އިންޑިއާގައި ގޭގައި ކަރަންޓީންކޮށްފައި ހުރި މީހަކު، އުސޫލުތަކާއި ހިލާފަށް ޕާޓީއެއް ބޭއްވުމުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އެގައުމުގެ ސިޓީއެއް ކަމަށްވާ ގުރުގްރާމް އިން އައި ބަޔަކު އޮޑިޝާގައި ތިބެ، އެމީހުންގެ ދަރިފުޅުގެ އުފަން ދުވަަސް ފާހަގަކުރުމަށް ބޭއްވި ޕާޓީއެއްގެ ތެރެއިން ކަމަށެވެ.

އެއާއިލާ ގުރުގްރާމް އިން އައި ގޮތަށް 14 ދުވަހުގެ ހޯމް ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ. މި މުއްދަތުގައި އެއްވެސް މީހަކާއި ބައްދަލު ކޮށް، ގެއިން ބޭރަށް ނުކުތުން އޮތީ މަނާކޮށްފައެވެ. އެހެން ނަމަވެސް އެމީހުން ވަނީ ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީ ބާއްވާފައެވެ.

ކަރަންޓީނުގައި ހުރި މި އަންހެން މީހާ ފައްސިވެފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އަދި އޭނާ އެ މުއްދަތުގައި ޕާޓީއެއް ބޭއްވި ކަން އެނގުމުން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާ އެ ގައުމުގެ މީހުން ތިބީ ހައިރާން ވެފައެވެ. އެހެން ކަމުން މިހާރު ވަނީ ޕާޓީއަށް ދިޔަ މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. މިހާތަނަށް 17 މީހަކު ފައްސިވެފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އެ ކުއްޖާގެ ބައްޕައާއި މަންމަގެ މައްޗަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ކަރަންޓީނުގައި ހުރެ ޕާޓީ ބޭއްވި މައްސަލައެއް ފައިލް ކޮށްފައެވެ. އެހެން ކަމުން ފުލުހުން މިހާރު އަންނަނީ މައްސަލަ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު