އުފެދުމުގައި އަހަރެންނަށް ރީތި ސިފައަކާއި ބައްޓަމެއް ލިބިފައި އޮތުމަކީ އަހަރެން ކުރާނެ ކަމެއް ހެއްޔެވެ؟ ތޫނު ކަޅިރަވައަކާއި ދިގު އެސްފިޔަތަކަކާއި ފިރިހެނުންގެ ހިތް ދަމައިގަންނަ ފަދަ ދޮންކަމެއް ލިބިފައި ހުރުމަކީ އަހަރެންގެ ކުށެއް ހެއްޔެވެ؟ އަހަރެންގެ "ފަހަތުން ނުނެއްޓި" ފިރިހެނުން މުގޯލި އެޅުމަކީ އަހަރެން ކުރާނެ ކަމެއް ހެއްޔެވެ؟ ލޯބީގެ ޅެން ބައިތުތައް ލިޔެ ލޯބީގެ ސިޓީ ފޮނުވާ ފިނިފެންމާ ވެދުންކޮށް ލޯބި ހުށަހަޅަނީ އަހަރެން ކޮން ޖާދޫއެއް ދައްކައިގެން ހެއްޔެވެ؟ އަމިއްލަ އެދުމުން ފުރިގެންވާ ހާލުގައި އެމީހުން އަހަންނަށް އަގުބޮޑެތި ހަދިޔާ ފޮނުވުމީ އަހަރެން ކުއްވެރިވާންވީ ސަބަބެއް ހެއްޔެވެ؟

ނޫނެކެވެ. މއިން އެއް ކަމަކީ ވެސް އަހަރެން ގަސްތުގައި ކުރާ ކަންކަމެއް ނޫނެވެ. ޤުދުރަތުން ދެއްވި ރީތިކަމަށް ޝުކުރު ނުކުރާ ވާހަކައެއް ނުބުނަމެވެ. އެކަމަކު މި ރީތިކަން ދެއްވީތީ ވެސް މިހާރު ދެރަވެއެވެ. މިހާ ރީތިކަމެއް ނުދެއްވި ނަމަ ގައިމު މިއަދު މި ދިރިއުޅުން އުޅެން ނުޖެހުނީހެވެ.

ކުޑައިރު ބައްޕަ މަރުވެފައިވާތީ އުޅެމުންދިޔައީ މަންމައާއި ދޮންބައްޕައެއްގެ ނިވަލުގައެވެ. އެމީހުންގެ ވެސް އަތްމަތި މާ ތަނަވަސް ނުވުމުން އަބަދުވެސް އަހަރެންގެ ފަރާތުން ފައިސާގެ މަންފާއެއް ހޯދޭނެ ގޮތެއް ބަލައެވެ. ސްކޫލް ދުވަސްވަރުވެސް ސްކޫލަށް ދަމުން އަހަރެން ފިހާރައެއްގައިވެސް މަސައްކަތް ކުރީމެވެ. އަތްމަތި ތަނަވަސް ނުވުމުން އަހަންނަށް އެކަން އޮންނަނީ މަޖުބޫރުވެސް ކޮށްފައެވ. ވަކިން އަމުދުން ދޮންބައްޕަ އަހަރެންނަށް އަޅާލާ އަޅާލުމަކީވެސް، އަހަންނަށް ފައިސާ ލިބޭތީ އޮންނަ ކަމެކެވެ.

އުމުރުން އަށާރަ އަހަރުވުމުގެ ކުރީގައި އަހަރެންނަށް އެތަކެއް ޒުވާން ޅަދޮޅު ފިރިހެން ކުދިންގެ ފަރާތުން ލޯބީގެ ހުށަހެޅުންތައް ލިބިގެން ދިޔައެވެ. ނަމަވެސް އަހަރެންނަކީ ތަނަވަސް މީހަކަށް ނުވެފައި "ލޯބީގެ ކުޅިސަމާ" ގައި ދީވާނާ ވެފައި ހުއްޓާ، ދޮންބައްޕަގެ ފަރާތުން ކުރިމަތިވެދާނެ ހަމަލާއަކަށް ވިސްނައި އެ ހުށަހެޅުންތަކަށް އިޖާބަ ނުދެވުނީއެވެ. އެއްގޮތަކަށްވެސް އޭގެން ކުއްޖަކަށް ހިތްނޭދޭތީކީ ނޫނެވެ. ތެދަށް ބުނަންޏާ އަހަރެންގެ "ފުރަތަމަ ލޯބި" ވެސް ހިމެނެނީ ލިބުނު ހުށަހެޅުންތަކުގެ ތެރޭގައެވެ.

