ކޮވިޑް-19 އާ ގުޅިގެން އާއިލާތައް ފުރަބަންދުވެ ގިނަ ވަގުތު ގޭގައ ތާށިވެފައި ތިބޭ ނަމަ، އިންޓަނެޓު ބޭނުން ކުރަން ގިނަ ވަގުތު ކުޑަކުދިން ހޭދަކުރެއެވެ. ކިޔެވުމާއި އަދި އެހެނިހެން ބޭނުމަށް ކުދިން އިންޓަނެޓްގެ ބޭނުން ކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ކުޑަކުދިން އެކަކު އަނެކަކާ މުއާމަލާތް ކުރުމަށާއި، މުނިފޫހިފިލުވުމަށް އެތައް ވަގުތެއް އިންޓަނެޓްގައި ހޭދަކުރެއެވެ.

އެހެންކަމަށްވާ އިރު ކުޑަކުދިން، ވަކިން ޚާއްސަކޮށް ފުރާވަރުގެ ކުދިން އިންޓަނެޓް ބޭނުން ކުރަނީ ރަނގަޅަށްކަން ކަށަވަރު ކުރާނީ ކިހިނެއް ހެއްޔެވެ؟ އެ އުމުރުގެ ކުދިންނަކީ އަމިއްލައަށް ކުރާ ކަމެއްގެ ސަބަބުން ނުވަތަ އެހެން މީހެއްގެ ސަަބަބުން ނުވަތަ އެ ނޫން ވެސް ސަބަބަކާއި ހުރެ ވަރަށް ފަސޭހައިން ނުރައްކަލަށް ހުށަހެޅިދާނެ ބައެކެވެ. އެހެންކަމުން ކުޑަކުދިން އިންޓަނެޓް ބޭނުން ކުރާ އިރު ބެލެނިވެރިން ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުރެއެވެ. ސިއްހީ ބޮޑު ކާރިސާއެއް ދިމާވެ، ގިނަ ބަޔަކު އިންޓަނެޓްގައި އެތައް ވަގުތެއް ހޭދަކުރާ އިރު މިފަދަ ކަންކަން ދިމާވުން އިހުނަށް ވުރެ އިތުރެވެ.

1) ވާހަކަދެއްކުމަށް މަގުފަހިކޮށްދިނުން

ފުރަތަމަ ކަމަކަށް ދަރިފުޅަށް ކޮންމެ ކަމެއްވެސް ހިއްސާކުރެވޭނެ ކަން އިހުސާސްކޮށްދޭށެވެ. އެ މީހުންނަށް އެހީތެރިވުމާއި ހެޔޮވުމުގެ މުހިންމުކަން ބުނެދޭށެވެ. އަދި ނުރަނގަޅު ކޮމެންޓްތަކާއި ހަނގާކުރުމާއި، ފާޑުކިޔުންތައް ބަލައިގަންނަ އިރު ވިސްނަން ޖެހޭ ކަންކަން ބުނެދޭށެވެ. ޚާއްސަކޮށް މީހެއްގެ ފުށުން ފުރައްސާރަ އާއި މަލާމާތް ރައްދުވާ ނަމަ އެކަން ހިއްސާކުރުމަށް އެދޭށެވެ.

އަދި އެފަދަ ވާހަކަތައް މަންމަ، ބައްޕަ ނުވަތަ އާއިލާގެ އެހެން އިތުބާރު ހިފޭ އެކަކަށް ވުރެ ގިނަ މީހުންނާއި ހިއްސާކުރުމަށް އެދޭށެވެ. ސައިބަ ބުލީއިން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހަނގާގެ އަމަލެއް ހިނގާފާނެ ކަމަށް ސަމާލުވާށެވެ. އެފަދަ ކަމެއްވެއްޖެ ނަމަ އަޑު އަހާނެ މީހަކަށް ބެލެނިވެރިން ވާންވާނެއެވެ.

 

2) ކުދިން ރައްކާތެރިކުރަން ޒަމާނީ ވަސީލަތްތައް ބޭނުން ކުރުން

އެންޓިވައިރަސް، ޕްރައިވެސީ ސެޓިން އަދި ސޮފްޓްވެއަރ ފަދަ ކަންކަން ހުރީ ކުޑަކުދިންނާއި އެކަށީގެންވާ މިންގަނޑަށް ފެތިފައިތޯ ޔަގީން ކުރާށެވެ. އުމުރާއި އެކަށީގެން ނުވާ މަންޒަރާއި އަޑު ކުއްޖާއަށް ނުފޯރާކަން ޔަގީންކުރާށެވެ. ކުއްޖާ ހޯދާ، ބަލާ އެއްޗެއްސަކީ ކޮބާކަމާއި އެ އެއްޗެހި ހޯދަން އެ ކުއްޖާ ޝައުގުވެރިވަނީ ކޮން ސަބަބަކާއި ހުރެތޯ ދެނެގަންނާށެވެ.

