ޓެކްސަސްގެ އާއިލާއެއްގެ ތެރޭގައި ބޭއްވި އުފަން ދުވަހުގެ ސަޕްރައިޒް ޕާޓީއަކަށް ފަހު އެއް އާއިލާއެއްގެ 18 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އާއިލާގެ 18 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، އޭގެ ތެރެއިން ދެ މީހަކީ 80 އަހަރުން މަތީގެ މީހެކެވެ. އަދި ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހަކުވެސް ހިމެނެއެވެ.

މީގެ ތެރެއިންް 80 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ފިރިހެން މީހާއަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

އެ ޕާޓީއަށް ނުދާ އެ އާއިލާގެ މީހެއް ކަމަށްވާ ރޮން ބަރްބޯސާ ބުނީ، އޭނާ އާއި އޭނަގެ އަނބިމީހާ އެ ޕާޓިއަށް ގޮސްފައި ނުވަނީ ކޮވިޑް-19ގެ ސަބަބުން ކަމަށެވެ.

ބަރްބޯސާ ބުނީ، އޭނާއަށް ބޮޑު ބޭބެ ކިޔާ މީހަކަށް ކޮވިޑް-19 ޖެހުނު ގޮތެއް ނޭނގޭ ކަމަށާއި، އަދި އެ މީހުން ޕާޓީއެއް ބޭއްވި ކަމަށެވެ. އެ ޕާޓީގައި 25 މީހަކު ވަނީ ބައިވެރިވެފައެވެ. އެ ޕާޓީ ކުރިއަށް ގެންގޮސްފައި ވަނީ މަދު ވަގުތު ކޮޅަކަށް ކަމަށް ބަރްބޯސާ ބުންޏެވެ.

އަދި އެ ޕާޓީއަކީ އެ ސްޓޭޓްގެ ސިއްހީ ސްޓޭންޑާޑްއަށް ފެތޭ ގޮތަށް ބޭއްވި ޕާޓީއެއް ކަަމަށްވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް އެ ޕާޓީ ތެރެއިން އާއިލާގެ އިތުރު ހަތް މީހަކާއި އެ މީހާ ބައްދަލުވެ، ބައްޔަށް ހުށަހެޅުނު ކަމަށާއި، އެ މީހުންގެ ފަރާތުން އިތުރު 10 މީހަކަށް ކޮވިޑް-19 ޖެހުނު ކަމަށް ބަރްބޯސާ ބުންޏެވެ. އޭގެ ތެރޭގައި ކުޑަ ދެ ކުދިން ހިމެނެއެވެ.

ބަރްބޯސާގެ މަންމަ، ކެރޯލްއަށްވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭނާއަކީ އެ ޕާޓީއަަށް އެއްޗެއް ހަވާލު ކުރަން ދިޔަ މީހެކެވެ. އޭނާއަށް ކޮވިޑް-19 ޖެހުނީ ޖޫން ހަ ވަނަ ދުވަހުއެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

މީގެ އިތުރުން، ބަރްބޯސާގެ ބައްޕަ، ފްރޭންކް އެ ޕާޓީއަށް ނުދިޔަ ނަމަވެސް، އޭނާއަށްވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ ޖޫން 17 ވަނަ ދުވަހުއެވެ. ފްރޭންކްއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.

އަދި މިހާރު މަންމަ އާއި ބައްޕަގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބަރްބޯސާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު