"ވަރަށް ކުޑަ އިރުއްސުރެ ކުރަހަން. އޭރު ކުރަހަނީ ކުލަ ފަންސޫރުން. ދެން ވޯޓާ ކަލަރ ބޭނުން ކުރަނީ. ދެން ނުއެއް ލިބޭނެ އޭރު ސްކޫލަށް ގެންދަން ނޫނީ ވޯޓާ ކަލާއެއް. އެހެންވީމަ ބޭނުން ވަރަކަށް ނުކުރެހޭނެތާ އޭރަކު،" މީސް މީޑިއާގައި ކުލަ ފިހީގެ ނަމުން މަގުބޫލުކަން ހޯދާފައިވާ އުމުރުން 22 އަހަރުގެ މުސްތަފާ މުހައްމަދު ކުރެހުމަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން ބުންޏެވެ.

މުސްތަފާގެ ބައްޕަ އަކީ ވެސް ކުރަހާ އުޅުނު މީހެކެވެ. ނަމަވެސް ކުރެހުމަށް ސީދާ ވަދެވުނީ ބައްޕަ ކުރަހާތީ ކަމެއް މުސްތަގާ އަށް ޔަގީނުން ބުނދޭކަށް ނޭނގެއެވެ.

މުސްތަފާގެ ގިނަ ކުރެހުންތައް އަމާޒު ކޮށްފައި ހުންނަނީ އެއިރެއްގައި މުޖުތަމައުގައި ހިނގާ ކޮންމެވެސް މުހިއްމު ކަމާއި ގުޅޭ ގޮތުންނެވެ. އެ ކުރެހުމުގައި ހާއްސަ މެސެޖެއް ވެސް ފޯރުކޮށްދެއެވެ. ހދ.ކުޅުދުއްފުށްޓަށް އުފަން މި ޒުވާނާގެ ކުރެހުމުގެ ރަހަ ތަފާތުވާ ސަބަބަކީ މިއީއެވެ.

https://www.instagram.com/p/CBQuLLHp3IQ/

 

މުސްތަފާގެ ކުރެހުމުގައި މިހާރު ފެންނަ ރަހަތައް ފެށުނު ހިސާބަކީ އޭނާގެ އޯލެވެލް އިމްތިހާން ނިމުމަށް ފަހު ދެން ޖެހިގެން އައި ދުވަސްކޮޅެވެ.

"އޯލެވެލް ނިންމާފަ ހިތަށް އެރީ އަދި މި ހިސާބަކުން ހުއްޓައެއް ނުލާނަމޭ މިކަމެއް. ދެން ގަތީ އަމިއްލަ އަށް އެޗެހި ގަނެގެން ފެށީ." އޭނާ ބުންޏެވެ.

މުސްތަފާގެ ފުރަތަމަ ކުރެހުމަކީ މަހެކެވެ. އެ މަސް ކުރަހަން އޭނާ ނަގާފައި ވަނީ އެންމެ ދުވަހެކެވެ. އެ ކުރެހުމާއި މިހާރުގެ ކުރެހުންތަކާއި އަޅާ ކިޔާލުމުން އޭނާގެ މަަސައްކަތް ފުރިހަމަކުރަން ކޮށްފައިވާ މަސައްކަތް ހާމަވެގެންދެއެވެ.

https://www.instagram.com/p/BMll6TzBN1L/?igshid=u4zpisf01d21&fbclid=IwAR0aUJkcUC14RJqSqZ0BBN_H3ixkAvTXisTRbCM58rLXRG9hj7GkC6ltEbw

މުސްތަފާ ކުރަހަން ދަސް ކުރީ އެހެން މީހުން ކައިރީ އަހައިގެންނާއި، ކުރަހާ މަންޒަރު ބަލައިގެންނެވެ. އަދި ކުރެހުމުގެ ވައްޓަފާޅި ދަސްކުރަން އޭނާ އަބަދުވެސް އާ ކުރެހުންތައް ކުރަހާ، އާ އުކުޅުތައް ދަސްކުރެއެވެ.

މުސްތަފާ އެންމެ ގިނަ ވަގުތު ހޭދަކޮށްގެން ކުރެހި ކުރެހުމަކީ ވާރޭ ވެހޭ މަންޒަރު ދައްކުވައިދޭ ކުރެހުމެވެ. އެ ކުރެހުމުން އޭނާ އަށް އެތައް ކަމެއް ދަސްވި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ކުރެހުން އެކުލަވާލަން އޭނާ ވަނީ ތި މަސްދުވަސް ހޭދަކޮށްފައެވެ.

https://www.instagram.com/p/BY_LD9EltwP/

"ފުރަތަމަ ކޮޅު ވަރަށް އުނދަނގޫވި ކުރިއަށް ގެންދަންވެސް ވަރަށް ގިނަ ކަންކަން ދަސްވި. އާ ޓެކްނީކްސް ވެސް ދަސްވި. އަވަސް ކުރާނެ ގޮތްވެސް ދަސްވި އެ ކުރެހުމުން." މުސްތަފާ ބުންޏެވެ.

މުސްތަފާގެ ކުރެހުންތަކުގެ ތެރޭގައި އާއްމުންގެ މަގްބޫލްކަން އެންމެ ބޮޑަށް ލިބެނީ ކޮންސެޕްޓް ކުރެހުމަށެވެ. މިފަދަ ކުރެހުންތަކަކީ ކޮންމެވެސް މާނައެއް އެކުލެވޭ ގޮތަށް ނުވަތަ ފޮރުވިފައިވާ މެސެޖަކާއި އެކު ކުރަހާ ކުރެހުންތަކެވެ. އެގޮތުން އާއްމުންނަށް އެންމެ ކަމުދިޔަ އެއް ކުރެހުމަކީ މުސްތަފާގެ ރަން ފާހަނާ ތަށި ހިމެނޭ ކުރެހުމުކެވެ.

https://www.instagram.com/p/B0ybiyZgC34/

މި ކުރެހުމުން ދައްކުވައި ދެނީ އިލްމާިއ، ތެދާއި، ހަގީގަތް ފައިސާގެ ބާރުގައި ކިލަނބުކޮށްލާ ގޮތެވެ. މި ކުރެހުމުގެ އިތުރުން ކިނބުލެއްގެ އަނގަ ދަށުގައި ދިވެހި ދިދަ ވާ ކުރެހުމެއް ވެސް އޭނާ ވަނީ ކުރަހާފައެވެ.

އޭނާ އެ ކުރެހުން ކުރަހާފައި ވަނީ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލުމަކީ ގައުމީ ނުރައްކަލެއް ކަމަށް ބުނަމުން އައި ދަނޑިވަޅުގައި އެ ކިނބޫ މަރާލީ ގައުމީ ނުރައްކަލެއް އޮވެގެން ކަމަށް ބުނާތީ އެކަމަށް ނިސްބަތްކޮށެވެ.

https://www.instagram.com/p/BzYt6_VAHAc/

މިފަދަ އެތައް ކުރެހުމެއް މުސްތަފާގެ ކުރެހުންތަކުގެ ތެރޭގައި އެބަ ހުއްޓެވެ. މުސްތަފާއަކީ ކުރެހުމުގެ އިތުރުން، ޑިޖިޓަލް އާރޓް އާއި އެނިމޭޝަން ވީޑިއޯ އަދި ވީޑިއޯ ކުރުމާއި އިޝްތިހާރު ހެދުން ފަދަ މަސައްކަތްތައް ކުރާ ފަރާތެކެވެ.

ރާއްޖޭގައި ކުރެހުން ފަދަ މަސައްކަތް ކުރާ މީހުންނަށް އާމްދަނީ ހޯދަން އެންމެ އެކަށީގެންވާ މާހައުލެއް އަދި ނެތްކަން އޭނާ ފާހަގަކުރެއެވެ. އެހެންނަމަވެސް އެއް ދާއިރާއަކުން ގުޅުން ހުރި ހުނަރުތައް ކުރިއަރުވާނަމަ އާޓިސްޓެއްގެ ހައިސިއްޔަތުން އޭނާ އަށް އޮތް ފުރުސަތުތައް ބޮޑުވާނެ ކަމަށް ވެސް އޭނާ ޤަބޫލުކުރެއެވެ.

ޕޮލިޓެކްނިކްގައި ޑިޕްލޮމާ ކިޔަވަމުންދާ މުސްތަފާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އޭނާގެ ކުރެހުންތައް ދައްކާލެވޭނެ އާޓް އެގްޒިބިޝަނެއް ބޭއްވުމެވެ. އޭނާގެ އުންމީދު ފުރިހަމަކުރުމުގައި އޭނާގެ އާއިލާ އާއި ރަހުމަތްތެރިންގެ އުންމީދު މެދު ނުކެނޑި އެހީތެރިވާކަން މުސްތަފާ ފާހަގަކުރެއެވެ.