އެއްވެސް މީހަކާ ރައްޓެހި ނުވެ، "ޗާބީ" ދީފައި ހުންނަ ބުދެއްހެން އުޅެމުން ދިޔައިރުވެސް އަބަދުވެސް އަހަރެން އޮންނަނީ ގޯސްވެފައެވެ. ލޯބީގެ ސިޓީތައް މާ ގިނައިން ގެއަށް އަންނަން ފެށުމުންނެވެ. ރަތް ފިނިފެންމާ ބޮނޑި އާދަޔާ ޚިލާފަށް ގިނަވާން ފެށުމުންނެވެ. ގޭ ކަންމަތީ "ޓެންޓް" ޖަހައިގެން އަހަރެންނާ ވާހަކަ ދައްކާލެވޭނެ ފުރުސަތަކަށް ބަލަބަލާ މާ ގިނަ ފިރިހެން ކުދިން ތިބޭތީއެވެ. އެކަމަކު ނިކަން ބުނެބަލާށެވެ! އެއީ އަހަރެންގެ ކުށެއް ހެއްޔެވެ؟ އެމީހުން ކުރަން ހުރިއްޔާ ހުރި މަސައްކަތެއް ދޫކޮށް އައިސް އެ ތިބެނީ އަހަރެން ބުނެގެން ހެއްޔެވެ؟ އެ ފޮނުވާ އަގުބޮޑެތި ހަދިޔާތަކަކީ އަހަރެން ބުނެގެން ފޮނުވާ އެއްޗެހި ހެއްޔެވެ؟ ވީއިރު އަހަރެން ވަކި ކުރާނީ ކީއް ހެއްޔެވެ؟ އަހަރެންވެސް ހުރީ ކިތަންމެ ބޭނުންވިޔަސް އޭގެން މީހަކަށް އިޖާބަ ނުދީ މަޑުން ވިއްޔާއެވެ. އެވެސް ހިތާ ދެކޮޅަށެވެ.

އަހަރެންގެ ކަންތައްތައް މާ މައްޗަށް ދަނީ ކަމަށް ބުނެ ދެން އިވުނީ އަހަރެން މީހަކާ ދެވަން އުޅޭ ޚަބަރެވެ. ނުވެސް ދަންނަ ނުވެސް އެނގޭ މީހަކާ އިނދެގެން އުޅޭނީ ކިހިނެއްކަމެއް އަހަންނަކަށް ނުވިސްނެއެވެ. ދުވަހަކު ލޮލަށް ފެނިފައި ނުވާ، ލޯބީގެ ވިންދެއްވެސް ނެތް މީހަކާއިއެކު ކައިވެނީގެ ގުޅުމުން ގުޅި ޒަވާޖީ ހަޔާތެއް ފަށައިގެން އުފަލުގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟

މިކަމުގައިވެސް ފައި ވިއްދާފައި ހުރީ އެ ދޮންބައްޕައެވެ. އޭނާ ކިތަންމެ އަހަރެންނަށް ހެވަސް މިއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ދޮންބައްޕައާއި މަންމައާއި ވެގެން އަހަރެން ބޭނުން ކޮށްގެން ކޮށްލީ ކުޑަވަރެއްގެ ވިޔަފާރިއެކެވެ. އަހަރެންގެ ކިބައިން، އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އިޚްތިޔާރު ކުރުމުގެ ހައްޤު ނިގުޅައިގަތީ ދުނިޔަވީ އުފަލަށްޓަކައެވެ.

މާލޭގެ މަހުޖަނު އުމުރުން ދޮށީ ފިރިހެނަކަށް، އަގެއް ކިޔާފައި އަހަރެން "ވިއްކާލީ"އެވެ. އޭނާގެ ލާރިގަނޑުން "ފެންވަރާލަން" އަހަރެންނާއި އޭނާ ދެވީ ދޮންބައްޕައަށާއި މަންމައަށް އޭނާގެ ގެދޮރުން ބައެއް ދިނުމަށްވެސް ޝަރުތު ކޮށްފައެވެ.

