ދުނިޔޭގައި އުޅޭ އިރު ގާތް އެކުވެރިންނަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ބައެއްކަން ޔަޤީނެވެ. އިންސާނުންނަކީ އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވާ ބަޔަކަށް ވާއިރު އެކުވެރިންނަކީ ތިމާއަށް ދިމާވާހިތްދާތި ވަގުތާއި އުފާވެރިވަގުތުގައި ވެސް އެކުވެރިން ތިބުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ތޮބީއީގޮތުން އެކަނިވެ މާޔޫސްވާ ވަގުތު، ވާހަކަދައްކާ، ކަންކަން ހިއްސާކޮށްލާނެ މީހަކު ހުރުމަކީ ކޮންމެ މީހަކަށް ވެސް ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެކެވެ.

އާއްމުކޮށް ރަހުމަތްތެރިންނާއި މެދު ކުރާ ޝަކުވާއަކީ އެ މީހުން ހަބަރު ނުވާ ވާހަކައެވެ. ނުގުޅާ ވާހަކައެވެ. މެސެޖެއްވެސް ކޮށްނުލާ ވާހަކައެވެ. ޒިޔާރަތް ނުކުރާ ވާހަކަ އާއި ހާލު ބަލާ ނުލާ ވާހަކައެވެ. ދިރިއުޅުމުގެ ކަންކަމާއި، ވަޒީފާ އާއި އާއިލާގެ ކަންކަމާއި މަޝްއޫލުވެގެން އުޅުމަށް ފަހު އަވަދި ނެތިއުޅެގެން ހަބަރު ނުވަނީކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އެކަމަކު ރަހުމަތްތެރިއެއް ކަމަށް ވާނަމަ އެ މީހަކު ކޮބާތޯ ބަލާލާ، އެ މީހެއްގެ ހާލު ބަލާލުމަކީ ކޮންމެ މީހަކުވެސް އެ މީހެއްގެ ރަހުމަތްތެރިންގެ ކިބައިން އެދޭނެ އަދި އުންމީދުކުރާނެ ކަމެކެވެ.

ހަވަރޑް ބިޒްނެސް ރިވިއުގައި ގިލިއަން ސޭންޑް ސްޓޯމް އަދި އޭޝްލީ ވިލިއަންސް ލިޔެފައިވާ ލިޔުމެއްގައި ވާގޮތުން ދޭތެރެއަކުން ގުޅާލާ، ހާލު ބަލާ މީހުންނާއި އެކު އޮންނަ ގުޅުން ބަދަހިވެއެވެ. އަދި ކަމެއް ދިމާވެއްޖެ ނަމަ އެ މީހުން ތިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އެ މީހުންނާއި އެކު ކޮފީއަށް އެރުމާއި، އެ މީހުންނާއި އެކު ދަތުރު ދިއުމާއި، ރެސްޓޯރެންޓް ކެފޭ ފަދަ ތަންތަނަށް ދިއުމަކީ އާއްމު ދިރިއުޅުމުގައި ދިމާވާ ކުދި ކުދި ހިތްހަމަ ނުޖެހުންތަކާއި ދުުރުކޮށްލާ ކަމެއްކަމަށް ވެސް އެ މީހުން ފާހަގަކުރެއެވެ.

އެހެންނަމަވެސް މިފަދަ ރަހުމަތްތެރިންނަކީ އަދި ތިމާ އާއި ދަތި އުނދަނގޫ ކަމެއް ދިމާވާ ހިނދު އެންމެ ގާތުގައި ތިބޭނެ ބަޔަކަށް ނުވާނެއެވެ. ލައިފް ސަޕޯޓްގައި އެންޑްރިއު ޝާއިއު ކުރި ލިޔުމެއްގައި ބުނެފައި ވަނީ އެެންމެ ރަނގަޅު ރަހުމަތްތެރިންނަކީ ކަމަކު ޖެހުނީމަ ތިބޭ މީހުންކަމަށެވެ. އެފަދަ މީހުންނަކީ ބައެއް ފަހަރު އެތައް ދުވަހެއް ވާއިރުވެސް ހަބަރެއް ނުވާ ބައެއް ކަމަށާ، އެއީ އެ މީހުންނަކީ ދިރިއުޅުމުގައި ވަކި ކަންކަމަށް ފޯކަސްކޮށްގެން މަސައްކަތް ކުރާ ބަޔަކަށް ވާތީ ކުރާކަމަކަށް ވެދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް މާލީ، ނަފްސާނީ އަދި އެ ނޫންވެސް ގޮތަކަށް އެހީއެއް ބޭނުންވެއްޖެ ނަމަ އެފަދަ މީހުންނަށް މާބޮޑަށް ބަރޯސާވެވޭކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ހާލުގައި ޖެހޭ އިރު އަބަދު ގުޅާ، އެކުގައި އުޅުނު މީހުންނަށް ވުރެ މި ބުނާ މީހުންގެ ފަރާތުން އަޅާލުމާއި އެއްބާރުލުން ލިބުން ގާތްކަން އޭނާ ފާހަގަކުރެއެވެ.

ދިވެހިބަހުގައި ވެސް ރައްޓެހިންނާއި ރަހުމަތްތެރިންގެ މާނަ ތަފާތެވެ. ރައްޓެހިންނަކީ ދެކެފަރިތަ މީހުންނެވެ. ނުވަތަ އެއްރަށެއްގެ މީހުންނެވެ. ރަހުމަތްތެރިންނަކީ އެކަކު އަނެކަކުގެ އުފަލާއި ހިތާމައިގައި ބައިވެރިވެ، އެކަކު އަނެކެއްގެ ހާލުބައި އެހީތެރިވެދީ އުޅޭ މީހުންނެވެ. ޔަގީނުން ވެސް ކޮންމެ މީހަކު ވެސް ބޭނުން ވަނީ އެމީހަކާއި އެކުގައި އުޅޭ މީހުންނަކީ އެމީހެއްގެ "ރަހުމަތްތެރިއަކަށް" ވާށެވެ. "ރައްޓެއްސަކަށް" ވާކަށް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާަަަަެޢީސަ

    ކަމުދާ އާރޓިކަލެއް ނޫން

    8
    2
  2. ާަަަަެޢީސަ

    ކަމުދާ އާރޓިކަލެއް ނޫން. ޢެއްރަށެއްގެ މީހުންނަކަށް ރަށްޓެހިންނެކޭ ނުކިޔާނެ!

    • ނ

      ރަދީފުގަ އޮތީ އެހެނޮކަންނޭގެ

  3. އިސްލާމިކް ރިސާޗް

    ހަޤީޤީ ރައްޓެހިންނަކީ ތިމާއަށް ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރާ ހަރާމް ކަންތައްތަކުން ތިމާ ދުރުކޮށް މަނަޢަ ކޮއްދޭ މީހާއެެވެ. ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އަނެކާ ރައްކާތެރިކޮއްދޭ މީހާއެވެ. ތިމާ ދެކެ ލޯބިވާ ހަޤީޤީ ރައްޓެހިންނަކީ އެއީ އެވެ.

    17
    1
  4. ކުއްބެ

    ދިވެހި ބަހުގައި ރައްޓެހީންނާއި ރަހުމަތްތެރިން ތަފާތު މި ލިއުމުގައި ވާގޮތް ހަމަ ރަނގަޅުބާ؟

    އަހަންނަށް ޙިވަނީ ދިވެހި ބަހުގައި މި ދާދި އެއް ބަޔަކަށް މި ދެ ލަފުޒުން މުޚާތަބް ކުރެވެނީ މިލިއުމުގައި ވާ ސަބަބަށްވުރެ އެހެން ގޮތަކުން ހެން.

    “ޓެހިން”މިބަސް ބޭނުން ކުރެވެނީ މަދުން ފެނި ދެނިވެ ވާ މާބޮޑު ގުޅުމެއް މަމްފާއެއް ނުވާ ގުޅުންތަކަށް. މިސާލަކަށް “އަވަށްޓެހިން” އެގޮތުން ރަށުގައި އުޅޭ ޓެހިން އެއީ “ރަށް”ޓެހިން އެމީހުން ފެނިދާނެ، ނުފެނިދާނެ، ދިމާވެދާނެ، ދިމާނުވެދާނެ މިހެނ ވިއަސް މާބޮޑު މައުނަވީ ގުޅުމެއް ނޯންނާނެ.

    އެޔާކިލާފަށް ރަހުމަތެ ތެރިން ވަރަށް ތަފާތު. “ތެރިން” މިބަސް ދިވެހިބަހުގައި ބޭނުން ކުރަނީ ޚާއްސަ މީހުން ގިންތި ކުރަން. މިސާލަކަށް މަސައްކަތް ތެރިން، ކެއްތެރިން، ބެލުންތެރިން، ރޭވުންތެރިން.... މިގިތުން ދިވެހި މުޖްތަމައު އަކީ އިސްލާމީ މުޖުތަމައު އެއް ވީމާ “ރަހްމަތް”މިބަސް އަސްފައި ވަނީ ﷲ ގެ ރަހްމަތުގެ އިސްމުފުންކަމަށް ބެލެވޭ. ޢެގޮތުން ރަހުމަތްތެރިންނަކީ ތިމާޔާ އެމީހަކާއި އޮންނަ ގުޅުމުގައި ﷲ ގެ ރަހްމަތް ތިމާއަށް މިންވަރު ކުރެއްވުމުގައި މެދުވެރިވާ ޚާއްސަ ބަޔަކަށް މުޚާތަބު ކުރެވޭ ބަހެއް ކަމަށް ޤާބޫލު ކުރެވޭ. އެންތރޮޕޮލޮޖިސްޓުން ރާއްޖޭގެ ބަސްމޮށުމާއި ގުޅެގޮތުން ދިރާސާކޮށް މިފަދަ މައުޅުމާތު ލިޔެފައި ނުވާތީ މިގޮތް އެއީ ގޯސް ނުވަތަ ރަނގަޅު ގޮތެއް ކަމުގައި ބަލަން އުނދަގޫ ވެސް ވާނެ. ޢެހެނަސް މީ އަޅުގަ ޑުގެ ވިސްނަށް އަންނަ ގޮތެއް.