ޗައިނާއަށް ނިސްބަތްވާ މި އަންހެން މީހާއަކީ 1886 ވަނަ އަހަރު އުފަންވި މީހެއްކަމަށް ބުނަމުން ދެއެވެ. އެނާއަށް މިހާރު ވަނީ 134 އަހަރު ވެފައެވެ.

ޗައިނާގެ ސަރުކާރުގެ ނޫސް އައުޓްކެޓްތަކުން ބުނާގޮތުގައި، އަލްމިހަން ސެޔިތީ ނަމަކަށް ކިޔާ މި އަންހެން މީހާއަކީ އެ ގައުމުގައު ހުރިއެންމެ އުމުރުން ދުވަސްވީ މީހާއެވެ.

އަދި ސެޔިތީ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާއަށް ވުން ގާތް ކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ.

ޗައިނާގެ މީޑިއާއަކުން އާއްމުކުރި ވީޑިއޯއަކުން ފެންނަނީ އުމުރުން ދުވައްވީ އަންހެނެއް ކައިރީ އޭނާގެ އާއިލާ އާއި ރަހުމަތްތެރިން ތިބެގެން އުފަން ދުވަސް ކުލަގަަދަކޮށް ފާހަގަކުރަމުންދާ މަންޒަރެވެ.

އެ އަންހެން މީހާ އެތައް ދުވަހެއް ވަންދެން ދުނިޔޭގައިހުރިއިރު، އޭނާ ދެވަނަ ބޮޑުހަނގުރާމަ ދުވަސްވަރުގެ ކަންތައްތަކާއި ކުރިމަތިލާފައިވާކަމަށް ވެއެވެ.

އުމުރުން 17 އަހަރުގައި ސެޔިތީ ވަނީ ކައިވެނިކޮށްފައެވެ. އަދި އޭނާ އާއި ފިރިމީހާ ވެގެން ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އެޑޮޕްޓްކޮށްފައެވެ.

އަދި އޭނާ މިހާރު ދިރިއުޅެމުންދާކަމަށް ވަނީ އަންހެން ދަރިފުޅާއި އެކުގައެވެ. އޭނާގެ ފިރިމީހާ 1976 ވަަ އަހަރު ވަނީ މަރުވެފައެވެ. އަދި އޭނާގެ ފިރިހެން ދަރިފުޅު އުމުރުން 36 އަހަރުގައި ވަނީ މަރުވެފައެވެ.

2013 ވަނަ އަހަރުގެ ތެރޭގައި ސެޔިތީ ވަނީ ޗައިނާގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާގެ ލަގަބް ހޯދާފައެވެ. އެއިރު އޭނާގެ އުމުރަކީ 127 އަހަރެވެ.

އޭނާއަކީ ލަވަކިޔުމާއި، މިއުޒިކަލް އިންސްޓުމެންޓްވެސް ކުޅެމުން އަންނަ މީހެކެވެ. އަދި އޭނާގެ ސިއްހަތު ވަރަށް ރަނގަޅު ކަމަށާއި، ދެ ލޮލިގެ ފެނުމާއި، އަޑުއިވުންވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް މިހާރު އޭނާއަށް ނުހިނގެއެވެ.

ސެޔިތީ އާ ގުޅޭ ޑޭޓާތައް ރަނގަޅު ނަމަ، އޭނާއަކީ ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާއަށް ވެދާނެއެވެ.