ފުރާފުރިހަމަ ވެފައި ހުރި ޒުވާން އަންހެން ކުއްޖަކު އޭނާއަށް ވުރެ އުމުރުން ދިހަ ވަރަކަށް އަހަރު ދޮށީ ފިރިހެނަކާއިއެކު އުޅޭނެ ގޮތް އަހަންނަށް އަންދާޒާ ނުކުރެވެއެވެ. މިއަދު އަހަރެންގެ ދިރިއުޅުން އެކީގައި ބަދަލުވެއްޖެއެވެ. އަމިއްލަ އިޚްތިޔާރުގައި އެއްވެސް ކަމެއް ނޯވެއެވެ. ކުޑަމިނުން ލައި އުޅެން ޖެހެނީވެސް ފިރިމީހާ އިޚްތިޔާރު ކުރާ ހެނދުމެވެ. ކެވޭނީވެސް އޭނާގެ ހުއްދަ ލިބިގެންނެވެ. ވަޒީފާއަށް ދިޔުން މަނަލައެވެ. ރޭދުވާ ތަކުރާރުވެ ދަނީ އިރުގެ ދޯދި ނުފެންނަ ހާލުގައި ޖަލެއްފަދަ ގޭތެރޭގައެވެ.

ހަތަރު ފާރުން އެތެރޭގައި ހައްޔަރު ވެފައިވާ ނިކަމެއްޗެއް ފަދައިން އަހަރެން ދިރިއުޅެމުންދާއިރު، ލޯބި ކީއްކުރަން ހެއްޔެވެ. ފިރިމީހާގެ އަޅާލުމެއް އޯގާތެރިކަމެއް އެންމެ ފަހުން ލިބުނު އިރެއް އަހަރެންގެ ހަނދާނަކަށް ނުވެސް އާދެއެވެ. ނަސީބަކުން އަނިޔާ ނުކުރެއެވެ. އެހެނަސް އަހަރެން އުޅެމުން މިދަނީ ނަފްސާނީ އަނިޔާވެރިކަމެއްގެ ތެރޭގައެވެ. އުފަލެއް ހިތްހަމަޖެހުމެއް ނެތި، ނުވިތާކު އަމިއްލަ މިނިވަން ކަމެއްވެސް ނެތި "ދިރިތެޅެން" ޖެހުން މިއީ ދިރިއުޅުމަކަށް ވޭ ހެއްޔެވެ؟ އޭނާ ބޭނުން އިރަކު ބޭނުން ތަނަކަށް ބޭނުން މީހެއްގެ ކައިރިއަށް ދާއިރުވެސް އަހަރެން މި ހުންނަންޖެހެނީ އޭނާގެ ޚާދިމެއްގެ ގޮތުގައި އޭނާގެ ޚިދުމަތުގައެވެ. ހަމައެކަނި އެދުންވެރިކަން ފުއްދާލެވުމުން އޭނާއަށް ނިމުނީއެވެ.

އަހަރެން ވަކި މިކަހަލަ ވޭނުން ފުރިގެންވާ ހިތްދަތި ދިއުޅުމެއް ބޭނުންވާނެ ހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށްވެސް މި އަޅުވެތި ދިރިއުޅުމެއް ބޭނުމެއް ނޫނެވެ. މިއަށްވުރެ ފަން ޖިފުނޑި ގަނޑެއްގައި އެކަނި އުޅެން ވެސް މާ ހިތްހަމަޖެހޭނެއެވެ. އެކަމަކު... އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޓރ

    ކުންނު ކޮބާ؟؟

  2. މުހައްމަދު

    ތިދައްކަނީ ފިހެނެއްގެ ނުބައިކަމުގެ ވާހަކައެވެ. ތިޔަށްވުރެމާނުލަފާ ރަހުމްކުޑަ ރައްފުށުމީހުންނާއި އިދެގެން އުޅޭ އަންހެނުންގެ ފާރާތުން ފިރިހެނުންނަށް ލިބެމުންއަންނަ އަނިޔާގެ ހަގީގަތް އެގިއްޖެއްޔާ ފިރިހެނުންގެ ކެއްގަދަކަމަށް ހަމްދަރުދީވާނެކަން ޔަގީނެވެ.

  3. ހުސެއިން

    އަބަދުވެސް އަނހެނުންނައް ކުރާ އަނިޔާގެ ވާހަކަ..ކޮބާތަ އަނހެނުންގެ ފަރާތުން ފިރިހެނުންނައް ލިބޭއަނިޔާ .މިހާރު ދެހެމަސް މިި ވީ އަހަރެނގެ ގައިގަ ކިއެއްކުރަން އެހެނތަނެއްގަ ވެސް ލޯބިން ފިރުމާނުލާތާ..

    • ބުލޫ

      ހައްހާ..ތިއައި ރުޅިމަޑު..ހުސެންގައިގަ ނުފިރުމިޔަސް ގައިމުވެސް ގެންގުޅޭ ސްމާރޓް ފޯނުގަ ފިރުމާނެ.

  4. މޫސަބޭ.

    އަންހެންކުއްޖާއަށްވުރެ ފިރިމީހާ ދިހަވަރަކަށް އަހަރު ދޮށީވުން އެއީ މައްސަލައެއްކަމަށް އެއްވެސް ގައުމެއްގައި ނުދެކެއެވެ. ބައެއް ބޭފުޅުން ވިދާޅުވެފައި ވާގޮތުން ދެމީހުންގެ އުމުރު އެއްވަރުވުމުން ޒަވާޖީ ހަޔާތުގެ ފަހުކޮޅު މައްސަލަ ގިނަވެ ކައިވެނީގެ އުފާވެރިކަން ގެއްލުމުގެ ފުރުސަތު ބޮޑެވެ. ޢުމުރުފުރައިގެ ގޮތުން ތިއަ ކައިވެނީގެ މައްސަލައެއް ނެތެވެ. މައްސަލައަކީ ހިތްނޭދޭ މީހަކާއެކު އުޅެއް މަޖުބޫރުވެފަ އޮތުމެވެ. ކޯޓަށް ގޮސް ތިއަކަމުން މިންޖުވާށެވެ. އަދިވެސް އުފާވެރި ދިރިއުޅުމެއް ލިބިދާނެއެވެ.

  5. ވިއްޓޭ

    ރަނގަޅު ވާހަކައެއް މުހައްމަދު ތިބުނީ. އަބަދުވެސް ފިރިހެނުން އަންހެނުންނަށް ގޯސްވާހަކަ. ާރާއްޖެ ތެރޭގައިވެސް އުޅޭ ވ ޖަނަވާރު އަންހެނުން. ފިރިން އެއީ އެއްވެސް ބަޔަކަށް ނުހަދާ ޖާހިލުން

  6. emy

    ހަމަ ނުޖެހެޭ!

  7. ކެޔޮޅު

    ހަލާލު ގޮތުގަ އެދުން ފުއްދާދޭނެ ފިރިޔަކީ ހާދަ އަގުބޮޑު ނިއުމަތެކޭ... ހޮޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން އެއީ އީމާންކަމުގެ 6 ރުކުން ތެރެއިން 1 ރުކުން... ބުނެލަން އޮތީ ލޮލަށް ފެނުނަސް އަނދިރި މީހުން އުޅެޔޭ... ތިބާ އެފަދައިން ނުވެ އާހިރަތަށްޓަކާ ތިލިބޭ ހުސް ވަގުތު ޢަނީމާކޮށް ފިރިމީހާގެ ލޯބި ދެއްވުމަށް ﷲ އަށް ދަންނަވާވޭ..

    • ހުސެން

      ވަރައް ރަނގަޅު ވާހަކަ އެއް.

  8. Anonymous

    އަންހެނާގެ މަކަރު ކޮބާ؟ މަކަރުން ފިރިހެނުން ފުލުއަޅުވާފަ ނުވާކަމަށް ހެދޭބައެއް އަންހެނުންތީ. ޑެންނޫނީ އާއިލާ ބައެއް ނޫނީ ކޮންމެވެސް އެހެން ބައެއްގެ ނުފޫޒުގަ ފިރިހެނަކު އެހެން އުޅޭނީ