"ރީޝާ ބަނޑުބޮޑެއްނޫނޭ." ނަވީލް ބުނެލި ވާހަކައިގެ ސަބަބުން ރީޝާގެ ރުއިން މެދުކެނޑުނީ ކުއްލިއަކަށެވެ. އޭނާ އިސްއުފުލައިލަމުން ކަރުނައިން ފުރިގެންވާ ދެލޮލުން ނަވީލަށް ބަލައިލީ ދެތުންފަތް ފިއްތައި ބާރުކުރަމުންނެވެ. ނަވީލް އެ ބުނި އެއްޗެއް ރީޝާއަށް ޤަބޫލެއް ނުކުރެވުނެވެ. އެކަން ވަރަށް ރީއްޗަށް ރީޝާގެ މޫނުމަތިން ހާމަވަމުން ދިޔަ ތަން ނަވީލަށް ފެނުނެވެ. ނަވީލް ދެކަކޫ މައްޗަށް ތިރިވެލިއެވެ.

"ރީޝް ބަނޑު ބޮޑެއްނޫނޭ." އޯގާތެރިކަމާއި ކުލުނުން ފުރިގެންވާ އަޑަކުން ނަވީލް އަނެއްކާ ވެސް ބުނެލިއެވެ. ރީޝާއަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. އޭނާ ހިތްހަމަޖައްސައިދޭން ނަވީލް ދޮގު ހަދަނީހެން އޭނާއަށް ހީވަނީއެވެ.

"ރީޝްއަށް ޤަބޫލުނުކުރެވެނީތަ؟" ނަވީލް އެހިއެވެ. ރީޝާ މަޑުމަޑުން ބޯ ޖަހައިލިއެވެ. އޭނާ ވެސް ބޭނުންވަނީ ނަވީލްގެ ވާހަކަތައް ތެދު ހަޤީޤަތަކަށްވާށެވެ.

"ނަވީއަށް ކިހިނެއް އެނގެނީ އަހަރެން ބަނޑުބޮޑު ނޫންކަމެއް؟" ރީޝާ އެހިއެވެ. "ޑޮކްޓަރ ބުނުއްވީ އަހަރެންގެ ބަނޑަށް 03 މަސްކަމަށް."

ޑޮކްޓަރުގެ ބަހަށް ރީޝާއަށް މާ ބޮޑަށް އިތުބާރު ކުރެވެނީއެވެ.

"އެއީ ޝިހާމްގެ މޮޅު ރޭވުމެއް." ނަވީލް ތަފްސީލު ދިނެވެ. "ނިހާދުއާއި ޝިހާމުއާ ދެމީހުންގެ މޮޅު ރޭވުމެއް. ރީޝާ މާލެ ގެންދަން އެއްބަސްކުރުވަން ރީޝާ ބަލިކަށިކޮށްލަން އެ ދެމީހުން ކުރިކަމެއް. އެމީހުން ޑޮކްޓަރަށް ރިޝްވަތު ދީގެން ރީޝާ ބަނޑުބޮޑުކަމަށް ބުނުވީ. އެކަން މަށަށް މިރޭ ޔަޤީންވެއްޖެ."

އެ ލިބުނު ޚަބަރާއެކު ނިވެމުންދިޔަ އުންމީދުގެ ހުޅުކޮޅު ދިއްލިގެން ދިޔައެވެ. ވިސްނައިލުމުން އެއީ ތެދުކަން ރީޝާއަށް ވިސްނިއްޖެއެވެ. ފިރާޝާ ގާތުގައި ޝިހާމް ދެއްކި ވާހަކަތައް އެކަމުގެ ހެތްކަކަށް ފުދެއެވެ.

ރީޝާގެ ބަނޑުގައި ދަރިއަކު އުފެދެމުން ނުދާކަމަކަށް ރީޝާއަށް ކުޑަކޮށް ވެސް ޝައްކެއް ނުވެއެވެ. ސަބަބަކީ އޭނާއަކީ މައްސަރުކަންތަކުގައި މައްސަލަ ޖެހޭ އަންހެއް ކުއްޖަކަށްވުމެވެ. އާންމު ގޮތެއްގައި އޭނާއަށް އެ ހާލަތު ކުރިމަތިވަނީ ވެސް ހަތަރުމަހުން އެއްފަހަރު ކަހަލަ ގޮތަކަށެވެ. އެ ޙަޤީޤަތް ޝިހާމަށްވުރެ ބޮޑަށް އެނގޭނެ ދެވަނަ މީހަކު ނޫޅޭނެއެވެ. ރީޝާ ގައިދުކުރުމަށް ޝިހާމް އެކަމުގެ ނާޖާއިޒު ފައިދާނެގީއެވެ. ރީޝާ ވިސްނައިލުމުން ޝިހާމްގެ މަކަރުވެރި ރޭވުމުގެ ފަރުދާގެ ފުރަގަސް ވަރަށް ސާފުކޮށް ފެނުނެވެ.

"ރީޝް ބަނޑުބޮޑު ވާހަކަ އިވުނު ވަގުތު ވަރަށް ދެރަވި." ނަވީލް ބުންޏެވެ. "އެހެން އެގޮތަށް ވީ ނަމަވެސް އަހަރެން ރީޝް ދުލެއްނުކުރާނަން. އެކަމަކު އެހެން އެކަން ނުވީތީ ވެސް އުފާކުރަން. އަހަރެން ބޭނުމެއްނޫން އެ ދުވަސްތައް ހަނދާންކޮށްދޭނެ ބައިވެރިޔަކު ރީޝްގެ ލޯ ކުރިމަތީގައި ހުންނާކަށް."

ރީޝާގެ މުޅި މޫނު އުޖާލާވެގެން ދިޔައެވެ. އޭނާ ހިނިތުންވެލީ ހިތުގެ އެންމެ ފުންމިނުންނެވެ. ނަފްސަށް ލިބުނު ހަމަޖެހުމާއި ސިކުނޑިއަށް ލިބުނު ލުއިކަމާއެކު ހަށިފުރާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ނަވީލަށް ބަލައިލީ ޝުކުރިވެރިކަމާއެކުއެވެ. ނަވީލް ނިކަން ލޯތްބާއެކު ރީޝާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނެވެ. އެޔާއެކު އަނެއްކާ ވެސް ރީޝާ ފެންކަޅިވިއެވެ. އެކަމަކު މިފަހަރު އެއީ އުފާވެރިކަމުގެ ކަރުނައެވެ. ނަވީލަކީ ތަފާތު މީހެއްކަން އަނެއްކާ ވެސް ސާބިތުކޮށްދިނީތީއެވެ. ހުރިހާ ހަޤީޤަތެއް އެނގުމުން ވެސް ނަވީލްގެ ހިތުގައި އޮތް ލޯތްބަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ. އެކަމުގެ ސަބަބުން ރީޝާގެ ކުރިމަތީގައި ނަވީލްގެ ގަދަރު އިތުރަށް އުފުލިގެން ހިނގައްޖެއެވެ.

"ނަވީއަށް ކިހިނެއް އެނގުނީ؟" ރީޝާ ކޮޅަށް ތެދުވަމުން އެހިއެވެ.

އެ މަޢުލޫމާތު ނަވީލަށް ލިބުނީ އަކްޝަމްގެ ފަރާތުންނެވެ. މައްސަލަ ރިޕޯޓުކުރުމަށް ފުލުހުންގެ އިދާރާއަށް ދިޔުމުން އަކްޝަމް ދައްކަން ބޭނުންވި ވާހަކައަކީ އެއީއެވެ. ޑޮކްޓަރަށް ރިޝްވަތު ދީގެން ފޭކް ރިޕޯޓްތަކެއް ހެއްދިކަމުގެ މަޢުލޫމާތު ފުލުހުންނާ ހަމައަށް ދިޔައީ ސިއްރުވެރި ފަރާތަކުން ކުރި ފޯނު ކޯލަކުންނެވެ. އެމީހާ އެކަމުގެ ތުޙުމަތު އެޅުވީ ނިހާދާއި ޝިހާމްގެ ބޮލުގައެވެ. އަދި އެ ރިޕޯޓަކީ ރީޝާއާއި ގުޅުންހުރި ރިޕޯޓެއްކަމަށާއި އެ މައްސަލަ ތަޙްޤީޤުކޮށް ކުށްވެރިން ހައްޔަރުކުރުމަށް އެދިފައި އެމީހާ ފޯނު ކަނޑައިލީއެވެ.

"އަކްޝަމަށް ވެސް ނޭނގެ ގުޅީ ކާކުކަމެއް؟" ނަވީލް އިތުރަށް ބުންޏެވެ. "އެކަމަކު އަހަރުމެންނަށް އެބަ އެނގޭ ކަންނޭގެ އެއީ ކާކުކަން. އެމީހުން އެހާ ސިއްރުންކުރިކަމެއް އެނގޭނީ ކާކަށްކަން ރީޝްއަށް ވެސް ވިސްނޭނު. އަނެއްކާ ވެސް އޭނަ އެ ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް."

އިންސާނުންގެ ތެރޭގައި އެވަރުގެ ބޮޑު ހެޔޮކަމެއް ކޮށްދޭނެ މީހެއް ނޫޅޭނެކަން ރީޝާއަށް ވެސް ވިސްނެއެވެ. ރީޝާގެ ވަޅުޖެހެމުން ދިޔަ އުންމީދުތައް އާވެއްޖެއެވެ. އޭނާ އަތުގައި ހިފަހައްޓައިގެން ނަވީލް ހުރުމުން އިތުރު ހިތްވަރެއް ވެސް ލިބިއްޖެއެވެ. މިހާރު ނިހާދަށާއި ޝިހާމަށް ޙައްޤު އަދަބު ދިނުމަށް އެއްވެސް ހުރަހެއް ނެތެވެ.

