ތެޅިތެޅި އޮތް ހިތަކާއެކު ސިޓީއުރައިގެ ތެރޭގައި ހުރި ލިޔުންތައް ބަލައިލިއެވެ. އެޔާއެކު އެނގުނު ޙަޤީޤަތެއްގެ ސަބަބުން އޭނާ ހަށިގަނޑަށް ވަރުގަދަ "ބިންހެލުމެއް" އަތުވެއްޖެއެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ދެލޯ ބޮޑުވެގެން ދިޔަ ހިނދު މުޅި ދުނިޔެ ވެސް އޭނާއާއެކު އެނބުރެމުން ދިޔައީ ބާރު ދުވެއްޔެއްގައެވެ.

ޝިހާމަކީ ރީޝާގެ ފިރިމީހާ ހެއްޔެވެ؟ އެއީ ޞައްޙަ ސެޓްފިކެޓެއް ހެއްޔެވެ؟ އޭނާއަށް މި ފެންނަނީ ހުވަފެނެއް ހެއްޔެވެ؟ އެކިއެކި ސުވާލުތަކުން ނަވީލްގެ ސިކުނޑި ބަރުކޮށްލައިފިއެވެ. އެ ކާވެނިކޮށްފައިވަނީ ރީޝާގެ އުމުރުން 11 އަހަރުގައިކަން އެނގުމާއެކު އޭނާގެ ސިކުނޑި އައްސިވެއްޖެއެވެ. އެކަން ޤަބޫލުކުރަން ވެސް އުނދަގޫވިއެވެ. އެއްދުވަހަކު ރީޝާ މަޖަލަކަށް ހަދައިފައި ކާވެނިކޮށްގެން އުޅޭ ވާހަކަ ބުނެފައިވެއެވެ. އެ ހަނދާން އައުމާއެކު އެ ސެޓްފިކެޓަކީ ޞައްޙަ އެއްޗެއްކަމަށް ނަވީލަށް ޤަބޫލުކުރެވިއްޖެއެވެ. އޭގައި ދެވަނައަށް އޮތް ލިޔުން ވެސް ނަވީލް ބެލިއެވެ. އެ ލިޔުމުގެ ސަބަބުން، ނިހާދުދެކެ ރީޝާ ރުޅި އަންނަ ސަބަބު ނަވީލަށް އޮޅުންފިލައިފިއެވެ. އެ ހިސާބަށް ދިޔައިރު ކޮޅަށް ހުރުމަށް ވެސް ދަތިވެއްޖެއެވެ. އެއީ ކޮންކަހަލަ ބަފައެއް ހެއްޔެވެ؟ އެއީ އިންސާނެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެކެވެ. ހިތުގައި ކުޑަކޮށް ވެސް ރަހުމާއި ކުލުނުވާނަމަ އުމުރުން އެންމެ 11 އަހަރުގެ ކުޑަކުއްޖަކަށް އެފަދަ ބޮޑު ކެއްސެއް ނުދިނީހެވެ.

ނަވީލް މަޑުމަޑުން ތިރިވިއެވެ. ދަބަހުގެ ތެރެއަށް އަތް ކޮށްޕައިލައިފައި ނާޔާގެ ފޯނު ނެގިއިރު ނޭވާކުރުވާން ފަށައިފިއެވެ. އޭގައި ވަނީ ކޯއްޗެއްކަން އަންގައި ދިނުމުގެ އިންޒާރުތައް ސިކުނޑިން ދޭން ފަށައިފިއެވެ. ޝިހާމް ދެއްކީ ކޮންކަހަލަ ވީޑިއޯއެއްގެ ވާހަކަކަން ނަވީލަށް ވިސްނިއްޖެއެވެ. އެޔާއެކު އޭނާގެ ދެލޮލަށް ކަރުނަތައް ފުނިޖެހެމުން ދިޔައީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ދެލޯ ފުސްވެއްޖެއެވެ. އެ ފޯނު ހާވައިގެން އެ ވީޑިއޯ ބަލާނެ ހިތްވަރެއް ނަވީލަކަށް ނުލިބުނެވެ. ދެން އޭނާ ނެގީ ރީޝާގެ ލެޕްޓޮޕެވެ. ލެޕްޓޮޕް ހުޅުވައި ބަލައިލީ އޭގައި ވެސް ޝިހާމް ފޮރުވަން ބޭނުންވާ ކޮންމެވެސް އެއްޗެއް އޮންނާނެކަން ވިސްނުމުންނެވެ. ފަހަރަކު ފައިލަކަށް ކަޅި އަމާޒު ކުރަމުން ދަނިކޮށް "ބޮޑު ބޭޒާރު" ލިޔެފައި އޮތް ފައިލެއް ނަވީލްގެ ލޮލުގައި އަޅައިގަތެވެ. އެ ފައިލު ނަވީލް ހުޅުވައިލިއެވެ.

"މިއީ ބިރުވެރިކަމާއި ގިލަންވެރިކަމުން ފުރިފައިވި އަހަރެންގެ ހަޔާތުގެ ދާސްތާނެވެ. އަހަރެންގެ ނިކަމެތި މަންމައަށް ލިބުނު ވޭނާއި ހިތްދަތިކަމުގެ ރިވާޔަތެވެ. އެ ޖައްބާރު ބައްޕަގެ ގޮތްކުޑަ ދިރިއުޅުމުގެ ވާހަކައެވެ. ހަޤީޤީ ހާދިޘާއެކެވެ. އެހެން ވާހަކަތަކާއި ޚިލާފަށް މި ވާހަކައިގައި ބޭނުންކުރެވިފައިވާ ނަންތަކަކީ ވެސް ހަމަ ހަޤީޤީ ނަންތަކެކެވެ. އަހަރެންގެ ނަމަކީ ރީޝާއެވެ. މިވާހަކަ އަހަރެން ލިޔުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ އަހަރެންނަށާއި އަހަރެންގެ މަންމައަށް މި އަނިޔާތައް ދިން "ޖަނަވާރުން" ތައް މުޅި ދުނިޔެއަށް ފަޟީޙަތްކުރުމެވެ. އެ މީހުންގެ ޖައްބާރުކަން މުޅި ދުނިޔެއަށް ބޭޒާރުކުރުމެވެ."

އެއީ ރީޝާގެ ހަޔާތުގެ މައްޗަށް ރީޝާ ލިޔެފައިވާ 50 ޞަފްޙާގެ ވާހަކައެކެވެ. އެއީ ރީޝާ ސިއްރުކުރަމުން ދިޔަ މާޒީއެވެ. ވަރަށް ތަފްސީލާއެކު އެ އޮތީ ނަވީލަށް ފެންނާށެވެ. އެ ވާހަކަ ކިޔުމުގެ ހިތްވަރު ނަވީލަށް ލިބިދާނެ ހެއްޔެވެ؟ ނަވީލަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އަތް ހިއްލައިލައިފައި ދެލޮލަށް ބޮނޑިވެފައިވާ ކަރުނަތައް ފޮހެލިއެވެ. ޝިހާމްގެ ދަބަސް ކުރިންވެސް ހުރި ގޮތަށް ބެހެއްޓިއެވެ. އެހެނަސް ދަބަހުން ނެގި އެއްވެސް އެއްޗެއް އަނބުރާ އެ ދަބަހަށް ލުމުގެ ވިސްނުމެއް ހުރިހެން ހިޔެއް ނުވެއެވެ. އެ ތަކެތި ހިފައިގެން ބޭރަށް ނުކުމެ ދޮރު ތަޅުލައިފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

ހަވީރު ވަގުތު ޝިހާމްގެ އަތަށް ރީޝާގެ ލެޕްޓޮޕް ގެނެސްދިން މީހަކީ ނިހާދެވެ. އޭރު ބައްދަލުވިއިރު ނިހާދު ކުރަންޖެހޭ މަސައްކަތެއް ޝިހާމް ހަވާލުކުރިއެވެ. އެކަމުގެ އަދާހަމައެއް ބެލުމަށް ޝިހާމް މިސްކިތުން ފޭބި ގޮތަށް ގުޅީ ނިހާދަށެވެ.

"ހަލޯ." ވަރަށް ރާގުލައިފައި ނިހާދު ޖަވާބުދިނެވެ.

"ކޮބާ ފިރާޝާ އެއްބަސްކުރުމުގެ ކަންތައް ކިހައި ހިސާބަކަށް ގޮއްސި." ޝިހާމް އެހިއެވެ. އޭނާ ނިހާދަށް ކުރުމަށް ހަވާލުކުރި މަސައްކަތަކީ ރީޝާ މާލެ ގެންދިޔުމަށް ފިރާޝާ އެއްބަސްކުރުވުމެވެ.

"މަށެށް ނޫޅެން ** އަކާ ވާހަކަ ދައްކާކަށް." ނިހާދުގެ އަޑު ޝިހާމަށް އިވެނީ އަނގައިގައި ވަރު ނުބަހައްޓައި ވާހަކަ ދެއްކުމުން އިވޭ ފަދަ ގޮތަކަށެވެ.

"ކަލޭ ރިސޯޓަށް ގޮސް ރާ ބޯން ދޯ ތި އިނީ؟" ޝިހާމަށް ޝައްކުވިއެވެ.

"ބަލާއެއްނު. މި ކައެއާ ބެހޭކަމެއް ނޫނޭ." ނިހާދު އަކުރުތަކަށް ދަމަމުން، ހުއްޓަމުން ކިޔެވެ. "މަށެށް ނޫޅެން އެ ޚަރާންކޯރަކާ ވާހަކަ ދައްކާކަށް. ކަލެޔަށް އެނގޭތަ؟ އެ ޖަނަވާރު މަށަށް ވަރަށް ބޮޑުކަމެއް ސިއްރުކޮށްގެންނޭ މި ހުރިހާ ދުވަހު އެ ހުންނަނީ. އެހެންވެ ބޯ ހަމަ ޖައްސައިލަން މި އައީ. މަށަށް ތި ކަމާ އުޅެވޭނީ ބޯ ހަމަޖައްސައިލެވުނީމަ."

"ބަލަ މަށަކަށް ވަގުތެއް ނެތޭ." ޝިހާމް އަޑަށް ބާރުލަމުން ބުންޏެވެ. "ރީޝާ އެ ނުތަނަވަސްކަމުގައި ހުއްޓައި ފިރާޝާގެ ބޮލަށް އެރެވުނިއްޔާ އަހަރުމެންނަށް ކާމިޔާބު ވާނީ."

"އޭ ކަލޭ ނުފުއްޕާ. މަށަށް އަޑުގަދަކުރަން ކަލޭ ތީ މަގޭ ބަފާތަ؟ ކަލެޔަށް ލަސްވަންޏާ އަމިއްލައަށް ތިކަން ހަމަޖައްސާލާ. ބަލާއެއްނު މީ." އެހެން ބުނެފައި ޝިހާމަށް އެއްޗެއް ބުނާނެ ފުރުޞަތު ވެސް ނުދީ ނިހާދު ފޯނު ކަނޑައިލިއެވެ. ޝިހާމް އަތް ހިއްލައިލަމުން ނިތުގައި ބާރަށް ހިފައިލިއެވެ.

ރީޝާ ފާޚާނާއަށް ވަން ގޮތަކަށް ނުނިކުތެވެ. ދޮރެއް ނުހުޅުވިއެވެ. ފިރާޝާ ހުރީ ރީޝާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހާސްވެފައެވެ. ކަންބޮޑުވެފައެވެ. އޭނާ ދެކޮޅަށްދެކޮޅަށް ހިނގަނީއެވެ. ރީޝާ ނުކުތުމުން ނޫނީ އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބެއް ވެސް ނުލިބޭނެއެވެ. ރީޝާއަށް އެ އަނިޔާދިން އަނިޔާވެރިޔާ އެނގެން ފިރާޝާ ނުހަނު ބޭނުންވެއެވެ.

"ދަރިފުޅާ. ދެން ނުކުންނަން އުޅޭ." އެންމެފަހުން ފިރާޝާ ގޮސް ފާޚާނާ ދޮރުގައި ޓަކި ޖަހައިލިއެވެ.

"މަންމާ ނޫޅެން. އިތުރަށް ދެން ތި ވާހަކަތައް ދައްކާކަށް." ރީޝާ ރޮމުންރޮމުން ހަޅޭލަވައިގެންފިއެވެ. ފިރާޝާއަށް ލިބުނު މާޔޫސްކަމާއެކު އިސްޖަހައިލެވުނެވެ. އިރުކޮޅަކު އަނގައިން ނުބުނެ ހުއްޓައި ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ.

"ދަރިފުޅާ! މަންމައަށް ކިޔައިދީބަލަ. މަންމަ އަޑުއަހާނަމޭ." ފިރާޝާ އަސަރާއެކު ބުނެލިއެވެ.

"މަންމައަކަށް ނުކުރެވޭނެ އެއްވެސްކަމެއް." ރީޝާ ރައްދުދިނީ ރޮމުންނެވެ. "މަންމައަށް ވެވޭނެ އެހީއެއް ވެސް ނެތް. މިހާރު މިއޮތީ ވީކަމެއް ވެނިމިފަ. ދެން ކޮންމެ ވާހަކައެއް ދެއްކިޔަސް މިކަން ނުވާކަމަކަށް ނުހެދޭނެ. މަންމަ ދޭ މިކޮޓަރިން. އިތުރަށް ދެން މިވާހަކަ ދައްކާކަށް ބޭނުމެއްނޫން."

ފިރާޝާ ވަރަށް ހިތުގައި ޖެހުނެވެ. ރީޝާއަށް އެވަރުގެ ބޮޑު އަނިޔާއެއް ލިބުނުއިރު ވެސް އޭނާއަށް ރޭކާވެސް ނުލިއެވެ. އެ ދަރިފުޅު އެކަން ހިއްސާކުރާކަށް ވެސް ބޭނުންނުވިއެވެ. އެހައި ދުވަހު އެކަން އޭނާއަށް ސިއްރުކޮށްގެން އުޅުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ ސަބަބު ހޯދުމަށް ފިރާޝާއަށް މާބޮޑަށް ވިސްނާކަށް ނުޖެހުނެވެ. އެއީ އޭނާގެ ފިނޑިކަންކަމުން ވީ ގޮތެކެވެ. ފިރާޝާ އެކަމާ ބޯ ގާނަމުން ގިސްލެވިފައިވާ ހާލުގައި ގޮސް އެނދުގައި އިށީނެވެ. ރީޝާ ކިތަންމެ ނުރުހުނަސް އެކަން އޮޅުފިލުވައިގެން ނޫނީ އޭނާ އެ ކޮޓަރި ނުކުންނާކަށް ބޭނުމެއް ނޫނެވެ. އެ އުންމީދުގައި އިންދައި ބޭރުން ސަލާމް ގޮވައިލި އަޑުއިވުނެވެ. ފިރާޝާ ދެލޯ ފޮހެމުން ބޭރަށް ނުކުތްއިރު ހުރީ ޝިހާމެވެ.

"ފިރާޝާ ކޮބާ ނިހާދު ނޫޅޭތަ؟" ނިހާދު ގޭގައި ނޫޅޭކަން އެނގިހުރެ ޝިހާމް އެހިއެވެ.

"މެންދުރު ހޮސްޕިޓަލުގައި އިނދެފައި ދިޔަ ގޮތަކަށް އަދި ލޮލަކަށް ނުފެނެ." ފިރާޝާ އާދައިގެ ގޮތަކަށް ބުނެލިއެވެ.

"ރީޝާ ކިހިނެއް؟" ޝިހާމް ހިނިތުންވެލިއެވެ. "ވަރަށް ބޮޑު ވާހަކައެއް ވެސް ދައްކައިލަން މި އައީ."

"ރިޝާ އެކަހަލަ ގޮތެއް." ފިރާޝާ ހިނިތުންވެލީ ގަދަކަމުންނެވެ. ޝިހާމް ފަހުން ބުނި އެއްޗަށް އޭނާ ޖަވާބެއް ނުދެއެވެ. ރީޝާގެ ހާލަތު ހަނދާނަށް އައުމާއެކު އެކަމުގެ ތެރެއަށް އޭނާގެ ވިސްނުން ދަތުރުކޮށް ޝިހާމްގެ ވާހަކަ ހަނދާނުން ކައްސައިލީއެވެ.

"މި އާދެވުނީ ނު ގަޑިއެއްގަތަ؟" ޝިހާމް އަހައިލިއެވެ.

"ނޫނޭ. މާފުކުރޭ." ކުއްލިއަކަށް ޝިހާމްގެ ވާހަކަ ހަނދާންވެގެން ފިރާޝާ އަވަސްއަވަހަށް ބުންޏެވެ. "އިށީނދޭ. އިށީނދޭ."

ޝިހާމް އުނދޯލީގައި އިށީނެވެ. ފިރާޝާވެސް ގޮނޑިއެއް ހިފައިގެން އައިސް އެތަނުގައި އިށީނެވެ. ކޮން ވާހަކައެއްތޯ ސުވާލުކުރުމުން ޝިހާމް ދައްކަންފެށީ ރީޝާގެ ވާހަކައެވެ. ރީޝާ ބަނޑުބޮޑުވި ވާހަކައެވެ. ރީޝާފަދަ އަޚްލާޤު ރަނގަޅު ކުއްޖެއްގެ ފަރާތުން އެފަދަ ކަމަކަށް އުންމީދު ނުކުރާކަމަށް ވެސް ޝިހާމް ބުނެލިއެވެ. ރީޝާ ތަރުބިއްޔަތުކުރުމުގައި ޚުދު ޝިހާމްގެ ހިއްސާ އޮތުމުން އެކަމާ ވަރަށް ދެރަވެ ލަދު ގަންނަކަމަށް ވެސް ޝިހާމް ބުންޏެވެ. ދުރުހިލޭ މީހެއްގެ ދުލުން އެ ވާހަކަތައް އިވެން ފެށުމުން ފިރާޝާ ވަރަށް ލަދުގަނެއްޖެއެވެ. ފިރާޝާއަށް އައި ބަދަލު ޝިހާމަށް ފާހަގަވިއެވެ. އެއީ އޭނާ ބޭނުންވި ގޮތްވެސް މެއެވެ.

"ފިރާޝާ ލަދުގަންނަ ފަދައިން އަހަރުން ވެސް ލަދުގަނޭ." ޝިހާމް ފުރުޞަތުގެ ބޭނުން ހިފަމުން ވާހަކަ ދެއްކިއެވެ. "ހިތަށް އަރަނީ ރީޝާގެ ބޮލަށް ނުލަފާ ފިރިހެނަކު އެރުނިއްޔޭ. ނޫނީ އެ މަންޖެ އެ ފަދަކަމެއް ނުކުރާނެ. އަހަރެން ވަރަށް އިތުބާރުކުރަން ރީޝާއަށް. ދެން ކޮންމެ ގޮތެއްވި ނަމަވެސް އެކަން އެ އޮތީ ވެ ނިމިފައި. ރަށުތެރޭގައި މީހުން ފާޑުފާޑުގެ ވާހަކަ ވެސް ދައްކާނެ. ފިރާޝާއަށް މީހުންނާ ހަތަރުކަޅި ހަމަކުރަން ވެސް އުނދަގޫވާނެ. އެ ހާލަތުގައި އިންދައި މީހުންގެ މަލާމާތް ރައްދުވާން ފެށުމުން ރީޝާ ވެސް ވަރަށް ލަދު ގަންނާނެ. މީހާ ޑިޕްރެޝަންއަށް ގޮސް ގޯސްފިޔަވަޅެއް އެޅުމަކީ ވެސް އެކަށީގެންވާ ކަމެއް. އެހެންވީމަ މަށަށް ފެންނަނީ ރީޝާ އަހަންނާއެކު މާލެ ފޮނުވަން. އަދި އެހެން ގޮތެއް ވެސް އެބައޮތް. ފިރާޝާ ޤަބޫލުނަމަ ރީޝާ އެ ފާފައިގެން ނިޝާން ދުއްވައިލުމަށް ވެސް އެހީވެދީފާނަން."

ފިރާޝާއަށް ކުއްލި ސިހުމެއް ލިބުނެވެ. އޭނާ ޝިހާމަށް ބަލައިލިއެވެ.

"ފިރާޝާ ޤަބޫލުނަމަ." ޝިހާމް ތަކުރާރުކޮށްލިއެވެ. "ރީޝާއަކީ ހަމަ އަހަރެންގެ ވެސް ދަރިއެއްފަދަ ކުއްޖެއް. އޭނައަށް ލިބޭ ކޮންމެ ހިތާމައަކީ އަހަރުމެންނަށް ލިބޭ ހިތާމައެއް. ލަދެއްގައި ބެދުނަސް އަހަރުން ވެސް އެ ލަދުގައި ބެދޭނެ. އެހެންވެ މި ވާހަކަ ދައްކައިލަން މި އައީ. ފިރާޝާ ޤަބޫލުނަމަ މިރޭން މިރެޔަށް ވެސް މާލެއަށް ގެންދެވިދާނެ."

ފިރާޝާ ވިސްނައިލިއެވެ. ޝިހާމް ދެއްކީ މުޅިން ވެސް ރަނގަޅު ވާހަކައެވެ. ޝިހާމާއެކު މާލެ ފޮނުވައިލެވިއްޖެނަމަ ރަށު މީހުންގެ ފުރައްސާރައާއި މަލާމާތުން ރީޝާ ސަލާމަތްކުރެވިދާނެއެވެ. ދެވަނައަށް ޝިހާމް އެ ހުށަހެޅިކަންތަކާމެދު ފިރާޝާގެ ވިސްނުން ވަނީ ދެކަފި ވެފައެވެ. ދުނިޔޭގެ ލަދުން ސަލާމަތްވުމަށްޓަކައި ނަމަވެސް ތުއްތު ކުއްޖެއް އެގޮތަށް ދުއްވައިލުމަށް އޭނާގެ ހިތެއް ނުރުހެއެވެ. އެހެންކަމުން އޭނާ އެކަމާ ދެކޮޅު ހެދިއެވެ. ޝިހާމް ވެސް ފިރާޝާގެ ނިންމުމަށް އިޙްތިރާމްކުރިއެވެ.

"ދެން މާލެ ގެންދަން ރީޝާއާ ވާހަކަ ދައްކައިލާނަން." ފިރާޝާ ބުންޏެވެ. "އޭނަ ޤަބޫލިއްޔާ ފޮނުވާނަން."

"ރީޝާ އެކަނި މާލެ ދާކަށް ނުވާނެ އެއްބަހެއް." ޝިހާމް ބުއްދި އިސްކުރަމުން ވާހަކަ ދެއްކިއެވެ. "އެހެންވީމަ ފިރާޝާވެސް ދާންވާނެ. އެކޮޅަށް ރީޝާ ގެންގޮސް ހަމަޔަކަށް އެޅުނީމަ ފިރާޝާ އެނބުރި ރަށަށް އަންނާނީ."

"އެންމެ ރަނގަޅު." ފިރާޝާ އެއްބަސްވިއެވެ.

ހީކުރިވަރަށްވުރެ ފަސޭހައިން ޝިހާމްގެ ރޭވުން ކާމިޔާބުވުމުން އޭނާގެ ނަފްސަށް ބޮޑާކަން ވެރިވެގެން ދިޔައެވެ. ހިތަށް ބަޔާންކުރަން ދަތި އުފަލާ ހިތްހަމަޖެހުން ލިބުނެވެ. އެކަމަކު ދެން ފިރާޝާ ކުރި ސުވާލާއެކު އެ އުފާވެރިކަން އޮބިގެންދިޔުމަށް ސިކުންތެއް ވެސް ނުނެގިއެވެ.

"ތީ ކާކު ދެއްކި ވާހަކައެއް." ޝިހާމް އެހިއެވެ.

"ރީޝާ ބުނީ." ފިރާޝާ ބުންޏެވެ. "އެއީ އޭނާއަށް މީހަކު ދިން ބޮނޑިއެކޯ."

"ކާކުކަން ބުނިތަ؟" ޝިހާމް ހާސްވި ނަމަވެސް ބޭރު ފުށުން އެކަން ފާޅެއް ނުކުރެއެވެ.

"ނޫން." ފިރާޝާ މަޑުމަޑުން ބުންޏެވެ. "މާލޭގައި އެއްވެސް ފިރިހެނަކާ ގާތްގުޅުމެއް ބޭއްވިކަން ޝިހާމަށް އެނގޭތަ؟"

"ނޫން. އެނގިފައެއް ނެތް." ޝިހާމްގެ ޖަވާބު ކުރެވެ. އޭނާ ވިސްނަން ފަށައިފިއެވެ. ފިރާޝާއަށް އެ ހަޤީޤަތް ހާމަކުރުމަށް ރީޝާ ފަސްޖެހޭހެން ހީވުން އެއީ އޭނާއަށް ކުރެވުނު ވަރަށް ބޮޑު ކުށްހީއެކެވެ. އެ ހަޤީޤަތަށް ވާސިލުވުމުގެ ފުރަތަމަ ފިޔަވަޅު އެ އޮތީ އަޅާފައެވެ. ދެން ފިރާޝާއަށް އެނގުން މުހިންމު މަޢުލޫމާތަކީ އެކަން ކުރި މީހެއްގެ ނަމެވެ. އެ ހިސާބުން ފިރާޝާ އެ ދެމެދަށް އެޅޭ ހުރަހަކަށް ވާނެއެވެ. ޝިހާމަށް މުޅި އުމުރަށް ރީޝާ ގެއްލިގެން ދާނެއެވެ. ރީޝާ ކޮންޓްރޯލްކުރުމަށް ޝިހާމަށް ލިބުނު ހަނި ފުރުޞަތު ވެސް ނެތި ހިނގައިދާނެއެވެ. އެހެންވާކަށް ޝިހާމް ބޭނުމެއްނޫނެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާ ރީޝާ ހާސިލުކުރުމަށް ބޭނުންވެއެވެ. ރީޝާއާއެކު އެހައި ދުވަހު އުޅެވުމުން އޭނާއަށް ވަނީ ރީޝާދެކެ ވަރުގަދަ "ލޯތްބެއް" ވެވިފައެވެ. ރީޝާ ގައިދުކޮށްގެން އެ ހުރިހާ ދުވަހު ގެންގުޅުނު ސަބަބަކީ ވެސް އެއީއެވެ.

"އެހެންވީމައި ރީޝާ ގާތު މާލެދާ ވާހަކަ ނުބުނަން މަށަށް ފެންނަނީ." ޝިހާމް ވިސްނައިލައިފައި ބުންޏެވެ. "މާލޭގައި ތިބުނާ މީހެއްވެސް އުޅޭނީ. އެކަން އެހެން އޮއްވައި މާލެ ދާކަށް އޭނަ ބޭނުމެއްނުވާނެ. އެހެންވީމާ ދާ ތަނެއްނުބުނެ ފުރަން ތައްޔާރުވާށޭ ބުނޭ. މާލެ ގެންގޮސް ރިޒްމާއާއެކު އިންޑިއާއަށް ފޮނުވާލާނީ. އޭރަށް ތިޔަ ސޮރެއްގެ އުނދަގުލެއް ވެސް ނުޖެހޭނެ."

އެގޮތާ ވެސް ފިރާޝާ ހިތުން ރުހުމުން ޤަބޫލުވިއެވެ. ޝިހާމް އެ ގެއިން ނުކުމެގެން ދިޔައީ ފިރާޝާގެ ކޮށި ވިސްނުމަށް ހިތުގެ އަޑިން މަލާމާތްކުރަމުންނެވެ. އެހެނަސް އެ ހިތުގެ ކޮންމެވެސް ހިސާބެއްގައި ނުތަނަވަސްކަމެއް ވެސް އޮތެވެ.

ނަވީލް އިނީ ފެންކަޅިވެފައެވެ. އެ ވާހަކަ ކިޔުން ވީ އޭނާ ހީކުރި ވަރަށްވުރެ އުނދަގޫކަމަކަށެވެ. ރީޝާއަށާއި ފިރާޝާއަށް ނިހާދުގެ ފުށުން ލިބެމުން ދިޔަ އަނިޔާތައް ވަރަށް ތަފްސީލުކޮށް އެ ވާހަކަގައި ބަޔާންކޮށްފައި އޮތެވެ. އެ ކިޔަމުން ދިޔަ ވަރަކަށް ނަވީލްގެ ހިތަށް ތުރާތަކެއް ލިބެމުން ދިޔައެވެ. ނިހާދާމެދު ހިތުގައި ރުޅިވެރިކަން އުފެދެމުން އެ ފަށަލަ ބޯވަމުން ދިޔަވެ. ރީޝާ މާލެ ފޮނުވައިލި ހިސާބުން ނިހާދުގެ އަނިޔާއިން ސަލާމަތްވީކަމަށް ހީވި ނަމަވެސް އެއީ ރީޝާއަށް ލިބުނު އަނިޔާތަކުގެ ފެށުމެވެ. ނަވީލަކަށް ކެތެއްނުވިއެވެ. އުމުރުން 11 އަހަރުގައި ރީޝާގެ އިއްފަތްތެރިކަން ޝިހާމް ލޫޓުވައިލި ހިސާބުން ނަވީލަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އޭރު އެ ދެލޮލުން އޮހެމުން ދިޔައީ ލޭ ކަރުނައެވެ. އެވަގުތު ކޮޅު ރީޝާ ހާދަހައި ބިރެއް ގަންނާނެއެވެ. ހާދަހާ ވޭނަކާއި ތުރާލެއް އެ ކުޑަކުޑަ ކުއްޖާއަށް ލިބޭނެއެވެ. ނަވީލް ތުރުތުރު އަޅަންފެށިއެވެ. އޭނާގެ ދެއަތް މުށްކެވި ދެދަތްޕިލަ ފިތި ބާރުވެއްޖެއެވެ. ނިހާދުގެ މައްޗަށް އެ ހިތުގައި އުފެދުނު ނަފްރަތަށްވުރެ ބޮޑު ނަފްރަތުގެ ހުޅުގަނޑެއް ޝިހާމްގެ މައްޗަށް އެ ހިތުގައި ރޯވެ އަނދަން ފެށިއެވެ. އެ އާދެވުނު ރުޅިއާއެކު ނާޔާގެ ފޯނުގައި ހުރި ވީޑިއޯ ވެސް އޭނާއަށް ބަލައިލެވުނެވެ. އެއީ ވާހަކައިގައި ލިޔެފައި އޮތް މަންޒަރުތަކުގެ ކުލަ މަންޒަރެކެވެ. ނަވީލުގެ ހިތުގައި ލެވުނު ޒަޚަމްތަކުގައި ލޮނުމިރުސް އެޅިހެން ހީވިއެވެ. ކެތްނުވެގެން އެނދުމައްޗަށް ފޯނު ޖެހިއެވެ. ލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތައް ފޮހެމުން ދެކޮޅަށް ހިނގެން ފެށުނެވެ. އަނެއްކާވެސް ފޯނު ނެގުމަށްފަހު ވީޑިއޯ ބަލަންފެށިއެވެ.

ޝިހާމް ކޮޓަރިއަށް ވަދެގެން އައުމާއެކު ރީޝާ ފުންމައިގެން ތެދުވެއެވެ. ޝިހާމްގެ ކިބައިން ސަލާމަތްވުމަށް ފާހާނާއަށް ވަނުމަށް ދުއްވައިގަނެއެވެ. ނަމަވެސް ޝިހާމް ގޮސް ރީޝާ ހިފަހައްޓައި، އޮބި އަޅައިގެން ގެނެސް އެނދުމައްޗަށް ވައްޓައިލައެވެ. ދެން ބަނޑުހައިވެފައިވާ މިނިކާވަގެއް ފަދައިން ރީޝާގެ ގަޔަށް އަރައިގަންނަން ފެށުމާއެކު ނަވީލްގެ ރުޅި ކޮންޓްރޯލުން ނެއްޓިއްޖެއެވެ. އަނެއްކާވެސް އެނދުމައްޗަށް ފޯނު ހޫރައިލަމުން ހަޅޭލަވައިގަތެވެ. ނަވީލްގެ ދެލޮލުން އަލިފާންކަނި ބުރަމުން ދިޔައެވެ.

"ޖަނަވާރުތައް މަރާލިޔަސް ފާފަވެރި ނުވާނެ." ނަވީލް އަޑަށް ބާރުލަމުން ކިޔެވެ. "މިފަހަރު ދުނިޔެއިން ވަސްވެސް ފޮހެލާނަން. ފޮހެލާނަން.... މަގޭ ރީޝްއަށް ތި ދިން އަނިޔާގެ ބަދަލު ހިފާނަން. އެއީ ކަލޭ ދިރިހުއްޓައި މަރައިލުން. މިރެއިން މިރެޔަށް މިކަން ނިންމާނަން."

ނަވީލްގެ ދެއަތް މުށްކަވައި ބާރުކޮށްލި ވަގުތު އަތުގެ ނާރުތައް ވެސް ފުފިގެންދިޔުމުން އޭނާ އައިސްފައިވާ ރުޅި އަންދާޒާކޮށްލެވެއެވެ. އޭނާ ދެފަޔަށް ބާރުލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޮރު ހުޅުވަން ތަޅުގައި ހިފައި އަނބުރައިލިއެވެ. ދޮރެއް ނުހުޅުވުނެވެ. ދޮރު ހުރީ ތާށިވެފައެވެ. ނަވީލް އިތުރަށް ރުޅިގަދަވެގެން ދިޔަ ވަގުތު، ފައި ކުރުގަޅުވައިލައިފައި ނުހަނު ބާރަށް ދޮރުގައި ޖެހިއެވެ. އަނެއްކާ ވެސް އެ ދޮރު ހުޅުވޭތޯ މަސައްކަތްކުރިއެވެ.

"ނަވީލް.... ސިކުނޑިން ވިސްނާ." ރީޝާގެ އަޑު ނަވީލަށް އިވުނުހެން ހީވިއެވެ. އޭނާ ސިހިފައި ފަރާތްފަރާތަށް ބަލައިލިއެވެ.

"ރުޅި އައިސްގެން ގޮސް އޭނަގެ ގަޔަށް ބޮލަށް އަރައިގަތުމުގެ ކުރިން ރީޝްއާމެދު ވިސްނައިލާ." އަނެއްކާ ވެސް އެ އަޑުއިވުނެވެ. "ޝިހާމް މަރާލައިގެން ރީޝާ ވަކި އުފަލެއް ނުވާނެ. ރީޝާއަށް މި ވަގުތު ބޭނުންވަނީ ހިތްވަރުދޭނެ މީހެއް. ނަވީލް ސިކުނޑިން ވިސްނައިގެން ނިންމުންތައް ނިންމާ. ރުޅި އައިސްގެން ގޮސް ނިންމާ ނިންމުމަކުން ފަހުން ހިތާމަކުރަން ޖެހިދާނެ."

އެ އަޑަކީ ކޮން އަޑެއްކަން ނަވީލަށް ވިސްނުމާއެކު މަޑުޖެހިލެވުނެވެ. އެއީ ރީޝާގެ މަދަދުޤާރެވެ. ނަވީލް ވިސްނައިލުމުން އެ ޖިންނި ދެއްކީ ރަނގަޅު ވާހަކަތަކެއްކަން އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ. ރުޅިއައިސްގެން ގޮސް ޝިހާމަށް ގެއްލުމެއްދީގެން އެކަމުން ރީޝާއަށް ލިބޭނެ އުފަލެއް ނެތެވެ. ރީޝާ ހަމައެކަނި ލޯބިވި މީހާގެ ލޯބިން މަހުރޫމްވެއްޖެނަމަ، އެ ފަކީރަށް ދުނިޔޭގައި ހުންނާނެ ހިތްވަރު ވެސް ނުލިބިދާނެއެވެ. ނަވީލް ހިތުގެ އަޑިން އެ މަދަދުޤާރަށް ޝުކުރު އަދާކުރިއެވެ. އަދި ހަށިފުރާ ފުންނޭވާތައް ދޫކުރަމުން ހަމަޖެހިލުމަށް އޭނާ މަސައްކަތްކުރިއެވެ. ކަންކުރަންވީ ގޮތަކާމެދު ވިސްނުން ހިންގައިލުމާއެކު އޭނާގެ ހަނދާނަށް އައީ އަކްޝަމްގެ ނަމެވެ. ނަވީލަށް ހަމަޖެހިލެވުމާއެކު ލަސްކުރުމެއްނެތި ދިޔައީ ފުލުހުންގެ އިދާރާއަށެވެ.

"އަކްޝަމްއާ ބައްދަލުކޮށްލެވިދާނެތަ؟" އިސްތިޤުބާލުގައި އިން ކުއްޖާ ކުރެން ނަވީލް އަހައިލިއެވެ. އެތެރެއަށް ވަނުމުގެ ހުއްދަ ލިބުމުން ނަވީލް މަޑުމަޑުން ހިނގައިލައިފައި ގޮސް އަކްޝަމްގެ ކެބިންއަށް ވަނެވެ.

"އަހާނ ކޮން ވަޑާމެއް. އިށީނދޭ އިށީނދޭ." އަކްޝަމް ކުރިމަތީގައި ހުރި ގޮނޑި ދައްކައިލަމުން ބުނެލިއެވެ. ނަވީލް އިށީނެވެ. އޭނާގެ އަތުގައި ހުރި ޝިހާމް ފޮރުވައިގެން އުޅުނު ހެކިތައް މޭޒުމަތީގައި ބާއްވައިލިއެވެ.

"މައްސަލައެއް ރިޕޯޓްކުރަން." ނަވީލް ބުނެލިއެވެ. އެ ހިސާބުން ނަވީލްގެ ޠަބީޢަތަށް އައިސްފައިވާ ބަދަލު އަކްޝަމަށް ވެސް ފާހަގަވިއެވެ. އޭނާ މަޑުމަޑުން ބޯ ޖަހައިލައިފައި ކުރިޔަށް ދިޔުމުގެ އިޒުނަ ދިނެވެ. ވަރަށް ފޯރީގައި ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުގެ ނިޔަތުގައި ދިޔަ ނަމަވެސް އެ ވާހަކަތައް ކިޔާދޭނެހައި ހިތްވަރެއް ނަވީލަކަށް ނުލިބުނެވެ. ނަވީލަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ރީޝާއަށް އެ ލިބުނު އަނިޔާ ދުލުން ބަޔާންކުރުމަކީ ނުހަނު އުނދަގޫކަމެކެވެ. ރޮވިދާނެތީ ވެސް އެއްޗެއް ނުބުނެ އެތައް އިރަކު އޭނާ ހިމޭނުން އިނެވެ. އަކްޝަމް އިނީ ނަވީލް ހަމަޖެހުމަށް ފުރުޞަތު ދީގެންނެވެ.

"އެ ޝިހާމް ރީޝާއަށް ޖިންސީ ގޯނާކުރަނީ." ކުއްލިއަކަށް ނަވީލް ބުނެލިއެވެ. އެ އަޑުއަހައިފައި އަކްޝަމް ފުންމައިގެން ތެދުވިއެވެ. ނަވީލްގެ ގާތަށް ގޮސް އެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. ނަވީލަށް އެއްޗެއް ބުނާނެ ފުރުޞަތު ވެސް ނުދީ އަތުގައި ހިފައިގެން އަކްޝަމް ހިނގައިގަތެވެ. އޭނާ ހުއްޓުނީ ވެސް ފުލުހުންގެ އިދާރާއާ ވީހާވެސް ދުރަކަށް ނަވީލް ގެންގޮސްފައެވެ. އަކްޝަމް ކޮންމެވެސް ވާހަކައެއް ބުނަން އުޅުނެވެ. އެކަމަކު އެ ވާހަކައެއް ބުނަސް ފަސްޖެހުނުހެން ނަވީލަށް ހީވިއެވެ.

"ކިހިނެއްވީ؟" ނަވީލް އެހިއެވެ. "ރީޝްއަށް ވީ ކަންތައް އަކްޝަމަށް ކުރިން ވެސް އެނގެނީތަ؟"

އަކްޝަމް އުޅެންފެށި ގޮތަކުން ނަވީލަށް ޝައްކުވީ އެހެނެވެ.

"ތި ވާހަކަ އިހަށް ބާއްވާ. މަ އެބައޮތް އެހެން ވާހަކައެއް ބުނަންވެފަ." އަކްޝަމް ހާސްވެފައި ހުރެ ބުންޏެވެ. "ރީޝާ ބަނޑުބޮޑުވި ޚަބަރު ނަވީއަށް ލިބުނުތަ؟"

ނަވީލަށް ލިބުނީ ކުއްލި ޝޮކެކެވެ. އެޔާއެކު އެ ޚަބަރު ނަވީލަށް އަދިވެސް ލިބިފައިނުވާކަން އަކްޝަމަށް ވިސްނުނެވެ.

ރީޝާއަށް ވިސްނައިދިނުމަށް ފިރާޝާ މަސައްކަތްކޮށްކޮށް ވަރުބަލިވެއްޖެއެވެ. ރީޝާ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. ފާޚާނާއިން ނުކުންނާކަށް އެއްބަހެއް ނުވިއެވެ.

"ދަރިފުޅާ ތި ގޮތަށް އުޅެގެން އެއްވެސް ކަމެއް ހައްލެއް ނުވާނެއޭ." ފިރާޝާ އާދޭހާއެކު ބުންޏެވެ. "ބޭރަށް ނުކުމެ މަންމައާ ވާހަކަ ދައްކަބަލަ! މަންމަ މިހާރު ގޮތެއް ވެސް ވިސްނައިފިން."

"މަންމައަކަށް އެހީއެއް ނުވެވޭނޭ ބުނެފީމެއްނު." މިފަހަރު ވެސް ރީޝާ ދިނީ ހަމަ އެ ޖަވާބެވެ. "މަންމައަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. މިކަން ނުވާކަމަކަށް ނުހެދޭނެ. މިއީ މީހަކު މަށަށް ދިން ބޮނޑިއެކޭ ބުންޏަސް އެކަކު ވެސް އެކަން ޤަބޫލެއް ވެސް ނުކުރާނެ. ހަމަބުނާނީ މަގޭ ވިޔާނުދާކަމުންނޭ."

"އެ އަޑުތައް ނީވޭ ހިސާބަކަށް ދާން ހިނގާ." ފިރާޝާ ބުންޏެވެ. "ހިނގާ މިރަށުން ފުރައިގެން ދާން. ރީޝާ ޤަބޫލިއްޔާ ތި ކުއްޖާގެ ކިބައިން ސަލާމަތްވެސް ވެވިދާނެ."

ފިރާޝާގެ ހިތް އެކަމާ އެއްބަސް ނުވި ނަމަވެސް ރީޝާއަށް ހަމަޖެހުމެއް ލިބޭނެކަމުގެ އުންމީދާއެކު އެކަން ވެސް ފިރާޝާ ހިއްސާކޮށްލިއެވެ.

"ތީ ކާކު ދެއްކި ވާހަކައެއް." ހިނދުކޮޅެއްގެ ހިމޭންކަމަށް ފަހު ރީޝާ ސުވާލުކުރިއެވެ. ފިރާޝާ ޖަވާބެއް ނުދިނެވެ.

"ތީ މަންމަގެ ވިސްނުމެއްނޫން." ރީޝާ އިތުރަށް ބުންޏެވެ.

"ބުނި މީހެއްނޫން މުހިންމީ. ދަރިފުޅު ތި ލަދުން ސަލާމަތްވާން ބޭނުންވަންޏާ އެއީވެސް ގޮތެއް." ފިރާޝާ ޖަވާބު ދިނެވެ.

ކުއްލިއަކަށް ރީޝާ ދޮރު ހުޅުވައިލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން އެ ދެލޯ ވަނީ ރަތްވެފައެވެ. ބޯ ވަނީ ހޭވިފައެވެ. މުޅި މޫނުމަތި ވަނީ މިލާމޯޅިވެފައެވެ. ހިތާމަވެރި ތަސްވީރެއް ފަދައެވެ.

"ތީ އެ ޝިހާމް ދައްކައިގެން އުޅޭ ވާހަކައެއް ދޯ؟" ރީޝާ ހަރުކަށި ރާގަކަށް އެހިއެވެ. ފިރާޝާ ދެއަތަށް ބޯ ހޫރުވަމުން ރީޝާއާ ގާތަށް ޖެހިލިއެވެ. ރީޝާގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަ ފުހެދޭން އަވަސްވެގަތެވެ. އެ ދަރިފުޅަށް ޖެހިފައިވާ ހާލު ދުށުމަށް ފިރާޝާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ.

"ޝިހާމްބެ ހުރީ އެހީވާން ތައްޔާ..." ފިރާޝާއަށް ބުނެވުނީ އެ ވަރަށެވެ.

"މަގޭ ގައިގަ އަތް ނުލާތި." ފިރާޝާގެ އަތް ފޮޅުވައިލަމުން ރީޝާ ހަޅޭލަވައިގަތެވެ. "ތީ ތަނެއްގައި ހުރި ބޮޑު މޮޔައެއްތަ؟ އޭނ! އެ މަކަރުވެރިޔާގެ ވިސްނުން ނުވިސްނެން މަންމަތީ ގަމާރެއްތަ؟"

"ދަރިފުޅާ ކިހިނެއްވީތަ؟" ފިރާޝާއަކަށް ނުވިސްނުނެވެ.

"މަގޭ ބަނޑުގައި މި އޮތީ އެ ޖަނަވާރުގެ ދަރިއެކޭ. މަންމައަށް ހަމަ އެކައްޗެއް ވެސް ނުވިސްނެނީތަ؟ މަށަށް މި އަނިޔާ ދިނީ މަންމަގެ ފިރިމީހާއާ އެ ޝިހާމު. މަގޭ އުމުރުން 11 އަހަރުގައި އިންޑިއާއަށް ގެންގޮސް އެ ޖަނަވާރާ ކާވެނި ކުރުވީ މިގޭގައި މިއުޅޭ ބޮޑު މާރިދު. އޭގެފަހުން މި ވޭތުވެދިޔަ 05 އަހަރު މަ ރޮލަށް ހަފަމުން ދިޔައީ މަންމަ މާ ރަނގަޅުކަމަށް ތި ހީކުރާ ހެޔޮއެދިގެންކަމަށް ހެދިގެންއުޅޭ ޝިހާމް. ސާފުވެއްޖެތަ؟" ރީޝާ ބާރުބާރަށް ހުރިހާ ވާހަކައެއް ގޮވައި ނިންމައިލީ އެއް ނޭވާއިންނެވެ.

