މީގެ އެތައް މިލިއަނ އަހަރެއް ކުރީން ދުނިޔެއިން ނެތި ގޮސްފައިވާ ބިޔަ ޖަނަވާރެއްގެ ބިހެއް، ސައިންސްވެރިން ހޯދައިފިއެވެ.

ޔުނިވާސިޓީ އޮފް ޓެކްސަސްގެ ސައިންސްވެރިން މި ބިން ހޯދާފައި ވަނީ ގަނޑުފެނުގެ ބައްރު، އެންޓާކްޓިކާއިންނެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ބިހަކީ މަދުވެގެން 66 މިލިއަން އަހަރުވެފައިވާ ބިހެއް ކަމަށެވެ.

މިއީ މިހާތަނަށް ދުނިޔެއިން ފެނުނު މިފަދަ އެންމެ ބޮޑު ބިސްވެސް މެއެވެ. އެގޮތުން ބިހުގެ ދިގުމިނުގައި 11 އިންޗި، އަދި ފުޅާ މިނުގައި 7 އިންޗި ހުންނަ ކަމަށް ވެއެވެ. ހަމަ އެހެންމެ މިއީ އެންޓާކްޓިކާއިން މިފަދަ ބިހެއް ފެނުނު ފުރަތަމަ ފަހަރެވެ.

ސައިންސްވެރިން ބުނާ ގޮތުން މި ބިހަކީ ކުރީ ޒަމާނެއްގައި ކަނޑުގައި އުޅުނު، ސާރު (ޑައިނޮސޯ) އާއިލާގެ ޖަނަވާރެއް ކަމަށްވާ "މޮސާސަރަސް" އެއްގެ ބިހެއް ކަމަށެވެ. މިއީ ދުނިޔޭގައި އުޅުނު އެންމެ ބިޔަ ޖަނަވާރު، ޑައިނޮސޯ އާއި ގާތްގަނޑަކަށް އެއް ސައިޒެއްގެ ޖަނަވާރެކެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުން އެންޓާކްޓިކާއިން ފެނުނު ބިން އެންމެ ވައްތަރީ ބޮނޑެއްގެ ބިސްތަކާއި ކަމަށެވެ. މިގޮތުން ބޮނޑުގެ ބިސް ހުންނަ ގޮތަށް މި ބިހަކީވެސް މަޑު ތޮށިގަނޑެއް ލާފައި ހުންނަ ވައްތަރެއްގެ ބިހެއް ކަން ހޯދުންތަކުން ހާމަވެފައި ވެއެވެ.

ސައިންސްވެރިން ދަނީ މި އާ ހޯދުމާއެކު އޭގެ އިތުރު ދިރާސާތައް ކޮށް "މޮސާސަރަސް" އާއި ގުޅޭގޮތުން ކުރިން އެނގިފައިނުވާ މަޢުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.