހެން ގޮސް ނާޔާގެ ޢާއިލާ އެންމެންގެ ނަން ވެސް ކީ ދާނެ. އެ ޢާއިލާ މީހުންގެ މަޢުލޫމާތު ހޯދަން އުނދަގޫ ނުވި މީހަކަށް އެ ހެކިތައް ހޯދުން ވާނީ ފެން މެޓައަކައްނު."

ރީޝާގެ މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައެވެ. އޭނާ ޤަބޫލުކުރަން ދަތިވެފައި އޮއްވައި، ޝިހާމްގެ ދަބަހުން ނެގީ ނާޔާގެ ފޯނެވެ. އަދި ނާޔާގެ އަތަށް ރައްކާކުރުމަށް ދިން ސިޓީ އުރައެވެ. އިރުކޮޅަކުން ޝިހާމްގެ ޖީބުން ރީޝާގެ ފޯނު ވެސް ނަގައި އެނދުމަތީގައި ބާއްވައިލިއެވެ.

"މި ފޯނުން ވެސް އެ ވީޑިއޯ ފޮހެލައިފިން." ފަޚުރުވެރިކަމާއެކު ޝިހާމް ބުންޏެވެ. "މިހާރު ރީޝާގެ ލެޕްޓޮޕު ވެސް ގެއްލިދާނެކަމަށް މި ބަލަނީ."

ރިޝާ އަވަސްއަވަހަށް ފޯނު ނަގައި ބަލައިލިއިރު އެ އަތުގައި ވަނީ ތުރުތުރުލުމެކެވެ. ޝިހާމް ބުނީ ތެދެކެވެ. މިހާރު ފޯނުގައި އެ ވީޑިއޯއެއް ނެތެވެ. އެޔާއެކު ރީޝާގެ މޫނު މައްޗަށް އަނދިރިވެގެން ދިޔައެވެ. ކުއްލިއަކަށް ހަތަރު އަނގޮޅިއެއްގެ ކަންމައްޗަށް އޭނާ ވެއްޓިއްޖެއެވެ. ދާންވީ ދިމާއެއް ނޭނގުނެވެ. ދެވޭނެ ދިމާއެއް ވެސް ނެތެވެ. ބަލައިލި ކޮންމެ ދިމާއަކުން ވެސް މިހާރު ފެންނަނީ އަނދިރިކަމެވެ. ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟

"ކަލޭގެ މޮޔަކަމުން ތި ހިފައިގެން މި ރަށަށް ތި އައީ." ރީޝާ މާޔޫސްވާ ގޮތްވި ނަމަވެސް ޝިހާމަށް އެކަން އަންގާކަށް ބޭނުމެއް ނުވިއެވެ. "ކަލޭގެ މޮޔަކަމުން ތި ނައްތައިނުލައި ތި ގެންގުޅެނީ. ދެން ކަލޭ ބަލަންހުރޭ ވާގޮތް."

"ތީ ހާދަހާ ގޮތްދޫކުރަން ބޭނުންނުވާ ކުއްޖެކޭ." ޝިހާމް ހީނގެންފައި ބުންޏެވެ. "އަދިވެސް ބަލި ޤަބޫލުކުރާކަށް ނުވޭތަ؟ ދެން މަ އަތުގައި މި ހުރުމަކުން ކަލެޔަށް ވާނެ ފައިދާއެއް ވެސް ނެތޭ. ހިތަށް އަރާފާނެ މަ ކީއްކުރަންބާއޭ މިހާ ނުރައްކާތެރި ހެކިތަކެއް މި ގެންގުޅެނީ. މިވެސް ކަލޭގެ ބަފާ މަށަށް ލަނޑެއްދީފާނެކަމަށް ފޮރުވައިގެން ގެންގުޅޭ އެއްޗެއް. އޭނަގެ ޚިޔާލު ބަދަލުވެގެން މަ ބައްދައިލަން މަސައްކަތްކޮށްފާނެތާ ދޯ؟ އެހެންވެގެން މީތި މި ގެންގުޅެނީ އިންޝުއަރެންސަކަށް. ދެން ވީޑިއޯ ޑިލީޓްކޮށްލާނެ ހިތްވަރެއް ނުލިބުނު. މިހާރުދެން ވީޑިއޯއިން ފުއްދައިލައިގެން މި ހުންނަނީ."

"ދެން ވީޑިއޯގަ ދެލޯ ތަތްކޮށްގެން އޮވެބަލަ." ރުޅިއައިސް ހަޅޭލަވައިގަންނަ ބޭނުންވި ނަމަވެސް ރީޝާ ވާހަކަ ދެއްކީ މަޑުންނެވެ. "ކަލެޔަށް އަދަބު ލިބުނަސް ނުލިބުނަސް މަށެށް ދެން މާލެއަކަށް ނުދާނަން."

ޝިހާމް ކޮޅަށް ތެދުވަމުން ލުއި ގޮތަކަށް ހީނލިއެވެ. އަދި ކުޑަކޮށް ގުދުވެލައިފައި ރީޝާގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. ދަހިވެތިކަމާއެކުއެވެ. ވަގުތުން ރީޝާ ރުޅި އައިސްފައި އެ އަތް ވެސް ފޮޅުވައިލިއެވެ.

"ތި މުޑުދާރު އަތުން މަގެ ގައިގާ އަތްނުލާތި." ރީޝާ އަމުރުކުރިއެވެ.

"ތި ރުޅި މަޑުވީމަ ދެން ވާހަކަ ދައްކާނީ." ޝިހާމް ހިންދެމިލަމުން ބުންޏެވެ. "ދެން މިދަނީ ގެޔަށް. އަދި ބައްދަލުވާނެއްނު. ބަލައިގެން އުޅޭތި."

ސިޓީއުރައާއި ނާޔާގެ ފޯނު ޝިހާމް ދަބަހަށް ލިއެވެ. އަދި ދަބަސް ކޮނޑުގައި އަޅުވައިލަމުން އެނބުރި ކުރިޔަށް ހިނގައިގަތުމާއެކު ހުއްޓެވިއްޖެއެވެ. ދޮރުމަތީގައި ހުރި ނަވީލް ފެނުމުންނެވެ. އެމީހުން ދެއްކި ވާހަކަތަކުގެ އެއްވެސް މިންވަރެއް ނަވީލަށް އަޑު އިވުނު ހެއްޔެވެ؟ އެންމެފުރަތަމަ ވެސް ޝިހާމްގެ ހިތަށް އެރީ އެހެނެވެ. ނަވީލް ގަބުވެފައި ހުރި ގޮތުން އެކަހަލަ ޝައްކެއް ޝިހާމަށްވިއެވެ. ނަވީލް ރީޝާއަށް ބަލައިލައިފައި ޝިހާމަށް ހިނިތުންވުމެއް ދިނެވެ. އެޔާއެކު ޝިހާމްގެ ހިތުގައި އުފެދުނު ވަހުމު އޮބިއްޖެއެވެ. އެ ހިނިތުންވުމުގެ މާނަކޮށް ދިނީ ނަވީލަށް އެއްވެސް ކަމެއް ނޭނގޭކަމެވެ.

"ރީޝްގެ މަންމަ ހޭ އަރައިފި." ނަވީލް ބުންޏެވެ. "ދެން އަހަރެން މިދަނީ ގެއަށް. ހިނގާ ޝިހާމްބެ ވެސް ދާން. ޝިހާމްބެ ހުންނާނީ އަހަރުމެން ގޭގައި ދޯ؟ ނޫނީ ރީޝްމެންގެ ގޭގައިތަ؟"

"އޭނަ ހުންނާނީ ނަވީ ގޭގަ." ޝިހާމް އެއްޗެއް ބުނުމުގެ ކުރިން ރީޝާ ޖަވާބުދިނެވެ.

ޝިހާމްގެ ހިޔަނި ފެންނަ ހިސާބުގައި އުޅެން ވެސް ރީޝާ ބޭނުމެއް ނޫނެވެ. ޝިހާމް ދެކޮޅެއް ނުހަދައެވެ. ނަވީލްގެ ފަހަތުން ނުކުމެގެން ދިޔައީ ފަރުވާކުޑަ ގޮތަކަށް ދެކޮނޑު އަރުވައިލައިފައެވެ. އަނެއްކާ ވެސް ރިޝާ އެކަނިވީއެވެ. ނުވިސްނަން އޮއްވައި ވެސް އެކިއެކި ޚިޔާލުތަކުން ސިކުނޑި ބަރުވާން ފަށައިފިއެވެ. ޝިކާޔަތުން އެ ހިތް ފުރިއްޖެއެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟

ޝިހާމަށް އެ ލިޔުންތައް ލިބުނު ގޮތެއް ހޯދުމުގެ ވިސްނުން އައުމާއެކު އޭނާ ފޯނުނަގައި ނާޔާއަށް ގުޅައިލިއެވެ. ޝިހާމްގެ އަތުގައި ފޯނު އޮތްކަން ހަނދާނަށް އައީ ދެ ފަހަރަކު ރިންގުވީ ފަހުންނެވެ. ރީޝާ ވަގުތުން ފޯނު ކަނޑައިލިއެވެ. ދެން އޭނާ ގުޅީ ނާޔާގެ ބައްޕަ ފޯނަށެވެ. ނަސީބު ދިމާކުރި ގޮތުން ފޯނު ނެގީވެސް ނާޔާއެވެ. ރީޝާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ނާޔާ ރޯން ފަށައިފިއެވެ. ރޮމުންރޮމުން މާފަށް އެދެން ފެށުމުން ރީޝާއަށް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.

"ރީޝް ސޮރީ. ނިޔާފްބޭ ގެ ކަންތައްމީ." ނާޔާ ތަފްސީލް ދޭން ފެށިއެވެ.

ނިޔާފަކީ ނާޔާގެ ބޭބެއެވެ. ނާޔާގެ ފުށުން ޝިހާމް ބޭނުންވި މަޤުޞަދު ޙާސިލްނުކުރެވޭނެތީ އޭނާ އެންމެ ފުރަތަމަ ވެސް ބައްދަލުކުރީ ނިޔާފާއެވެ. ނިޔާފަށް ފައިސާގެ ދަޅަ ދައްކައިގެން ހައްލުވައިލުން އުނދަގޫކަމަކަށް ނުވިއެވެ. ޝިހާމް އެކަމަށް އެދުނުތާ މާގިނަ ދުވަހެއް ނުވަނީސް އެ ތަކެތި ޝިހާމަށް ރައްދުކޮށްދީ އެ ވިޔަފާރީގެ މުޢާމަލާތް ފުރިހަމަކޮށްދިނީ ނާޔާއަށް ވެސް އެނގުމެއް ނެތިއެވެ.

"އަހަންނަށް އެނގުނީ ވެސް މިއަދު ހެނދުނު." ނާޔާ އިތުރަށް ބުންޏެވެ. "ހެނދުނު ހޭލިއިރު ފޯނުނެތިގެން ސުވާލުކުރީމަ. ނިޔާފްބޭ ދިނީ ފައިސާ. ބޭނުން ވައްތަރެއްގެ ބޭނުން ކުލައެއްގެ ފޯނެއް ގަންނާށޭ ބުނެފައި. ފޯނަށް ކިހިނެއް ހެދީތޯ ސުވާލުކުރުމުން އޭނަ އަމިއްލައަށް ތެދުތެދަށް ކިޔާދިނީ ވެސް. އައި އޭމް ސޮރީ ރީޝް."

"އިޓްސް އޯކޭ. ދެން ހުއްޓައިލާ. މީވެސް އިމްތިހާނެއް. މި އިމްތިހާނުން ވެސް އަހަރެން ފާސްވާނަން." ރީޝާގެ އުންމީދުތައް ފުނޑުފުނޑުވެފައި ވީ ނަމަވެސް އޭނާ ނާޔާ ދެރަކޮށްލައިކަށް ބޭނުމެއް ނުވިއެވެ. ނާޔާއަށް އޭނާގެ ހާލަތު ސިއްރުކުރިއެވެ.

ފިރާޝާ ކޮޓަރިއަށް ވަނީ އިސްޖަހައިގެން ހުރެއެވެ. ދިރިހުރި މައްޔިތަކުން ހިނގާނެ ފަދައިން ލަސް ހިނގުމެއްގައި އައިސް ގޮނޑީގައި އިށީނެވެ. ރީޝާ އޮތީ ފިރާޝާ އިސް އުފުލާނެ އިރަކަށް އިންތިޒާރުކޮށްގެންނެވެ. އެ ވަގުތެއް ނައެވެ. ފިރާޝާ އިރުއިރު ކޮޅުން ނޯށްދަމައިލައެވެ. އަތުގެ އިނގިލިތަކުން ނޭފަތުގައި ހިފައިލައެވެ. އެ ޚަރަކާތްތަކުން ފިރާޝާ ރޮނީކަން ރީޝާއަށް ވިސްނުނެވެ. އަދި ފިރާޝާ އިނީ އިސްއުފުލައިލައި ބަލައިލަން ވެސް ނުކެރިފައިކަން އެނގުނެވެ. ރީޝާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށުމާއެކު އޭނާ މޫނު ދުރަށް އަނބުރައިލިއެވެ. އެޔާއެކު ލޮލުގެ ހިމަކޮޅުން ކަރުނަ ތިކިތައް ދެމިގެން ގޮސް ކަނދުރާގައި ބީހެމުން ބާލީސް މައްޗަށް ފައިބަން ފެށިއެވެ.

އައި.ވީ ފުޅި ހުސްވިއިރު ހަވީރު ވެއްޖެއެވެ. ނަރުސް ކުއްޖާ އައިސް އަތަށް ގުޅައިފައިވާ ކަށިތައް ނައްޓައިލިއެވެ. ބަލިވެ އިނުމާއި ގުޅިގެން ރީޝާގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ އިރުޝާދުތައް ޑޮކްޓަރ ދެއްވިއެވެ. އެވަގުތު ކޮޅު ވެސް ފިރާޝާ އިނީ ބޮޑަށް އިސްތިރިކޮށްލައިގެންނެވެ. ރީޝާ ވަރަށް ލަދު ގަތެވެ. އޭނާ އެންމެންގެ ކުރިމަތީގައި ބޭޒާރުވެ ފަޟީޙަތްވެފައި އެ ވަނީ އެންމެ ނުބައި ގޮތަށެވެ. ގެއަށް ދިޔުމުގެ އިޒުނަ ލިބުމުން ރީޝާ ތެދުވިއެވެ. ފިރާޝާގެ ފަހަތުން ހިނގައިގަތެވެ. ރީޝާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ފިރާޝާ ވެސް ބަހެއް ނުކިޔައެވެ. ދެމީހުން ވެސް އެއްހަމައެއްގައި ހުރެ ހިނގަމުން ދިޔައެވެ.

ކުއްލިއަކަށް މާދުރުން ޒުބޭދާ އަންނަތަން ފެނުމާއެކު ފިރާޝާގެ ބޮލުގައި ރިއްސައިލިއެވެ. ޒުބޭދާއަށް އެ ޚަބަރު ލިބިއްޖެކަމުގެ ވަސްވާސްތަކެއް އެ ހިތުގައި އުފެދިއްޖެއެވެ. މަގުމަތީގައި އެ އަޑުފަތުރާއިން އެ ވާހަކަ ގޮވަން ފަށައިފިނަމަ ފިރާޝާ ވަކިން ބޮޑަށް ލަދުގަންނާނެއެވެ. މިހާރު ވެސް އޭނާ އެ ހުންނަނީ މީހުންނާ ހަތަރުކަޅި ހަމަކޮށް ބަލައިލަން ވެސް ނުކެރިފައެވެ. އެހެންކަމުން އޭނާ ރީޝާ ގޮވައިގެން ޖެހިގެން އޮތް ގޯޅިއަށް ވަނެއެވެ. ދެވުނީ ވަކި ހިސާބަކަށެވެ. އެ ގޯޅިއަށް ވެސް ޒުބޭދާ ވަދެއްޖެއެވެ. އެ ހިސާބުން ޒުބޭދާއަށް އެކަން އެނގިއްޖެކަން ފިރާޝާއަށް ކަށަވަރުވިއެވެ.

"ކޮބާ ކޮބާ. މިއޮތީ މަ ބުނި ދުވަސް އައިސްފައި." ޒުބޭދާ ދެއަތް ތަޅަމުން އެމީހުންނާ ދިމާއަށް އަޔެވެ. "އޭރުވެސް ބުނީމެއްނު އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނޭ. މިއޮތީ މަ ބުނި ދުވަސް އައިސްފައި. ލަހެއްފަހެއް ވެއްޖެތަ؟ މިހާރު ހުންނާނީ ރީތި ބޮނޑިއެއް ބޮވިފަ. މާ ރަނގަޅަށް ނުފޮޅެނީސް މާބުރަށް ފޮނިކޮޅު ބޯންދިނީމަ ވާނެ ހަ އެތި ތިވީ. ފިރާޝާ! ތާހިރު އަޑުތަކެއް އިވިއްޖެއެއްނު. ލަދުން ބޯ ފަޅައިގެންދާވަރުވޭ. މަ ހިތަށް އަރާ ނިހާދު ކަލޭމެންނާ އެކީގައި މި އުޅެނީ ކޮންކަހަލަ ސިހުރެއް ޖެހިގެން ބާއޭ. އަމަޔަށްވުރެ ވުރެ ވެސް އެއްދަރަޖަ ކުރީގައި ދަރިފުޅު މި އުޅެނީ. އަމާ ހިތާވެގެން އުޅޭ އެތީގެ ދަރިއާއެކު ދަރިފުޅު މި ގަނޑުގަނެލީ."

"ބޮޑުދައިތާ. ތި ދުލަށް އަންނަހާ އެއްޗެއް މީހުންނާ ދިމާއަށް ނުގޮވަބަލަ." ނަވީލްގެ ބޮލުގައި ތުޙުމަތު އެޅުވުމުން ރީޝާގެ ހިތަށް ކެތެއް ނުވިއެވެ.

"މީ އަދި ހާދަ ލަދު ހަޔާތެއް ވެސް ނުގަންނަ ކުއްޖާގަނޑެކޭ. ކަލެޔަށް ކުރެވުނު ކަންތައް މޮޅުވެގެން އަނގަފުޅާ ތިކުރަނީ." ޒުބޭދާ ރައްދުދިނެވެ.

ރީޝާއަށް ރައްދުދޭނެ ފުރުޞަތެއް ނުލިބުނެވެ. އޭގެ ކުރިން ރީޝާގެ އަތުގައި ހިފައި ދަމަމުން ފިރާޝާ ކުރިޔަށް ހިނގައިގަތެވެ. މުޅި ހިސާބުގެ ގޭގެއިން މީހުންތައް ބޯ ދިއްކޮށްގެން އެ ތިބީ "ޝޯ" ބަލަން ޝައުޤުވެރިވެފައެވެ. އެމީހުންގެ ކުރިމަތީގައި އިތުރަށް ބޭޒާރުވުމަށް ވުރެ ހަނުހުރުން ބުއްދިވެރިއެވެ. ރީޝާ ވެސް އެއްޗެއް ނުބުނީ އެކަން ވިސްނުމުން ކަންނޭނގެއެވެ. އެހެނަސް ޒުބޭދާ ދުލެއް ނުދިނެވެ. ތަންތަނުގައި އެއްވެފައި ތިބި އެންމެނަށް އެ ޚަބަރު ދެމުން ލަދުހުތުރު ބަސްތައް ގޮވަމުން ފިރާޝާމެންގެ ފަހަތުން ގެއާ ހަމައަށް ދިޔައެވެ. އޭރު އެތައް ފަހަރަކު ރީޝާގެ ބަނޑުގައި އޮތް ކުއްޖާގެ އިލްޒާމު ނަވީލްގެ ބޮލުގައި ވެސް އަޅުވައިފިއެވެ. ރީޝާ ހުރީ ހުޅުފަޅައިގެން ދާވަރުވެފައެވެ.

"ކީއްކުރަންތަ ތި ގެއަކަށް ތި ވަންނަނީ. އެހެރަ ގެއަށް ގޮސް ވަދެ އޮވެބަލަ. ތި ކޮށްލެވުނުވަރު އަދިވެސް ކުޑަޔޭ." ރީޝާމެން ގެއަށް ވަންނަން އުޅުމުން ނަވީލްމެން ގެއަށް އިޝާރާތްކުރަމުން ޒުބޭދާ ބުންޏެވެ. "ތި ދެ ރަންޑި ވެސް އެގެއަށް ވަދެ އޮވޭ. ތަންކޮޅެއް ފަސޭހަވާނެއްނު."

"ކިހާ ބޮޑު ދުއްޕާނެއްތަ؟" ފިރާޝާގެ އަތް ފޮޅުވައިލަމުން ރީޝާ ޒުބޭދާއާ ކުރިމަތިލިއެވެ. "ކަލޭ ތިހުރިހާ އެއްޗެއް ތި ގޮވަނީ ކަލެޔަށް ހަމަ އެކައްޗެއް ވެސް ނޭނގޭތީތަ؟ ނޫނީ ތި އުޅެނީ ހުންނަ ނުބައި ނުލަފާކަމުން އަހަރުމެންނާއި ޖެއްސިގަންނާނެ ގޮތެއް ނުފެނިގެންތަ؟"

"ކޮން ހަޤީޤަތެއް ކިޔާކަށް. މަށަށް ސިއްރުން ތި ދެމައިންނަށް އެއްކަމެއް ވެސް ނުވާނެ." ޒުބޭދާ އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ.

"އެހެންވީމަ މަންމައަށް ދިމާވި ހުރިހާ މުސީބާތެއްގެ އަސްލަކީ ކަލޭގެ ދަރިކަންވެސް ކަލެޔަށް އެނގޭނެ." ރީޝާ ބުނެލިއެވެ.

"އޭނ." ޒުބޭދާ ހަޅޭލަވައިގަތެވެ. "މަގޭ ދަރިފުޅު ތި ދޭތެރެއަށް ނުކޮށްޕާ."

ފިރާޝާ ގޮސް ރީޝާގެ އަތުގައި ހިފައި ދަމައިގަތެވެ. ޒުބޭދާއާ ޒުވާބު ނުކުރުމަށް އެދުނެވެ. އެހެނަސް އެ އަތް ފޮޅުވައިލުމަށްފަހު ރީޝާ ކުރިޔަށް ޖެހިލިއެވެ.

"ކޮށްޕާނަން. ހުރިހާ ނުބައެއް ހެދި މީހަކީ އެއީއޭ." ރީޝާ ބާރަށް ބުންޏެވެ. "އެމީހާ މަންމަގެ ފަހަތުން ނޫޅުނުނަމަ އެމީހާގެ ދަރިއަކަށް މަންމަ ބަލިވެ ނީނިސް. މަގޭ ބައްޕައަކަށް އެ ޒައިދެއް ނުވީސް. އެކަންތައް އެހެން ނުވި ނަމަ އެ ނިހާދު ވެސް މަދެކެ އެހާ ނަފުރަތެއް ނުކުރީސް. މަށަށް ކުރިމަތިވި އެއްވެސް މުސީބާތެއް ވެސް ކުރިމަތި ނުވީސް. އެހެންވީމަ މި ހުރިހާ ނުބައެއްގެ ފެށުމުގެ އަސްލަކީ ކަލޭގެ ދަރި ޒައިދު. ސާފުވެއްޖެތަ؟"

ޒުބޭދާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އެޔަށްވުރެ ބޮޑު ޝޮކެއް ލިބުނީ ނިހާދަށެވެ. ގެއަށް ވަންނަން އައި ނިހާދަށް އެ އިވުނު ޚަބަރަކުން ދެފައި ބިމުގައި ތަތްލިއެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު ގާތުގައި ހުރި އެކުވެރިޔާއަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ ހަމަޖެހިލިއެވެ. އެ ޒުވާބުގެ ތެރެއިން އިތުރު ޙަޤީޤަތްތަކެއް ފަޅާ އަރައިފާނެކަމުގެ ބިރު އެ ހިތުގައި އުފެދުނެވެ. އެހެންކަމުން އޭނާ އެކުވެރިޔާ ގޮވައިގެން އަވަސްއަވަހަށް އެތަނުން ދުރަށް ހިނގައްޖެއެވެ. އޭރު އެ ހިތުގައި ފިރާޝާއަށް އޮތް ނަފުރަތުގެ ފަށަލަ އިތުރަށް ބޯވެއްޖެއެވެ. އެހާ ދުވަސްވަންދެން އެ ހަޤީޤަތް އޭނާއަށް ސިއްރުކުރީތީއެވެ.

ޒުބޭދާ ވަނީ ހިމޭންވެފައެވެ. އޭނާ ޤަބޫލުކުރަން ދަތިވެފައި ހުރި ނަޒަރަކުން ފިރާޝާއަށް ބަލައިލެވުނެވެ. އެއީ އޭނާއަށް މީގެ ކުރިން އެނގިފައިވާ ހަޤީޤަތެއް ނޫނެވެ. ފިރާޝާގެ ފަސްފަހަތުން ޒައިދު އުޅުނުކަން އެނގުނު ނަމަވެސް އެ ދެމީހުންގެ ގުޅުން އެ ހިސާބަށް ދިޔަކަން އެނގިފައެއް ނުވެއެވެ.

"މަށަށް މި ބުނެވުނީ އަދި ނޭނގޭކަމެއްގެ ވާހަކަ ދޯ؟" ޒުބޭދާގެ މޫނުކުލަވަރު ރީޝާ ތަރުޖަމާކޮށްލިއެވެ. "މަ ކުރިން ވެސް ހިތަށް އެރި ތިހާ އަނގަގަދަ އަންހެނަކަށް މި ވާހަކަ އެނގިފަ އޮތްނަމަ މަށަށް މިކަމެއް ސިއްރެއްނުވާނޭ. ދެން ވެސް މީހުންނާ ދިމާއަށް ހަޅޭއްފަޅޭއް ޖެހުމުގެ ކުރިން އަމިއްލަ ފަސްބައިގައި ހުންނަ މިލަތަކަށް ބަލައިލިއްޔާ ރަނގަޅުވާނެ."

ޒުބޭދާގެ އަނގަ ބެދިއްޖެއެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު އޭނާ ހިނގައިގެންފިއެވެ. ބުނާނެ އެއްޗެއް ނުވިސްނުނީކަމެއް އެއްޗެއް ބުނަން ބޭނުންނުވީކަމެއް ނޭނގެއެވެ. ޒުބޭދާ ލޯމަތިން ގެއްލުމާއެކު ފިރާޝާ ގޮސް ރީޝާގެ އަތުގައި ހިފައި ދަމަމުން ގެންގޮސް ގެއަށް ވެއްދިއެވެ.

"ރީޝާ ތިއުޅެނީ މޮޔަވެގެންތަ؟" ހިތްހަމަނުޖެހިފައި ފިރާޝާ ބުންޏެވެ. "މީހުންނާ ޒުވާބުކުރަން ރީޝާ އަދިވެސް ލަދެއް ނުގަނޭތަ؟ ތިމާއަށް ކުރެވިފަ ތިހުރީ މާ މޮޅުކަމެއް ނޫނޭ. ލަދުގަނެބަލަ. މި މަންމައަށް ލިބުނު ފިލާވަޅުން ރީޝާ ވީ އިބްރަތެއް ހާސިލުކުރާކަށްނު. އޭގެ ބަދަލުގައި އެ ފިޔަވަޅު މަތިން ތި ހިނގަންފެށީ. އެ ނަވީލާއި ގުޅުން ކަނޑައިލި ނަމަ ތި ބަދުނާމެއް ނުވީހެއްނު. މިހާރު ތި ލިބުނު ލަނޑު ވަރަށް ތާހިރެއްނު."

ފިރާޝާއަށް ވިސްނިފައި އޮތީ މުޅިން ނުބައިކޮށެވެ. އެ ދެމީހުން އެކަހެރި ބައްދަލުވުންތައް ބޭއްވިކަން ފިރާޝާއަށް އެނގިފައި އޮތުމުން އޭނާގެ ވިސްނުމުގައި އޮތީ ވެސް ހަމައެކަނި ނަވީލްގެ ނަމެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައި އިތުރު ޙަޤީޤަތެއް އޮވެދާނެއެކޭ ފިރާޝާގެ ހިތަށް ވެސް ނާރައެވެ. އެފަދަ ގޮތަކަށް ފިރާޝާ ވިސްނީތީ ވެސް ރީޝާ ވަރަށް ދެރަވިއެވެ. އެކަމުން ދޭހަވަނީ އެ މަންމަ އޭނާއަށް އިތުބާރު ނުކުރާކަމެވެ. އެ ކުށްހީ ދުރުކޮށްދޭން ރީޝާ ބޭނުންވެއެވެ. ލައްކަ ދުވަހު މަންމަ އަނދިރިގަނޑެއްގައި ބެހެއްޓިއްޖެއެވެ. ކުށްވެރިންނަށް ޙައްޤު ސަޒާ ދިނުމަށް އެއްކުރި ހެކިތައް ވަޔަށް ބުރައިގެން ދިޔައީއެވެ. އިތުރަށް އެކަން ސިއްރުކޮށްގެން ނަވީލް ބަދުނާމުވެގެންދާ މަންޒަރު ދުށުމަށް ދެއަތް އުރައިލައިގެން ހުންނާކަށް ރީޝާ ބޭނުމެއް ނޫނެވެ. އެ ވާހަކަތައް ދުލުކުރިޔާ ހަމައަށް ގެންނަން ހިތަށް އެރުމާއެކު އަރުތެރެ ހިކެން ފަށައިފިއެވެ. ދެލޮލަށް ކަރުނައިގެ މުތީތައް ޖަމާވާން ފަށައިފިއެވެ. މަންމައަށް އެ ހިތްދަތި ޙަޤީޤަތް ބަރުދާސްތުކުރާނެ ހިތްވަރު ލިބޭނެ ހެއްޔެވެ؟ ނުލިބުނަސް ދެން ފަސްޖެހޭކަށް ރީޝާ ބޭނުމެއްނޫނެވެ.

"އަހަރެންގެ ބަނޑުގައި މި އޮތީ ނަވީލްގެ ދަރިއެއްނޫނޭ." ހިތްދަތިވެފައި ހުރެ ރީޝާ ބުންޏެވެ. "އަހަރެންގެ ބަނޑަށް ތިންމަސްވީމާ ވެސް މަންމައަށް ވިސްނެންވެއްޖެ އަހަރެން މި ރަށަށް އައި އިރުވެސް ބަނޑުބޮޑުކަން. މީ މަ ބޭނުންވެގެން ކުރިކަމެއްނޫނޭ. ގަދަކަމުން މީހަކު އަހަންނަށް ދިން ބޮނޑިއެއް."

ފިރާޝާއަށް ތެޅިގަނެވިއްޖެއެވެ. އެ މޫނުން ކަންބޮޑުވުމާއި ހާސްކަން ފާޅުވެއްޖެއެވެ. ރީޝާ އެ ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އޭނާގެ ދަރިފުޅަށް އެވަރުގެ ބޮޑު ލަގާއެއް ދިނީ ކާކު ހެއްޔެވެ؟

"ކީކޭ ދަރިފުޅު ތި ކިޔަނީ؟" ކުރިޔަށް ޖެހިލައިފައި ރީޝާގެ އަތުގައި ހިފައިލަމުން ފިރާޝާ އެހިއެވެ.

"މަންމަ ހީކުރީ އަށް އަހަރު ކުރިން އެ ނިހާދު ކިބައިން ސަލާމަތްކުރަން މާލެ ފޮނުވައިލީމަ، އެ ހިސާބުން އެ ޖަނަވާރު ކިބައިން މަ ސަލާމާތްވީކަމަށްތަ؟ ނޫނީ ދުނިޔޭގެ އުޅޭ ހުރިހާ ފިރިހެނުންގެ ލޯތަކަށް އަހަރެން ގެއްލުވައި ލެވުނީކަމަށްތަ؟" ގިސްލަމުން ރީޝާ ކުރީ ސުވާލުތަކެކެވެ. ފިރާޝާ އަތުގައި ޖަވާބެއް ނެތެވެ. ފިރާޝާއަށް އެ ސުވާލުތަކުން އެއްޗެއް ސާފުވާ ވަރެއް ނުވިއެވެ. އޭގެ މާނަ ފަހުމެއް ނުވިއެވެ. އެކަމާ ނިހާދުއާ އޮތް ގުޅުމެއް ވެސް ނުވިސްނުނެވެ.

"ދަރިފުޅު މަންމައަށް ކަންކަން ސިއްރުނުކޮށް ކިޔާދީބަލަ." ފިރާޝާގެ އަޑު ކުރެހިއްޖެއެވެ.

"ކިޔައިދީގެން ކޮން ފައިދާއެއް އޮތީ. މަންމައަކަށް އަހަންނަށް އެހީއެއް ނުވެވޭނެ. މަންމަ ތީ އަނިޔާގެ އަޅަކަށްވެގެން އުޅޭ މީހެއް. މަންމައަކަށް ނުވާނެ. އަހަރެން ހަމައެކަނި ބުނަން ބޭނުންވަނީ މި ބަނޑުގައި އުފެދެމުން މިދަނީ ނަވީލްގެ ލެޔެއް ނޫނޭ." ކުއްލިއަކަށް ރީޝާ ރޯން ފަށައިފިއެވެ. އަދި ހަލުވިކޮށް ހިނގާލައިފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ފިރާޝާ ވެސް ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ހިނގައިގެންފިއެވެ. އޭނާއަށް އެވަރަކުން ހިތްހަމަޖައްސައެއް ނުލެވޭނެއެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލި އަނިޔާވެރިޔާ އެނގެން އޭނާ ބޭނުމެވެ. އެ އަޒުމުގައި ފިރާޝާ ގޮސް އެ ކޮޓަރިއަށް ވަދެ ދޮރު ޖަހައިފިއެވެ.

ރީޝާ ބަނޑުބޮޑުވި ޚަބަރު ރަށުތެރޭގައި ފެތުރެން ފެށީ ފަތު އަޑު ކިޔާފައެވެ. އެކި މީހުން އެ ވާހަކަ ފެތުރީ އެކި ގޮތަށެވެ. ބައެއް މީހުން ހުރިހާ އިލްޒާމެއް އެޅުވީ ނަވީލްގެ ބޮލުގައެވެ. އަނެއް ބަޔަކު ކިޔަމުން ދިޔައީ މާލެއިން ބޮނޑި ބޮއެގެން ރަށަށް އައީކަމުގައެވެ. އެ އަޑުތައް އަކްޝަމްގެ ކަންފަތާއި ހަމައަށް އައުމާއެކު ނަވީލަށް ގުޅިއެވެ. ފޯނު ނުނެގުމުން ނަވީލް ހޯދަން ދިޔައެވެ. އޭރު ބޭރު ޖޯލީގައި ނަވީލް އޮތެވެ. ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ނަވީލަށް ވެސް އެ އަޑުތައް އިވިގެން ފިކުރުބޮޑުވެފައި އޮތް ކަހަލައެވެ. އެކަމަކު ވާހަކަ ދައްކައިލެވުމުން ނަވީލަށް ދޮންކަޅުމިން ވެސް ނޭނގޭކަން އަކްޝަމަށް އެނގުނެވެ. ނަވީލަށް އެ ޚަބަރު އިވިފައެއްނުވެއެވެ. ނަވީލް ފިކުރު ބޮޑުވެފައި އޮތީ ކޮންމެވެސް އެހެން ކަމެއްގައެވެ. އެކަމުގެ ތަފްސީލެއް ނަވީލް ނުދިނެވެ. ނަވީލް އިތުރު ނުތަނަވަސްކަމެއްގެ ތެރެއަށް ގަންބުވައިލުމަށް އަކްޝަމް ބޭނުންނުވާތީ ދައްކަން އައި ވާހަކަ ވެސް ނުދައްކައި އެނބުރި ދިޔައީއެވެ.

"ނަވީލް ކޮން ފިކުރެއްގައި." އަކްޝަމް ދިޔަފަހުން، ޝިހާމް ބޭރަށް ނުކުމެފައި ސުވާލުކޮށްލިއެވެ. ނަވީލް ފަނޑުގޮތަކަށް ހިނިތުންވެލިއެވެ.

"ކޮބާ ކިހާ ހިސާބަކު މިސްކިތް ހުންނަނީ." ޝިހާމް އެހިއެވެ. "މި ރަށަށް ނާދެވޭތާ ގިނަ ދުވަސްވީމަ މިހާރު ހަނދާނެއް ވެސް ނެތް."

މިސްކިތް ހުންނަ ހިސާބު ނަވީލް އޮޅުފިލުވައި ދިނެވެ. ޝިހާމް ހިނގައިގަތެވެ. ލޯ މަތިން ގެއްލެންދެން ޝިހާމަށް ބަލަހައްޓައިގެން ނަވީލް އިނެވެ. އިރުކޮޅަކު އިނުމަށްފަހު ދެން އޭނާ ތެދުވެގެން ގޮސް ޝިހާމް ހުންނަ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. ދޮރު ހުރީ ތަޅުލައިފައެވެ. ތަޅުދަނޑި ފަތި ހިފައިގެން އައިސް އޭނާ އެ ކޮޓަރިއަށް ވަނެއެވެ.

ކޮޓަރީގެ ހަތަރު ފަރާތަށް ނަޒަރު އުކަމުން ގޮސް އޭނާގެ ނަޒަރު ސީދާވީ ޝިހާމްގެ ދަބަހަށެވެ. އޭރު އެ ސިކުނޑީގައި ގުގުމަމުން ދިޔައީ މިއަދު ރީޝާއާއި ޝިހާމްގެ ދެމެދުގައި ދެކެވުނު ވާހަކަތަކެވެ. އެމީހުން ދެއްކި ހުރިހާ ވާހަކަތަކެއް އަޑު ނީވުނު ނަމަވެސް ހެކިތަކަކާއި ވީޑިއޯއެއްގެ ވާހަކަ ނަވީލަށް އިވުނެވެ. ރީޝާގެ ބޮލުގައި ޝިހާމް ފިރުމައިލުމާއެކު ރީޝާއަށް ވެގެންދިޔަ ގޮތް ވެސް ނަވީލަށް ފެނުނެވެ. އޭގެ އިތުރުން ޝިހާމްގެ ދަބަހަށް ލީ ފޯނާއި ސިޓީއުރަ ވެސް އޭނާގެ ރާޑަރަށް އެރިއެވެ. މީހަކަށް ޝައްކުކުރާނަމަ ޝައްކުކުރަންޖެހޭ ހުރިހާ މަންޒަރެއް ނަވީލްގެ ދެލޯ ކުރިމައްޗަށް ވަނީ ކަޝްފުވެފައެވެ. ރީޝާއަށް ޖިންސީ ގޯނާ ކުރަމުން ދިޔަ މީހަކީ ޝިހާމްކަމުގައި އެ ހިތް ބުނަންފެށީ އެ ސަބަބުތަކާ ހުރެއެވެ. ނަވީލް މިހާރު ބޭނުންވަނީ އެކަން ޔަޤީންކުރާށެވެ. އޭނާ މަޑުމަޑުން ހިނގައިލައިފައި ގޮސް ދަބަހުގެ ޒިބު ކަހައިލިއެވެ. އޭގައި ފޯނާއި ސިޓީއުރަ އޮތެވެ. އޭގެ އިތުރުން ރީޝާގެ ލެޕްޓޮޕް ވެސް އޮތެވެ. ނަވީލް އެންމެފުރަތަމަ ނެގީ ސިޓީއުރައެވެ. ތެޅިތެޅި އޮތް ހިތަކާއެކު ސިޓީއުރައިގެ ތެރޭގައި ހުރި ލިޔުންތައް ބަލައިލިއެވެ. އެޔާއެކު އެނގުނު ޙަޤީޤަތެއްގެ ސަބަބުން އޭނާ ހަށިގަނޑަށް ވަރުގަދަ "ބިންހެލުމެއް" އަތުވެއްޖެއެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ދެލޯ ބޮޑުވެގެން ދިޔަ ހިނދު މުޅި ދުނިޔެ ވެސް އޭނާއާއެކު އެނބުރެމުން ދިޔައީ ބާރު ދުވެއްޔެއްގައެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރާނީ

  އަވަހަށް އަނެއް ބައި ގެނެސްދީ.. ޕްލީޒް

  12
 2. އފ

  އަޅޭ..ދެން ކިހިނެއްބާ ވާނި. ޖިންނި އައިސް އެ ޝިހާމް ގަނޑު ބިރުގަންނަ ވާނެ ނަމަ ވަރަށް މަޖާ ވާނެ

  15
  1
 3. ތާނީ

  ވަރަށް ރީތީ

 4. ތުނިޔަ

  ދެންއަޅެ މިހިސާބުން ނިންމާލާކަށް ނުވާނެނު! ވވ ރީތި...

 5. ސަމާ

  ހެޔޮނުވާނެ ތަންކޮޅެއް އަވހަށް އަޕް ކޮއްދީބަލަ!!!! ވ ވ ވ ރީތި. ހަމަ ނޭވާ ހިފަހައްޓާލައިގެން މިއިނީ. އަޅެ ދެން ވާނީ ކިހިނެއް؟؟ ނަވީލް އެހީވެދީ ރީޝްއަށް.

  13
 6. ލައި

  ވަރައް ވަރައް ރީތި މިބައިވެސް

 7. ސާރާ

  ދެން އަންނަބައި ގެނަސްދޭ ދުވަހެއް ކޮންމެ ބައެއް ނިމޭދުވަހު ތިރީގަ ޖަހާލާފަ ބައިންދަ ދީ ބަލަ. ވަރައް ރީތި ވާހަކައެއް މީ.

  • ކިޔުންތެރިއެއް

   ވާހަކަ ގެނެސްދެނީ ކޮންމެ އަންގާރަ އަދި ހޮނިހިރު މި 2 ދުވަހު

 8. ޞބބބބ

  Waiting waiting