ބޮލީވުޑަށް ލިިބިގެންދިޔަ އެންްމެ ހިތާމަވެރި އެއް ހާދިސާއަކަށް ސުޝަންތް ސިންގ ރާޖްޕުޓްގެ މަރުގެ ހާދިސާ މި ވަނީ ވެފައެވެ. އޭނާ އަމިއްލައަށް ދަން ޖެހިގެން މަރުވީ ޖޫން 14 ވަނަ ދުވަހުއެވެ. ސުޝަންތް މަރުވި ސަބަބު ހޯދުމަށް ފުލުހުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުނެވެ.
އެ މަސައްކަތުގެ ތެރެއިން އޭނާގެ ލޯބިވެރިޔާ ކަމަށް އަޑުފެތުރިފައިވާ ރިއާ ސިކްރަބޯޓީގެ ބަޔާން ފުލުހުން ވަނީ ނަގާފައެވެ. ޖޫން 18 ވަނަ ދުވަހު އޭނާގެ ބަޔާން ނަގާފައި ވަނީ މުމްބާއީ ފުލުހުންނެވެ.
ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާގޮތުގައި، ރިއާ ފުލުހުންނަށް ދިން ކަމަށް ބުނާ ބަޔާނުގައި ހިމެނޭ ބައެއް މައުލޫމާތުތައް އެ މީހުންނަށް ވަނީ އެނގިފައެވެ. އެގޮތުން ކުރިން އެ ދެ މީހުންނާއި ގުޅޭގޮތުން ދެކެވެުންދިޔަ ބައެއް ވާހަކަތައް ވަނީ ހަގީގަތަކަށް ވެފައި ކަމަށް ޓައިމްސް އޮން އިންޑިއާގައި ވެއެވެ.
ރިއާ އާ ހަވާލާދީ ޓައިމް އޮފް އިންޑިއާއިން ބުނެފައިވާގޮތުން ސުޝަން އާއި އޭނާއާ ދެ މީހުން އެއްކޮށް ދިރިއުޅެމުން ގޮސްފައި ވެއެވެ. އަދި ދެ މީހުން ނޮވެމްބަރު މަސް ތެރޭގައި ކައިވެނި ކުރަން ތައްޔާރުވަމުން ދާތީ ދެމީހުންވެސް ދިޔައީ އެޕާޓްމެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެކްޓްރެސްއެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައިވާ ރިއާގެ ފޯނުވެސް ފުލުހުން ވަނީ ބަލާފައެވެ. އޭގައި ހުރި ފޮޓޯތަކާއި، ވީޑިއޯތަކާއި، މެސެޖްތައްވެސް ވަނީ ބަލާފައެވެ.
އަދި ސުޝަންތް ދަންެޖެހުމުގެ ދުވަސްކޮޅެއް ކުރިން ދެ މީހުން ގުޅުމަށް ހީނަރުކަން އައިސް ބްރޭކްއަޕްވި ކަމަށްވެސް ރިއާ ބުނި ކަމަށް ވެއެވެ. އަދި ދެ މީހުން އެކުގައި ދިރިއުޅެމުންދިޔަ ގެއިން ރިއާ ނުކުމެގެން ދިޔައީ މި ފުރަބަންދު ތެރޭގައި ދިމާވި މައްސަލަތަކާއި ގުޅިގެން ކަމަށްވެސް ރިއާ ބުނެފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.
އެހެން ނަމަވެސް ދެ މީހުންގެ އެ ބްރޭކްއަޕަށްފަހު ދިޔައީ ގުޅުން ކުރިއަށްގެންދަމުންނެވެ. އެގޮތުން ފޯނުން ގުޅައިގެންނާއި، މެސެޖް މެދުވެރިކޮށް ދެމީހުން ވާހަކަދެއްކި ކަމަށް ވެއެވެ.
އަދި ސުޝަންތް އެރޭ ނިދުމުގެ ކުރިން އެންމެ ފަހުން ގުޅާފައި ވަނީވެސް ރިއާއަށް ކަން ވަނީ ހާމަވެފައެވެ.
ސުޝަންތުގެ މަރާއެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް މިހާރު ވަނީ ހޫނުފެނަށް ވެއްޓިފައެވެ.