އިވުނު ޙަޤީޤަތެއްގެ ސަބަބުން ފިރާޝާ ގަނޑުވެއްޖެއެވެ. ސިކުންތުކޮޅަކަށް ހިތް ވެސް ހުއްޓުނު ކަހަލައެވެ. ރީޝާގެ އުމުރުން 11 އަހަރުގައި އިންޑިޔާއަށް ދިޔަކަން އެއީ ފިރާޝާއަށް ވެސް އެނގޭ ޙަޤީޤަތެކެވެ. އެއީ ރީޝާ ބަނޑުގައި ރިއްސާތީ އެކަމަށް ފަރުވާ ހޯދުމަށް ކުރި ދަތުރެކެވެ. އެ ދަތުރުގައި އެވަރުގެ ބޮޑު ޖަރީމާއެއް ހިންގިކަމަށް ޤަބޫލުކުރަން ފިރާޝާއަށް އުނދަގުލެވެ. އަދި ޝިހާމްފަދަ މާތް އަޅުވެރިޔަކު އެފަދަ ކަމެއް ކޮށްފާނެކަމަށް ވެސް ފިރާޝާގެ ހިތެއް ނުބުނެއެވެ. އެހެނަސް އޭނާ ރީޝާއަށް ވެސް އިތުބާރުކުރެއެވެ.

"ދަރިފުޅު ކީކޭ ތި ކިޔަނީ؟" ފިރާޝާ އިތުރަށް ޔަޤީންކުރުމުގެ ގޮތުން އެހިއެވެ. އޭރު އެ ދެލޮލުގައި ކަރުނަތައް ވިދަން ފަށައިފިއެވެ.

"މަންމައަކަށް ނުކުރެވޭނެ ޤަބޫލެއް." ރީޝާގެ ރުޅި އިތުރަށް ވީ ގަދައެވެ. "ނުކުމޭ މިކޮޓަރިން. މަންމައާ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. މަންމަ ހުރޭ އެ މިނިކާވަގަށް އިތުބާރުކޮށްގެން."

ފިރާޝާގެ އަތުގައި ހިފައި ދަމަމުން ގެންގޮސް ކޮޓަރިން ނެރުނެވެ. ފިރާޝާއަށް ބަހެއް ބުނާނެ ފުރުޞަތު ވެސް ނުދީ އަތުކޮޅަށް ދޮރުޖަހައި ތަޅުވެސް ލައިފިއެވެ. ފިރާޝާ ދޮރުގައި ތެޅިއެވެ. ދޮރުހުޅުވުމަށް އާދޭސްކުރިއެވެ. އެހެނަސް އެ އަޑުތަކަށް ރީޝާ ދިނީ ބީރު ކަންފަތެކެވެ.

ރީޝާ މޫނުގައި ދެއަތް އަޅަމުން ދޮރު ބުޑަށް ތިރިވިއެވެ. ބާރުބާރަށް ގިސްލަމުން ރޯން ފެށިއެވެ. ޙަޤީޤަތުގައި ވެސް ރީޝާ ވަރަށް ބޮޑަށް ބަލިކަށިވެއްޖެއެވެ. ކުއްލިއަކަށް އޭނާ ބަނޑުބޮޑުކަން އެނގި، ޝިހާމާއި ދެކޮޅަށް އެއްކުރި ހެކިތައް އަތުން ބީވެގެންދިޔުމުން އޭނާ ވަނީ ގޮތްހުސްވެފައެވެ. އެއްކޮޅުން އެފަދަ ނުލަފާ މީހެއްގެ ދަރިއެއް އުފަންކުރާކަށް ވެސް ރީޝާ ބޭނުމެއްނޫނެވެ. އެކަމަކު އެ ނޫން ގޮތެއް ވެސް ނެތެވެ. ޝިހާމްގެ ފައިބުޑަށް ވެއްޓިގެން އެ ކުއްޖާގެ ކިބައިން ނަޖާވާކަށް ރީޝާ ބޭނުމެއް ނޫނެވެ. ޝިހާމް ބޭނުންވެގެން އެ އުޅޭ ގޮތަކީ ވެސް އެއީހެން ރީޝާއަށް ހީވެއެވެ. ޝިހާމަށް ކާމިޔާބު ލިބިގެންދާތަން ދުށުމަށް ހުރުން ވެސް ރީޝާގެ ޟަމީރު ދެކޮޅު ހަދައެވެ. ދެން އޭނާ ހަދާނީ ކިހިނަކުން ހެއްޔެވެ؟

"މަންމާ މިތަނުން ދާށޭ." ހުއްޓައިނުލާ ޓަކިދޭން ފެށުމުން ރީޝާ ބުނެލިއެވެ.

"މީ ނަވީ. ރީޝް ދޮރުހުޅުވާ." ރީޝާއަށް އެ އިވުނީ ނަވީލްގެ އަޑެވެ. އެޔާއެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ދޮރުހުޅުވަން ތަޅުގައި ހިފައިލުމަށްފަހު އަނެއް އަތުން ބަނޑުގައި އަތް ޖައްސައިލިއެވެ. ދޮރު ހުޅުވާނެ ހިތްވަރެއް ރީޝާއަކަށް ނުލިބުނެވެ. ކިތަންމެ ލޯބިވިޔަސް އެއީ ކުލަޖެހުމެއް ނުވާ ހުވަފެނެކޭ ރީޝާގެ ހިތް ބުނަން ފަށައިފިއެވެ. ބަނޑުގައި އުފެދެމުން އެ އަންނަ ދަރިފުޅު ޚުދު ރީޝާއަށް ބަލައިނުގަނެވޭ އިރު ނަވީލަށް އެކަން ބަލައިގަތުން ވާނީ ނުހަނު އުނދަގޫކަމަކަށެވެ.

"މަންމައެއް ނެތޭ. ރީޝްއާ ވާހަކަ ދައްކާލަން ބޭނުން ދޮރު ހުޅުވާ." އަނެއްކާ ވެސް ނަވީލް އެދުނެވެ.

ރީޝާ މަޑުމަޑުން ދޮރު ހުޅުވައިލުމާއެކު ދެލޮލަށް ބާރުވެލައިފައި ކަރުނަ ހިލެން ފަށައިފިއެވެ. މަންޒަރު ފުސްވާން ފަށައިފިއެވެ. ނަވީލްގެ ލޮބުވެތި ސޫރަ ވެސް އޭނައަށް ފެނުނީ އަވާމެންދުރެއް ފަދައިންނެވެ. ނަވީލް ވެސް ހުއްޓުން އަރާފައި ހުރެވުނީ ރީޝާގެ ގިލަންވެރިކަމުން ފުރިފައިވި މޫނަށް ބަލާށެވެ. ދެމީހުން ދެމީހުންގެ ލޮލަށް ބަލަހައްޓައިގެން ހުރި އިރު އެ ދެހިތަށް ވޭނާ ތުރާ ލިބެމުންދިޔައެވެ. ރީޝާގެ ދެލޮލަށް ބޮނޑިވަމުން އައި ކަރުނަތައް ބަންޑުންވުމާއެކު އޭނާ އިސްޖަހައިލިއެވެ. އެޔާއެކު ނަވީލްގެ އަތުގައި އޮތް ލެޕްޓޮޕް ރީޝާއަށް ފެނުނެވެ. ދެން އަނެއް އަތުގައި އޮތް ސިޓީއުރައާއި ފޯނެވެ. ރީޝާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އެ ތަކެތި ނަވީލަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ސިއްރުވެރި މާޒީ ނަވީލަށް އެނގުނީ ހެއްޔެވެ؟ ރީޝާ އިސްއުފުލައިލިއިރު އެ މޫނުގައި ހިސާބަކަށް ޚައިރާންކަމުގެ ކުލަވަރުވިއެވެ.

"މި އޮތީ ތި ގެއްލިގެން ކަންބޮޑުވެގެން އުޅޭ ހެކިތައް." ނަވީލް މަޑުމަޑުން ބުނެލިއެވެ. "މިއަދު ރީޝްއާ ޝިހާމް ހޮސްޕިޓަލުގައި ދެއްކި ވާހަކަތައް އަޑުއިވުނު. ކުރިންވެސް ރީޝްއަށް އެފަދަ އަނިޔާތަކެއް ލިބެމުން އަންނަކަން ޝައްކުވެފައި އޮތުމާއެކު ޝިހާމްގެ ވާހަކަތައް އިވުމުން އަހަންނަށް ޝިހާމާމެދު ޝައްކުވި. އެހެންވެ މި ތަކެތި ހޯދަންޖެހުނީ. މި އެއްޗެހި ފެނުމުން އެކަން ޔަޤީން ވެސް ވެއްޖެ."

ރީޝާގެ ދެލޮލުން އުންމީދުގެ އަލިކަން ވިދައިގަތީ ކުއްލިއަކަށެވެ. ޤަބޫލުކުރަން ދަތިވެފައި ބަލަހައްޓައިގެން ހުރެވުނެވެ. ދެވަނަ ސިކުންތުގައި ނަވީލަށް ހުރިހާ ޙަޤީޤަތެއް އެނގުނީކަން ވިސްނުމާއެކު ރީޝާ ކަރު އެލުވައިލީ އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލުގައެވެ.

"ރީޝްގެ މާޒީގެ ހުރިހާ ވާހަކައެއް ވަރަށް ތަފްސީލުކޮށް އެނގިއްޖެ." ނަވީލް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

"މާފުކުރޭ. އެ ވާހަކަތައް ކިޔާދޭނެ ހިތްވަރު ނުލިބުނީ." ރީޝާ އަސަރާއެކު ބުނެލިއެވެ.

"ރީޝް މާފަށް އެދޭކަށް ނުޖެހޭނެ." ނަވީލް ވަގުތުން ރައްދުދިނެވެ.

"ހުރިހާ ކަމެއް އެނގިހުރެ ވެސް ނަވީ އަހަރެން ބޭނުންތަ؟" ރީޝާގެ ސިކުނޑި ނުތަނަވަސްކުރަމުން ދިޔަ ސުވާލު ދުލުކުރިޔާ ހަމައަށް ގެނައެވެ. "އަހަރެން މި އިން ހާލަތާއެކު ނަވީ ބަލައިގަންނާނަންތަ؟"

"އަހަރެން ރީޝްދެކެވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދޭ." ރީޝާގެ އަތުގައި ނަވީލް ހިފައިލިއެވެ. "އޭގެ ބަދަލުގައި އަހަރެންގެ ހިތުގައި އޮތް ލޯބި އިތުރަށް ފުންވެގެން ދިޔައީ. ތިހާ ހިތްވަރުގަދަ ކެރޭ ކުއްޖަކާއެކު ޒަވާޖީ ހަޔާތެއް ފަށަން ކޮންމެ މީހަކު ވެސް ބޭނުންވާނެ. އަހަރެން ރީޝްގެ އަތުން ދުވަހަކު ވެސް ދުލެއް ނުކުރާނަން. ޝިހާމަށާއި ނިހާދަށް ލިބެންޖެހޭ ޙައްޤު އަދަބު ދިނުމުގައި ވެސް އެހީތެރިވާނަން. އެކަން ކޮށްފައިނޫނީ ހަމަނޭވާ ވެސް ނުލާނަން."

ޝިހާމަށް އަދަބު ދެވުނަސް ދުވަހަކު ވެސް އެ ހަނދާންތައް ރީޝާގެ ސިކުނޑިން ފޮހެވިގެން ހިނގައިދާނެ ހެއްޔެވެ؟ އެ ބިރުވެރި މާޒީގެ ހަނދާންތައް އައުކޮށްދޭނެ ބައިވެރިޔަކު ދުނިޔެއަށް އުފަންވުމުގެ މަގުމަތީގައި އޮތްކަން ރީޝާގެ ހަނދާނަށް އައުމާއެކު އަނެއްކާ ވެސް ބަލިކަށިވާން ފަށައިފިއެވެ. ދުވަހަކު ވެސް ރީޝާއަކަށް އެ ދަރިފުޅުދެކެ ލޯތްބެއް ނުވެވޭނެއެވެ. ވީއިރު ނަވީލަށް އެކަން ބަލައިގަނެވޭނީ ކިހިނަކުން ހެއްޔެވެ؟

"އަހަރެން ބޭނުމެއްނޫން މި ކުއްޖާ އުފަންކުރާކަށް." ރީޝާއަށް ގިސްލެވެން ފެށުނެވެ. "މި ދަރިފުޅު ފެންނަ ކޮންމެފަހަރަކު އެ އަނިޔާތައް ހަނދާންކުރާކަށް ބޭނުމެއްނޫން."

"ރީޝް ހަމަޖެހިބަލަ." ނަވީލް ރީޝާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"ހަމައެއް ނުޖެހެވޭނެ. މި ބަނޑުގައި އެ ނުލަފާ ފިރިހެނާގެ ލޭ އުފެދެމުން އަންނައިރު ވެސް ނަވީ ކުޑަކޮށް ވެސް ރުޅިއެއް ނާދޭތަ؟" ރީޝާ މަޑުމަޑުން ނަވީލްގެ ދެފައި ބުޑަށް ތިރިވިއެވެ.

"ރީޝާ ބަނޑުބޮޑެއްނޫނޭ." ނަވީލް ބުނެލި ވާހަކައިގެ ސަބަބުން ރީޝާގެ ރުއިން މެދުކެނޑުނީ ކުއްލިއަކަށެވެ. އޭނާ އިސްއުފުލައިލަމުން ކަރުނައިން ފުރިގެންވާ ދެލޮލުން ނަވީލަށް ބަލައިލީ ދެތުންފަތް ފިއްތައި ބާރުކުރަމުންނެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައިޝާ

    އަޅެ ދެން އިންނަ ބައި ވަރަށް އަވަހަށް އަޕްކޮއްލަދެއްޗެ ޕްލީސް

    22
  2. އފ

    އަޅޭ.. ހާދަ ރީތި ހިސާބަކަށް ތި ނިންމީ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ..ވ ވ ރީތި..

    20
  3. ރީން

    އޭ!! ޢެއި ޝިހާމް ލާރި ދީގެން ކުރި ކަމެއްތަ؟ ފޭކް ރިޕޯޓެއްތަ؟؟ ޕްލީޒް ރީޝް ޕްރެގް ނުކުރައްޗޭ!!! ވ ވ ރީތި. ކެއްވަނީކީ ނޫން. އަވަހަށް އަޕްކޮއްބަ ޕްލީޒް. 3 ދުވަސް މާލަހޭ!!

    23
  4. ލޫކް

    ޥަރަށް ފުރިހަަމަ ރީތި ވާހަކައެއް. ކިޔާހިތުން ހުއްޓަ ނިމުނީ. ޙުނަރުވެރި ލިޔުންތެރިއެއްކަން ފާހަގަކުރެވޭ.

    14
  5. ރީތި

    ހާދަ ރީއްޗޭ މި ބައިވެސް..... ވަރަށް ފުރިހަމަ.... ދެން އޮތް ބައިވެސް އަވަހަށް ގެނެސްދެއްޗެ

  6. ......

    ޢަވަހަށް ގެނެސްދީބަލަ