ތައުލީމާއި، އުނގެނުމަށްޓަކައި ކުއްޖާ ބޭނުން ކުރާ ވަސީލަތްތަކަކީ އުމުރާއި އެކަށީގެންވާ ވަސީލަތްތައް ކަން ކަށަވަރު ކުރާށެވެ. އަދި ނުދަންނަ މީހުންނާއި ކުއްޖާ ގުޅުން ނުބާއްވާކަން ޔަގީންކުރާށެވެ. އިންޓަނެޓް މެދުވެރިކޮށް އާ ރައްޓެހިން ހޯދާނަމަ އެއީ ކޮން ބައެއްތޯ ބަލަން ވާނެއެވެ.

 

3) އޮންލައިން ހަރަކާތްތަކުގައި ކުދިންނާއި އެކު ބައިވެރިވުން

ކުޑަކުދިން އިންޓަނެޓްގައި ވަގުތު ހޭދަކުރާ އިރު އެ ކުދިންނާ އެކު ކޮންމެވެސް އޮންލައިން ހަރަކާތްތަކެއްގައި ބައިވެރިވާށެވެ. މީސްމީޑިއާގައި އެ ކުދިންނާއި މަސްއޫލުވާށެވެ. އެ ކުދިންނާއި އެއް ފަންތިއެއްގައި ހީ ސަމާސާކޮށް ހަދާށެވެ. މާބޮޑަށް ހަރުކަށިކަމާއި ނުލަފާކަން ދައްކާ ނަމަ ކުދިންނާއި މައިންބަފައިންނާއި އޮންނަ ގުޅުން ހީނަރުވެ ކުއްޖާ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެއެވެ.

ސަބަބަކީ އާއިލާއިން އެ ކުއްޖާ ބޭނުންވާ ލޯބި ނުލިބޭ ނަމަ އެހެން މީހެއް މެދުވެރިކޮށް އެ ލޯބި ބޭނުން ވުމެވެ. އެހާލަތުގައި އޮންލައިންކޮށް ދިމާވާ މީހަކީ ތިމާއަށް ހެޔޮ އެދޭ މީހެއްކަމަށް ފެންނަ ނަމަ އާއިލާއަށް އެ ކުއްޖަކު ކުރާ އިތުބާރު ކުޑަވެ، އާއިލާއަށް ކަންކަން ސިއްރު ކުރަން ފަށެވެ.

 

4) އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން ދަސްކޮށްދިނުން

ކޮންމެ ސަބަބަކަށްޓަކައި އިންޓަނެޓް ބޭނުން ކުރި ނަމަވެސް އެކަމަށް ވަގުތުތަކެއް ކަނޑައަޅަން ދަރިންނަށް ދަސްކޮށްދޭށެވެ. އަދި އިންޓަނެޓަށް ލާ ފޮޓޯގައި އަޅާ ހެދުމާއި، ޝެއާ ކުރާ ޕޯސްޓްތަކަކީ އޭގެ ސަބަބުން އެހެން މީހަކަށް ދައްޗެއް ނޫނީ، ބުރައެއް، ލަދުވެތިކަމެއް އިހުސާސް ކުރެވޭ އެއްޗަކަށް ވެގެން ނުވާނެކަން ދަސްކޮށްދޭށެވެ. އަދި އެއްވެސް ކަހަލަ ހަނގާގެ އަމަލެއްގައި ބައިވެރި ނުވާން ދަސްކޮށްދޭށެވެ.

ރުޅި އައުމާއި، ހިތް ހަމަ ނުޖެހޭ ވަގުތު އޮންލައިންކޮށް އެ ކަމަށް ޖަވާބުދާރީ ނުވާން ދަސްކޮށްދިނުން ވެސް އެހާމެ މުހިންމެވެ.

5) އަމިއްލަ އަށް ކަންކަން ތަޖުރިބާ ކުރަން ފުރުސަތު ދިނުން

ދަރިން އިންޓަނެޓްގައި ކުރާ ހުރިހާ ކަމަކަށް ފާރަ ނުލާށެވެ. ޚާއްސަކޮށް ފުރާވަރުގެ އުމުރުގައި ކުދިންގެ އާ ރަހުމަތްތެރިންވެސް ތިބޭނެ ކަން ދަންނާށެވެ. ދަސްކޮށްދޭން ވީ އާކަންކަން ދަސްކުރާ އިރު ރަނގަޅާއި ނުބައި ވަކިކުރާށެވެ. ހައްދު ފަހަަނައަޅާ ނުދިއުމަށެވެ. ދީނާއި އަގީދާ އާއި އެކަހެރިނުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު