ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ މިދުވަސްވަރު ވަރަށް ގިނައިން މުޅި ދުނިޔޭގައިވެސް އެބަ ދެކެވެއެވެ. ސިއްހީ ބޮޑު ނުރައްކަލެއް ދިމާވެ، އެ ނުރައްކަލުން އަރައިގަތުމަށް މަސައްކަތް ކުރާ އިރު ނަފްސާނީ ގޮތުން އެންމެންނަށް ވެސް ތަފާތު އަސަރުތައް ކުރާނެކަމާއި އެ އަސަރުތަކުން އަރައިގަތުމަށް އެކަކު އަނެކުންގެ އެހީތެރިކަން ބޭނުންވާނެކަން ވެސް، ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ އެންމެން ފާހަގަކުރެއެވެ. އަދި މިފަދަ ވަގުތެއްގައި މީހުންގެ ކެއުމާއި، ނިދުމާއި، ކަސްރަތުކުރުން ފަދަ އާއްމު ދިރިއުޅުމާއި ގުޅިފައިވާ ކަންކަމަށް އަންނަ ބަދަލުތަކުގެ ސަބަބުން މީހުންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

އަދި ފުރަބަންދަށް ފަހު ދިމާވުމުން ހާދަ ފަލަވެއްޖެއޭ، މިހެން ބުނުމަކީ އާއްމުކަމަކަށް ނުހެދުމަށް ތަފާތު ނަފްސާނީ އިލްމުވެރިން ނަސޭހަތްތެރިވެފައިވެއެވެ. ހަމައެހެންމެ ހާދަ ހިއްކޭ ނުވަތަ އެ ނޫނަސް ސިފަ އާއި ގުޅުން ހުރި ވާހަކަތައް، އަނެކާގެ ޖަޒުބާތަށް ވިސްނާލުމެއް ނެތި ދެއްކުމަކީ ދޭދޭ ގުޅުންތައް ގޯސްވާ ސަބަބެއްކަން ފާހަގަކުރެވެއެވެ. އަދި އެއީ ހުތުރު އާދައެއްކަން ވެސް ފާހަގަކޮށްލެވެއެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއީ ދިވެހިންގެ ތެރޭގައި އެންމެ އާއްމު ސަލާންކަމެވެ.

"ހާދަ ހިއްކޭ، ހާދަ ފަލައޭ"، މިކަހަލަ ހިތްމަރުވާ ވާހަކައަކުން ނޫނީ ގިނަ ފަހަރު މުއާމަލާތް ކުރާކަށް ދިވެހިންނަކަށް ނުފެށެއެވެ.

އެކަމަކު މިހެން އަބަދު މީހުންގެ ފަލަ ވާހަކަދައްކާ މީހުންނަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ނޭނގިނަމަވެސް ވެފައިވާ ބަޔަކަށް ވެދާނެއެވެ.

"ފެޓްފޯބިއާ" އަދި "ފެޓް ޝޭމިން" ފަދަ ކަންކަން ކުރާ މީހުންނަކީ ބިޔަ މީހުން، ނުވަތަ ފަލަ މީހުންނާއި މެދު ނުރުހޭ ބައެކެވެ. އެ ހާލަތު ދިމާވާ މީހުންނަށް ބަދު ބަސް ބުނުމާއި، މަލާމާތް ކުރުމާއި ދަށްކޮށްލުމާއި، ހަށިގަނޑުގެ ވަނާތަކަށް ނިސްބަތްކޮށް ސިިފަ ކިޔުން ފަދަ ކަންކަމަކީ މި މީހުންގެ ކިބައިން އާއްމުކޮށް ފެންނާނެ ކަންކަމެވެ. މި ހާލަތު ތަހައްމަލް ކުރާ އެކި މީހުންނަށް، އެ ހާލަތު ދިމާވެފައި ވަނީ އެކި މިންވަރަށެވެ. ބައެއް މީހުން ފަލަ މީހުންނާއި ދިމާއަށް ބަސް ބުނެ އުޅެނީ މަޖަލަކަށް ހަދާފައެވެ.

އަނެއްބައި މީހުން ހިކެން ކުރަންވީ ކަންކަން ކިޔާދެއެވެ. އަނެއްބައި މީހުން ފަލަ މީހުން ފަލަ ވަނީ ކަންނެތް ވެގެން ކަމަށް ބުނެ ވަރަށް ހުތުކޮށް ވާހަކަދައްކައެވެ. ބައެއް ފަހަރު އެފަދަ މީހުން މަސައްކަތުގެ މާހައުލުގައި އާއި، ބައިވެރިން، އެކުވެރިން އަދި އާއިލީ ކަންކަމުގައި މީހާ އެކަހެރިކޮށް ދަށްކޮށްލުމަށް "ފަލަ" މި ބަސް ބޭނުންކޮށް އުޅެއެވެ. މިއީ އަޑު އިވޭ އިރު، ނޫނީ ފެންނަ އިރު ވަރަށް އާދައިގެ ކަމެއްހެން ހީވެދާނެއެވެ.

މިއީ މީޑިއާ އާއި، މީސްމީޑިއާ އަދި އާއްމު ދިރިއުޅުމުގައި ވެސް ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ކަމެކެވެ. އެހެންކަމަށް ވާއިރު މިއީ ބައްޔަކަށް ވާންވީ ކީއްވެބާއެވެ؟ އާއްމުކޮށް މިފަދައިން އެހެން މީހުންނަށް މަލާމާތް ކުރާ މީހުންނަކީ ތިމާގެ މާޔޫސްކަމާއި އުދާސްކަން އެެހެން މީހުންނަށް މަލާމާތްކޮށްގެން އޮއްބާލަން މަސައްކަތް ކުރާ މީހުންނެވެ. އަމިއްލަ ދިރިއުޅުމުގައި ހަގީގީ އުފާވެރިކަން ނުލިބުމާއި، ހަގީގީ އެކުވެރިން ނެތުމާއި، ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ މާބޮޑު ލަނޑުދަނޑިއެއް ނެތް މީހުންގެ ކިބައިން މިފަދަ އަމަލުތައް ފެނެއެވެ.

އެފަދަ މީހުންނަށް މިފަދައިން އެހެން މީހުންނަށް "ފަލަ"އޭ ގޮވުމުން ތިމާއަކީ ރަނގަޅު މީހެއްކަމަށް އިހުސާސްވެއެވެ. ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ޝަރީކް އިން ބުނީ މިގޮތަށް އާއްމުކޮށް މީހުންނަށް މުހާތަބުކޮށް މިހާރު ހީވަނީ އެވެނި މީހެއް ހެންނޭ، އެވަރަށް ފަލަވެއްޖެއޭ ބުނާ މީހުންގެ ހާލު ވަކިން ބަލާލުން ރަނގަޅެވެ. ފަހަރުގައި އެ މީހުންގެ އުދާސްކަން ބަޔާން ކުރާނެ އިތުރު ގޮތެއް އެ މީހުންނަށް ނޭނގެނީކަމަށް ވެދާނެއެވެ.

އެ މީހުންނަކީ ކުޑައިރުއްސުރެ އަގުވަޒަން ނުކުރެވޭ، ދަށްކުރުމާއި، މަލާމާތް ތަހައްމަލް ކުރަން ޖެހޭ މީހުންނަށް ވުމުން އެކަމުގައި މާބޮޑު މައްސަލައެއް އޮތްކަމަށް އިހުސާސް ނުކުރެވެނީކަމަށް ވެދާނެއެވެ. ހާދަ ފަލައޭ މީހުންނާ ދިމާއަށް ބުނާ މީހުންނަކީ ކޮންމެވެސް އެހެން ގޮތަކުން ތަފާތުކުރުމާއި ކުރިމަތިވާ ބަޔަކަށް ވެސް ވެދާނެއެވެ. އެހެންކަމުން ދެން ފަހަރަކުން މީހަކު ހާދަ ފަލައޭ ބުނާ ފަހަރަކުން ރުޅިއައުމުގެ ބަދަލުގައި އެ މީހެއްގެ ހާލަތާއި މެދު ވިސްނާލުން ރަނގަޅެވެ. އަދި ހިނިތުންވެލާށެވެ.

މީގެ މާނައަކީ އެއްވެސް ހާލެއްގައި ހަގާކުރުމަށް ލިބޭ ފުރުސަތަކަށް މިކަން ހެދުމެއް ނޫނެވެ. މިއީވެސް ދިމާވެދާނެ ހާލަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ވަޓް އަބައުޓް ފެންނައިރަށް ހާދަ ހިތްކޭ ބުނާ މީހުން

    13
    1
    • ހުސޭނުބޭ

      އެ ދެބައި މީހުންނަކީވެސް ލޮލުގެ މައްސަލަ ހުންނަ މީހުން!

      13
  2. Someone

    އަސްލުވެސް ވ ދެރަވޭ އެހެން ކިޔާތީ?