ކުރީގެ ރީތީގެ ރާނީ އިބިޑުންނީ އިގްހޮޑާލޯ މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވަނީ ޖޫން 14 ވަނަ ދުވަހުއެވެ.

މަޝްހޫރު ޕޭސްޓަރ އިޓުއާހް އިގްހޮޑާލޯގެ އަނބިމީހާ އިބިޑުންނީ މަރުވިއިރު، އޭނާގެ އުމުރަކީ 39 އަހަރެވެ. އޭނާ އަކީ ވިޔަފާރި ވެރިއެކެވެ. އަދި އޭނާއަކީ މަދަނީ ހަރަކާތްތްތަކުގައިވެސް މަސައްކަތުގައި އުޅެމުންދާ ފިލަންތްރޮޕިސްޓެކެވެ.

އޭނާ މަރުވީ ކާޑިއެކް އެރެސްޓެއް ޖެހިގެންނެވެ.

ނައިޖީރިއާގެ ނޭޝަނަލް އިންސްޓިޓިއުޓުގައި މާކެޓީންގ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އިބިޑުންނީ އަކީ މައިކްރޯބަޔޮލޮޖީ ދާއިރާއިން ޑިގްރި ހާސިލްކޮށްފައިވާ މީހެކެވެ. އަދި އުމުރުން 18 އަހަރުގައި މިސް ލަކްސް ބިއުޓީ ޕީގަންޓްގެ ތާޖު އޭނާ ވަނީ ހޮވާފައެވެ.

އޭނާއަކީ ރީތީގެ ރާނީއެއްގެ އިތުރުން، އަމިއްލަ ފައުންޑޭޝަނެއް ހިންގައިގެން ދަރިން ނުލިބޭ މީހުންނަށް ކައުންސިލިންގ ދީ، އެ މީހުންނަށް ސަޕޯޓް ދިނުމުގައި ހަރަކާތްތެރިވަމުންދިޔަ މީހެކެވެ. އަދި އެ މީހުންނަށް ފައިސާގެ ގޮތުންވެސް އެހީދެމުންދިޔަ އެކަކީވެސް އެއީއެވެ.

އޭނާއަށް 40 އަހަރު ވާނީ ޖުލައި މަސް ތެރޭގައެވެ. އޭނާ މަރުވީ ކާޑިއެކް އެރެސްޓްގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ ދިޔައީ ގައުމުގެ އެކު ސަރަހައްްދުތަކަށް ދަތުރުކޮށް އައިސޮލޭޝަން ސެންޓަރުތައް ގާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭނާގެ ޖަނާޒާ އިއްޔެ ވަނީ ބާއްވާފައެވެ. ކޮވިޑް-19 އާ ހެދި އޭނާގެ ޖަނާޒާގައި މާ ބައިވަރު މީހުން ބައިވެރިވެފައެއް ނުވެއެވެ.