"އެ ދެމީހުންނަށް ޙައްޤު އަދަބުދޭންޖެހޭ ވަގުތު އައިސް މި ޖެހުނީ." ރީޝާއަށް ލިބުނީ އަޖައިބެއް ކަހަލަ ފޯރިއެކެވެ.

"ތީ އެހާ ފަސޭހަކަމެއްނޫން ކަންނޭނގެ." ޔަޤީންނުވާ ކަހަލަ ރާގެއްގައި ނަވީލް ބުނެލިއެވެ.

"ތި ހުރިހާ ހެކިތަކެއް ހުއްޓައި މިކަން އުނދަގޫ ކަމަކަށް ވެގެން ނުދާނެ." ހިސާބަކަށް ޚައިރާންވެފައި ރީޝާ ބުނެލިއެވެ.

"ތިކަން އޮތީ ތިހެން." ނަވީލް ދެކޮޅެއް ނުހަދައެވެ. އެކަމަކު އޭނާގެ ކަންބޮޑުވުމެއް އޮތެވެ. "ޑޮކްޓަރުގެ މައްސަލަ ވެސް ތަޙްޤީޤުކުރުމަށް ފައިލުކުރެވުނުކަމަށް އަކްޝަމް ބުނި. އެހެނަސް އެކަމަށް ހުރަސް އެޅީ ކާކުކަން އެނގޭތަ؟"

"އެތަނުގެ އިސްވެރިޔާ. އެއީ ނިހާދުގެ މާ ގާތް މީހެއް." ޖަވާބު ދިނީ ރީޝާއެއް ނޫނެވެ. ފިރާޝާއެވެ. އެ ދެމީހުންގެ ހުރިހާ ވާހަކައެއް ފިރާޝާ ހުރީ އަޑު އަހާށެވެ.

"އެއީ ތެދެއް." ނަވީލް އެއްބަސްވިއެވެ. "އަކްޝަމް ވެސް ބުނި އެހެން."

ޑޮކްޓަރުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ ހުށަހެޅުމާއެކު އެ މައްސަލަ ބެލުމަށްޓަކައި ފައިލުކުރި މީހަކީ އަކްޝަމެވެ. އެހެނަސް މައްސަލައިގެ ތަޙްޤީޤު ޓީމު އެކުލަވައިލުމުގެ ކުރިން އެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް އިސްވެރިޔާ ނިންމީއެވެ. މުޖުތަމަޢުގެ ތެރޭގައި ޑޮކްޓަރުނަށް އޮންނަ އިތުބާރު ގެއްލިދާނެކަމުގެ ބިރު އޮތުމުން ކަމަށް ބުނެ އުޒުރު ދައްކާފައެވެ. އިސްވެރިޔާ އެދުނީ މައްސަލަ ތަޙްޤީޤުނުކޮށް ޑޮކްޓަރާ ވަކިން ބައްދަލުކޮށް، އެ ރިޕޯޓަކީ އޮޅުމަކުން ހެދުނު ރިޕޯޓަކަށް ބަދަލުކޮށް އެ މައްސަލަ ހިންދާލާށެވެ. އެ ނިންމުމާ އަކްޝަމް ފާޅުގައި ދެކޮޅު ހެދިއެވެ. އެފަދަ ޑޮކްޓަރުންނަށް ޙައްޤު އަދަބު ނުދީފިނަމަ، މުސްތަޤުބަލުގައި އެޔަށްވުރެ ބޮޑު ކަމެއް ދިމާވެދާނެކަމުގެ ބިރު އޮންނާނެކަމަށް އަކްޝަމް ބުންޏެވެ. ނަމަވެސް ވެރިޔާ ހުރީ މާކުރިން ވެސް ގޮތް ނިންމައިގެންނެވެ. އަކްޝަމް ކުރުނުކޮށް އެ ވާހަކަ ދައްކަން ފެށުމުން، އެކަމަކީ އޭނާއަށް ވުރެ މަތިން އަމުރު އައިސްފައި އޮތްގޮތްކަމަށް ވެރިޔާ ބުންޏެވެ. އެހިސާބުން އެ ނިންމުމަކީ ސަރުކާރުގެ މަތީފަޑީގައި އުޅޭ ނުފޫޒުގަދަ މީހެއްގެ ނުފޫޒުކަމަށް އަކްޝަމަށް ވިސްނުނީއެވެ. ޝިހާމްގެ މައްސަލަ ރިޕޯޓުކުރުމަށް ނަވީލް ދިޔުމުން ފުލުހުންގެ އިދާރާއިން ނެރުނު ސަބަބަކީ އެއީއެވެ.

"ދަރިފުޅަށް ހީވަނީ މަންމަ މި އަނިޔާއިން ސަލާމަތްވުމަށް މަސައްކަތް ނުކުރާކަމަށްތަ؟" ފިރާޝާ އެތެރެއަށް ވަންނަމުން ސުވާލުކުރިއެވެ. "މަންމަ ކިތަންމެ ފަހަރަކު ރިޕޯޓުކުރިން. ކޮންމެ ފަހަރަކު ވެސް މައްސަލަ ބަލާނެކަމުގެ އުންމީދުތަކެއް ދީފައި އެމީހުން ދަނީ. އެކަމަކު ދުވަހަކު ވެސް މައްސަލަ ނިމޭތަނެއް ނާދޭ. ނިހާދުގެ އަނިޔާވެރިކަމުގެ ވަކިތަކުގެ ދަށުގައި އިތުރަށް ހައްޔަރުވެ މަރަށް ފުރާނައަށް ބިރުން، ދަރިފުޅަށް ގެއްލުމެއް ލިބިދާނެކަމަށް ބިރުން ކޮންމެ ފަހަރަކު ވެސް މަންމަ މައްސަލަ ނަގަނީ. މަންމަ އަމިއްލަ ނަފުސަށްވުރެ ބޮޑަށް ދަރިފުޅާމެދު ވިސްނެނީ. އެންމެފަހުން ވަރުބަލިވެގެން މައްސަލަ ރިޕޯޓުކުރުން ވެސް މަންމަ ހުއްޓައިލީ. ބޭކާރުކަމެއް ކުރުމުގެ ބޭނުމެއް ނެތީމަ. އިތުރު ގޮތެއް ނުވިސްނުމުން ދަރިފުޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް މާލެ ފޮނުވައިލީ ވެސް. އެކަމަކު އެއީ ވެސް ކިހާ ގޯސް ނިންމުމެއްކަން މިއަދު އިޙްސާސްކުރެވިއްޖެ. މަންމަ ހީކުރީ މިނިކާވަގު އޮތީ މިގޭ ހަތަރުފާރު އެތެރޭގައިކަމަށް. ވިސްނައިލުމެއްނެތި މަންމަގެ ދެލޮލުގެ ކޮއެ ހަވާލުކުރެވުނީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރަކާ. މަންމަ ގަމާރުކަމުން އެކައްޗެއް ވެސް ނުވިސްނުނީ ދަރިފުޅާ! މަންމައަށް މާފުކުރޭ. މި މަންމަގެ ފިނޑިކަމާ ނުބައިކަމުގެ ސަބަބުން ދަރިފުޅު އުފަންވީންސުރެއް އަނިޔާ ލިބެމުން ތި އަންނަނީ. މަންމަ މިއަދު ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެ. ދަރިފުޅުގެ ދިރިއުޅުން މަންމަގެ މި ދެއަތުން ނަރަކައަކަށް ހަދައިލެވުނީތީ. މަންމައަށް މާފުކުރޭ."

ފިރާޝާއަށް ވަނީ ނުހަނު ފުން އަސަރުތަކެއް ކޮށްފައެވެ. އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުންދިޔައެވެ. ގިސްލަގިސްލައިފައި ރޮމުން ރީޝާގެ ކިބައިން މާފަށް އެދެމުން ދިޔައެވެ. އޭރު އެ ހިތުގައި ނުރިއްސާ އެންމެ ތަންކޮޅެއް ވެސް ނުވެއެވެ. އޭނާގެ ދެއަތުން ދަރިފުޅުގެ ދިރިއުޅުން ޖަހަންނަމަކަށް ހަދައި ލެވިއްޖެއެވެ. މަންމައަށް ކުރަމުން ދިޔަ އަސަރުތަކާއި ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން ރީޝާގެ ދެލޮލުން ކަރުނަ ހިލުވައިލައިފިއެވެ. އޭނާގެ ކުރިމަތީގައި ހުރެ މަންމަ ރޮމުންދާ މަންޒަރު ދުށުމަށް އެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. ދެއަތަށް ބޯ ހޫރުވަމުން މަންމަގެ ގައިގާ ރީޝާ ބާރަށް ބައިދައިގަތެވެ.

"ހުއްޓާލާ މަންމާ. ހުއްޓާލާ. މަންމަ ނުޖެހޭނެ މާފަށް އެދޭކަށް." ފިރާޝާގެ ބުރިކަށީގައި ފިރުމަމުން ރީޝާ ބުންޏެވެ. "އަޅުގަނޑަށް ރުޅިއާދެވުނީތީ މާފުކުރޭ. މި ދިމާވި ކަންކަމުގެ ސަބަބުން އަޅުގަނޑުގެ ސިކުނޑި ހާސްވީ. މަންމައާ ދިމާއަށް ހަޅޭލެވުނީތީ މާފުކުރޭ!"

ރީޝާ ގަޔާ ދުރުކޮށްލަމުން ފިރާޝާ ހިނިތުންވެލިއެވެ.

"ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް ކުރަންޖެހުނު ކޮންމެކަމެއް މަންމަ ކުރާނަން." ރީޝާގެ އަތުގައި ހިފައި ބާރަށް ފިތައިލަމުން ފިރާޝާ ވަޢުދުވިއެވެ. "ހެޔޮ މަންމަގެ ފުރާނަ ދުއްވައިލައިގެން ނަމަވެސް ދަރިފުޅަށް އަނިޔާވެރިވި އެ ދެ ޖަނަވާރުންނަށް އެމީހުން ކުރި ކުށުގެ ސަޒާ ދޭނަން. ޤާނޫނުގައި އޮންނަ އަދަބެއް ނުދެވިއްޖެނަމަ ދެން ދެވެން އޮތް އަދަބެއް ދޭކަށް ވެސް މި މަންމަ ފަހަކަށް ނުޖެހޭނަން. މަންމަގެ ފިނޑިކަމުގެ ސަބަބުން ލައްކަ ދުވަހު ދަރިފުޅަށް އަނިޔާ ލިބިއްޖެ. ދެން މަޑަކުން ނުހުންނާނަން."

ފިރާޝާގެ ދުލުން އިވުނު ބަސްތަކުން ރީޝާއަށް ލިބުނީ އިތުރު ހިތްވަރެކެވެ.

"އަހަރެން ވެސް މިހުރީ ރީޝްއަށް އެހީވާން. އެމީހުންނަށް އަދަބުދޭން އަހަރުމެން ޖެހޭނީ އިތުރު ގޮތެއް ވިސްނަން. ސީދާ ފުލުހުންނާ މިތަކެތި ހަވާލުކުރުމުގެ އިތުރަށް ވެސް ކަންތައްތަކެއް ކުރަންޖެހޭނެ." ނަވީލް ވެސް ރީޝާގެ ކޮނޑުގައި އަތް ބާއްވައިލަމުން ބުނެލިއެވެ. ރީޝާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން އަޔެވެ. އެމީހުން ބޭޒާރު ކުރާނެ ގޮތް އޭނާގެ ސިކުނޑީގައި މާކުރިން ވެސް ވަނީ ރާވާ ނިންމައިފައެވެ. އޭނާ ލިޔަމުން އަންނަ ވާހަކައަކީ އެކަމުގައި ބޮޑު ދައުރެއް އަދާކުރާނެ އެއްޗެކެވެ. އެ ވާހަކަ ފުރިހަމަކުރުމަށް ވަގުތުކޮޅެއް ބޭނުންވާތީ ނަވީލާއި ފިރާޝާ އެ ފުރުޞަތު ދީފައި ނުކުމެގެން ދިޔައީއެވެ.

އެނދުމަތީގައި އޮތް ޝިހާމް އޮތީ ފިކުރުބޮޑުވެފައެވެ. ފަސޭހަކަމާއެކު ފިރާޝާގެ ބޮލަށް އެރެވުނު ނަމަވެސް ގެއަށް އައިތަނުން ދެން ލިބުނީ ނުތަނަވަސްވާ ކަހަލަ ޚަބަރެކެވެ. ޝިހާމާއި ޑޮކްޓަރު ގުޅިގެން ހިންގި ޖަރީމާ ކޮންމެ ވެސް މީހަކަށް އެނގިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީއެވެ. އެ ޚަބަރު ޝިހާމަށް ގެނެސްދިން މީހާ، އެ މައްސަލަ ކުރިޔަށް ނުގެންދާނެ ކަމުގެ ޔަޤީންކަން ދިން ނަމަވެސް ރަށުތެރެއަށް އެކަން ފެތުރިގެން ދިޔުން އެއީ ހެޔޮ ފާލެއް ނޫނެވެ. ރީޝާގެ ކަންފަތާ ހަމައަށް އެކަން ހިނގައްޖެނަމަ އޭނާ ރޭވި ރޭވުން ފެނަށްވެގެން ދިޔުމަކީ މުޖައްރިބުކަމެކެވެ.

ޝިހާމް މާލެއިން އައީ ވެސް ނިހާދާއި ދެމީހުން މަޝްވަރާކޮށް އެ ނިންމުން ނިންމައިގެންނެވެ. ޝިހާމް ފެނުނު ވަގުތު ރީޝާ އަނބުރައިގަނެގެން ވެއްޓުން ވެގެން ދިޔައީ އޭނާގެ ރޭވުން ފުރިހަމަކުރުމަށް ލިބުނު އިތުރު ލުއިފަސޭހައަކަށެވެ. އެ ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ރީޝާ ބަނޑުބޮޑުވިކަމަށް ފިރާޝާމެންގެ ކުރިމަތީގައި އިޢުލާންކުރުމުގެ އޮތީ އެންމެ ބޭނުމެކެވެ. ރީޝާ ބަލިކަށިކޮށްލައިގެން ފިރާޝާ ވާވައްދައިގެން ރިޝާ މާލެ ގެންދިޔުމަށް އެއްބަސްކުރުމެވެ.

"ޝިހާމްބޭ." ނަވީލް ގޮވައިލި އަޑަށް ޝިހާމަށް ސިހުމެއް ލިބުނެވެ.

ޝިހާމް ތެދުވެ އެނދުގައި ހަމަޖެހިލިއެވެ.

"ހާދަ ބޮޑު ފިކުރެއް ކުރާހެން ހީވެޔޭ." ނަވީލް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

"މިދެން ހަމަ ދިރިއުޅުމާމެދު ވިސްނާލަނީ." ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ޝިހާމް ބުންޏެވެ. "ނަވީލް ކަމަކުތަ؟"

"އާނ. ހިނގާބަލަ މަހެއް ގަނޭތޯ ބަލައިލަން މިދިމާ އަތިރިމައްޗަށް." ނަވީލް ބުންޏެވެ. "މިރޭ އަކްޝަމްއަކަށް ވެސް ނުދެވުނު އެހެންވެ އެކަނި ނުދާންވެގެން. ޝިހާމްބެއަށް ދެވޭނެތަ؟"

"އާނ. ކީއްވެ ނުދެވެންވީ. ހިނގާދާން. މިދަނީ އެއްޗެހި ބަދަލުކޮށްލައިގެން." ޝިހާމް އެނދުން ތެދުވަމުން ޖޯޝާއެކު ބުނެލިއެވެ. ނަވީލް ކޮޓަރިން ނުކުމެގެން ދިޔައިރު އެ ތުންފަތް މަތީގައި ވަނީ ރުޅިވެރިކަމާއި މަކަރުވެރިކަމުން ފުރިފައިވި ހިނިތުންވުމެކެވެ.

"ނިކަން ރަނގަޅަށް މަސްބާނަ ދޭނަން މިރޭ." އޭނާ ހިތާހިތުން ރުޅިވެރިކަމާއެކު ބުނެލިއެވެ.

ކަޅުފޮއި ރެއެކެވެ. މުޅި ހިސާބަށް ވަނީ ކަނުއަނދިރިކަން ފެތުރިފައެވެ. ކިރިޔާވެސް އަލިކަމެއް ވަނީ ނަވީލްގެ އަތުގައި އޮތް ބައްތިންނެވެ. ނަވީލާއި ޝިހާމް ގޮނޑުދޮށަށް ފޭބިއެވެ. ގޮނޑު ދޮށަށް ބިންދަމުން ދިޔަ ބޮޑު ރާޅުތަކުގެ އަޑު މުޅި ސަރަހައްދުގައި ގުގުމަމުން ދިޔައެވެ. ވައިގަދަ ކަނޑު ގަދަ ރެއެކެވެ.

"މިހާ ގަދައިރު މަހެއްވެސް ނޫން ބެވޭނީ." ޝިހާމް ދުރުދުރަށް ނަޒަރު ހިންގައިލަމުން ބުނެލިއެވެ.

"ހިނގާބަލަ އެކޮޅަށް." ނަވީލް ޓޯޗު ބައްތިން އަލިކުރަމުން ހިނގައިގަތެވެ. "ތުނޑިއަށް އެހާ ބޮޑެތި ރާޅެއް ނުޖަހާނެ."

ދިހަވަރަކަށް މިނެޓު ފަހުން ނަވީލްމެން ތިބީ ތުނޑީކޮޅުގައެވެ. މަޑު ފަސްގަނޑުގައި ހިނގުމުގެ ސަބަބުން ޝިހާމް ހުރީ ގުނބުހިލިފައެވެ.

"ވަރުބަލިވެއްޖެ." ޝިހާމް ވެލިގަނޑުމަތީގައި އިށީންއިރު މާނޭވާ ވެސް ލެވެއެވެ.

ފަހަތުގައި ހުރި ނަވީލް އިށީނީ އުޑުފައިންނެވެ. ކޮނޑުގައި އަޅުވައިފައި އޮތް ދަބަސް ކުރިމަތީގައި ބަހައްޓައިފައި އޭގެ ތެރެއިން އޭނާ ނެގީ ބޮޑު ރަބަރު ކަޅު ކޮތަޅެކެވެ. އެޔަށްފަހު ފަސްއެނބުރި ބަލައިލުމަށްފަހު ހޭޅީގެ ތެރެއަށް ބައްތިން އަލިކޮށްލިއެވެ. ބައްތީގެ އަލިގަނޑު ގޮސް ހުއްޓުނު ހިސާބުން ފެންނަން ހުރީ ކޮންމެ ވެސް މީހެއްގެ ދެފައި ތިލައެވެ. ނަވީލް މަޑުމަޑުން އަލިގަނޑު މައްޗަށް ގެން ގޮސް އެމީހާގެ މޫނަށް ހުއްޓައިލިއެވެ. އެއީ އަކްޝަމެވެ. އިރުކޮޅަކުން އަކްޝަމް ހިނގައިގަތެވެ. ދެން ކުއްލިއަކަށް ނަވީލް އެނބުރިފައި އަތުގައި އޮތް ކޮތަޅު މަހައިލީ ޝިހާމްގެ ބޮލަށެވެ. ޝިހާމަށް ލިބުނު ސިހުމާއެކު ތެޅިފޮޅި ގަތެވެ. ޝިހާމްގެ ދެ އަތުން ކޮތަޅުގައި ހިފައި ވީދައިލުމުގެ ކުރިން ނަވީލް އެ ކޮތަޅު ދެތިން ހަތަރު ފަހަރަކު އޮޅައި ބާރުކޮށްލިއެވެ. އަކްޝަމް ދުވެފައި ގޮސް އޮބި އެޅީ ޝިހާމް ތަޅުވަމުން ދިޔަ ދެފައި ތިލައިގައެވެ.

ޝިހާމަށް ނޭވާ ނުލެވިގެން ތެޅިފޮޅެނީއެވެ. ކޮތަޅު ވީދާލުމަށް އަތުގެ ނިޔަފަތިގަނޑުން ވަކިއަޅައި އެގޮތް މިގޮތަށް ހެދުމުން ވެސް އެކަން ކާމިޔާބެއް ނުވިއެވެ. ނަވީލްގެ ގަޔަށް އަތްފޯރުވަން ވެސް ޝިހާމް މަސައްކަތްކުރިއެވެ. އެހެނަސް އެކަން ވެސް ވީ ފޫނެތް ފަޔަށް ފެންފުރުންކަހަލަ ކަމަކަށެވެ. ނަވީލް އެއްވެސް ބަހެއް ނުކިޔައެވެ. އޭނާއަށް ލެވުނުހާ ބާރެއްލަމުން ދިޔައިރު ޝިހާމް ފުންނޭވާތައް ބޭރުކުރަމުން އެތެރެކުރަމުން ދިޔައެވެ. ނޭވާ ހުސްވެ ދެލޯ ބޮޑުވަމުން ދިޔައެވެ. މޫނަށް ބާރުވަމުން އޭނާގެ ފަހުވަގުތު ކޮޅު އައިސްޖެހުނީއޭ ހީވާ ވަރުކޮށްފައި ކުއްލިއަކަށް ނަވީލް ދުލެއްދިނެވެ. ވަގުތުން ކޮތަޅުގަނޑު ބޮލުން ދަމައިގަންނަމުން ޝިހާމް ފުންނޭވާތައް ދޫކުރަމުން ކެއްސަން ފެށިއެވެ.

"ކަލޭ.. ކަލޭގެ މައްސަލައަކީ ކޮބާތަ؟" ޝިހާމް ވަރަށް އުނދަގުލުން ބުނެލިއެވެ.

"މިއީ މަގޭ ރީޝާއަށް ދިން އަނިޔާގެ ބަދަލު." ކުއްލިއަކަށް ތިރިވެފައި އަނެއްކާވެސް ޝިހާމްގެ މޫނަށް ކޮތަޅު މަހައިލިއެވެ. ކުރިއެކޭ އެއްގޮތަށް އަކްޝަމްގެ އެހީތެރިކަން ލިބުނެވެ. މިފަހަރު ވެސް އޭނާ ދުލެއްދިނީ ޝިހާމްގެ ނޭވާ ކުރުކޮށްލައިފައެވެ.

"މަ ބޭނުންވަނީ މި ގޮތަށް ކުދި އަނިޔާކޮށްގެން ކަލޭ މަރައިލަން." ނަވީލް ރުޅި އައިސްފައި މިފަހަރު ހިފީ ޝިހާމްގެ ކަރުގައެވެ. "މީ ފަސްއަހަރު ވަންދެން ކުޑަކުޑަ މައުސޫމް ކުއްޖެއްގެ ދިރިއުޅުމަށް ޒަހަރުލަމުން ދިޔައީތީ އެކަމުގެ ބަދަލު."

މިފަހަރު ޝިހާމް ގާތަށް ވެސް ރުޅި އަޔެވެ. އޭނާ ގޮށްމުށުގެ ހަމަލާއެއް ނަވީލްގެ މޫނު މައްޗަށް އަރުވައިލިއެވެ. އަކްޝަމް ވަގުތުން ގޮސް ޝިހާމްގެ ދެއަތް ފަހަތަށް ލައި އޮބިއަޅުވައި ހައްޔަރުކޮށްލިއެވެ.

"ރީޝާ ވަރިކުރޭ." ޝިހާމްގެ ޓީޝާޓް ނަވީލްގެ ދެއަތަށް އޮޅައިލަމުން ނަވީލް އަމުރުކުރިއެވެ. އެ ހިސާބުން ނަވީލަށް ހުރިހާ ޙަޤީޤަތެއް އެނގިއްޖެކަން ޝިހާމަށް ވިސްނިއްޖެއެވެ. އޭނާއަށް ދޮގު ހަދައި އޮޅުވައިލައިގެން މީހުން ނޫޅޭ ހިސާބަށް ގެނައި ސަބަބު ވެސް ވިސްނިއްޖެއެވެ. ނަވީލްގެ މަޤުޞަދަކީ ޝިހާމް މަރާލުމެއް ނޫނެވެ. އެހާ ހިތްވަރެއް ނަވީލްގެ ނުހުންނާނެއެވެ. އޭނާގެ ހަމައެކަނި އޮތް ބޭނުމަކީ ރީޝާ މިނިވަންކުރުމެވެ.

"ނުކުރާނަން." ކުއްލިއަކަށް ޝިހާމް ހޭންފެށިއެވެ. "ކަލެޔަކަށް ނުކެރޭނެ މަ މަރާލާކަށް. އެޔަށްވުރެ ބޮޑު ފިނޑިއެއް ތީ. ރީޝާ ވަރިއެއްވެސް ނުކުރާނަން. ކަލެޔަށް ހަދަން ފެންނަގޮތެއް ހަދާ."

"އެންމެ ރަނގަޅު." ނަވީލްގެ މޫނުމަތިން ނުލަފާ ހިނިތުންވުމެއް ފާޅުވިއެވެ. ކުއްލިއަކަށް ދެއަތުން ހިފައި ޝިހާމް ލައިގެން ހުރި ޓީޝާޓު މެދުން ވީދައިލިއެވެ. އަދި އޭނާ ލައިގެން ހުރި ސޯޓުގަނޑު ވެސް ގަދަކަމުން ބޭލުވިއެވެ.

ނަވީލްގެ ފަހަތުގައި ހުރި ދަބަހުން އޭނާ ނެގީ ކަތުރެކެވެ. އޭރުވެސް އަކްޝަމްގެ ކިބައިން ސަލާމަތްވުމަށް ޝިހާމް ތެޅިފޮޅެނީއެވެ. އެހެނަސް އަކްޝަމް ތަޅުއަޅުވައިލައިގެން ހުރި ގޮތުން އެކަން ކާމިޔާބު ވާ ގޮތެއް ނުވެއެވެ. ނަވީލް ކައިރިއަށް އައިސް ކަތުރު ޖެއްސީ ޝިހާމްގެ ބޮކްސާ މަތީގައެވެ.

"ކަލޭގެ ފަރާތުން އެހެން އެއްވެސް އަންހެނަކަށް އަނިޔާ ނުދެވޭ ވަރުގެ އަދަބެއް ދޭނަން." ނަވީލް ދަތްތަކަށް ބާރުލަމުން ބުންޏެވެ. "މީތިގަނޑު ބުޑު ދަށުން ބުރިކޮށްލަންވީ. އެއީ ކަލޭ ކަހަލަ މުޅޯއިންނަށް އޮތް އަދަބަކީ."

ޝިހާމްގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. އޭނާއަށް ހިންދިރުވައިލެވުނެވެ. އެހެނަސް ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ނަވީލަށް އެކަން ކުރާކަށް ނުކެރޭނޭ ވެސް ބުނަމުން ދިޔައެވެ.

 • ވާހަކައިގެ ފަހުބައި އާދީއްތަ ދުވަހު! އިންތިޒާރުކޮށްލައްވާ!

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސިޒޫ

  އަޅޭނިމެނީތަ..ހާދަ ރީއްޗޭމި ވާހަކަ...

  12
 2. ޖިންނި

  އަޅޭ ހީ ހީ ހަލާކުވެއްޖެ!!! ހަހަހަހަ. ބުރިކޮއްލާ ބުރިކޮއްލާ!! ނަވީ ޔޫ ކެން ޑޫ އިޓް!!!

  18
 3. ފަހަތުން ދެވަނަ ޕެރެގުރާފް

  ހައްހާހާ....ހީހީ

  6
  1
 4. ޙަމީ

  ވަރަށް ރީތި މިވާހަކަ.

 5. ލީޝް

  ކޮބާ އަނެއްބައި އިންތިޒާރުގައި މިތިބީ

 6. ރީތި

  ކޮބާބާ މި ވާހަކައިގެ އަނެއްބައި؟ ވީހާވެސް އަވަހަކައް ގެނެސްދެއްޗެ

 7. ކިޔުންތެރިއެއް

  ކޮންއިރަކުންތަ އަނެއްބައި ގެނެސްދެނީ؟؟؟

 8. އައިލިޝް

  އިންތިޒާރުގަ އިރުއިރު ކޮޅާ މި ނޫހައް ވަދެވޭ އަވަހަށް ގެނެސްދީބަލަ