އިންޑިއާގެ އެކްޓަރ ސުޝަންތް ސިންގ ރާޖްޕުތްގެ މަރާއެކު، މިހާރު މި ވަނީ އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގެ ވާހަކަތަކެވެ. އެ ވާހަކަތައް ފަށާފައި މި ވަނީ ރީތި އަޑުގެ ވެރި ސޯނޫ ނިގަމްއެވެ.

އުމުރުން 46 އަހަރުގެ ސޯނޫ މީސް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރި ވީޑިއޯއެއްގެ ކެޕްޝަންގައި ލިޔެފައި ވަނީ، "ދެން އިވޭނީ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުން އަމިއްލަ މަރުވާ ވާހަކަތައް" ކަމަށެވެ.

އޭނާ އެ ވީޑިއޯ ހިއްސާ ކުރަމުން ނަން ހާމަ ނުކޮށް ބުނެފައި ވަނީ، އެކްޓަރެއް މަރުވެއްޖެ ކަމަށެވެ. މާދަމާ ތި މީހުންނަށް އަޑު އިވޭނީ ލަވަކިޔުންތެރިއެއް ނޫނީ، މިއުޒިކް ކޮމްޕޯސް ކުރާ މީހެއް ނޫނީ، ލަވަ ކިޔާ މީހަކު އަމިއްލައަށް މަރުވި ކަމުގެ ހަބަރު ކަމަށެވެ.

"އެއީ އަހަރުމެންގެ ގައުމުގެ ހާލަތު، ބޮޑެތި "މާފިއާ"ތައް ފިލްމް އިންޑަސްޓްރީގައި އެބަ ތިބި". ސޯނޫ ނިގަމް ބުނެފައި ވެއެވެ.

އޭނާ ބުނީ، މިއުޒިކް އިންޑަސްޓްރީގެ ހުރިހާ ބާރެއް އޮތީ ދެ މީހެއްގެ އަތުގައި ކަމަށެވެ. އަދި އެއީ އަމިއްލަ ކުންފުނިތައް ގެންގުޅޭ ބައެއްކަން ފާހަގަކުރަމުން ސޯނޫ ބުނީ، މީހަކު ލަވަ ކިޔުމާއި ނުކިޔުމުގެ ބާރުވެސް އޮތީ އެ މީހުންގެ އަތުގައި ކަމަށެވެ.

ސޯނޫ ނިގަމް އެ ވީޑިއޯ ހިއްސާކުރުމާއެކު އެއަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ އެއީ ޓީސީރީޒް އާއި ސީ މިއުޒިކް ކޮމްޕެނީ ކަމަށް ބުނެފައެވެ. އަދި އެއްބަޔަކު އެއީ ވައިއާރްއެފް މިއުޒިކް ކަމަށްވެސް ބުންޏެވެ.

"އެންމެންވެސް ބޭނުންވަނީ ވިޔަފާރި ކުރިއަރުވަން". ސޯނޫ ވަނީ، އެ މިއުޒިކް މާފިއާތަކަށް އާ ހުނަރު ހުންނަ މީހުން ކުރިއަރުން ނަސޭހަތްތެރިވެފައެވެ. އަދި އެ މީހުންނަށް އެގޮތަށް ނުހެދުމަށްވެސް އެދިފައެވެ.

"އެމީހުންނާއި މެދި ރަނގަޅަށް ކަންތައް ކުރޭ، އެ މީހުންނަށް ހަމްދަރްދީ"

އޭނާ ބުނީ، ހުނަރު ހުރި ކުދިންނާއި އޭނާ ވާހަކަދައްކާފައިވާ ކަމަށާއި، އަދި މިގޮތަށް ޕްރޮޑިއުސަރުންނާއި، ޑައިރެކްޓަރުން އެ މީހުން ލައްވާ ލަވަކިޔުއްވަން ބޭނުން ވިޔަސް އެ ފުރުސަތު ނުދެނީ މިއުޒިކް ކުންފުނިތަކުން އިނގޭ ކަމަށެވެ. އެގޮތުން މިއީ "އަހަރުމެންގެ އާޓިސްޓެއް"ނޫން ކަމަށް ބުނާ ކަމަށް ސޯނޫ ބުންޏެވެ.

އޭނާ މިގޮތަށް ވާހަކަދައްކަމުންދާއިރު، ބޮލީވުޑްއަށް އަންނަ އާ ތަރިންނާއި މެދު ކަންތައް ކުރާ ގޮތުގެ ވާހަކަަތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. މި އަޑުތައް ގަދަވެފައި ވަނީ ސުޝަންތް ސިންގ މަރާއެކުގައެވެ. އެއީ ބޮލީވުޑްގެ މަޝްހޫރު ތަރިން ސުޝަންތ އާއި މެދު ކަންތައް ކޮށްފައިވާ ގޮތްތައް ފަޅާ އެރުމުންނެވެ.