އިންޑޮނޭޝިއާގެ ގައުމީ އެއާލައިން ކަމަށްވާ "ގްރޫޑާ އިންޑޮނޭޝިއާ" އެއާލައިންގެ ކެބިންކުރޫން މާސްކް އަޅައިގެން ތިބުމުން އެމީހުންގެ ހިނިތުންވުން ނުފެންނަ ކަމަށް ބުނެ ފަސެންޖަރުން ޝަކުވާ ކުރަން ފެށުމުން ކެބިންކްރޫން މާސްކް ނާޅަން އެއާލައިނުން ނިންމައިފިއެވެ.

ނަމަވެސް މިނިންމުމަށް އަމަލު ކުރަން ފެށުމުގެ ގޮތުން އިތުރު ހައްލެއް ހޯދުމުގެ މަސައްކަތް އެއާލައިނުން ގެންދަނީ ކުރަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑޮނޭޝިއާ ގައުމީ އެއާލައިންގެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ދަތުރުތައް ފެށީ މެއި މަހުގެ 07 ވަނަ ދުވަހު އެވެ. އަލުން ދަތުރުތައް ފެށިއިރު ކެބިންކްރޫން ތިބީ މާސްކް އަޅައިގެން އަތައް އަންގި ވެސް ލައްވައިގެންނެވެ.

ގްރޫޑާގެ ޑިރެކްޓަރ އިރްފާން ސެތިއަޕުޓްރާ މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ ކެބިންކްރޫންގެ މޫނު ނުފެންނާތީ ވަރަށް ގިނަ މީހުން އެކަމުގެ ޝަކުވާތައް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ ފަސެންޖަރުން އަންނަނީ ކެބިންކްރޫންގެ މޫނު ނުފެންނާތީ އެކަމުގެ ޝަކުވާ ކުރަމުން. ގިނަ މީހުން ބުނެފައި ވަނީ ކެބިންކްރޫން ހިނިތުންވެލާ މަންޒަރު ނުފެންނަމަ އެމީހުންނަށް ހިތްހަމަޖެހުން ނުލިބޭ ކަމަށް. އަދި ރަނގަޅަށް ޚިދުމަތް ލިބޭ ކަމުގެ އިހްސާސް ނުކުރެވޭ ކަމަށް." އިރުފާން ވިދާޅުވިއެވެ،

ގްރޫޑާ އެއާލައިނުން މިހާރު ދަނީ ކެބިންކްރޫން މާސްކް އެޅުމުގެ ބަދަލުގައި ފޭސް ޝީލްޑެއް ނުވަތަ އެހެން ޑިޒައިނެއްގެ މާސްކެއް އެޅުމާއި މެދު ގޮތެއް ނިންމަން މަޝްވަރާތައް ކުރަމުންނެވެ.

އިންޑޮނޭޝިއާ އިން އެތެރޭގެ ދަތުރުތައް މިހާރު ފަށާފައި ވާއިރު ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ކޮންމެ ފްލައިޓެއްގައި ވެސް ދަތުރު ކުރެވޭނީ 50 އިންސައްތަ ޖާގަ ހުސްކޮށް ބާއްވައިގެންނެވެ. އޭގެ އިތުރުން ހުރިހާ ފަސެންޖަރުންގެ ހުން ދަތުރައް ފުރުމުގެ ކުރިން ޗެކް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްރަހަމް

    ދެން ޖެހޭނީ އައިސީޔޫގައި އޮވެގެން ހޭން.. ގަމާރު މީހުންވެސް ކުރޫއިންނަށް ލާންޖެހޭ.

    • ޣ

      ކުރޫންނެއްނޫނޭ އެނިންމުން ނިންމީ