ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ފަލަސްތީނުގެ ޣައްޒާގެ ހުރިހާ ސްކޫލްތައް ބަންދުވެފައިވުމާއި ގުޅިގެން، ކިޔެވުން ހުއްޓިފައިތިބި ކުދިންނަށް ކިޔަވައިދިނުމަށް އިސްނެގި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ފަޖްރު ހުމައިދު ނަމަކަށްކިޔާ އެކުއްޖާ އޭނާގެ އަވައްޓެރިންނަށް އެހީވުމުގެ ގޮތުން ކްލާސްތަކެއް ބާއްވަމުން ދާއިރު، އޭނާގެ އުންމީދަކީ ބޮޑުވުމުން "ޕްރޮފެޝަނަލް ޓީޗަރަކަށް" ވުމެވެ. ފަޖްރު ބުނާގޮތުން، މިވަގުތު އޭނާ ކުދިންނަށް ކިޔަވައިދެމުން ދަނީ ގްރޭޑް އެކެއްގެ ދަރިވަރުންނަށެވެ.

"އަހަރެން ބޭނުންވީ އެކުދިން ގެނެސް ކިޔަވައިދޭން. މިއީ އަހަންނަށް ލިބިފައިވާ ހުނަރެއް. މިއީ މި ހުނަރުގެ ބޭނުން ކުރަން އަހަންނަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް،" ފަޖްރު ބުންޏެވެ.

ޓީޗަރަކަށްވުމުގެ ފޮނި އުންމީދުގައި ހުރި ފަޖްރުގެ މި ހުނަރާއެކު އޭނާ މިހާރު ދަނީ ކުދިންނަށް އިނގިރޭސިއާއި ހިސާބުގެ އިތުރުން އަރަބިވެސް ކިޔަވައިދެމުންނެވެ. ހަތަރު ކުދިންނާއެކު އޭނާ ފެށިމި މަސައްކަތަށް މާގިނަ ދުވަސްތަކެއް ނުވަނީސް، އޭނާ ނަގައިދޭ ކްލާސްތަކަށް އެކި ވަގުތުތަކުގައި 15 ވަރަކަށް ކުދިން މިހާރު ދާކަމަށްވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޣައްޒާގެ ސްކޫލްތައް ބަންދުކޮށްފައި ވާއިރު، އެ ސަރަޙައްދުން މިހާތަނަށް ބައްޔަށް ފައްސިވެފައި ވަނީ 50 ވަރަކަށް މީހެކެވެ. މި އެންމެންވެސް މިހާރު ރަނގަޅުވަމުން އަންނައިރު، ބައްޔަށް އިތުރު މީހަކު ފައްސިނުވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މި ބަލިމަޑުކަމާއި ގުޅިގެން ޣައްޒާގައި އަޅާފައިވާ ފިޔަވަޅުތަކާއެކު އެ ސަރަޙައްދަށް މިހާރު އެތެރެވެވެނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރާ ފަރާތްތަކަށް އެކަންޏެވެ. އެހެންކަމުން ޣައްޒާގައި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ.