ޗައިނާއަކީވެސް އެހެން ގައުމުތަކެކޭ އެއްފަދައިން ގިނަ ބަޔަކު ދަރިން ހޯދާ ދުވަސްވަރު ލަސްކުރުމަށް މިހާރަކަށް އައިސް އާދަވެފައިވާ ގައުމެކެވެ. ދަރިން ހޯދުމުގެ ބަދަލުގައި ޗައިނާގެ ގިނަ މީހުން ދަނީ ވަޒީފާ އަދި މަތީ ތައުލީމު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ޗައިނާގައި ދެން ކުރިމަތިވަމުން އަންނަ މައްސަލައަކީ އެ ހުރިހާ މަސައްކަތަކަށްފަހު ދަރިން ހޯދުމަށް ތައްޔާރުވެ އެކަމަށް މަސައްކަތްކުރަން ފެށުމުން އެކަން ނާކާމިޔާބުވެ ދަރިމައިނުވާ މައްސަލައެވެ.

ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ އެތައް ހާސް މީހުން ޗައިނާގައި ދިރިއުޅެމުންދާއިރު އެތަނުން ގިނަ ބަޔަކު ވަނީ ދަރިއެއް ހޯދުމަކީ އެހާ އުނދަގޫކަމެއްކަމުގައި ދުވަހަކުވެސް އުންމީދުނުކުރާކަމަށް ބުނެފައެވެ. ޗައިނާގައި އެއް އިރެއްގައި އޮތް ވަން ޗައިލްޑް ޕޮލިސީގެ އަސަރު އަދިވެސް ކޮންމެވެސް ވަރަކަށް އެގައުމުގައި އޮންނައިރު ގިނަ ބަޔަކު ވަނީ ބުރަކޮށް މަސައްކަތްކުރުން، ވަޒީފާގައި ކުރިހޯދުން، މަތީ ތައުލީމު އުގެނުން އަދި ދަރިއެއް ބެލުމުގެ ހަރަދުތަކުގެ ސަބަބުންވެސް ދަރިން ހޯދުމަށް ހަޔާތުގެ ފުރަތަމަ ދުވަސްކޮޅު އެހާ ނޫޅެވޭކަމަށް އެއްބަސްވެފައެވެ.

އެކަމަކު ދަރިއެއް ހޯދަން މަސައްކަތްކުރަން ފެށުމުން ދެން ލިބޭ ހަބަރަކީ ދަރިމައިނުވާކަމުގެ ހިތާމަވެރި ހަބަރެވެ. ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި ޗައިނާގެ މީހުން އަދި ވަކިން ހާއްސަކޮށް ފިރިހެނުން ދިރިއުޅޭ މާހައުލު ތަޢައްޔަރުވުން އެއީ އެކަމުގެ މައިގަނޑު އެއް ސަބަބުކަމުގައި ބުނެފައެވެ. ޗައިނާގެ ފާރޓިލިޓީ ރޭޓްތައް އުޅެނީ އިނގިރޭސިވިލާތާއި އެމެރިކާއަށްވުރެންވެސް ދަށުގައެވެ. އަދި އެ މިންވަރަކީ އާބާދީ އެންމެ އެދެވޭ މިންވަރެއްގައި ހިފެހެއްޓުމަށް ރަނގަޅު މިންވަރެއް ނޫންކަމުގައި ބައެއް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ޗައިނާގެ ސަރުކާރުން އެގައުމުގެ އާބާދީ އިތުރުކުރުމަށް މަސައްކަތްކުރަމުންދާއިރު އެގައުމުގެ އާބާދީގެ ނިސްބަތް އޮތީ މުޅިން ރަނގަޅަކަށް ނޫނެވެ. ޗައިނާގައި މަސައްކަތްކުރާ އުމުރުފުރައިގެ މީހުން މަދުއިރު ޗައިނާގައި ރިޓަޔާރމެންޓް އުމުރުގެ މީހުންގެ އަދަދު ވަރަށް ގިނައެވެ. ޗައިނާގެ ސަރުކާރުން ދަނީ އެކަންކަން ބަދަލުކުރުމަށްޓަކައި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ޗައިނާގެ ދަރިމައިނުވާ ނިސްބަތް ހޯދޭނެފަދަ ތަފާސްހިސާބުތަކެއް ވެސް ލިބެން ނެތްއިރު މީގެ ހަ އަހަރު ކުރިން ތައްޔާރުކުރި ރިޕޯޓެއްގައި ވަނީ ޗައިނާގައި ދަރިމައިނުވާ 40 މިލިއަނެއްހާ މީހުން އުޅޭކަމަށް ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު