ދުންފަތުގެ އިސްތިޢުމާލް ކުރާނަމަ އިތުރަށް ޑިޕްރެސްވޭ: ދިރާސާ

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އިންސާނާގެ ސިއްހަތަށް އިންތިހާއަށް ނުރައްކާވާ ކަމެއްކަން އެއީ އެއްވެސް ބަޔަކަށް އޮޅިފައި އޮންނަ ކަމެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލްކުރުމުން ފުއްޕާމޭ ހަލާކުވެ ނޭވާލާ ނިޒާމަށް އަސަރު ކުރާ ކަމާއި، ބައެއް ހާލަތްތަކުގައި އެކަމުގެ ސަބަބުން ކެންސަރަށް މަގުފަހިކުރުވާކަން އެނގެއެވެ. އަދި ސިނގިރެޓްގެ ދުމުގެ ސަބަބުން ވަށައިގެންވާ މީހުންނަށް އޭގެ ނޭދެވޭ އަސަރު ކުރާ އިރު، މާބަނޑު މީހުންނާއި ކުޑަކުދިންނަށް އޭގެ ނުރައްކާ ބޮޑުކަން އެއީ ދިރާސާތަކުން ސާބިތުވާކަމެކެވެ.
ވަރަށް ގިނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރަނީ ސްޓައިލްއެއްގެ ގޮތުގައެވެ. އަނެއްބައި މީހުންނަށް އެއީ ކަށީގައި ހަރުލާފައި ހުންނަކަމެކެވެ. އަދި ބައެއް މީހުން އެއީ ބޯހަމަޖައްސާލަން ނުވަތަ ހިތްހަމަޖައްސާލަން ކުރާ ކަމެއްކަމަށް ބުނެ އުޅެއެވެ. އެހެންނަމަވެސް ހަގީގަތަކީ އެއީބާވައެވެ؟ ސިނގިރެޓް ނުވަތަ ދުންފަތުގެ އެހެންވެސް ބާވަތެއް ބޭނުންކޮށްގެން ހިތްހަމަޖެހުމާއި ހަމަޖެހުން ލިބިދާނެ ބާވައެވެ.
ދާދިފަހުން ކުރި ދިރާސާއަކުން ހޯދުނުގޮތުގައި ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން އިތުރަށް ޑިޕްރެސްވެ، މާޔޫސްވުމާއި ދެރަވުމާއި ކުރިމަތިލާން ޖެހެއެވެ.
އިޒްރޭލްގެ ޔުނިވަރސިޓީއަކުން ޕްރޮފެސަރ ހަގައި ލެވެއިންގެ ބެލުމުގެ ދަށުން ހިންގި ދިރާސާއިން އެނގުނު ގޮތުގައި ދުންފަތުގެ އިސްތިއުމާލްކުރާ މީހުން ކަންކަމާއި ވިސްނާ ނަމަ ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު އިތުރުކުރެއެވެ. އަދި ކެއިން ބުއިމާއި ދުރުވެ އިތުރަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަކަތަ ދަށްވުމާއި، ކާހިތް ނުވުން ފަދަ ކަންކަން ދިމާވެއެވެ.
މީގެ އިތުރުން ނިދުމުގެ ވައްޓަފާޅިއަށް ބަދަލު އައިސް މީހާ އިތުރަށް ނުތަނަވަސް ކޮށްލާ ކަމަކަށް މި ހާލަތުގައި ދުންފަތުގެ އިސްތިއުމާލުވެގެންދެއެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ޑިޕްރެޝަން އިން އަރައިގަންނަން ހަގީގީ މައްސަލަ އާއި ކުރިމަތިލާ މީހުންނާއި ވާހަކަދައްކާއިރު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެ މައްސަލަތަކަކީ ދުންފަތުގެ އިސްތިއުމާލް ކުރަން ބޭނުން ކުރާ ބަހަނާއަކަށް ހަދާކަމަށް ވެސް އެ ދިރާސާއިން ދައްކައެވެ.
90،000 އެއްހާ މީހުން ބައިވެރިވި އެ ދިރާސާއިން އެނގުނު ގޮތުގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވުރެ ދަށެވެ. އަދި އެކަމަށް ކުރާ ޚަރަދަކީ ގިނަ މީހުން ހިތްހަމަޖެހޭ ހަރަދެއް ނޫނެވެ. އެހެންކަމުން އަތުން މިފަދަ ޚަރަދެއް ދިއުމަށް ފަހު ވެސް ހިތްހަމަޖެހުމެއް ނުލިބުމުން އިތުރަށް ނުތަނަވަސްވާ ގޮތްވެއެވެ.